ޚިޔާލު

ރައްޔިތުންގެ މަޖިލީހުގެ ތާރީޚަށް ބަލައިލުމެއް

ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގެ ރިޔާސަތު މަޖިލިހުގެ ރައީސް ނަޝީދު ބަލަހައްޓަވަނީ.---ފޮޓޯ: މަޖިލިހުގެ އިދާރާ

މުޙައްމަދު ޢަބްދުﷲ ޝަފީޤް

11 ޖޫން 2019 - 07:42

6 comments

ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބްރައީސް އިންތިޚާބްކޮށް މަޖިލީހުގެ ޖަލްސާތައް މި ވަނީ ފަށައިފަ އެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ތާރީޚަށް ބަލާއިރު މިފަހަކަށް އައިސް އަމަލުކުރާ އުސޫލުތަކާއި ކުރީގައި އަމަލުކުރި އުސޫލުތަކާ ހާސްބައި ތަފާތެވެ. މި ލިޔުމުގައި އަޅުގަނޑު ބަލައިލާނީ ތާރީޚީ ގޮތުން ރާއްޖޭގެ ބަރުލަމާނީ ހަޔާތަށް ގެނައި ބަދަލުތަކުގެ މައްޗަށެވެ. ޚާއްސަ ގޮތެއްގައި ނޫ ޤާނޫނުއަސާސީން ފެހި ޤާނޫނުއަސާސީއަށް ބަދަލުވިއިރު ފާހަގަކުރި މުހިންމު ނުކުތާތަކުގެ މައްޗަށެވެ. ބައިނަލްއަގްވާމީ މުޖްތަމައު ބަލައިގަންނަ، ޑިމޮކްރެޓިކް އުސޫލުތައް ގެނުވި ބަދަލުތަކުގެ މައްޗަށެވެ. މަޖިލީހަށް މެންބަރުން އިންތިޚާބްކޮށް، ރައީސާއި ނައިބް ރައީސް އިންތިޚާބުކުރި ގޮތުގެ މައްޗަށެވެ.

ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ 1932 ގައި އުފަންވިއިރު އެ ޤާނޫނުއަސާސީގެ ދަށުން ދައުލަތް ހިންގުމުގެ އެންމެ އިސް ފަރާތަކީ ކީރިތި މަހާރަދުންނެވެ. އަދި ދައުލަތް ހިންގުމުގެ ތިން މަޖިލީހެއްގެ ގޮތުގައި ޤާނޫނު ހަދާ މަޖިލީހާއި ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ މަޖިލިސް ކަނޑައެޅި އެވެ. ގާނޫނު ހެދުމުގެ ބާރު ބެހިފައި އޮތީ ގާނޫނު ހަދާ މަޖިލިސް އާއި ރައްޔިތުންގެ މަޖިލިސް އަށެވެ. ޤާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތް ގޮތުގެ މަތިން ރައްޔިތުންގެ މަޖިލިސް އެކުލަވައިލީ ބޮޑު ކޮންމެ އަތޮޅަކުން އިންތިޚާބުކުރި ހަތަރު މެންބަރުންނާއި، ކުޑަ ކޮންމެ އަތޮޅަކުން އިންތިޚާބުކުރި ދެ މެންބަރުންނާއި ފުވައްމުލަކުން އިންތިޚާބުކުރި އެއް މެންބަރަކާއި މާލޭގެ ހަތަރު އަވަށުން އިންތިޚާބުކުރި ހަތަރު މެންބަރަކު ހިމަނައިގެން ޖުމްލަ 47 މެންބަރުންގެ މައްޗަށެވެ.

ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބްކުރާނީ ކޮންމެ އަހަރަކު އެއްފަހަރު ކަމަށް ވެސް ޤާނޫނުއަސާސީގައި އޮތެވެ. ދެ މަޖިލީގެ ވާޖިބުތަކަށް ބަލާއިރު، ގާނޫނު ހެދުމުގެ މައިގަނޑު މަސައްކަތްތައް ކުރީ ގާނޫނު ހަދާ މަޖިލީހުންނެވެ. މި މަޖިލިސް އެކުލަވާލަން އޮތީ ރަދުން އައްޔަންކުރައްވާ ހަތް މެންބަރުންނާއި، މާލޭގެ ހަތަރު އަވަށުން އިންތިޚާބްކުރާ ހަތަރު މެންބަރުންނާއި އޭރު އޮތް ރައްޔިތުންގެ މަޖިލީހުން އިންތިޚާބްކުރާ 17 މެންބަރުންނާ އެކު ޖުމްލަ 28 މެންބަރުންގެ މައްޗަށެވެ. ގާނޫނު ހަދާ މަޖިލީހުގެ ރައީސަކީ ބޮޑުވަޒީރެވެ. އެކަމަކު އެ މަޖިލިސްގެ ނައިބު ރައީސް އިންތިޚާބުކުރާނީ އެ މަޖިލީހުން ކަމަށް ބަޔާންކޮށްފައި އޮތެވެ. އެ މަޖިލީހުގެ ދައުރަކީ ފަސް އަހަރެވެ. އެހެންކަމުން ކޮންމެ ފަސް އަހަރަކުން އިންތިޚާބްވާނެ ކަމަށް ކަނޑައަޅާފައި އޮތެވެ.

