ރިޕޯޓް / މިހާރު

"މިހާރު" ތިން އަހަރު: ފަސް އެނބުރި ބެލުމެއް ނެތި ކުރިއަށް

"މިހާރު"ގެ ނޫހާއި ވެބްސައިޓް ލޯންޗު ކުރުމުގެ ހަފުލާގައި، ނޫހުގެ ފުރަތަމަ އަދަދު މީހަކު ބަލަނީ -- ފައިލް ފޮޓޯ: މިހާރު

މާޗް 31، 2016 ގެ މެންދުރު ސިވިލް ކޯޓުން އެ ހުކުމް އައިއިރު ދުވަހު ނޫސް "ހަވީރު"ގެ ނިއުސް ރޫމް އޮތީ ވަރަށް ބިޒީކޮށެވެ. ކޯޓުގައި އެ މައްސަލަ ހިނގަމުން ދިޔައިރު، އެފަދަ އަމުރަކާ ކުރިމަތިލާން ޖެހިދާނެއެކޭ އެއްވެސް ނޫސްވެރިއަކު، އަދި "ހަވީރު"ގެ މެނޭޖްމަންޓުން ކުޑަކޮށް ވެސް ހީކޮށްފައެއް ނެތެވެ. އެކަމަކު ސިވިލް ކޯޓުގެ އަމުރާ އެކު، "ހަވީރު"ގެ މަސައްކަތް ވަގުތުން ހުއްޓާލަން ޖެހުނެވެ. އެ ދުވަހު ގޭގައި ހުންނަވައި، ހަވީރުގެ ޗެއާމަން ޑރ. މުހަންމަދު ޒާހިރު ހުސެއިން ކުރެއްވި ފޯން ކޯލަކާ އެކު "ހަވީރު"ގެ ދޮރުތައް ބަންދުވި އެވެ. އެއާ އެކު "ހަވީރު"ގެ 75 ވަރަކަށް މުވައްޒަފުން ނުކުމެގެން ދިޔައީ ކަރުނަ އޮއްސަމުންނެވެ. އޭގެ ތެރޭގައި އެތާނގައި މެދުނުކެނޑި މަސައްކަތް ކުރާތާ 20-25 އަހަރު ވެފައިވާ އެތައް މުވައްޒަފުންނެއް ހިމެނެ އެވެ.

"މިހާރު"ގެ ބައެއް ނޫސްވެރިން މީގެ ތިން އަހަރު ކުރިން ނިއުސްރޫމްގައި-- ފައިލް ފޮޓޯ: މިހާރު

"މިހާރު"ގެ ޚިޔާލާއި ނޫސްވެރިކަން ދިފާއުކުރުން

އޭގެ ފަހުން ދެން އައީ ސިވިލް ކޯޓުގެ ހުކުމެކެވެ. އެ ހުކުމް އަމާޒުކުރީ ހަމައެކަނި "ހަވީރު"ގެ މިލްކުވެރިކަމަކަށް ނޫނެވެ. ހުރިހާ މުވައްޒަފުންނަށް މަސައްކަތްކުރުމުގެ ހައްގު ވެސް ނިގުޅައިގަތީ އެވެ. ހުކުމުގައި އޮތީ "ހަވީރު" ނޫން އެހެން މީޑިއާއެއްގައި ދެ އަހަރު ވަންދެން މަސައްކަތް ނުކުރެވޭ ގޮތަށެވެ.

އެކަމަކު އެ ނޫސްވެރިން އަމިއްލަ ގޮތުން ނިންމީ، ކޮންމެވެސް ސިފައެއްގައި ނޫސްވެރިކަން ކުރިއަށް ގެންދިއުމަށެވެ. އެކަމަށް އަމަލީ ގޮތުން އެންމެ ބޮޑު ހިތްވަރެއް ދެއްވީ ޑރ. ޒާހިރުގެ ދަރިކަލުން އަދި "މިހާރު"ގެ އެގްޒެކެޓިވް ޑައިރެކްޓަރު/ސީއީއޯ ވާއިލް ޒާހިރު ހުސެއިން އެވެ.

