ލައިފްސްޓައިލް / ކާޑުގެ ބާވަތްތައް

ހުދު ހަނޑޫ: ހަކުރުބަލި ޖައްސާ އެއްޗެއްތަ؟

ހަމައެކަނި ހުދު ހަނޑޫ ކެއުމުގެ ބަދަލުގައި ބްރައުން ރައިސްގެ މިންވަރެއް އެއްކޮށްގެން ކެއުމުން ލޭގައި ހަކުރު އުފެދޭލެއް މަދުވޭ

ހަނޑުލަކީ އޭޝިއާ ގައުމުތަކުގެ މީހުންގެ މައިގަނޑު ކެއުމޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ހަނޑުލުގެ ތެރެއިން ހުދު ހަނޑުލަކީ ސިއްހަތަށް ގެއްލުން ބޮޑު ވައްތަރަށް ވިޔަސް ރަތް ހަނޑުލަށް ވުރެ ހުދު ހަނޑޫ ކާ މީހުން ނިސްބަތުން މާގިނަ އެވެ.

ސިންގަޕޫރުގެ ހެލްތު ޕްރޮމޯޝަން ބޯޑުން، އެ ގައުމުގައި ހަކުރު ބަލި އިތުރުވަމުން ދާތީ އެކަމާ ހަނގުރާމަ ކުރުމަށް، ހުދު ހަނޑޫ ކާ މިންވަރު މަދުކުރުން އަމާޒަކަށް ހެދި ޚަބަރަކީ އެ ގައުމުގައި އުޅޭ ހުދު ހަނޑުލުގެ ބަތްކާން އާދަވެފައި ތިބި އެތައް މިލިއަން ބަޔަކު ވަރަށް ހިތްދަތިވި ޚަބަރެކެވެ.

ހަނޑުލުގެ ބާވަތްތަކަކީ އޭޝިއާގެ މީހުން އެތައް ގަރުނަކުއްސުރެ ކައި އުޅޭ މައިގަނޑު ކެއުމެކެވެ. އެހެންކަމުން ހަނޑުލަކީ ހަގީގަތުގައި ވެސް ސިއްހަތަށް އެހާ ގެއްލުންހުރި އެއްޗެއްތޯ ގިނަ ބަޔަކު ސުވާލު ކުރެ އެވެ. މިކަމާ ނުރުހޭ ގިނަ ބަޔަކު ސާބިތުކޮށްދޭން ބޭނުންވީ ހަކުރު ބަލި ޖެހެނީ ހަނޑުލުން ނޫން ކަމާއި ފޮނި ބުއިންތަކާއި ޖަންކް ފުޑުން ކަމަށެވެ.

ފޮނި ބުއިންތަކާއި ޖަންކް ފުޑަކީ ވެސް ސިއްހަތަށް ގެއްލުންހުރި ކާނާ ކަން ޔަގީނެވެ. އެއްވެސް މީހަކު އެކަމަކާ އިންކާރެއް ނުކުރެ އެވެ. ހެލްތު ޕްރޮމޯޝަން ބޯޑުން ބުނަނީ ހުދު ހަނޑުލުގެ ބަތަކީ ވެސް ހަމަ އެހާ ގެއްލުން ހުރި އެއްޗެއް ކަމަށެވެ. އަދި ހަކުރު ބައްޔާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ހުދު ހަނޑޫ އަމާޒަކަށް ވަނީ ގިނަ ބަޔަކު ކޮންމެ ދުވަހަކު ބޭނުންކުރާ އާއްމު ކެއުމަކަށް ވާތީ ކަމަށެވެ.

ބްރައުން ރައިސްގައި ގްލައިސީމިކް ލެވެލް ދަށްވުމުގެ ސަބަބުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްވުމުގެ އިތުރުން ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތައް ކަމަށްވާ ޒިންކް އާއި އަޔަން ފަދަ ބައިތައް ވެސް ހަށިގަނޑަށް ލިބޭ

ސްޓާޗުން ފުރިފައިވާ ހުދު ހަނޑުލުގެ ބަތް ކެއުމަށް އޭޝިއާގެ މީހުން ތިބީ ވަރަށް ބޮޑަށް އާދަވެފަ އެވެ. ނަތީޖާއެއްގެ ގޮތުން އެމީހުންގެ ލޭގައި ހަކުރު ހުންނަ މިންވަރުވެސް މާ މައްޗެވެ. މިއީ ހަކުރުބަލީގެ ނުރައްކާ އިތުރުވާ ސަބަބެކެވެ.

