ކެއުމުގައި ހިމަނަން ޖެހޭ ބާވަތްތަކާއި އެ އެއްޗެހި ބޭނުންކުރަންވީ ނިސްބަތް އަންގައިދޭ "ދިވެހިރާއްޖޭގެ ފުޑް ގައިޑް" ތަމްސީލްކޮށްދީފައި: ދިވެހިންގެ ކެއުމަށް ބިނާކޮށް، ކެއިންބުއިމުގެ އިރުޝާދުތަކެއް ފުރަތަމަ ފަހަރަށް ވަނީ ނެރެފައި. ފޮޓޯ: ހެލްތު މިނިސްޓްރީ
28 އެޕްރީލް 2019 - 08:23
ކްރީމް ކްރޭކަރު ބިސްކޯދު ކިތަންމެ ކަމުދިޔަޔަސް، ސަރުބީ އާއި ލޮނު ގިނަކަމުން، އެއީ އަބަދު ކާން ހެޔޮވާ ވަރު އެއްޗެއް ނޫނެވެ. އެކަމަކު ދޭތެރެއަކުން ދެތިން ބިސްކޯދު ކާލެވިދާނެ އެވެ. ޖޫސް ގިރީމާ މޭވާގައި ހުންނަ ނަރު (ފައިބަ) ނެތިގެންދާނެތީ އާއި ޖޫހަށް ހަކުރު އެޅުން ރަނގަޅު ނުވާނެތީ އެންމެ ފައިދާހުރި ގޮތަކީ މޭވާ އޮތް ގޮތަށް ކާލުމެވެ. ބަނބުކެޔޮ، އަލަ އަދި ކައްޓަލަ ނުތެލުލާށެވެ.
ދިވެހިން ކާންވީ އެއްޗެއްސާއި ކެއުމުގެ އާދަތައް ބަހައްޓަންވީ ގޮތުގެ ޑައިޓްރީ އިރުޝާދެއް ސަރުކާރުން ފުރަތަމަ ފަހަރަށް ނެރުނު އިރު މިފަދަ ގިނަ މައުލޫމާތުތަކެއް ވަނީ ހިމަނައިފަ އެވެ. ހެލްތު މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ނެޝަނަލް ފުޑް ބޭސްޑް ޑައިޓްރީ ގައިޑްލައިން ތައްޔާރުކޮށްފައި ވަނީ ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެއްޗާއި ދިވެހިންގެ ކެއިންބުއިމުގެ އާދަތަކަށް ބިނާކޮށެވެ.
ގޭގައި ކައްކައިގެން ކެއުމާއި ހަރަކާތްތެރިކޮށް އުޅުމުގެ އާދަކާދަ ބަދަލުވެ، ގިނަ ވަގުތު އިށީނދެގެން ނުވަތަ ހެލިފެލިނުވެ ތިބުމާއި ޕްރޮސެސްކުރި ކާނާ އާއި ސަރުބީ އާއި ހަކުރު ގިނަ ކާނާ އަދި ހަކުރު ގިނަ ބުއިންތައް ގިނައިން ބޭނުންކުރުން އާއްމުވެފައިވާ އިރު ބޮޑެތި ބަލިތައް ވެސް ދިވެހިންގެ ތެރޭގައި އާއްމުވެފައިވާކަން ހެލްތު މިނިސްޓްރީން ފާހަގަކުރެ އެވެ.
އިނގިރޭސިބަހުން ނެރެފައިވާ ޑައިޓްރީ ގައިޑްލައިންގައި ބުނެފައިވާ ގޮތުން އެ އިރުޝާދު ނެރުމުގެ ބޭނުމަކީ ދިވެހިންގެ ނިއުޓްރިޝަން ހާލަތު ރަނގަޅުކޮށް، ކެއިންބުއިމުގެ އާދަތަކާ ގުޅިފައިވާ ބޮޑެތި ބަލިތަކުން ރައްކާތެރިވުމަށް މަގުފަހިކުރުމެވެ.
ހަށިގަނޑަށް ބޭނުންވާ މިންވަރަށް ހަކަތަ އާއި ނިއުޓްރިއެންޓްސް ލިއްބައިދޭނެ ކާބޯތަކެއްޗާއި އެ އެއްޗެހި ބޭނުންކުރާނެ މިންވަރު ޑައިޓްރީ ގައިޑްލައިންގައި ބުނެދީފައިވެ އެވެ. ތުއްތުކުދިންނާއި ކުޑަކުދިންނާއި ފުރާވަރު ކުދިންނާއި މާބަނޑު މީހުންނާއި ގާތުން ކިރުދޭ މައިންނާއި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ އިރުޝާދުތައް ވެސް ވަނީ ހިމަނައިފަ އެވެ.
