ޖޭއެސްސީގެ މެމްބަރު ހިސާން: އޭނާ މިއަދު ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ހަމަޖައްސާފައި.
12 ޖޫން 2019 - 19:48
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައްޔިތުންގެ މަޖިލީސް ތަމްސީލު ކުރައްވާ ބޭފުޅަކީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިން ކަމަށް ކަނޑައަޅާފައި ވަނިކޮށް، އެ ކޮމިޝަން ޒިންމާދާރުކުރުވާ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގެ މެމްބަރަކަށް ވެސް އޭނާ އިއްޔެ ހަމަޖައްސައިފި އެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ހިސާން ހިމެނިވަޑައިގަތުމަކީ މިހާރު އޮތް ގޮތުން މަސްލަހަތު ފުށުއަރާނެ ކަމެއް ކަމަށް މަޖިލިހުގެ ބައެއް މެމްބަރުން ވެސް ދެކެވަޑައިގަންނަވަ އެވެ. އެއީ ޖޭއެސްސީ ޖަވާބުދާރީ ކުރުވާ މަޖިލީހުގެ ކޮމިޓީގައި ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނަށް ކަނޑައަޅާފައިވާ މެމްބަރު އިންނަވާނެތީ އެވެ.
މި މަހު ހުވާކުރި 19 ވަނަ މަޖިލީހަށް އަލަށް އުފެއްދި ޖުޑިޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖޭއެސްސީގެ އިތުރުން އެޓާނީ ޖެނެރަލާއި ޕްރޮސެކިއުޓާ ޖެނެރަލާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ލޭބާ ޓްރައިބިއުނަލް އަދި މޯލްޑިވްސް އާބިޓްރޭޝަން ސެންޓަރުގެ އިސްބޭފުޅުން ޖަވާބުދާރީ ކުރުވުން ހިމެނެ އެވެ.
މިހާރުގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ހިސާނަކީ ކުރިން އެއް ލޯ ފާމެއް ހިންގެވި ދެ ބޭފުޅުންނަށް ވުމުން، އެޓާނީ ޖެނެރަލް ޖަވާބުދާރީ ކުރުވާ ކޮމިޓީއެއްގައި ހިސާން އިންނެވުމަކީ ވެސް މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ބައެއް މެމްބަރުން ދެކެވަޑައިގަންނަވަ އެވެ.
އެމްޑީޕީގެ ޖުމްލަ އަށް މެމްބަރުން ހިމެނިވަޑައިގަންނަވާ ޖުޑިޝަރީ ކޮމިޓީ އަށް ހިސާންގެ ނަން ހުށަހެޅީ އެ ޕާޓީންނެވެ. އޭނާގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިނާއި ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ރިޒާ އާއި ވިލިނގިލީ ދާއިރާ އަށް އަމިއްލަ ގޮތުން ހޮވިވަޑައިގެންނެވި ސައުދު ހުސެއިނެވެ.
ޖޭއެސްސީ ހާޒިރުކުރާ މައްސަލަތަކުން ހިސާން ތަނާޒުލްވެވަޑައިގަންނަވާނެ. -- އިންތި
19ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީ pic.twitter.com/fGt6utN1wz
— People's Majlis (@mvpeoplesmajlis) June 12, 2019
ޖުޑިޝަރީ ކޮމިޓީގެ މެމްބަރުން.
އެ ކޮމިޓީގައި އެމްޑީޕީ މެމްބަރުންގެ ގޮތުގައި ތިއްބަވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ އިތުރުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރެވެ.
ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ (އިންތި) "މިހާރު" އަށް މިއަދު ވިދާޅުވީ ޖުޑިޝަރީ ކޮމިޓީގައި ހިސާން އިންނެވިޔަސް ޖޭއެސްސީއާ ބެހޭ އެއްވެސް މައްސަލައެއްގައި އޭނާ ބައިވެރިވެވަޑައެއް ނުގަންނަވާނެ ކަމަށެވެ. ކޮމިޓީގައި ހިސާން އިންނަވަނީ، އެއީ ހަމައެކަނި ޖޭއެސްސީއާ ގުޅުން ހުރި މައްސަލަތައް ބަލާ ކޮމިޓީއަކަށް ނުވާތީ ކަމަށް އިންތި ވިދާޅުވި އެވެ،
"ޖޭއެސްސީ ހާޒިރުކުރާ މައްސަލަތަކުން ހިސާން ތަނާޒުލްވެވަޑައިގަންނަވާނެ،" އިންތި ވިދާޅުވި އެވެ.