ހާވާޑް ސްކޫލް އޮފް ޕަބްލިކް ހެލްތުން ހަދާފައިވާ ސްޓަޑީއަކުން ދެއްކި ގޮތުގައި ހުދުހަނޑުލުގެ ބަތް ކާ ކޮންމެ ފަހަރަކު ހަކުރު ބަލި ޖެހުމުގެ ފުރުސަތު 11 ޕަސެންޓް މަތިވެ އެވެ.

ހުދު ހަނޑުލުގެ ބަތަކީ އެތައް ގަރުނެއް ކުރިން ކަމުން އަންނަ އެއްޗަކަށް ވާއިރު މީގެ ކުރިން އެއިން ލިބޭ އެއްވެސް ގެއްލުމެއް އޮތް ކަމަށް ނުވާ ކަމުގައި ބައެއް މީހުން ބުނެފާނެ އެވެ. އޭގެ ޖަވާބުގައި ބުނަން ޖެހެނީ:-

* ކުރީ ޒަމާންތަކުގައި ދިރިއުޅުނު މީހުންނަކީ ހަށިގަނޑަށް ވަރަށް ބުރަވާ ގޮތަށް މަސައްކަތް ކޮށްގެން އުޅުނު މީހުންނެވެ. މި ޒަމާނުގައި ދަތުރު ފަތުރުކުރުމަށް ތަފާތު ގިނަ ވަސީލަތްތައް ހުއްޓަސް ކުރީގައި މީހުން ވަރަށް ދުރު ތަންތަނަށް ވެސް ދާނީ ހިނގާފަ އެވެ. މިޒަމާނާ ބަލާއިރު ކުރީ ޒަމާނުގައި ހިނގާފައި ގިނަ ވަގުތު އުޅޭ މީހުން ވަރަށް ގިނަ ވާނެ އެވެ. ކަސްރަތަކީ ކެއުމުން ލިބޭ ގިނަ ގެއްލުންތަކާއި ކާ އެއްޗެތިން ކުރާ ނުރަނގަޅު އަސަރުތައް ފިލާދާ ކަމެކެވެ.

* އަނެއް ކަމަކީ ކުރީ ޒަމާނުގައި ދިރިއުޅުނު މީހުންގެ އުމުރު ކުރު ކަމެވެ. ސިންގަޕޫރުގެ މީހެއްގެ އެވްރެޖް އުމުރަކީ 1965 އަހަރު 65 އަހަރެވެ. ނަމަވެސް އޭގެ ފަހުން 50 އަހަރު ފާއިތުވީއިރު މި އަދަދަށް ވަނީ 20 އިތުރުވެފަ އެވެ. މިހާރު އެގައުމުގެ އެވްރެޖްކޮށް މީހެއްގެ އުމުރަކީ ނުވަތަ ލައިފް އެކްސްޕެކްޓަންސީ ރޭޓަކީ 85 އަހަރެވެ. އުމުރުން ދުވަސްވީ މީހުން ގިނަވާ ވަރަކަށް ބޮޑެތި ބަލިތައް ވެސް އިތުރުވާނެ އެވެ. އެ ގައުމުގެ މީހުންގެ ތެރެއިން އުމުރުން 65 އަހަރުން މަތީގެ ކޮންމެ ތިން މީހަކުން އެކަކީ ހަކުރު ބަލި ޖެހިފައިވާ މީހެކެވެ.

