ލަންކާ ސިފައިން އޮޓޯއެއް ހުއްޓުވައި ޗެކް ކުރަނީ. ގިނަ އަދަދެއްގެ ސިފައިން ލަންކާގައި ދަނީ ހަރަކާތްތެރިވަމުން.--ފޮޓޯ:އޭއެފްޕީ
27 އެޕްރީލް 2019 - 12:35
މިދިޔަ އާދިއްތަ ދުވަހު ސްރީ ލަންކާގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މި ހަފުތާ ބަންދުގައި ކޮންސިއުލާގެ ހިދުމަތްތައް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކޮންސިއުލާގެ ހިދުމަތްތައް ބޭނުންވާ ނަމަ، އެކަން ދިވެހިންނަށް ފޯރުކޮށްދިނުމަށް އެމްބަސީ ހުޅުވާފައި ހުންނާނެ ކަމަށެވެ. ލަންކާ ސަރުކާރުން ހަމަޖައްސާފައި އޮންނަ ގޮތުން މިއަދާއި މާދަމާއަކީ ސަރުކާރު ބަންދު ދުވަހެކެވެ.
Samaalu kamah: Miadhu consular hidhumaiy thakah Embassy hulhuvifai hunnaane vaahaka dhannavan. Sri Lankage kamaabehey faraathakun dhevvaa irushaadhu thakah samaaluve levvumah ilthimaas kuran.
— MDV Embassy SriLanka (@MDVembLanka) April 27, 2019
Embassy Hotline Numbers:
0768816666
0727277072
0766086660
0764189900
ލަންކާގައި ހުންނަ ދިވެހި އެމްބަސީން ކުރި ޓުވީޓެއް.
ލަންކާގައި ދިރިއުޅެމުން އަންނަ 15،000 އެއްހާ މީހުންނަށް އިޝާރާތްކޮށް އެމްބަސީން ވަނީ، އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ދެމުން އަންނަ އިރުޝާދުތަކަށް އެއްބާރުލުން ދިނުމަށް އެދިފަ އެވެ. އަދި އެމްބަސީ އަށް ގުޅޭނެ ހޮޓްލައިން ނަންބަރުތަކެއް ޓުވީޓުގައި ވަނީ ހިމަނައިފަ އެވެ.
މީގެ ކުރިން، ލަންކާގައި ހުންނަ ދިވެހި އެމްބަސީން ހިދުމަތް ދެނީ އެ ގައުމުގެ ރަސްމީ ދުވަސްތަކުގަ އެވެ. ބަންދު ދުވަސްތަކުގައި ލަންކާ އެމްބަސީން އެއްވެސް ހިދުމަތެއް ނުދެ އެވެ.
ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަން މިއުވާން މުހައްމަދު "މިހާރު" އަށް ވިދާޅުވީ ލަންކާގައި ހިނގަމުންދާ ކަންކަމާ ގުޅިގެން އިމަޖެންސީ ކޮންސިއުލާގެ ހިދުމަތް 24 ގަޑިއިރު އެމްބަސީން ލިބޭނެ ކަމަށެވެ.
ސަލާމަތީ ބާރުތަކުން ހިނގަމުން އަންނަ އޮޕަރޭޝަންތަކަށް ލަންކާގައި ދިރިއުޅޭ ހުރިހާ ދިވެހިން ވެސް އެންމެ ފުރިހަމަ އެއްބާރުލުން ދިނުމަށް މިއުވާން ވަނީ އެދިވަޑައިގެންފަ އެވެ.
މީގެއިތުރުން ލަންކާގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ލަންކާގައި ހުންނަ ދިވެހި ސަފީރު އުމަރު ރައްޒާގާއި ޑެޕިއުޓީ އެމްބެސެޑަރު އަސްލަމް ޝާކިރާއި އެމްބަސީގެ މުވައްޒަފުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.
"ހާއްސަކޮށް ޝާހިދު ގެންދަވަނީ ދިވެހިންގެ ކަންކަން ވަރަށް ގާތުން ބައްލަވަމުން،" މިއުވާން ވިދާޅުވި އެވެ.
ލަންކާގެ ބައެއް ފަޅިތަކަށާއި ހޮޓާތަކަށް ދިން ޓެރަރިސްޓް ހަމަލަތަކަށް ފަހު، އެގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ. މި އޮޕަރޭޝަންގެ ދަށުން ހުރިހާ ގެތަކެއް ބަލައި ފާސްކޮށް، ޝައްކު ކުރެވޭ ފަދަ އެއްޗެއް ފެނޭތޯ ބެލުމަށް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން ބޮމުގެ ހަމަލާއާ ގުޅިގެން ދިވެހިން އުޅޭ ގެތައް ވެސް ދަނީ ބަލައި ފާސް ކުރަމުންނެވެ. އަދި ދިވެހި ހަތަރު ދަރިވަރަކު ދިރިއުޅޭ ގެއަކުން އެއާ ގަންއެއް ފެނުމާ ގުޅިގެން އެމީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އަދި ދިވެހިން ދިރިއުޅޭ އެހެން ގެއެއްގެ ތެރެއިން އިސްލާމިކް ސްޓޭޓް (އައިއެސް) ވާހަކަ ހިމެނޭ ފޮތެއް ފެނުނު މައްސަލައިގައި ދެ ދިވެއްސަކު ވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
އެކަމަކު، މި ހަ މީހުން ބޮމުގެ ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތު ނުކުރާ ކަމަށްވެ އެވެ.
މިއުވާން ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ދިވެހިންގެ އާއިލާތަކާ އެމްބަސީން ގުޅައި ދެވެން އޮތް މައުލޫމާތެއް ނަމަ، ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުބީނު މާރނީ
27 April 2019
މަރިޔަމް އަށް ހެޔޮ ދުއާ ސަލާން. މުޅި ދުނިޔޭގައި ހުރިއްޔާ ހުރި އެމްބަސީ ތަކަކުން ދޭ ހިދުމަތް ތަކަކީވެސް އދ ގެ ގަރާރު ތަކާ އެއްގޮތަށް ދެމުން ގެންދާ ހިދުމަތް ތަކެކެވެ. ތަންކޮޅެއް ގިނައިން ފޮތް ކިޔުން އާދަ ކުރެއްވީމާ މައުލޫމާތު މުއްސަދިވާނެއެވެ. ޝުކުރިއްޔާ.
މަރިޔަން ސަމާ
27 April 2019
އެއްވެސް ޚިޒުމަތެއް ދޭނަމަ އެކަމަކަށް ރަނގަޅު އުޖޫރަ ނެގުމަށް ހަރުއަޑުން ގޮވަން.. ތިޔަ މޒިހުންނަކީ ދައުލަތަށް ޓެކުސް ނުދައްކާމީހުންކަމުން ރައްޔަތުންގެ ދައިސާެިން ހިންގާ އެމްބަސީއަކުން ޚިޒުމަތް ދޭކަށެއް ނުޖެހޭނެ.. ބަޔަކު ހޭކުޑަ ވެގެން ތިއުޅެނީ