ސާލިކް.
22 މެއި 2019 - 08:31
އުމުރުން 14 އަހަރުގެ ތަޗް ސާލިކް ގިނަ ބައެއްގެ ސަމާލު ކަމަށް އައީ ކެމްބޯޑިއާ އަށް ދިޔަ މެލޭޝިއާގެ ޓޫރިސްޓުންތަތަކަށް މެލޭ ބަހުން ވާހަކަ ދައްކައިގެން ސްވެނިއާތަކެއް ވިއްކަން ކުރި މަސައްކަތް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ. އޭގެ ފަހުން އޭނާގެ ވާހަކަ މީޑިއާތަކުގައި މާ ގަދައަށް ދެކެވެން ފެށީ 15 ބަހަކުން ވާހަކަ ދައްކާތީ އެވެ.
ސާލިކަށް ވާހަކަ ދައްކަން އެނގޭ ބަސްތަކުގެ ތެރޭގައި އިނގިރޭސި، ފްރެންޗް، ތައި، މެލޭ، ޖަޕަނީޒް، ސްޕެނިޝް، ޖާމަން ކޮރެއަން އަދި ފިލިޕީނޯ ހިމެނެ އެވެ.
އޭނާ އަށް ލިބިފައިވާ މި އާދަޔާހިލާފު ހުނަރުގެ ސަަބަބުން އޭނާ އަށް ޗައިނާގައި ކިޔަވަން ސްޕޮންސަޝިޕެއް ލިބި މިހާރު ހުރީ އެ ގައުމުގަ އެވެ. އެ ފުރުސަތު ފަހިކޮށް ދަނީ ކެމްބޯޑިއާގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ ހިޓް ޗާން އެވެ.
ޗާންގެ ޕޯސްޓެއް.
މަގުމަތީގައި ސްވެނިއާ ވިއްކަން އުޅުނު ކުއްޖާގެ ވާހަކަ އޭނާ އަޑު އިވުނު ހިސާބުން ޗާން ވަނީ އެ ކުއްޖާ އަށް ކިޔަވަން ފުރުސަތު ހޯދައިދޭން ނިންމައިފަ އެވެ.
ޗައިނާގައި ކިޔެވުމަކީ ސާލިކް އަބަދު ވެސް ދެކެމުން އައި ހުވަފެނެކެވެ. އަދި ވަކިން ހާއްސަކޮށް ޗައިނާ ބަހަށް ވަރަށް ބޮޑަށް ލޯބި ކުރާ ކަމަށް ބުންޏެވެ. އެހެންވެ އެ ގައުމުން ކިޔަވަން ލިބުނު ފުރުސަތާ އެކު އޭނާ ކިޔަވަމުން އަންނަނީ ޒެޖިއާންގް ޕްރޮވިންސްގައި ހިންގާ ހެއިލިއާންގް ފޮރިން ލެންގްއޭޖް ސްކޫލްގަ އެވެ.
ސާލިކްގެ ހުވަފެން ހަގީގަތަކަށް ހަދައި ދިނުމަށް ފަހު، ޗާން ވަނީ މޮޅަށް ކިޔަވައިގެން ކެމްބޯޑިއާގެ ނަމޫނާ ދަރިއެއްކަން ސާބިތުކޮށް ދޭން ވެސް ހިތްވަރު ދީފަ އެވެ.
ސާލިކް ކިޔަވާ ޗައިނާގެ ސްކޫލްގެ ދަރިވަރުން އެއާޕޯޓްގައި އޭނާ އަށް މަރުހަބާ ކިޔަނީ.
"އުމުރުން އެންމެ 14 އަހަރުގައި ތި ދެވެނީ ގިނަ ދުވަސްތަކަކަށް ގައުމުން ބޭރަށް. އެހެންވީމާ ފުރުސަތުގެ ބޭނުން ހިފައި، މޮޅަށް ކިޔަވައިގެން ކާމިޔާބު މީހަކަށް ސާލިކް ވާ ތަން ފެނުމަކީ އަހަރެމެން އެންމެންގެ ވަރަށް ބޮޑު އުންމީދެއް،" ފޭސްބުކުން ސާލިކް ޓެގްކޮށް ކާފަ ދަރިއެއްގެ ގޮތަށް އޭނާ ސިފަ ކުރަމުން ޗާން ބުންޏެވެ.
ސާލިކް ބުނި ގޮތުގައި އޭނާ އެންމެ ވާން ބޭނުން ވަނީ ޓުއާ ގައިޑަކަށެވެ. އަދި ގިނަ ބަސްބަހުން ވާހަކަ ދައްކަން އެނގޭތީ އޭގެ ކެމްބޯޑިއާގެ ޓޫރިޒަމަށް ވެސް ކޮށް ދެވޭނެ ވަރަށް ބޮޑު ހިދުމަތެއް ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިޔާނާ
22 May 2019
ޖާބިރު، އިޒް ދެޓް ޔޫ؟