"ހަވީރު" ގެ މަސައްކަތް ހުއްޓާލުމާ ގުޅިގެން އެ ނޫހުގެ މުވައްޒަފުންނާ އެކު ވާއިލް ބޭއްވެވި ބައްދަލުވުމެއްގައި ގުރޫޕް ފޮޓޯއެއް ނަންގަވަނީ.

އެ ހިސާބުން އާ ނޫހެއް އުފެއްދުމުގެ ޚިޔާލު އައިސް، އެކަމަކު ނަމެއް ނެތި، އަދި އެއްވެސް އެހެން ވަސީލަތެއް ވެސް ނެތި އެ މަސައްކަތްތައް ވާއިލްގެ ގޭގެ ސިޓިން ރޫމްގެ ތަޅުންގަނޑު މަތީގައި ތިބެގެން ކުރަން ފެށި އެވެ. އޭރު "ހަވީރު"ގެ ހުރިހާ މުވައްޒަފުން ބައިވެރިވާ ގޮތަށް މީޓިންތައް ކުރިއަށް ގޮސް، އާޚިރުގައި އާ ނޫހެއްގެ ބިންގާ އެޅި އެވެ. ފިސާރި ޖޯޝުގައި ތިބެގެން، ނޫހުގެ ވެބްސައިޓެއް ހެދުމާއި ނޫހަށް ނަން ހޯދުމާއި ނަން ރަޖިސްޓްރީ ކުރުމާއި އިދާރީ ހުރިހާ މަސައްކަތްތައް އެކި ޓީމްތަކަށް ބަހާލި އެވެ. އެ ދުވަހުން އެ ދުވަހަށް ހަދަން ޖެހޭ ޚަބަރުތައް ނޫސްވެރިން ހަދަން ފެށި އެވެ. އެހެންވެ، "ހަވީރު" މެދުކެނޑުމާ ހިސާބުން ފެށިގެން "މިހާރު" އުފެދުމާ ދެމެދު ހޭދަވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ހިނގި ހުރިހާ ހަބަރަކާއި ފޮޓޯއެއް ގެއްލުވައި ނުލައި ރައްކާކުރި އެވެ.

"މިހާރު" ލޯންޗް ކުރުމުގެ ހަފުލާގައި ހުރިހާ މުވައްޒަފުން ފޮޓޯއަކަށް ހުއްޓިލައިގެން -- ފައިލް ފޮޓޯ: މިހާރު

ގޮންޖެހުންތަކާއި ދަތިތައް ގިރާކުރި

"ހަވީރު"ގެ ގާތްގަނޑަކަށް 35 އަހަރުގެ "ސިކުނޑި" އާއި ވަސީލަތްތަކާއި މާހައުލު ދޫކޮށްލައިފައި، އާ ނޫހެއް ފެށުމަކީ މެނޭޖްމަންޓަށާއި މުވައްޒަފުންނަށް ވެސް އުނދަގޫ ކަމެކެވެ. ނޫސްވެރިކަމަކީ، ހަމައެކަނި ސިކުނޑީގައި ރައްކާކުރެވިފައި ހުރި އެއްޗެއްގެ އިތުރުން ބޮޑު އާކައިވެއް ބޭނުންވާ ކަމަށް ވާއިރު، އެ ހުރިހާ ކަމަކުން މަހުރޫމްވެގެން ތިބެ ސުމެއްގައި ފަށަން ޖެހުން ބޮލުރިހުމަކަށް ވި އެވެ. އެކަމަކު "ހަވީރު"ގެ މުދަލުގެ ތެރެއިން އެންމެ ފަންސޫރެއްހާ ވަރު ވެސް ބޭނުން ނުކޮށް، ވަރަށް ރަނގަޅަށް ރާވާލައިގެން ތިބެމެ، މެއި 24، 2016 ގައި ސެންޓްރަލް ހޮޓަލުގައި "މިހާރު" އުފަންވި އެވެ. އާންމުން އުންމީދުކުރި ވަރުގެ ވެބްސައިޓަކާއި ޗާޕް ނޫހެއް އެރޭ ރާއްޖެ އަށް މަރުހަބާ ކިޔެވެ.