ޤާނޫނުއަސާސީގައި އޮތް ގޮތުން ގާނޫނު ހަދާ މަޖިލީހުގެ ފުރަތަމަ ފަސް އަހަރަށް މެންބަރުން އައްޔަންކުރާނީ ބޮޑުންގެ ލަފަޔާ އެކު ރަދުންނެވެ. ވުމާއެކު ފަސް އަހަރުގެ ދައުރަކަށް ފުރަތަމަ އެކުލަވާލި ގާނޫނު ހަދާ މަޖިލީހުގެ ހުރިހާ މެންބަރުންނަކީ ވެސް ރަދުން އައްޔަންކުރެއްވި ބޭފުޅުންނެވެ.

ދައުލަތުގެ އެންމެހައި ކަންކަން ހިންގުމާއި، އެކަމުގެ ޒިންމާ އުފުލާ ތަނަކީ ވަޒީރުންގެ މަޖިލީހެވެ. ވަޒީރުން އިޚްތިޔާރު ކުރައްވާނީ ރަދުންގެ އަމުރުފުޅާލައިގެން ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ތެރެއިން ބޮޑުވަޒީރު ކަމަށް ގާނޫނުއަސާސީގައި އޮތެވެ. މިއިން އެނގެނީ ބޮޑުވަޒީރާއި ކޮންމެ ވަޒީރަކީ ވެސް ޤާނޫނުހަދާ މަޖިލީހުގެ މެންބަރެއް ކަމެވެ.

ފުރަތަމަ ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކަށް ބަލާއިރު ގާނޫނު ހަދާ މަޖިލީހާއި ރައްޔިތުންގެ މަޖިލިސް އެއް މަޖިލީހަކަށް ވެ، ނަމަކީ ރައްޔިތުންގެ މަޖިލީސް ކަމަށް ހަމަޖެއްސި އެވެ. އެއާ އެކު ދައުލަތް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާނީ ރައްޔިތުންގެ މަޖިލިހާއި ވަޒީރުންގެ މަޖިލިސް ކަމަށް ހެދި އެވެ. ބަރުލަމާނީ ނިޒާމުގައި އޮންނަ ގޮތަށް ބޮޑުވަޒީރާއި ހުރިހާ ވަޒީރުންނަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންކަން ފުރަތަމަ ޤާނޫނުއަސާސީއަށް ގެނެއި އިސްލާހުތަކުން ފާހަގަކުރެވެ އެވެ.

ދިވެހި ރަސްކަން ނިމި ޖުމްހޫރިއްޔަތަކަށް ބަދަލުވި ނަމަވެސް ރައްޔިތުންގެ މަޖިލިސް ހިނގަމުންދިޔަ ގޮތަށް މާ ބޮޑު ބަދަލުތަކެއް އައިސްފައެއް ނުވެ އެވެ. ގާނޫނުއަސާސީ އިސްލާހްކޮށް އާ ގާނޫނުއަސާސީތައް އެކުލަވާލިއިރު ވެސް، ރަދުންނަށް ލިބިދީފައި އޮތް ބާރުތައް އޮތީ ރައީސުލްޖުމްހޫރިއްޔާއަށް ވެސް ލިބިދީފަ އެވެ. ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރު އޮތީ މަސްހުނިވެފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ބައެެއް މެމްބަރުން.---ފޮޓޯ: މަޖިލިހުގެ އިދާރާ

ރާއްޖޭގައި ދެ ވަނަ ފަހަރަށް ޖުމްހޫރިއްޔަތެއް ހިންގަން އެކުލަވާލި ގާނޫނުއަސާސީއަށް ނޮވެމްބަރު 11، 1968 ގައި އަމަލުކުރަން ފެށިއިރު ރައްޔިތުންގެ މަޖިލިސް އޮތީ 54 މެންބަރުންގެ މައްޗަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ އަށް މެންބަރުންނާއި މާލޭން އިންތިޚާބްކުރާ އަށް މެންބަރުންނާއި ކޮންމެ އަތޮޅަކުން (19 އަތޮޅުން) އިންތިޚާބްކުރާ ދެ މެންބަރުންނެވެ. ނަމަވެސް 1975 ގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހަކުން މަޖިލިސް މެންބަރުންގެ އަދަދު 48 އަށް މަދުކުރި އެވެ. އަތޮޅުތަކެކޭ އެއްގޮތަށް މާލެއިން ވެސް އިންތިޚާބްކުރާ މެންބަރުންގެ އަދަދު ދޭކަށް ތިރިކުރި އެވެ. މަޖިލިސް މެންބަރުން ކުރާ ހުވާގައި އޮތީ އިސްލާމްދީނަށާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް ކިޔަމަންތެރިވެ ރައްޔިތުންގެ ހައްގުތަކަށް ރައްކައުތެރިވެ ރާއްޖެ އަށާއި ދައުލަތަށް އިޚްލާސް ތެރިވުންމަތީ ދެމިހުރުމުގެ ވާހަކަ އެވެ.