ގައިޑްލައިންގައި، ފަހަރަކު ކާން ޖެހޭ މިންވަރު (ސާވިން ސައިޒް) ކަނޑައަޅާފައި ވަނީ މެދު މިންވަރަކަށް ހަރަކާތްތެރިވެ އުޅޭ ބޮޑެތި މީހުންނަށް އެކަށީގެންވާ ވަރަށެވެ. ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ކާން ޖެހެނީ އެއަށް ވުރެ މަދުންނެވެ. ބުރަ މަސައްކަތްތައް ކުރާ ފިރިހެނުންނާއި ފުރާވަރު ކުދިންނާއި މާބަނޑުމީހުންނާއި ގާތުން ކިރުދޭ މީހުންނަށް އެއަށް ވުރެ ގިނައިން ކާނާ ބޭނުންވާނެ ކަމަށާއި ހާއްސަ ޑައިޓްތައް ގެންގުޅެން ޖެހޭ މީހުން ޑައިޓީޝަނެއް ނުވަތަ ސިއްހީ މާހިރެއްގެ ލަފާ ހޯދަން ވާނެ ކަމަށް ގައިޑްލައިން ބުނެ އެވެ.
ގަރުދިޔަ އާއި ބަތް ކާ އިރު ވެސް ފެހި ފަތް އަދި ކިއުކަމްބާ ފަދަ ތަރުކާރީއާ އެކު ކާށެވެ. މުގު ރިހަ ކައްކާ އިރު ކާށި ކިރު އަޅާ ވަރު މަދުކުރާށެވެ. ބަރަބޮލުގެ އޮށް އުކާނުލައި ހަނާކޮށްގެން ލުއިކާނާއެއް ގޮތަށް ބޭނުންކުރާށެވެ. އެއީ ވަރަށް ފައިދާހުރި، ކޮލެސްޓްރޯލް ދަށްކޮށްދޭ އެއްޗެކެވެ. ގެރިކިރު ބޭނުން ނުކުރާށެވެ. ކުޑަކުދިން ފިޔަވައި އެހެން މީހުންނަށް ރަނގަޅީ ލޯ ފެޓް ކިރެވެ. ހިކިކިރު ގިރާ އިރު ހަކުރާއި މައިލޯ، އޮވަލްޓީން އަދި ބޯންވިޓާ ފަދަ މޯލްޓް އުފެއްދުންތައް ނާޅާށެވެ.
ދުވާލަކު ބިހަކަށް ވުރެ ގިނައިން ނުކާށެވެ.
ހަށިގަނޑަށް ފައިދާހުރި ލުއި ކާނާގެ ތެރޭގައި ލޮނު ނުލައި ހުންނަ ނަޓްސް އަދި ސަނާމުގު ހިމެނެ އެވެ.
ރެޑް ރައިސް އަދި ބްރައުން ރައިސް ފަދަ ގޮވާމުގެ ބާވަތްތައް މަޑުވާލެއް ވަރަށް ލަހެވެ. އެކަމަކު ކެއްކުމުގެ 30 މިނިޓް ކުރިން ފެނަށް އަޅާފައި ބަހައްޓައިފި ނަމަ އަވަހަށް މަޑުވާނެ އެވެ.
އާޓާ ރޮށި ނުބައިއްޔާ ނުވަތަ ކޮންމެ ދުވަހަކު ކާން އަގުބޮޑިއްޔާ އާދައިގެ ހުދު ފުށާއި އާޓާ ފުށް އެއްކޮށްލައިގެން ވެސް ރޮށި ފިހެވިދާނެ އެވެ. ހުދު ފުށުން ރޮށި ފިހާ އިރު އޯޓްސް ނުވަތަ އެ ނޫން ވެސް ހޯލް ގްރެއިންގެ ބާވަތަކާ އެއްކޮށްލީމާ ނިއުޓްރިއެންޓްސް އިތުރުވެ ފައިބަ ލިބޭނެ އެވެ.
