ޗައިނާގެ ވާވޭ ޓެކްނޮލޮޖީޒްއާ އެކު އެމެރިކާ ކުންފުނިތަކުން ވިޔަފާރިކުރުން މަނާކުރުމުން ގޫގުލުން އެންޑްރޮއިޑް ލައިސަންސް ދޫކުރުން ހުއްޓާލައިފި
20 މެއި 2019 - 14:01
އެމެރިކާގެ ކުންފުނިތަކުން ޗައިނާގެ "ވާވޭ ޓެކްނޮލޮޖީޒް"އާ އެކު ވިޔަފާރިކުރުން ސަރުކާރުން މަނާކުރުމާ އެކު، ވާވޭ ސްމާޓްފޯނުތަކަށް ބޭނުންވާ ސޮފްޓްވެއާ ލައިސަންސް ވިއްކުން ގޫގުލުން ހުއްޓާލައިފި އެވެ. މިއީ ވާވޭ އަށް ކަޑައްތުކުރަން އުނދަގޫ މަރުހަލާއަކަށް ވާނެ ކަމަށް ބެލެވެ އެވެ.
ސްމާޓްފޯން މާކެޓްގައި ދެވަނައިގައި އޮތް އެޕަލް، ތިން ވަނަ އަށް ވައްޓާލުމަށް ފަހު ވާވޭ ވަނީ ދެ ވަނަ ކަށަވަރުކޮށްފަ އެވެ. އަދި މިހާރު އަމާޒުހިފައިފައި ވަނީ އެއްވަނައިގައި އޮތް ސެމްސަންގް ވައްޓާލުމަށެވެ. ނަމަވެސް، ސްމާޓްފޯން މާކެޓަށް ޗާލު އެންޑްރޮއިޑް ފޯނުތަކެއް ނެރެމުން އަންނަ ވާވޭ އަށް މިހާރު އެ ވަނީ މަގު ބަންދުވެ ހަދާނެ ގޮތް ހުސްވެފަ އެވެ.
ގޫގުލުން ސޮފްޓްވެއާ ލައިސަންސް ވާވޭ އަށް ދޫކުރުން ހުއްޓާލައިފި ނަމަ، ގޫގުލް ޕްލޭ، ޖީމެއިލް، ޔޫޓިއުބް އަދި ވަކި ލައިސަންސަކުން ހުއްދަ ހޯދަން ޖެހޭ "ގޫގުލް ސާވިސް"ތައް، ދެން ނެރެން ހުރި ފޯނުތަކުގައި ވާވޭ އަށް ބޭނުމެއް ނުކުރެވޭނެ އެވެ. ނަމަވެސް، ލައިސަންސް ގަނެގެން މިހާރު މާކެޓަށް ނެރެފައި ހުރި އެއްވެސް ފޯނަކަށް ދަތިކަމެއް ނުފޯރާނެ އެވެ.
ވާވޭ އަކީ އެންޑްރޮއިޑް މާކެޓަށް ބާރުގަދަ ފޯނުތަކެއް ނެރޭ ކުންފުންޏެކެވެ. ވާވޭއާ އެކު ގޫގުލުން ވިޔަފާރިކުރުން ހުއްޓާލި ނަމަވެސް، "އެންޑްރޮއިޑް އޯޕަން ސޯސް ޕްރޮޖެކްޓް"ގެ ދަށުން ވާވޭ އަށް "އޯޕަން ސޯސް ލައިސަންސް"ގެ ބޭނުން ހިފޭނެ އެވެ. އެއީ ކޮންމެ ބަޔަކަށް ވެސް ހިލޭ ލިބޭ ޚިދުމަތެކެވެ. އެހެންކަމުން، އެންޑްރޮއިޑް ފޯނުތައް އުފެއްދުން ވާވޭ އަށް މުޅިން މަނައެއް ނުވާނެ އެވެ. ވާވޭ އަށް ބޭނުންކުރުން ހުއްދަ ނޯންނާނީ ވިޔަފާރީގެ އުސޫލުން ގޫގުލުން ވިއްކާ އެޕްލިކޭޝަންތައް އަދި "އެންޑްރޮއިޑް ސޮފްޓްވެއާ ސެކިޔުރިޓީ އަޕްޑޭޓް"ތަކެވެ.