އަމަލުކުރަމުންދިޔަ ގާނޫނުއަސާސީގައި ބުނެފައި އޮތް ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ގާނޫނުއަސާސީ އިސްލާހުކުރުމަށް ނޮވެމްބަރު 29، 1980 ގައި ރައްޔިތުންގެ ޚާއްސަ މަޖިލިސް އެއްކުރި އެވެ. އެ ގާނޫނުއަސާސީ އިސްލާހްކުރަން 17 އަހަރު ހޭދަވި އެވެ. އާ ގާނޫނުއަސާސީ ތަސްދީގުކުރެއްވީ ނޮވެމްބަރު 27، 1997 ގަ އެވެ. ނޫ ގާނޫނުއަސާސީގެ ގޮތުގައި ދިވެހީންނަށް މަޝްހޫރުވެފައިވާ މި ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށީ ޖެނުއަރީ 1، 1998 ގަ އެވެ.

އެ ގާނޫނުއަސާސީގައި ވެސް ރައްޔިތުންގެ މަޖިލިސް އެކުލެވިފައި އޮތީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ އަށް މެންބަރުންނާއި، މާލެ އިން އިންތިޚާބުކުރާ ދެ މެންބަރުންނާއި، ރާއްޖޭގެ ކޮންމެ އަތޮޅަކުން އިންތިޚާބުކުރާ ދެ މެންބަރުންގެ މައްޗަށެވެ. މި އުސޫލަށް ބަދަލު ނުގެނައި ނަމަވެސް، އަރި އަތޮޅަކީ ދެ އަތޮޅު ކަމަށް ނިންމައި އަރިއަތޮޅު އުތުރު ބުރި އަށާއި އަރިއަތޮޅު ދެކުނު ބުރިއަށް ވެސް ދެ މެންބަރުން އިންތިޚާބްކުރާ ގޮތަށް ކަނޑައެޅި އެވެ. ޖުމްލަ 20 އަތޮޅުން ކޮންމެ އަތޮޅަކުން ދެ މެންބަރުންނާއި މާލެއިން ދެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ އަށް މެންބަރުންނާ އެކު އެ މަޖިލިސް މެންބަރުންގެ ޖުމްލަ އަދަދު 50 އަށް އިތުރުވި އެވެ.

ޤާނޫނުއަސާސީގައި އޮތް ގޮތުން މަޖިލީހުގެ ރައީސާއި ނައިބް ރައީސް އައްޔަންކޮށް، ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ރައީސްގެ މަގާމަށް އައްޔަނުކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރޭގައި ނުހިމެނޭ މީހެކެވެ. ނަމަވެސް ނައިބް ރައީސަކަށް އައްޔަނުކުރަންވާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރޭގައި ހިމެނޭ މެންބަރެއް ކަމަށް ބަޔާންކޮށްފައި އޮތެވެ. މި ދެ މަގާމަށް އައްޔަންކުރާ މެންބަރުންގެ ހުވާގައި ވެސް "ރައީސުލްޖުމްހޫރިއްޔާއަށް އިހުލާސްތެރިވުމަށް" ހިމަނާފައި އޮވެ އެވެ. މި ގާނޫނުއަސާސީގެ ދަށުން ފުރަތަމަ އެކުލަވާލި ރައްޔިތުންގެ މަޖިލިސް ހުވާކުރީ ފެބްރުއަރީ 24، 2000 ގަ އެވެ. މަޖިލީހުގެ ރައީސްކަމަށް އައްޔަންކުރެއްވީ ނޮވެމްބަރު 11، 1993 އިން ފެށިގެން އެ މަގާމު ފުރުއްވަމުން ގެންދެވި އަބްދުﷲ ހަމީދެވެ. ނޫ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިއިރު ވެސް ގާނޫނުއަސާސީ ކަމުނުގޮސްގެން ވާހަކަދެކެވެން ފެށި މައިގަނޑު ސަބަބަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތައް ގިނަވުމެވެ. ޚުދުމުޚްތާރު ވެރިކަމެއް ހިންގަން އޮތް ފުރުސަތު ފަހިވުމެވެ. އެ ވާހަކަތައް އާންމު ވާހަކައެއްގެ ގޮތުގައި ދެކެވެން ފެށީ 2000 ގެ އަހަރުތައް ގުނެން ފެށުމާ އެކު އެވެ. އެއަޑު އެންމެ ގަދަވީ ސެޕްޓެމްބަރު 2003 ގައި މާފުށީ ޖަލުގައި ހިނގާދިޔަ ހިތާމަވެރި ހާދިސާއަށް ފަހު އެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ވެރިންނަށް ފާޑުކިޔައި އިންޓަނެޓްގެ ޒަރީއާއިން ކެނޑިނޭޅި އާންމުކުރި މައުލޫމާތުތަކާ އެކު، ބައިނަލްއަގުވާމީ މުޖްތަމައުން ބާރުއެޅީ ރާއްޖޭގައި ވެރިކަން ކުރަމުން އައި އުސޫލުތައް ބަދަލުކުރުމަށެވެ. ފުރިހަމަ ޑިމޮކްރެޓިކް ނިޒާމަކަށް ވެރިކަން ކުރެވޭނެ ފަދަ އިސްލާހުތަކެއް ގާނޫނުއަސާސީއަށް ގެނައުމަށެވެ.

ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ދެވަނަ ފަހަރަށް ރައްޔިތުންގެ ޚާއްސަ މަޖިލިސް އެއްކުރެއްވި އެވެ. އެ މަޖިލީހަށް މާލެ އާއި ކޮންމެ އަތޮޅަކުން ދެ މެންބަރުން ޖުމްލަ 42 މެންބަރުން އިންތިޚާބްކުރި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އަށް މެންބަރުން އައްޔަނުކުރެއްވި އެވެ. އޭރު އޮތް ރައްޔިތުންގެ މަޖިލީހުގެ 50 މެންބަރުންނާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ އެކު ޚާއްސަ މަޖިލީހުގެ މަސައްކަތް، ޖުލައި 19، 2004 ގައި ފެށުނީ ޖުމްލަ 108 މެންބަރުން ތިބެގެންނެވެ. ރިޔާސަތުގައި އިންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ހަމީދެވެ.

ޕާޓީ ނިޒާމަށް ރަސްމީކޮށް ފުރުސަތު ނުލިބި އޮތް ނަމަވެސް، "ރިފޯމިސްޓުން"ގެ ގޮތުގައި މަޖިލީހުގައި މަސައްކަތްކުރެއްވި ބޭފުޅުން ފަސްޖެހިވަޑައިގަތުމެއްނެތި ކުރިއަށް ވަޑައިގަތެވެ. ޑިމޮކްރެޓިކް އުސޫލުތަކަށް ދިވެހި ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ އަޑު ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ގުގުމާލި އެވެ. ޚާއްސަ މަޖިލީހުގެ ރައީސަކު ކަނޑައެޅުމުގައި ރިޔާސަތުން ބޭނުންވި ގޮތް ނޫން އަނެއް ގޮތަށް ނިންމެވޭތޯ މަސައްކަތްކުރެއްވި އެވެ. ޤާނޫނުއަސާސީގައި އޮތް ގޮތުން ޚާއްސަ މަޖިލީހުގެ މެންބަރުންގެ ތެރެއިން ރައީސާއި ނައިބްރައީސް އިންތިޚާބްކުރާނީ އެވެ. ޚިޔާލު ތަފާތުވި ހިސާބަކީ އިންތިހާބު ކުރާނެ ގޮތަކާ މެދުގަ އެވެ. ރިޔާސަތުގެ ނިންމެވުމަކީ އަތް އުފުލައިގެން ހާމަ ވޯޓެއް ނެގުމެވެ. މިކަމާ ދެކޮޅު ހެއްދެވި މެންބަރުން ވިދާޅުވަމުން ގެންދެވީ ސިއްރު ވޯޓެއް ނެގުމަށެވެ. މިކަމުގައި ބަހުސެއް ފެށި ޖަލްސާގެ ވަކި ހިސާބަކުން 24 މެންބަރަކު މަޖިލިސް ދޫކުރައްވާ ނުކުމެވަޑައިގަތެވެ. ރައީސް މައުމޫނަށް މައްސަލަ ހުށަހަޅުއްވައިގެން ހައްލެއް ލިބޭތޯ ވެސް ބެއްލެވި އެވެ. ސިޔާސީ ގޮތުން އައި ހަލަބޮލިކަމާއި ހަމަނުޖެހުންތަކާ އެކު ޚާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާ ތިން ދުވަހަކަށް ދިގުދެމިގެން ދިޔަ އެވެ. މި މުއްދަތުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ޢަބްދުﷲ ހަމީދު އިސްތިއުފާދެއްވި އެވެ. އެހެންކަމާ އެކު ރައްޔިތުންގެ މަޖިލިސް ރައީސްގެ މަގާމަށް ސީނާ އަހުމަދު ޒާހިރު އައްޔަންކުރެއްވި އެވެ. ޚާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ފަހު ދުވަހު ރިޔާސަތު ބެލެހެއްޓެވީ ޒާހިރެވެ. ނިންމެވީ ކުރިން ވެސް ރިޔާސަތުން ނިންމެވި ގޮތަށް ހާމަކަމާ އެކު އަތް އުފުލައިގެން ވޯޓް ލުމަށެވެ.

ޖޫން 2005 ގައި ސިޔާސީ ޕާޓީތަކަށް ފުރުސަތު ލިބުމާ އެކު، ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ގިނަ މެންބަރުން ތަމްސީލްވީ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގަ އެވެ. ސަރުކާރަށް ނިސްބަތްވެވަޑައިގެންނެވި ގިނަ މެންބަރުނަކީ ޑީއާރުޕީގެ މެންބަރުންނެވެ. ސަރުކާރާ ދެކޮޅު މެންބަރުންގެ ގޮތުގައި ގިނައިން ތިއްބެވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގެންނެވި މެންބަރުންނެވެ.

ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޖުމްލަ 272 ޖަލްސާއިން، މިހާރު އަމަލުކުރަމުން އަންނަ ފެހި ޤާނޫނުއަސާސީ އެކުލަވައިލައި ނިންމިއެވެ. އޮގަސްޓް 7، 2008 ގައި ޤާނޫނުއަސާސީ ތަސްދީގުކުރެއްވުމާ އެކު، އެ ގާނޫނުއަސާސީގެ ދަށުން ވެރިކަމުގެ ނިޒާމު ބައްޓަން ކުރެވެން ފެށި އެވެ. ޒަމާނުއްސުރެ އަމަލްކުރަމުން އައި ބައެއް އުސޫލުތައް ބަދަލުކުރަން މަޖްބޫރުވި އެވެ. ޤާނޫނުއަސާސީގެ ހުރިހާ އަސާސްތަކެއް ބާރުދެނީ ޑިމޮކްރެޓިކް ވެއްޓެއް ގާއިމްކުރުމަށެވެ.