ހުދު ހަނޑުލަށް ވުރެ ރަތް ހަނޑޫ ރަނގަޅުވަނީ ކީއްވެ؟

ޕްރޮސެސް ކޮށްފައި ހުންނަ ކާނާއަކީ ސިއްހަތަށް ގެއްލުންހުރި އެއްޗެއް ކަމަށް ނިއުޓްރިޝަނިސްޓުން ވިދާޅުވާތާ ކިތަންމެ ޒަމާނެއް ވެއްޖެ އެވެ. ނަމަވެސް މިފަދަ ކާއެއްޗެތި އުފައްދާ ފަރާތްތަކުން ބުމަ އަރުވާލާފައި މި ވާހަކަތަކަކީ ހަގީގަތެއް ކަމަށް ގަބޫލުކުރަން އިންކާރު ކުރެ އެވެ. ހުދު ހަނޑު ތަފާތުވަނީ ކީއްވެ ހެއްޔެވެ؟ ޕްރޮސެސްކޮށްފައި ހުންނަ މުށި ނުވަތަ ރަތް ހަނޑޫ ނޫން ހެއްޔެވެ؟

ވިސްނާލާށެވެ. ހުދު ހަނޑުލުގެ ބަތަކީ ހަމަ ހުސް ކާބޯހައިޑްރޭޓްސް އެވެ. އަދި މީގައި ސްޓާޗް ރަހަ މާ ގަދަވާނެ އެވެ. އެހެންކަމުން ޕޮލިޝް ނުކޮށް ހުންނަ ހަނޑުލަށް ވުރެ މި ހަނޑުލުގެ ބަތް ކެއުމުން ހަކުރު އުފައްދާލެއް މާ އަވަސްވާނެ އެވެ.

ހުދު ހަނޑޫ އާއްމުކޮށް ބޭނުންކުރުން ރަނގަޅު ނޫން ކަމަަށް ސިއްހީ ތަޖުރިބާކާރުން ވިދާޅުވޭ

ހުދު ހަނޑުލުގައި ގްލައިސީމިކް އިންޑެކްސް (ޖީއައި) 78-98 ގައި ހުންނައިރު ބްރައުން ރައިސްގައި ހުންނަނީ 65-76 އެވެ. މި އިންޑެކްސް މަތިވާ ވަރަކަށް ހަކުރު އުފައްދާ މިންވަރުވެސް އިތުރުވާނެ އެވެ.

އެހެންކަމުން ހުދު ހަނޑުލުގެ ބަތް ކެއުން އިތުރުވާ ވަރަކަށް ހަކުރު ބަލީގެ ނުރައްކާ ވެސް އިތުރުވެގެން ދާނެ އެވެ. މިހެން ބުންޏަސް ހުދު ހަނޑުލުގެ ބަތް މީރު އަދި އެ ކާން އާދަވެފައި ތިބޭ މީހުންނަށް މި ބަތާ ދުރުވާން އުނދަގޫވާނެ އެވެ.

ސިންގަޕޫރުގެ ހެލްތު ޕްރޮމޯޝަން ބޯޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޒީ ޔޫންގް ކޭން ވިދާޅުވީ ހުދު ހަނޑުގެ ބަތް ކެއުން މުޅިން ހުއްޓާލަން އެ ބޭފުޅުން އިލްތިމާސް ނުކުރާ ކަމަށެވެ. އޭގެ ބަދަލުގައި ކެއުމުގައި ހުދު ހަނޑުލުގެ ބަތް ބޭނުންކުރާ މިންވަރު މަދުކޮށް ބްރައުން ރައިސް ވެސް ކޮންމެވެސް ވަރަކަށް ބޭނުންކުރަން އާދަކުރުމަށް ލަފާ ދީފައިވެ އެވެ. މިސާލަކަށް ހުދުހަނޑޫ 80 ޕަސެންޓް އަނެއް 20 ޕަސެންޓް ބްރައުން ރައިސް ބޭނުންކުރުމަށެވެ.

މިގޮތަށް އިރުޝާދު ދިނީ ހާވާޑް ޔުނިވަސިޓީން 197،000 މީހުން ބައިވެރިކޮށްގެން ކޮށްފައިވާ ދިރާސާއެއްގެ މައްޗަށް ބިނާކޮށެވެ. ވިހި އަހަރުގެ ދިގު މުއްދަތަކަށް ކޮށްފައިވާ މި ދިރާސާއިން ދެއްކި ގޮތުގައި ހުދު ހަނޑުލުގެ ފަސްބައި ކުޅަ ހަތަރު ބައި (80 ޕަސެންޓް) އާއި ރަތް ހަނޑުލުގެ ފަސްކުޅައެއްބައި (20 ޕަސެންޓް) ލައިގެން ކައްކާ ބަތް ކެއުމުން ހަކުރު ބަލި ޖެހުމުގެ ނުރައްކާ 16 ޕަސެންޓް ދަށްވެ އެވެ.