މިއަދަކީ "މިހާރު"ގެ ތިން ވަނަ އަހަރީ ދުވަހެވެ.

"މިހާރު"ގެ މެނޭޖްމަންޓުން ނެރޭ "ދޯ" ލޯންޗް ކުރަނީ: ޒުވާނުންނަށް އަމާޒުކޮށްގެން ކޮންމެ ދުވަހަކު "ދޯ" ވެބްސައިޓް އަޕްޑޭޓްކުރޭ -- ފައިލް ފޮޓޯ: މިހާރު

ރާއްޖޭގައި ޗާޕްކޮށްގެން ނެރޭ ހަމައެކަނި ދުވަހު ނޫހަކީ "މިހާރެ"ވެ. ވަރަށް އާދައިގެ ގޮތަކަށް އަމިއްލަ މީހެއްގެ ގޭގައި ހަދާފައި ހުރި ޗާޕްޚާނާއެއްގައި ޗާޕްކުރަން ފެށި ނަމަވެސް "މިހާރު" އެކަން ކުރިއަށް ގެންދަނީ އެއަށް ވުރެ ބޮޑު ޗާޕްހާނާއެއްގަ އެވެ. އެތަނަށް އެންމެ ޒަމާނީ ސާމާނު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ބޮޑެތި ގޮންޖެހުންތަކެއް ދިމާވިޔަސް، އަދި އޭރު ވަރަށް ބޮޑު ބިރުވެރިކަމެއްގައި ތިބެން ޖެހުނަސް، އެ ހުރިހާ ކަމެއް މިހާރު ވަނީ މާޒީއާ އެކުވެފަ އެވެ. ރާއްޖޭގެ މީޑިއާ ތެރޭގައި "މިހާރު" ވަނީ ނުފޫޒު ގަދަ ނަމަކަށް ވެފަ އެވެ.

ތިން އަހަރުގެ ތެރޭގައި ވަރަށް ބޮޑު ކުރިއެރުމެއް

"މިހާރު" އަށް މިއަދު ތިން އަހަރު ވީ އިރު، މިއީ އެންމެ ނޫހެއް ނޫނެވެ. މި ނޫހުގެ ދަށުން ނުވަތަ މެނޭޖްމަންޓުން އެހެން ދެ ނޫހަކާއި މަޖައްލާއެއް އަންނަނީ ނެރެމުންނެވެ. މުވައްޒަފުންގެ އަދަދު މިވީ ތިން އަހަރުގެ ތެރޭގައި 70 އަށް ވުރެ މައްޗަށް ހިނގައްޖެ އެވެ. ނޫހުގައި މަސައްކަތް ކުރާ ޒުވާނުންގެ އަދަދު އިތުރުވެ ފެސިލިޓީތައް ގާއިމްވެއްޖެ އެވެ.

"މިހާރު"ގެ މެނޭޖްމަންޓުން ނެރޭ "ދަ އެޑިޝަން" ލޯންޗްކުރުމުގެ ހަފުލާގައި އެ ނޫހުގެ ފުރަތަމަ އަދަދު މީހަކު ބަލަނީ.--ފޮޓޯ: ނިޝާން އަލީ /މިހާރު

ރާއްޖޭގައި އިނގިރޭސިބަހުން ނެރޭ ހަމައެކަނި ދުވަހު ނޫސް "ދި އެޑިޝަން" އުފަންވިތާ އަހަރެއް ވެއްޖެ އެވެ. ޒުވާނުންނަށް އަމާޒުކޮށްގެން "ދޯ" ވެބްސައިޓާއި މަޖައްލާއެއް ނެރޭތާ ދެ އަހަރު ވީ އެވެ. މިއީ، "މިހާރު"ގެ ބެލެނިވެރިކަމުގެ ދަށުން، ވަކި ނިއުސްރޫމްތަކެއް ހަދައިގެން ދުވަހުން ދުވަހަށް އަޕްޑޭޓް ވަމުން އަންނަ ސައިޓްތަކެވެ.