އެ ކޮމިޓީގައި ޖޭއެސްސީއާ ގުޅުން ހުރި ކަމެއް މިއަދު ނިންމި އިރު ހިސާން ބައިވެރިވެވަޑައި ނުގަންނަވާނެ ކަން އިންތި ފާހަގަކުރެއްވި އެވެ. މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ދެ ވަނަ ބައްދަލުވުމުގައި މެމްބަރުންގެ އިއްތިފާގުން ނިންމީ އެ ކޮމިޓީ އަށް ޖޭއެސްސީގެ މެމްބަރުން ހާޒިރު ކުރުމަށެވެ.
އިންތި ވިދާޅުވި ގޮތުގައި ޖޭއެސްސީގެ އިތުރުން ވެސް ދައުލަތުގެ ބައިވަރު މުއައްސަސާތައް ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރުކުރާނެ އެވެ. ބައިވަރު ގާނޫނުތައް ދިރާސާކުރުމާއި އެ ނޫން ވެސް މައްސަލަތައް ކޮމިޓީން ދިރާސާކުރާނެ ކަމަށް ވިދާޅުވި އެވެ.
އެ މަސައްކަތްތަކުގައި، އިންތި ވިދާޅުވި ގޮތުގައި، ހިސާނަށް އުޅުއްވޭނެ އެވެ.
ހިސާންގެ ދިފާއުގައި އިންތި ވާހަކަ ދެއްކެވިއިރު، އާ މަޖިލިހަށް އަލަށް އުފެއްދި ހިއުމަން ރައިޓްސް ކޮމިޓީގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު އިންނެވުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ބައެއް މެމްބަރުން މައްސަލަ ޖެއްސުމުން އޭނާގެ ނަން ވަކި ހިސާބަކުން އަނބުރާ ގެނެސް އެހެން ކޮމިޓީ އަކަށް ލި ކަމަށް ވެ އެވެ. ހުސައިން މުހައްމަދު ލަތީފުގެ އަނބިކަނބަލުންނަކީ އެ ކޮމިޓީ އަށް ޖަވާބުދާރީވާން ޖެހޭ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެމްބަރެކެވެ.
މަޖިލިހުގައި ހިމެނޭ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ހިމެނޭ ގޮތަށް 17 ކޮމިޓީއެއް އުފެއްދިއިރު، ހުރިހާ ކޮމިޓީއެއްގެ އަޣުލަބިއްޔަތު ވެސް ލިބެނީ އެމްޑީޕީ އަށެވެ. އެގޮތުން އެ ޕާޓީ އަށް މަޖިލީހުގެ ދާއިމީ ކޮމިޓީތަކުން 132 ޖާގަ ލިބެ އެވެ. ކޮމިޓީތަކުގެ ސްލޮޓްތަކުގެ އަދަދަކީ 176 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯވަޓް
13 June 2019
މިއީ މި މީހުން އަބަދުވެސް ކަންކުރާ ގޮތް. ވެރިކަމުގަ ނުތިބޭ އިރު ދައްކާ ވާހަކައަކާ ވެރިކަމަށް އާދެވުމުން ކުރާ އަމަލަކާ ދުވަހަކުވެސް ދިމާނުވާނެ. ހިސާނީގެ މައްސަލަ ކޮމިޓީގައި އޮންނަ ދުވަހު އޭނާ ގޭގަ ނިދާލާނީ. ކޮމިޝަނުގެ ފަރާތުން އެތަނަށް ނުގޮސް ކޮމިޓީގެ ފަރާތުންވެސް އެތަނަށް ނުގޮސް. ދެން ޖެހިގެން އަންނަ ދުވަހު އޭނާ މަޖްލިހަށް ވަދެ އެ ލިއެކިއުންތަކެއް ނުބަލާނެ. ކިހާ ހިސާބަކަށްތަ ރައްޔިތުން އިތުބާރުކުރަންވީ؟
ނެގުނުކަތީބު
13 June 2019
ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންގެ ކުރިމައްޗަށް ނިކުމެ ދެއްކި ވާހަތަކާއި ވެރިކަން ލިބުނީމާ ކުރާ ކަންތަކާ ދިމަލެއް ނުވެޔޭ! މުޅި ހުރިހާ ކަމަކަށް ތިޔޮއް ސަވާރުވެވެނީޔޭ. މިނޫން ދުވަހެއް އަންނާނެޔޭ. ހޭވެރިކަން ބަހައްޓަވަހަށޭ.
