މާވެޔޮ މިސްކިތުން ވެއްޓުނު ބިއްލޫރި ޝީޓު -- ފޮޓޯ: ޕޮލިސް
27 މެއި 2019 - 13:49
ދެ އިމާރާތަކުން ބިއްލޫރިގަނޑެއް ވެއްޓި ތިން މީހަކަށް މިއަދު އަނިޔާވެއްޖެ އެވެ.
މީގެ ތެރެއިން އެއް ބިއްލޫރިގަނޑު ވެއްޓުނީ މާވެޔޮ މަގުގައި ހަދަމުން އަންނަ މިސްކިތުންނެވެ. އެ މިސްކިތުން ވެއްޓުނު ބިއްލޫރިގަނޑުން ދެ ބިދޭސީއަކު ޒަހަމްވި އެވެ. އެކަމަކު އެއީ މާ ބޮޑު ޒަހަމެއް ނޫން ކަމަށް ފުލުހުން ބުނެ އެވެ. އެކަމަކު އެ ދެ މީހުން ވެސް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށް ވެސް އެތަނުން ބުންޏެވެ.
ބިއްލޫރިގަނޑު ވެއްޓިގެން ޒަހަމްވި ދެ މީހުން ވެސް ތިބީ ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން މާލެ ގްރޭންޑުގެ ހަތަރު ވަނަ ބުރިން ބިއްލޫރިގަނޑެއް ވެއްޓިގެން ވެސް މީހަކު މިއަދު ޒަހަމްވި އެވެ. މިއަދު މެންދުރު 12 ޖަހާކަން ހާ އިރު ހިނގި މި ހާދިސާގައި ޒަހަމްވެފައި ވަނީ 36 އަހަރުގެ ދިވެހި އަންހެނަކަށެވެ. އެކަމަކު އެއީ ވެސް މާ ބޮޑު ޒަހަމެއް ނޫނެވެ.
ފުުލުހުން އަންނަނީ މި ދެ މައްސަލަ ވެސް ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުވެއްޓޭ
28 May 2019
މާލޭގައި އުސް އިމާރާތްތައް އެހާ ގިނަވިތާ އެތައް އަހަރެއްވެއްޖެ އެކަމު ހާދިސާތައް ޚާއްސަކޮށް މަތިން އެއްޗެހިވެއްޓުމުގައި އޮބިނޯވެ ހާދިސާ ހިނގަންފެށީ ކޮން އިރަކުކަން ރަގަޅަށް ބެލީމަ އެނގޭ. ފަތުރުވެރިން ރިކޯޑް އަދަދަކަށް ކުއްލި ހާދިސާތަކުގައި ކައިރިކައިރީ މަރުވުމާ އެކްސިޑެންޓްތައް ހައްދުންނައްޓާވަރަށް ގިނަވެ މީހުން ޒަޚަމްވުމާ މިއީ ދެން މިހާރު އިންތިހާގައި ހުރި ކަންކަން.
މިދެން އަޖައިބެއް
27 May 2019
މާ ބޮޑު ޒަހަމަކަށް މިވަނީ ފުރާނަ ދާހިސާބުންތަ؟ މަރުވިޔަސް ސަލާމަތެއްނެތް. ދިރިހުއްޓަސް ސަލާމަތެއްނެތް. މީވާކަމެއް!
ދަންނަ ނުދަންނަ
27 May 2019
މަސައްކަތުގެ ފެންވަރާމެދު ތަންތަން ހެދި ކުންފުނިތަކުން ޒިންމާވާންޖެހޭތޯ ބަލައިފިބާވައެވެ. މިބާވަތުގެ ވާހަކަ ދައްކާއިރު ރަމަޟާންމަސް ނިމިގެންދާ ކަމާއި ވިއްސާރަވެއްޖެ ކަމާއި ރަމަޟާން މަހަށް ގެނައި އަނބުފަދަ ތަކެތި ފީވެ ހަލާކުވެފައި ހުންނައިރުވެސް ބާޒާރުގައި ވިއްކަން ބަހައްޓާފައި ހުންނަ ކަން ބަލާނީ ކާކު ބާވައެވެ. މިހެން މިކަންކަން ހުރުމަކީ މަނާކަމެކޭ ބުނެ ބަޔާނެއް ނެރެފައި ގަވާއިދު އޮންނާނެއޭ ބުނީމާ މުވައްސަސާތަކުގެ ޒިންމާ އަދާކުރެވުނީތަ؟
ބިއްލޫރި
27 May 2019
އަނެއްކާވެސް މީހަކު މަރުވަންދެން މާބޮޑުކަމެއް ނޫނޭ ކިޔާފަ ތިބޭނެ. ކައުންސިލުން މިކަންކަން ބަލާ ފިޔަވަޅު އަޅާނަމޭ ބުނި. މިހާރު އެކަންތައް ނިމުނީތަ؟ އެޅުނު ހަރުދަނާ އެއްވެސް ފިޔަވަޅެއް އެބައޮތްތަ؟
ރަދީފް
27 May 2019
ފޮޓޮއިން ފެންނަ ބިއްލޫރި ޝީޓް ހާދަ ވަރުގަދައޭ.މަތިން ވެއްޓުނުއިރު ކްރެކެއްވެސް ނެތް.
ސޯދު
27 May 2019
ޓެމްޕަރޑް ގްލާސް؟ ސާބަސް ރަދީފޫ. މެދުން "ލެނބިފައި" އިންތަން ނުފެންނަނީތޯ؟ ކަންތަކަށް ބެލީމަ ފެންނާނެ ވާތު ތިރީ ކަން މާ ބޮޑަށް ބޭރަށް ނުކުމެފައި އިންތަން. ދެން އެހެން ކަންތަކަށް ބަލާލީމަ ފެންނާނެ ކަން ތަޅައިގެން ގޮސް ހުރިކަން. ފޮޓޯއިން އެހާ ބޮޑަށް ފާހަގަ ނުވަނީ ފަހަތުގައި ހަމަ އޭގެ ބިއްލޫރި ޝީޓެއް ހުރީމަ.
ރަދީފް
28 May 2019
ތޭންކްސް @ސޯދު.
ޅޮސް އުނދޯލި
27 May 2019
މާ ބޮޑު ކަމެއް ވެސް ނޫނެއްނު ދޯ؟ ޖަޒީރާވި ފަހުން އާންމު ކަމަކަށް ވެއްޖެއެއްނު... މާ ބޮޑު ނޫން ކިޔާފަ ނިންމާލީމަ އޮންނާނީ ޒިންމާ އަދާވެފަ!
މަހުދީ
27 May 2019
ދެތަނަކީވެސް މަސީ ޖަނާ ހެދި/ ހަދާ ތަންތަން.
ދިވެހިމީހާގެ ދަރި
27 May 2019
ތިޔަ ކަހަލަ ތަނެއް ބަނަފުސާމަގުގައި ގަލޮޅު ދަނޑުގެ 2 ނަންބަރު ގޭޓާ ދިމާގައި ހުންނާނެ.
އަލީ!
27 May 2019
މާބޮޑު ޒަހަމެއްނޫނިއްޔާ ފުލުހުން މާބޮޑު ކަމަކަށް ނުހަދާދޯ؟؟!!