ޗައިނާގައި ވެސް ވާވޭ އެންޑްރޮއިޑް ފޯނުތައް ބޭނުންކުރެ އެވެ. އެ ފޯނުތަކުގައި ގޫގުލް ސާވިސްތައް ބޭނުންކުރުން އޮންނަނީ މަނާކޮށްފަ އެވެ. އެހެންކަމުން، ޖީމެއިލް، ކްރޯމް ބްރައުޒާ، ގޫގުލް ޕްލޭ އަދި ޖީމެއިލް ފަދަ އެޕްލިކޭޝަންތައ ބޭނުމެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ޗައިނާގައި ބޭނުންކުރަނީ މުޅިން އަމިއްލަ އެޕްލިކޭޝަންތަކެކެވެ.
ގޫގުލްގެ މި އަމަލާ މެދު ވާވޭ އިން އަދި ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް، އެމެރިކާއިން އަޅާފާނެ ފިޔަވަޅަކަށް މުޅިން ތައްޔާރު ކަމަށް ވާވޭ ވަނީ ބުނެފަ އެވެ. އެ ގޮތުގައި، ސްމާޓްފޯނުތަކަށް ބޭނުންވާ މޯޑެމް ޗިޕްތައް ވެސް އަމިއްލަ އަށް ޑިޒައިންކޮށް އުފައްދާފައި ވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި ޗައިނާގައި މިހާރު ޓެސްޓްކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އެމެރިކާގެ ކުންފުނިތަކުން ވާވޭ އަށް މުދާ ވިއްކުން މަނާކުރުމާ އެކު ކުއަލްކޮމް، އިންޓެލް، ބްރޯޑްކޮމް އަދި ޒީލިންކް ފަދަ ޓެކްނޮލޮޖީ ކުންފުނިތަކުން ވަނީ ވިޔަފާރި ގުޅުންތައް މަޑުޖައްސާލާފަ އެވެ. ވާވޭއާ އެކު ވިޔަފާރިކުރުން ހުއްޓާލުމުން ލިބިދާނެ ގެއްލުމަކާ މެދު ވިސްނަމުން ދާ ކަމަށް ވެސް މި ކުންުނިތަކުން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާ.
20 May 2019
ޢަހަރުމެން ކިޔާއުޅެނީ "ހުއާވޭ" ކޮން ވާވޭ އެއް؟ ހެހެހެ...އެއީ އަނެއްކާ އާ ބްރޭންޑް އެއްތަ؟
ދަންނަ ނުދަންނަ
21 May 2019
އިނގިރޭސީންނަށް ޗައިނާގެ އެއޮތް ރީތި ބަސް ކިޔަން ނޭނގިގެން ވާވޭ ކިޔަނީ. މިތާ މިއުޅޭ ކަޅު އިނގިރޭސީންވެސް އެގޮތް ރީތިވެގެން އެހެން ކިޔަނީ. ޗައިނާ މީހަކު ވާވޭ އެކޭ ނުކިޔާނެ. އެހެން ބަޔަކު އިނގިރޭސިބަހެއް ނުބައިކޮށް ކިޔައިފިތަ. އެއީ އެމީހަކަށް ތަންދޮރު ނޭނގޭކަން. މިކަހަލަ ހަމައެއް މިމީހުން މިގެންގުޅެނީ.