ފެނުކެއްކި މާޅޮސްކެޔޮ، ބަނބުކެޔޮ، އަލަ އަދި ކައްޓަލަ ފަދަ ފަލަމަޑީގެ ބާވަތްތައް ސައިޑް ޑިޝްއެއްގެ ބަދަލުގައި ބޭނުންކުރަންވާނީ މައިގަނޑު ކެއުމެއްގެ ގޮތުގަ އެވެ. އެފަދަ އެއްޗެހި ބަތް ނުވަތަ ރޮއްޓާ އެކު ކާ ނަމަ ކެއުމުގައި ގޮވާމާއި ފަލަމަޑި ބޭނުންކުރަން ޖެހޭ ވަރަށް ވުރެ އިތުރުވެގެންދާނެ އެވެ.
ހުދު ޕާނުގެ ބަދަލުގައި ހޯލް ގްރެއިން ޕާން ކާށެވެ. މުށި ކުލައިގައި ހުންނަ ހުރިހާ ޕާނަކީ ހޯލް ގްރެއިން ޕާނެއް ނޫނެވެ. ބައެއް ބްރައުން ބްރައުޑް ތައްޔާރުކޮށްފައި ހުންނަނީ ހުދު ފުށަށް ކުލަ އަޅައިގެންނެވެ. އެހެންވީމާ ޕާން ގަންނަންވާނީ އިންގްރީޑިއެންޓްތަކަކީ ކޮބައިތޯ ބަލައިފަ އެވެ. ފަރާޓާ އާއި ހުނި ރޮށްޓާއި ގަނޑުކުރި ތައްޔާރީ ރޮށި، ފަރާޓާ އަދި ނާންއަކީ ސަރުބީ ގިނަ އެއްޗެހި ކަމަށް ވާތީ އެ އެއްޗެހި ބޭނުންކުރުން މަދުކުރާށެވެ.
ކާބޯތަކެތި ގަންނަ އިރު، ބޭރުގައި ލިޔެފައި ހުންނަ ލޭބަލް ކިޔައި، އެ އެއްޗެއް ހަދަން ބޭނުންކޮށްފައިވާ އިންގްރީޑިއެންޓްތަކާއި އެއިން ލިބިދޭ ނިއުޓްރިޝަންއަކީ ކޮބައިތޯ ބަލާށެވެ.
ކާއެއްޗެހީގެ މޮޑެލްތަކެއް: ކެއުމުގައި ހުރިހާ ބާވަތެއްގެ ކާނާ ހިމަނަން ޖެހޭ
ހަށިގަނޑަށް ބޭނުންވާ ކާބޯތަކެތި މިންހެޔޮކޮށް ލިބިދޭނީ ކެއިންބުއިމުގައި މެދުމިން އިހްތިޔާރުކޮށްގެންނެވެ. ތަފާތު ބާވަތްތަކުގެ ކާނާ ބޭނުންކުރަން ޖެހެ އެވެ. ވިސްނަންވީ ކެއުމުގައި ހުރިހާ ފުޑް ގްރޫޕްތަކެއް ހިމަނާށެވެ. އެ ފަސް ބާވަތަކީ:
1. ގޮވާމާއި ފަލަމަޑި
2. އެއްގަމު މަހާއި ކަނޑުމަސް، ބިސް، މުގު، ތޮޅި ފަދަ ތަކެތި
3. ކިރާއި ކިރުގެ އުފެއްދުންތައް
4. މޭވާ
5. ތަރުކާރީ
ފެން ބުއިމަށާއި ތެލާއި ސަރުބީގެ ފައިދާހުރި ބާވަތްތައް މަދު މިންވަރަކަށް ބޭނުންކުރުމަށާއި ގަވާއިދުން ކަސްރަތުކުރުމަށް ވެސް ގައިޑްލައިންގައި ވަނީ އިރުޝާދު ދީފަ އެވެ.
"ހަށިގަނޑަށް ބޭނުންވާ މިންވަރަށް ހުރިހާ ނިއުޓްރިއެންޓްސް އެންމެ ކާނާއަކުން ލިއްބައިދޭނެ އެއްޗެއް ނުވޭ،" ގައިޑްލައިންގައި ވެ އެވެ.