"މިހާރު" އޮންލައިންގެ ފުރަތަމަ ދުވަހުގެ ފްރޮންޓް ޕޭޖް

އިޝްތިހާރުތަކަށް ޚާއްސަކޮށް "މިހާރު" ކަނެކްޓްގެ ނަމުގައި ވަކި ވެބްސައިޓެއް ވަނީ ހަދައިފަ އެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީތަކާ އެކު "މިހާރު"ގެ އެޕްތައް ވަނީ ލޯންޗް ކޮށްފަ އެވެ.

"މިހާރު" އާއި "މިހާރު"ގެ އެކި ވަސީލަތްތަކަށް ބޭނުންވާ ވީޑިއޯ ކްލިޕްތަކާއި ވީޑިއޯ ޕްރޮގްރާމްތައް ހަދަން "މިހާރު"ގައި ވަކި ވީޑިއޯ ޑިޕާޓްމަންޓެއް އޮވެ އެވެ. ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެކި ރަށްރަށަށް ދަތުރުކޮށް ތަފާތު އެކި ވީޑިއޯތައް އާންމުންނާ ހަމައަށް ވަނީ ގެނެސްދީފަ އެވެ.

"މިހާރު"ގެ އެޑިޓަރު މޫސާ ލަތީފް (ކ) އާއި އެގްޒެކެޓިވް ޑިރެކްޓަރު ވާއިލް (މ)، "މިހާރު އެވޯޑްސް" ހަފުލާގައި "ހަވީރު"ގެ ކުރީގެ ލިއުންތެރިޔާ އިމާދު ލަތީފަށް، ކުޅިވަރުގެ ރޮނގުން ހަނދާނީ ފިލައެއް އަރުވަނީ: "މިހާރު އެވޯޑްސް" އަކީ ވެސް "މިހާރު"ގެ ވަކި ބްރޭންޑެއް -- ފޮޓޯ: މިހާރު

"މިހާރު"ގެ ވެބްސައިޓަކީ ރާއްޖޭގައި އެންމެ ގިނަ މީހުން ބޭނުންކުރާ އެއް ސައިޓެވެ. މިދިޔަ އަހަރުގެ ޖެނުއަރީން ޑިސެމްބަރުގެ ނިޔަލަށް، އެއް އަހަރުގެ ތެރޭގައި، "މިހާރު"ގެ ޔޫސާގެ އަދަދު ވަނީ ތިން މިލިއަނާ ކައިރިކޮށްފަ އެވެ. ޕޭޖް ވިއުސްގެ އަދަދު ވަނީ 100 މިލިއަން ފަހަނައަޅައިފަ އެވެ. މިއީ މިނިވަން ނޫސްވެރިކަން ދެމެހެއްޓުމާއި ތެދު މައުލޫމާތު ހާމަކުރުމުގައި "މިހާރު"ގެ ޓީމުން ފަސް އެނބުރި ބެލުމެއް ނެތި ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާ އެވެ.

ގަސްދުގައި ބަޔަކު "ހަވީރު" އަށް ހަދާލި ގޮތް ހަނދާނަކުން ފޮހެވިގެންނެއް ނުދެ އެވެ. "މިހާރު" އަކީ އޭގެ ނަތީޖާ އެވެ. ހިތްވަރު އެލުވާނުލައި މިދިއަ ތިން އަހަރު ކުރި މަސައްކަތް މިއޮތީ ކާމިޔާބުގެ އައްސޭރީގަ އެވެ. ދެން ވެސް ފެންނާނީ މިނިވަން، ޒަމާނީ، އަދި ތެދުވެރި ނޫސްވެރިކަމެކެވެ.

20 ކޮމެންޓް, 66 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 0%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރާގު

24 May 2019

ހަވީރުނޫހުގެ އެންމެން ބައިވެރިވެގެން ނެރުނަސް, މިހާރު ނޫހަކީ ހަވީރުނޫހާ ގާތްކުރާވަރުގެ ނޫހަކަށްވެސް ނުވޭ. އެއިރު ހުރިހާކޮޅެއް ފެނޭ. ވަރަށް އަޕްޑޭޓް. އެކަމު މިހާރު ހަމަ ފުދޭވަރަކަށް ވައި. ވަރަށް ބޮޑަށް މިކަމަށް ވިސްނުން ބުއްދިވެރި.