އާ ގާނޫނުއަސާސީން ގެނެސްދިން އެންމެ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ގެނައި ބަދަލުތައް ހިމެނެ އެވެ. މަޖިލިސް އެކުލެވިގެންވާ ގޮތަށް ގެނައި ބަދަލުތަކުގެ ތެރޭގައި މެންބަރުން ނިސްބަތްވި އަތޮޅުތަކުގެ ބަދަލުގައި މެންބަރުން ނިސްބަތްވާ ދާއިރާތަކެއް ކަނޑައެޅި އެވެ. ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީ ވެފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން އަދި 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެކެވެ.

މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ އެއްވެސް މެންބަރެއް ނުހިމެނެ އެވެ. މަޖިލިސް ރައީސަކީ ވެސް އިންތިޚާބްވެވަޑައިގަންނަވާ މެންބަރުންގެ ތެރެއިން މެންބަރުން އިންތިޚާބްކުރާ ބޭފުޅެކެވެ. ރައީސާއި ނައިބް ރައީސް އިންތިޚާބް ކުރުމުގައި ނަގާނީ ސިއްރު ވޯޓެއް ކަމަށް ވެސް ބަޔާންކޮށްފައި އޮތެވެ. މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެންބަރުންނަށް އަދާނުކުރެވޭނެ ކަމަށް ވެސް ބަޔާންކުރެ އެވެ. މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ވެސް ރައްޔިތުންގެ މަޖިލީހަށް ގެނައި އެންމެ ބޮޑެތި ބަދަލުތަކެވެ. މީގެތެރޭން ވެސް އެންމެ މުހިންމު ކަމަކީ ޤާނޫނުއަސާސީއަށް ބަދަލެއް ގެންނަން ބޭނުންވެއްޖެ ހިނދެއްގައި ރައްޔިތުންގެ ޚާއްސަ މަޖިލިސް އެއްކުރަން އޮތް އޮތުން ނިމުމަކަށް އައުމެވެ. ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ފުރުސަތު ވެސް ގާނޫނު ހަދާ މަޖިލީހަށް ލިބުމެވެ.

އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ނަމަވެސް އޭރު ކުރިއަށްދިޔަ 16 ވަނަ ރައްޔިތުންގެ މަޖިލިސް ކުރިއަށްދިޔައީ ކުރިން އެކުލަވާލާފައި އޮތް ގޮތަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އަށް މެންބަރުންނާ ވެސް އެކު އެވެ. ނަމަވެސް އާ ގާނޫނުއަސާސީ ތަސްދީގުކުރި ދުވަހުގެ ކުރީ ދުވަހު މަޖިލީހުގެ ރައީސްކަމުން އަޙްމަދު ޒާހިރު އިސްތިއުފާ ދެއްވި އެވެ. އާ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ހ) ގައި ވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބް ރައީސް، މަޖިލިސް މެންބަރުންގެ މެދުގައި ސިއްރު ވޯޓަކުން އިންތިޚާބްކުރި އެވެ. އޮގަސްޓް 12، 2008 ގައި އޮތް ޖަލްސާގައި ރައީސްގެ މަގާމަށް ވާދަކުރެއްވީ ޖުމްހޫރީ ޕާޓީގެ މާލޭ މެންބަރު މުޙައްމަދު ޝިހާބާއި ޑީއާރުޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ސީނާ ޒާހިރެވެ. ޖުމްލަ 47 މެންބަރުން ވޯޓް ދެއްވިއިރު 25 ވޯޓްގެ އަޣުލަބިއްޔަތުން މަޖިލިސް ރައީސްކަން ކާމިޔާބުކުރެއްވީ ޝިހާބްއެވެ.

އާ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބްކުރީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށެވެ. މެންބަރުން އިންތިޚާބްކުރަން ބޭއްވި އާންމު އިންތިޚާބް އޮތީ މެއި 9، 2009 ގަ އެވެ. އިންތިޚާބުގައި 77 ދާއިރާއަށް ޖުމްލަ 455 ކެންޑިޑޭޓަކު ވާދަކުރި އެވެ. އެއީ 11 ސިޔާސީ ޕާޓީއަކުން 209 ކެނޑިޑޭޓުންނާއި، އަމިއްލަ ގޮތުން 246 ކެނޑިޑޭޓުންނެވެ. އިންތިޚާބްގެ ނަތީޖާ ދެއްކި ގޮތުން، މަޖިލީހުގެ މެންބަރުކަން ކަށަވަރުކުރި ކެންޑިޑޭޓުންގެ ތެރެއިން 64 ކެންޑިޑޭޓުންނަކީ ސިޔާސީ ފަސް ޕާޓީއަކަށް ނިސްބަތްވި ކެންޑިޑޭޓުންނެވެ. އަނެއް 13 ކެންޑިޑޭޓުންނަކީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނެވެ. ސިޔާސީ ޕާޓީތަކަށް ބަލާއިރު، އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ، 28 ގޮނޑިއާ އެކު، އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީންނެވެ. ސަރުކާރު ހިންގާ އެމްޑީޕީއަށް ލިބުނީ 26 ގޮނޑި އެވެ. ޑީއާރުޕީއާ އެކު ކޯލިޝަން ހަދާފައި އޮތް ޕީޕަލްސް އެލަޔަންސް (ޕީއޭ)ގެ ހަތް ގޮނޑިއާ އެކު އިދިކޮޅު ކޯލިޝަނަށް 35 ގޮނޑި ލިބުނެވެ.