ކެއުމުގައި ހިމަނަން ޖެހޭ ބާވަތްތައް އަދި އެ އެއްޗެހި ބޭނުންކުރަންވީ ނިސްބަތް އަންގައިދޭ "ފުޑް ގައިޑް"
މި ގްރޫޕުގެ އެކި ކާއެއްޗެހީގެ އެއް ސާވިންގެ މިންވަރު: އެއް ފޮތި ޕާން، އެއް ރޮށި، 1/4 ހުނިރޮށި، 1/2 ޖޯޑު ބަތް/ ޕާސްތާ/ ބާލީ، 1/2 ޖޯޑު ކެއްކި އޯޓްސް، 2/3 ޖޯޑު ނުވަތަ 30 ގްރާމް ވީޓް ސީރިއަލް، 1/2 ޖޯޑު ކައްޓަލަ/ އަލަ، 3/4 ޖޯޑު މާޅެސްކެޔޮ
ގޮވާމާއި ފަލަމަޑީގެ ބާވަތްތައް ބޭނުންކުރުމުގައި ސަމާލުކަން ދޭން ޖެހެނީ އެ މީހެއްގެ ހަރަކާތްތެރިކަން ހުރި މިންވަރަކުން ކާށެވެ. ހެލިފެލިވެ ނޫޅޭ މީހަކު މި ގްރޫޕުގެ އެއްޗެހި މާ ގިނައިން ކަންޏާ ބަރުދަން އިތުރުވާނެ އެވެ. އެކަމަކު ގަވާއިދުން ކަސްރަތުކުރާ މީހެއް ނަމަ، ލަފާދީފައިވާ ސާވިން ސައިޒުގެ ތެރެއިން މަތީ މިންވަރެއް އިހްތިޔާރުކުރެވިދާނެ އެވެ.
ބައެއް މޭވާތައް، ސާވިންއަކަށް ޖެހޭ މިންވަރު: ކަރާ/ ފަޅޯ ފަދަ ތާޒާ މޭވާގެ އެއް ޖޯޑު ނުވަތަ 250 އެމްއެލް، ދޮންކެޔޮ/ އާފަލު/ ފޭރު ފަދަ މޭވާ ނަމަ މެދު ސައިޒުގެ އެކަތި، ކަދުރު/ މޭބިސްކަދުރު ފަދަ ހިކި މޭވާއެއް ނަމަ 1/4 ޖޯޑު
ސާވިން އަކަށް ޖެހޭ މިންވަރު: 1 ޖޯޑު ފެހި ފަތް/ ރޮލާ ކާލާ ތަރުކާރީ، 1/2 ޖޯޑު ކެއްކި ތަރުކާރީ، 1/2 ޖޯޑު ގަނޑުކުރި/ ދަޅުގައި ބަންދުކުރި ތަރުކާރީ
އެކި އެއްޗެހީގެ ސާވިންއަކަށް ޖެހޭ މިންވަރު: ކައްކާފައި ހުންނަ ކުކުޅުގެ 80 ގްރާމް، ކައްކާފައި ހުންނަ މަހުގެ 100 ގްރާމް، ބޮޑު ދެ ބިސް، ކައްކާފައި ހުންނަ ގެރި/ ބަކަރީގެ 65 ގްރާމް، 1 ޖޯޑު މުގު/ ސަނާމުގު/ ކިޑްނީ ބީންސް، 30 ގްރާމް ނަޓްސް/ ބަދަން/ ބަރަބޯ އޮށް
* ދުވާލަކު ކާންވާނީ އެންމެ ބިހެއް
ސާވިން އަކަށް ޖެހޭ މިންވަރު: 1 ތަށި (250 އެމްއެލް) ކިރު، ދޭއް ބައި މޭޒުމަތީސަމުސާ ފުލް ކްރީމް ހިކި ކިރު، 2 ފޮތި ޗީޒް، 3/4 ޖޯޑު (200 ގްރާމް) ޕްލެއިން ޔޯގަޓް
1. މައިގަނޑު ފަސް ފުޑް ގްރޫޕުގައި ހިމެނޭ އެކި ވައްތަރުގެ ކާބޯތަކެތި ބޭނުންކުރުން
2. ކޮންމެ ދުވަހަކު ވެސް މޭވާ އާއި ތަރުކާރީ ކެއުން
3. ސެޗުރޭޓެޑް ފެޓް މަދުކޮށް، ޓްރާންސް ފެޓާ ދުރުވެ، އެހެނިހެން ފެޓް އަދި ތެލުގެ ބާވަތްތައް މެދުމިނެއްގައި ހިފެހެއްޓުން
4. ހަކުރު މަދުކުރުން
5. ލޮނު މަދުކުރުން
6. ޖަންކް ފުޑް އަދި ޕްރޮސެސްކުރި ކާނާ މަދުކުރުން
7. ބައިވަރު ފެން ބުއިން އަދި ހަކުރުއެޅި ބުއިންތަކުގެ ބަދަލުގައި ފެން ބޭނުންކުރުން
8. ދުޅަހެޔޮ ބަރުދަނެއްގައި ދެމިހުރުން
9. ހަފްތާގެ ގިނަ ދުވަސްތަކުގައި ހަރަކާތްތެރިކޮށް އުޅުން
http://health.gov.mv/Uploads/Downloads//Informations/Informations(167).pdf
ނެޝަނަލް ފުޑް ބޭސްޑް ޑައިޓްރީ ގައިޑްލައިން
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޤައުމުގަ ތިސާމާނު
03 October 2019
ޤައުމުގަ ތިސާމާނު ތިޔޮތީ ފުރިފަ!