The name is already taken The name is available. Register?

މަހުދީ

24 May 2019

ރަނގަޅުވާހަކައެއް އެމްޑީޕީއަށް ކުރެވުނު ގޯސްކަމެއް މިނޫހުން ނުފެނޭ ޕީޕީއެމް އަށް ކުރެވުނު ރަނގަޅުކަމެއްވެސް ނުފެނޭ

The name is already taken The name is available. Register?

އައިި

24 May 2019

މިހާރު ނޫހަށް ވަރަށް އުފާވެރި އުފަންދުވަހެއް.

The name is already taken The name is available. Register?

އަހަރެންނާ

24 May 2019

"މިހާރު" އަކީ ރާއްޖޭގެ ނަންބަރު އެއް ވަނަ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ފަދައިން ކަމެއް ޔަގީންކޮށްލަން ވަންނަނީ މިހާރު އަށް.

The name is already taken The name is available. Register?

ޖައްވީ

24 May 2019

"މިހާރު" ހުޅުވާލާއިރު، އަހުމަދު ހަމްދޫނާއި ފަޒީނާ އަހުމަދާއި މުހައްމަދު ޔާމީންގެ ސިޔާސީ ހަބަރުތަކުން ހިތްހަމަޖެހުން. އައިމިނަތު ޝިފްލީނާއި އަހުމަދު ސާއިލްގެ އިޖުތިމާއީ ސައިޑުން ހިތަށް ފިނި ކަން. އަހުމަދު އަދުޝަންގެ ލައިފްސްޓައިލުން އުޖާލާކަން. މުހައްމަދު ހަމްދޫނާއި އައްޒާމް އަލީގެ ކުޅިވަރު ހަބަރުތަކުން މުނިފޫހިފިލުވައިދޭ. "މިހާރު" ވަރަށް ބަލަން. ކިޔަން. އަދިވެސް ކިޔާނަން. އެއީ ނަންބަރު 1.

The name is already taken The name is available. Register?

ދިވެހި ދަރި

24 May 2019

މަރުހަބާ 'މިހާރު' ޓީމް. މިހާރުގެ ނޫސްވެރިންގެ ކިބައިން އެދޭ ކަމެއް އެބައޮތް. ދިވެހި ބަހުގެ އެކެޑަމީއިން އަލަށް ތައާރަފް ކުރާ ދިވެހި ލަފުޒުތައް، އިނގިރޭސި ލަފުޒުތަކުގެ ބަދަލުގައި، މިހާރުގެ ލިޔުންތަކުގައި ބޭނުން ކުރުން ވަރަށް ބޮޑަށް އެދެން.

The name is already taken The name is available. Register?

ކުޅުދުއްފުށީ ބޭފުޅާ

24 May 2019

ބަހުގެ އެކަޑަމީން ހަދާ ބަސް ބޭނުން ނުކުރުން އެއީ މިހާރު ނޫސް ކަމުދާ ސަބަބަކީ، ބޭކާރު ކަމެއް އެއީ އެޔަށް ވުރެ މާ ރަނގަޅު އާންމު ދިވެހިންގެ ތެރެއިން އުފަންވެ އާންމުންގެ މެދުގައި މަގުބޫލު ވާ ބަސްތައް، އެކަޑަމީން ބަސް ނެހެދިޔަސް އާންމުން ދަނީ ބަސް ބޭނުން ވާވަރަށް ބަސް ހަދަމުން ތިޔަ އެކަޑަމީ އެއް ނޯންނަ އިރުވެސް.

The name is already taken The name is available. Register?

ދިހި

24 May 2019

މިހާރުގެ ކޮންމެ ހަބަރަކާ ރިޕޯޓަކީ، އެއިގަ އުފާވެރިކަމެއް ނުވަތަ ނުތަނަވަސް ކަމެއް އޮތަސް، ލިބޭ ޔަގީންކަމެއް.. ދެން ރައްޔިތުން ކުރަންވީ ކީއްކަން އަންގައިދޭ އަގުހުރި ފިލާވަޅެއް.. ހުރިހާ ލިޔުންތެރީންގެ ފަންނުވެރިކަން ވ މޮޅު.. ތި ބައިގެ އިހްލާސްތެރިކަމަށް ޝުކުރިއްޔާ..