އާ މަޖިލިސްގެ މެމްބަަރުން ހުވާކުރީ މެއި 28، 2009 ގަ އެވެ. ހަމަ އެދުވަހު ބޭއްވި ފުރަތަމަ ޖަލްސާގައި މަޖިލިސްގެ ރައީސާއި ނައިބްރައީސް އިންތިޚާބް ކުރި އެވެ. ރައީސްކަމަށް ވާދަކުރެއްވީ ޑީއާރުޕީ މެންބަރު އަދި ވ. ކެޔޮދޫ ދާއިރާގެ އަބްދުﷲ ޝާހިދާއި އެމްޑީޕީގެ މެންބަރު އަދި ޅ. ހިންނަވަރު ދާއިރާގެ އިބްރާހިމް މުހައްމަދު ސޯލިހެވެ. ވޯޓް ދެއްވި 75 މެންބަރުންގެ ތެރެއިން 42 ވޯޓް ހޯއްދަވައިގެން މަޖިލިސް ރައީސްގެ މަގާމު ކާމިޔާބުކުރެއްވީ ޝާހިދެވެ. އިބްރާހީމް މުޙައްމަދު ސޯލިހަށް ލިބިވަޑައިގަތީ 33 ވޯޓެވެ.

މަޖިލިސްގެ ނައިބް ރައީސް ކަމަށް ވާދަކުރެއްވީ ޕީއޭގެ ވެސް ނައިބް ރައީސް މ. ދިއްގަރު ދާއިރާގެ އަޙްމަދު ނާޒިމާއި އެމްޑީޕީގެ މެންބަރު ފ. ބިލެތްދޫ ދާއިރާގެ އަޙްމަދު ހަމްޒާ އެވެ. ނާޒިމް އެ މަގާމު ކާމިޔާބުކުރެއްވީ 41 ވޯޓު ހޯއްދަވައިގެންނެވެ. ހަމްޒާ އަށް ލިބިވަޑައިގަތީ 33 ވޯޓެވެ.

އޭގެ ފަހުން އިންތިހާބުވި އަށާރަ ވަނަ ރައްޔިތުންގެ މަޖިލިސް އެކުލަވާލީ 85 މެމްބަރާ އެކު އެވެ. މާޗް 22، 2014 ގައި ބޭއްވި މި އިންތިޚާބުގައި 302 ކެންޑިޑޭޓުން ވާދަކުރި އެވެ. އެއީ ހަ ސިޔާސީ ޕާޓީއަކުން 188 ކެނޑިޑޭޓުންނާއި، އަމިއްލަ ގޮތުން 114 ކެނޑިޑޭޓުންނެވެ. އިންތިޚާބްގެ ނަތީޖާ ދެއްކި ގޮތުން، މަޖިލީހުގެ މެންބަރުކަން ކަށަވަރުކުރި ކެންޑިޑޭޓުންގެ ތެރެއިން 80 ކެންޑިޑޭޓުން ނިސްބަތްވީ ސިޔާސީ ޕާޓީތަކަށެވެ. އަނެއް ފަސް ކެންޑިޑޭޓުންނަކީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނެވެ. ސިޔާސީ ޕާޓީތަކަށް ބަލާއިރު، އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ސަރުކާރު ހިންގުމުގެ މައި ޕާޓީ، ޕީޕީއެމުން، 33 ގޮނޑިއާ އެކު އެވެ. އެމްޑީޕީގެ 26 ކެންޑިޑޭޓުން ގޮނޑި ކާމިޔާބުކުރި އެވެ. ޖުމްހޫރީ ޕާޓީއަށް 15 ގޮނޑި އެމްޑީއޭއަށް ފަސް ގޮނޑި އަދި އަދާލަތު ޕާޓީން އެއް ގޮނޑި ހޯދި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ އާއި ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިހުގެ އިދާރާ

އެމްޑީޕީ ފިޔަވައި އެހެން ޕާޓީތައް ނިސްބަތްވީ އޭރުގެ ސަރުކާރަށެވެ. އެހެންކަމުން ސަރުކާރުގެ ކޯލިޝަނުން 54 ގޮނޑި ހޯދި އެވެ. މި މަޖިލީހުގެ މެންބަރުން ހުވާކުރެއްވީ މެއި 28، 2014 ގައެވެ. ހުވާކުރެއްވުމަށް ފަހު ހަމަ އެދުވަހު ބޭއްވި ޖަލްސާގައި މަޖިލިސް ރައީސާއި ނައިބް ރައީސް އިންތިޚާބްކުރުން އޮތެވެ. ރައީސްކަމަށް ވާދަކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމާއި ޕީޕީއެމް މެންބަރު ފުވައްމުލަކު ދެކުނު ދާއިރާގެ އަބްދުﷲ މަސީހް މުޙައްމަދެވެ. ވޯޓް ދެއްވި 84 މެންބަރުންގެ ތެރެއިން 43 ވޯޓް ހޯއްދަވައިގެން މަޖިލިސް ރައީސްގެ މަގާމު ކާމިޔާބުކުރެއްވީ މަސީހެވެ. ޤާސިމަށް ލިބިވަޑައިގަތީ 39 ވޯޓެވެ.