މުހައްމަދު ދިވެހި
18 August 2019
ކޮބާ މާމުއި. ކޮބާ ޒައިތޫނި. ކޮބާ ރޭގަނޑުގެ ނިދި. ކޮބާ ކުރިން ނިދުން. ކޮބާ ފަތިހު ހޭލުން. ބަޔަކު ކޮޕީނުކޮށް ހައްގު ބަލައިގަނޭ. ބުއްދި އިސްކުރޭ.
މުހިއްމީ
29 April 2019
މުހިއްމީ މެދުމިނަށް އުޅުން
އިބި
29 April 2019
މި ގައުމުގައި އަބަދުވެސް އަޑުއިވޭނީ ކާޑުގެ އަގުބޮޑުވެގެން ކާޑު އަގުހެޔޮ ކުރާވާހަކަ. އަބަދުވެސް އެންމެ އަގު ހެވީ ކާޑު. އެހެނވެ ކެވެނީވެސް އެއެއްޖިހި
އައިމިނާ
29 April 2019
ހާދަލަސްކޮށްފަ މި މައުލޫމާތު މި ލިބުނީ. ހަގީގަތުގަ ތިޔައީ ވަރަށްކުޑަކަމެކޭ ބައެއްމީހުންނަށްހީވިޔަސް ވަރަށްރަނގަޅުކަމެއްތިޔައީ. ވަރަށްޝުކުރު. މި ސަރުކާރަށް . ޚާއްސަކޮށް ހެލްތުމިނިސްޓްރީއަށް.
ރޮނާލްޑޯ
28 October 2019
okay bro
ތެދު
29 April 2019
ފުރަތަމަ ފޯރާ އަގެއްގާ ވަންނާނެ ގެދޮރު ދީބަލަ ދެރަ ކަމެއްނު!! ރަނގަޅަށް ކެވޭނީ ކުލި ދައްކާފަ ބާކީ ލާރި ހުރިއްޔާއެއްނު!!
ރަނގަޅު
31 October 2019
ރަނގަޅު ސިއްހަތެއްގަ ހުރެގެންދޯ ތަންތަނުގަ އުޅެވޭނީ ވެސް
ޕިރި
29 April 2019
ޓިމާމެންނަށް ފައިދާ ކުރުވަނިވި މަޢުލޫމާތެއް ލިބުމުން އެކަން ބަލައިގަނެ އޭގަވާ އެއްޗެއް ފުރިހަމައަށް ދެނެގަނެ އެގޮތުގެމަތީން ޢަމަލުކުރުމީ ރިވެތިކަމެއްކަމަށް ދެކެން ޜަނގަޅު ވާހަކައެއް ދިވެހީންގެޓރެއަށް ނެރެވޭ އެއްޗެއް އޮންނަންވާނީ ދިވެހި އަކުރުން ލިޔެވިފަ ޙެލް މިނިސްޓްރީއިން މިކަން ވަރަށް އަވަހަށް ކުރާނެކަމަށް އުންމީދުކުރަން ޢެ ފަރާތުން ޢާންމުކުރި ލިޔުމުގައި އެވަނީ ކޮންމެ ފަރުދަކަށްމެ ފައިދާކުރުވަނިވި އުސޫލުތަކެއް
ބިސްސް
29 April 2019
ތިމާގެ ހިތުގެ އެތެރެއަށް ނަފްރަތު ނާޅާށެވެ
ލޫޔާ
29 April 2019
ފުރަތަމަ ތަރުކާރީ އާއި މޭވާގެ އަގުހެޔޮ ކޮށްދީ
ކޮތަރު
29 April 2019
އަސްލުވެސް ދިވެހިންނަށް ކާން ދަސްކޮށްދޭންޖެހޭއެބަ. ދިވެހިންނަކީ ކާންނޭގޭ ބައެއް. ތަނަކަށް ދިޔައަސް ފްރައިޑްރައިސް ގަޑެއް ކާންއެގެނީ.