The name is already taken The name is available. Register?

އިބްޝާ .

24 May 2019

މިހާރުނޫސް އުފަންވެފައިވަނީ ދުވަހަކުވެސް ގައުމު ނުދެކޭފަދަ ކަނު އަދިރި ގަޑެއްގެ ތެރަށް ފެތިފައިވާ ދުވަސްވަރެއްގަ.. ރައިޓު ޕާސަން އޮން ރައިޓް ޓައިމް.. ރެއާދުވާލު ބިރުވެރި ކަމެއްގަ ތިބި ރައްޔިތުންގެ ހިތްތަކަށް ތަސައްލީ ދިނުމުގަ މިހާރުގެ ދައުރު ބޮޑު.. އެކަނުއަދިރީގެ ބިރުވެރިކަމާ ނާމާން ކައުގެތެރޭން ގައުމު ސަލާމަތްވެ އަމާން އައްސޭރިއަކަށް ވާސިލުކޮށް ކޮށްދެއްވުމަށް، މިހާރުނޫހުންވި މަތިވެރި ގުރުބާނީއަށް ފަށްފަށުން ޝުކުރުދަންނަވަން..

The name is already taken The name is available. Register?

ޖަންބު

24 May 2019

ބްރޭކިންގ ނިއުސް ގެނެސްދިނުން ވަރަށް ދަށުގަ އޮތީ. އެކަން އަވަސްވީމަ މިހާރު 100 ހަަމަ

The name is already taken The name is available. Register?

ހަޑިގިއްލާ

24 May 2019

މަރުހަބާ 'މިހާރު' ޓީމަށް. ރާއްޖެ ހަލަބޮލިވެ ޒިންމާދާރު ހިތްވަރުގަދަ ނޫސްވެރިން ތަކަކަށް ނުހަނު ބޭނުންވެފަވީ ވަގުތެއްގަ ރާއްޖެޓިވީގެ ނޫސްވެރިންވެސް ދިފާއުކޮށް ނޫސްވެރިކަމުގެ ހުޅުކޮޅު ނިވުނަނުދީ ހިފަހައްޓާލީ ތިޔަޓީމުން. މިހާރުގެ އާޓިކަލްތައް ވެގެންދިޔައީ އޭރުގެ ސަރުކާރަށް ހަންމަތަ ނުކުރެވިދިޔަ ހަމަލާތަކަކަށް، ރައްޔެތުންނަށް ކަމުގެ ހަގީގަތް ފޯރުކޮށްދިން ތެދުވެރިއަކަށް. މިހާރު ގައުމު މިދެކޭ އަމާންކަމާއި ސުލްހަވެރިކަމަކީ 'މިހާރު' ގެވެސް ހިއްސާއެއް

The name is already taken The name is available. Register?

ހަސަންބެ.

24 May 2019

3 އަހަރުގެ ބުރަމަސައްކަތަށް މިހާރަށް ޝުކުރީޔާ. ދަންނަވަން އޮތީ އެމްޑީޕީ އަދި ރައީސް ސޯލިހަށް ފާޑުކިޔާފައި ކުރާކޮމެންޓް ވެސް ކުރިޔަށްއޮތްާގައި ރަގަޅު ނޫސްވެރިކަމެއް ކުރަންޔާ ޝާއިރުކޮށްދިނުން. މީހާރު ވާގޮތަކީ ނޫހުގެ ކޮމެންޓް ގައިޑްލައިން އާއި ހިލާފު ނުވެވެސް ރައީސް ސޯލިހަށް ނޫނީ މިސަރުކާރަށް ފާޑުކިޔައިފީޔާ އެކޮމެންޓެއް ދަނީ ޑަސްބިމިަށް. އެގެންބޭނުންވަނީ މިގައުމުގައި ތިބެންޖެހެނީ ހުސް އެމްޑީޕީ މީހުންނޫންކަން. މި ޖަހާނެބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454