މަޖިލިސްގެ ނައިބްރައީސް ކަމަށް ވާދަކުރެއްވީ އެމްޑީޕީގެ މެންބަރު ހުޅުހެންވޭރު ދާއިރާގެ މޫސާ މަނިކާއި ޕީޕީއެމްގެ މެންބަރު ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ އެވެ. މޫސާ ކާމިޔާބުކުރެއްވީ 42 ވޯޓާ އެކު އެވެ. އަބްދުއްރަހީމަށް ލިބިވަޑައިގަތީ 41 ވޯޓެވެ.

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ހިނގާދިޔަ ހަލަބޮލިކަމުގެ ތެރޭގައި މަސީހްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ތަކުރާރުކޮށް މަޖިލީހަށް ހުށަހެޅި އެވެ. ސަރުކާރަށް ތާއީދުކުރެއްވި ގިނަ މެންބަރުންތަކެއް ވެސް ސަރުކާރާ ދެކޮޅަށް މަސައްކަތްކުރައްވަން ފެއްޓެވި އެވެ. ޚާއްސަ ގޮތެއްގައި މަޖިލިސް ރައީސްކަމުން މަސީހް ވަކިކުރުމުގެ މަސައްކަތުގައި އެފަދަ މެންބަރުން ވަރަށް ގިނަ މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އެކި ސަބަބުތައް ދައްކަވައި، ތަފާތު ހާލަތްތައް އުފައްދަވައި ބައެއް މެންބަރުންގެ ތާއީދާއި ސިފައިންނާއި ފުލުހުންގެ އެހީތެރިކަމާ އެކު މަޖިލިސް ރައީސްކަމުގެ މަގާމް ދިފާއުކުރެއްވުމަށް މަސީހް ވަރަށް ގިނަ މަސައްކަތް ކުރެއްވި އެވެ. އެންމެ ފަހުން ނޮވެމްބަރު 1، 2018 ވަނަ ދުވަހުގެ ރޭ ބާއްވަން ތާވަލްކޮށްފައި އޮތް ޖަލްސާއަށް މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް އެދުވަހު މަސީހް އިސްތިއުފާ ދެއްވި އެވެ. އެހެންކަމާ އެކު އެރޭ އޮތް ޖަލްސާގައި ޤާސިމާއި އަބްދުއްރަހީމް ވާދަކުރައްވައި 62 މެންބަރުންގެ ވޯޓާ އެކު މަޖިލީހުގެ ރައީސްކަމަށް ގާސިމް ވަޑައިގަތެވެ. އަބްދުއްރަހީމަށް ލިބިވަޑައިގަތީ 16 ވޯޓެވެ.

މިދިއަ މަހު އަލަށް އެކުލަވާލި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބަވަ އެވެ. އެޕްރީލް 6 ގައި ބޭއްވި އިންތިޚާބުގައި 386 ކެންޑިޑޭޓުން ވާދަކުރި އެވެ. އެއީ ނުވަ ސިޔާސީ ޕާޓީއަކުން 196 ކެންޑިޑޭޓުންނާއި، އަމިއްލަ ގޮތުން ވާދަކުރި 190 ކެނޑިޑޭޓުންނެވެ. އިންތިޚާބްގެ ނަތީޖާ ދެއްކި ގޮތުން، މަޖިލީހުގެ މެންބަރުކަން ކަށަވަރުކުރި ކެންޑިޑޭޓުންގެ ތެރެއިން 80 ކެންޑިޑޭޓުންނަކީ ފަސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވި ބޭފުޅުންނެވެ. އަނެއް ހަތް މެމްބަރުންނަކީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނެވެ.

ސިޔާސީ ޕާޓީތަކަށް ބަލާއިރު، އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ސަރުކާރު ހިންގުމުގެ މައި ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީންނެވެ. އެ ޕާޓީއަށް ނިސްބަތްވި 65 ކެންޑިޑޭޓަކު އިންތިޚާބް ކާމިޔާބުކުރެއްވި އެވެ. މިއީ މިހާ ބޮޑު އަގުލަބިއްޔަތެއް އެއް ޕާޓީއަކަށް ލިބުނު ފުރަތަމަ ފަހަރެވެ. ޕީޕީއެމް އާއި ޖުމްހޫރީޕާޓީ އަށް ވެސް ލިބުނީ ފަސް ގޮނޑި އެވެ. އިންތިޚާބާ ދިމާކޮށް އުފެއްދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ތިން ގޮނޑި ކާމިޔާބުކުރި އެވެ. އެމްޑީއޭ އަށް ލިބުނީ ދެ ގޮނޑި އެވެ.

މި މަޖިލީހުގެ މެންބަރުން ހުވާކުރެއްވީ މެއި 28 ގަ އެވެ. ހުވާކުރެއްވުމަށް ފަހު ހަމަ އެރޭ ބޭއްވި ޖަލްސާގައި މަޖިލިސް ރައީސާއި ނައިބު ރައީސް އިންތިޚާބްކުރުން އޮތެވެ. ރައީސްކަމަށް ވާދަކުރެއްވީ އެމްޑީޕީގެ ރައީސް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ ގާސިމެވެ.