އަލިބޭ
24 May 2019
އެ ކުންފުނީގެ ޔޫޓޫބް ޗެނަލުންވެސް ޕޯސްޓު ކުރި ވީޑިއޯއެްގައި އޮންނާނެ ބުނެފަ ޕްރޮނައުންސް ކުރާނީ "ވާށް-ވޭ". އެެެހެންކަމުން ހުއާވޭ އަކީ ރަނގަޅުގޮތެއް ނޫން. އެ ކުފުންނަށް ދޯ އެނގޭނީ ބުނެދެން އެމީހުންގެ ނަން ޕްރޮނައުންސް ކުރަންވީ ރަނގަޅުގޮތް. ނަމަވެސް މެންޑަރިން ޗައިނީސް ބަހުން ވާހަކަ ދައްކާ މީހުން ކިޔާއިރު ކިޔަނީ ހުވާވޭ. ކެޓޮނީސް ޗައިނީސް ބަހުން ކިޔާ ގޮތަށް ކުންފުނިން ބޭނުންކުރަނީ.
ލިންކް
20 May 2019
އެމެރިކާއިން އަބަދު ފްރީ މާކެޓޭ ކިޔާނެ އެހެން ގައުމުތަކުގަ ވިޔަފާރިކޮށް އެމީހުންގެ ކުންފުނިތަކަށް ފައިދާ ހޯދަން ވީމަ. އެކަމަކު ޗައިނާ ކުންފުންޏެއް ދުނިޔޭގެ އެއްވަނަޔަށް އަމާޒު ހިފީމަ މިއުޅޭ ފާޑެއް ބަލާބަލަ. މިހެން ހުރިހާ ކަމެއްވެސް އެމީހުން ކުރަނީ.
ހާސްކަޑާލާ
21 May 2019
ލަހެއް ނުވެ ޗައިނާ މީހުން ތި ހުރިހާ އެއްޗެއް ހަދާފައި ތިއަށްވުރެ ފަސޭހަކޮށް އަގުހެޔޮކޮށް ފޯނުތަކަށް އަޅާފައި ވިއްކަން ފަށާނެ.
ދާދޭ
20 May 2019
ޗައިނާ އަށް އެއްވެސް ޓެކްނޮލޮޖީއެއް ބްލޮކް ކޮށްގެން ދެވޭނޭ ގެއްލުމެއް ނޯންނާނެ. އެމީހުން ތިހުރިހާ ކަމެއްވެސް ކުރާނެ. ދެން ވިޔަފާރީގައި ހިނގާނީ ޗައިނާގެ ޓެކްނޮލޮޖީ.
ސަރިފު
20 May 2019
ޗައިނާ އަށް އަމިއްލަ ފައިމައްޗައްދެދުވަން ލިބުނު ވަރައްބޮޑު ފުރުސަތެއްތީ... ތިޔަނިންމުމާއި އެކު .މިހާރު އެމެރިކާއަށް 100% ބަރޯސާވާ މޮބައިލް ޓެކްނޮލޮޖީގެ ނިމުން ޗައިނާއިން ގެންނާކަށް ގިނަދުވަހެއްނުނަގާނެ..
އުދުހޭ
20 May 2019
އެމެރިކާއިން ދުނިޔެއަށް ނުޒޫފު ފޯރުވާވަރުން ވާވޭފޯނެއް ގަންނަން ހިތުއަޅައިގެންހުއްޓާ ޗައިނާގެ އުއިގޫރު މުސްލިމުންނަށް ދެމުންދާ ލާއިންސާނީ އަނިޔާ އެގުނުހިސާބުން އެވިސްނުން ބަދަލުކޮށް ފޯނެއް ގަންނަންޏާ ސައުތްކޮރެއާގެ ސެމްސަންގ ފޯނެއް ގަންނަން ވިސްނައިފިން.
އޮރިޖިނަލް މޮހަނު
22 May 2019
ގުޑް ޕޮއިންޓް. އެއްކޮށް ބަދަލުނުކުރެވުނަސް އެމެރިކާއާއި ޗައިނާގެ އުފެއްދުންތައް މަދުކުރެވިދާނެ ގަތުން އެއްމެ ކުޑަމިނުން. ނޫންނަމަ އޯލްޓަނޭޓިވް ސޮލިއުޝަން ހޯދިދާނެ ތިބުނާ ގޮތަށް.