ހުދު ހަނޑުލާއި ބްރައުން ރައިސް އެއްކޮށްގެން ކައްކާއިރު ބްރައުން ރައިސްކޮޅު ކުރިން ފެނަށް އަޅާ ފޯކޮށްލުމަށް ފަހު ހުދު ހަނޑުލުގެ ބަތް ކައްކާއިރު އެ ތެއްޔަށް އަޅާލުމުން މަޑުވެ އެވެ. އަދި ބްރައުން ރައިސްގެ ކުޑަ މިންވަރެއް ހިމެނޭތީ މިގޮތަށް ކައްކާ ބަތުގެ ރަހައިގައި މާބޮޑު ތަފާތެއް ނުހުރެ އެވެ.

ބްރައުން ރައިސްގައި ގްލައިސީމިކް ލެވެލް ދަށްވުމުގެ ސަބަބުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްވުމުގެ އިތުރުން ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތައް ކަމަށްވާ ޒިންކް އާއި އަޔަން ފަދަ ބައިތައް ވެސް ހަށިގަނޑަށް ލިބެ އެވެ. މިއީ ހުދު ހަނޑުލުގައި އެކުލެވޭ މާއްދާތަކެއް ނޫނެވެ. ޕޮލިޝްކުރުމުގެ މަރުހަލާތަކުގައި އެ ތަކެތި ހުދު ހަނޑުލުން ނެތިގެން ދަނީ އެވެ. ނަމަވެސް ކާ ބަތްކޮޅުގެ 20 ޕަސެންޓަށް ބްރައުން ރައިސް އެއްކުރުމަކީ ވެސް ގިނަ މީހުންނަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެކަމަށް ބެލެވެ އެވެ.

ސިންގަޕޫރުގެ ހެލްތް އޮތޯރިޓީގެ އިރުޝާދަކީ ސަރުކާރުން ބާއްވާ ބޮޑެތި ހަފުލާތަކުގައި ހުންނަ ބަތް ވެސް މިގޮތަށް ބްރައުން ރައިސްގެ 20 ޕަސެންޓް ލައިގެން ހެދުމެވެ. ނުވަތަ އެފަދަ ބަތް ވެސް ކާން ބޭނުން މީހަކަށް ކެވޭ ގޮތަށް ބެހެއްޓުމެވެ.އަދި ބުފޭ ސްޓައިލަށް ކެއުމުގެ ޚިދުމަތްދޭ ފުޑް ކޯޓުތަކުގައި ވެސް މިފަދަ ބަތް ލިބޭ ގޮތަށް ބެހެއްޓުމެވެ. – މައުލޫމާތު: ދަ ސްޓްރެއިޓް ޓައިމްސް

1 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 33%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރާޔާ

29 May 2016

ހުދު ހަނޑުލުގެ ސްޓާޗް ގިނަ ، އެކަމަކު ބޮޑަށް ވާގޮތަކީ ތައިލޭންޑް ސިންގަޕޯރ، މެލޭޝިޔާ މިފަދަ ގިނަ ގައުމުތަކުގެ ޑެއިލީ ކައްކާހުރިހާ އެއްޗަކަށް ހަކުރުއަޅާ ސޫޕް ވިޔަސް ، ރިހަވިޔަސް، ފރައިޑް ނޫޑުލްސް ވިޔަސް، ނާސިގޯރެންގ ވިޔަސް އަދި ގިނައިން ބޭނުންކުރާނީ ހަކުރު އަޅާފަ ހުންނަ ޕޭސްޓް ތަކާއި ސޯޔާސޯސް ފަދަ ސޯސްތައް އެހެންވީމަ ހަކުބަލި މީހުން ގިނަވާނެއެއްނުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454