ވޯޓް ދެއްވި 85 މެންބަރުންގެ ތެރެއިން 67 ވޯޓް ހޯއްދަވައިގެން މަޖިލިސް ރައީސްގެ މަގާމު ކާމިޔާބުކުރެއްވީ ރައީސް ނަޝީދެވެ. ޤާސިމް އިބްރާހީމަށް ލިބިވަޑައިގަތީ 17 ވޯޓެވެ.

މަޖިލިސްގެ ނައިބްރައީސް ކަމަށް ވާދަކުރެއްވީ އެމްޑީޕީގެ މެންބަރު ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ އެކަންޏެވެ. އެހެންކަމުން ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ. ވޯޓް ދެއްވި 85 މެންބަރުންގެ ތެރެއިން 76 މެންބަރުންގެ ތާއީދު އީވާއަށް ލިބިވަޑައިގަތެވެ. ނުފެންނަ ކަމަށް ވޯޓް ދެއްވީ ނުވަ މެންބަރެކެވެ.

އާ މަޖިލީހުގެ މަސައްކަތް ފެށި ބާރު ސްޕީޑްގައި ކުރިއަށްދާނެ ކަމަށް ބެލެވޭއިރު، ރައްޔިތުންގެ އުންމީދުތައް ގުޅިފައިވަނީ އެ މަޖިލީހުގެ މަސައްކަތާ އެވެ. ރައްޔިތުން އިންތިޚާބްކުރި މަންދޫބުން، ނުފޫޒުތަކުން އެއްކިބާވެ، ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ ހާލަތު ބަދަލުކޮށްދިނުމަކީ ރައްޔިތުންގެ އެދުމެވެ. ޚާއްސަ ގޮތެއްގައި ސްޕަ މެޖޯރިޓީ ހޯދި އެމްޑީޕީގެ އެޖެންޑާ19 އިން ރައްޔިތުންނަށް ލިބިދޭން ވައުދުވެފައިވާ ޚިދުމަތްތަކާއި ފުރުސަތުތަކަށް ޤާނޫނީ ބާރުވެރިކަން ލިބި އެކަންކަމުގެ މަންފާ ރައްޔިތުންނަށް ލިބުމަކީ ޚުދު އަޅުގަނޑުގެ ވެސް އުންމީދެވެ.

އެޑިޓަރުގެ ނޯޓު

މުޙައްމަދު އަބްދުﷲ ޝަފީޤަކީ ކުރީގެ ނޫސްވެރިއެކެވެ. ލިޔުންތެރިއެކެވެ. "ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރު"ގެ މުސައްނިފެވެ. އޭނާއަކީ އާ ރައްޔިތުންގެ މަޖިލިހުގެ ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރެވެ.

6 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 92%
icon sad icon sad 0%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުސަޅު

11 June 2019

ފުރަތަމަ ޤާނޫން އަސާސީގެ ދަށުން ބޭއްވި އިންތިހާބުގައި އަންހެނުންނަށް ވޯޓު ލެވޭތޯ؟

The name is already taken The name is available. Register?

ވެލިދޫއިން

11 June 2019

ވަރަށް އިންފޮމެޓިވް ލިޔުމެއް. ޝުކުރިއްޔާ ޝަފީޤް

The name is already taken The name is available. Register?

ރަދީފުއްދީނުލް އަކްބަރު

11 June 2019

ތީ އުވާލަންޖެހޭތަނެއް.

The name is already taken The name is available. Register?

ކިނިކްސް

11 June 2019

ރައްޔިތުންގެ އިހުސާސްތަކާއި އެކު ޕާޓީގެ ކުލައިގައި މަޖިލީހުގައި އިންނަ މެމްބަރަށް އިސްކުރެވެނީ ކޮން ބައެއްގެ ކަންކަންތޯ ވިސްނާލަން ޖެހއެވެ. ރައްޔިތުންނަށް ވައުދުވަނީ ރަށުގެ ނުވަތަ ދާއިރާގެ ކުރިއެރުން ކަމަށް ވިއަސް މަޖިލީހުގައި ވަކާލާތުކޮށް ވޯޓު އަޅަން މަޖުބޫރުވަނީ ޕާޓީން ނިންމާ ނިންމުމުގެ މައްޗަށެވެ. ބާރުތައް ވަކިވެފައި އޮންނަ ނިޒާމެއްގައި ވަކިވެފައި އޮންނަންވާނީ ބާރުދީފައި އޮންނަ ފަރާތުން ނިންމާ ނިންމުން އަމިއްލަވުމެވެ.

The name is already taken The name is available. Register?

ކާށިދޫއަށް 1 ބިލިޔަން ޑޮލަރު

11 June 2019

މާބޮޑަށް އިނގެނީ...

The name is already taken The name is available. Register?

ބޯނެއް ބުރުމާ

11 June 2019

މިރިޕޯޓުން އިގުނީ ގާސިމް ފުދޭވަރަކަށް ފެއިލްވެފަހުރިކަން.. ކޮންމެފަހަރަކު ރައީސްކަމަށް ބޯކޮއްޕާލާއިއްޔާ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454