ގޯނިބެ ކުޑައަލީ
13 June 2019
ވަރައް އުއްމީދުކުރިން މިފަހަރު ޖުޑިޝަރީ މިނިވަންވެ އިންސާފުލިބޭނެކަމަށް، ނަމަވެސް އަނެއްކާވެސް އެހެންބައެއްގެ އަޅުވެތިކަމާ ދިމާލައް މިސްރާބުތިޖެހީ...
އައިމިނާ
13 June 2019
ކޮންމެ ސަރުކާރެއް އަޔަސް އަމިއްލަގާތްތިމާގެމީހުން ސަހްލަންވަސަހުލަން ދާންދެން މަގާމުތައްދީނިންމާފަ ބަލާލާއިރު އާއްމުރައްޔިތަކަށްދޭނެ ވަޒީފާއެއްނޯވޭ މަގުމަތިކުނިކެހުން ކުނިއުކުން ނޫންއެހެންވަޒީފާއެއްނޯވޭ.އިންސާނާގެ ތޮބީއަތްބަދަލެއްނުވާނެތާ. ފުރަތަމަ އިސްކަންދެވޭނީ ގާތްތިމާގެމީހުންނަށް.
އިސްމާލި
13 June 2019
މިއީ އެމްޑީޕީ ގެ މެޖޯރިޓީ އެއްނު. މިހާރު މަސްލަހަތެއް ފުށެއް ނާރާނެ. ނިކަން ދެކިބަލަ އަންނި އަށް ހުކުމް ކުރި ގާޒީގެ މައްސަލަ ޖޭއެސްސީ އަށް ހުށައަޅައި، އެތާ އިނދެ މައްސަލަ ބަލައި، ގާޒީ ސަސްޕެންޑްކޮށް ވަކިކުރަން މަޖިލީހަށް ފޮނުވައި، އެ މައްސަލަ މަޖިލީހުން ބަލައިގަނެ، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓައި، ބަހުސްކޮށް، ވޯޓުލައި، އަދި އަދަބު ވެސް ދޭނެ. އެމްޑީޕީ އަކަށް މިއީ މަސްލަހަތު ފުށުއެރުމަކަށް ނުވާނެ.
Omega 3
13 June 2019
އެއީ ކެނެރީގޭޑިމޮކްރަސީ...ނަސީދު މިކުރާމަސައްކަތަކީ ބަދަލުހިފުން...
ކައުންސެލަރު
13 June 2019
ދެލޯގަމާރުކަމާއެވެ! އަމިއްލައެދުން ބޮޑުކަމާއެވެ! ލަދުހަޔާތްނެތްކަމާއެވެ!
ހުރިހާ ފަންތިއަކާ ޤިންތިއަކަށް
13 June 2019
ބައްލަވާ އަދުލު އިންސާފުގެ ވާހަކަ ދައްކަވާ އިންތީ! ތީ ތަރައްޤީވެފައިވާ ޤަޢުމުތަކުގެ ބެސްޓް ޕްރެކްޓިސްތޯ! ނުވަތަ އެފުރިކާބައްރުގެ ޤަޢުމު ޤައުމުގައި ކަންކުރައްވާ ގޮތްތޯ؟ އަމިއްލަ ނަފްސާ ސުވާލުކޮއްލައްވާ!
ޚަލީލާ
13 June 2019
ހުސް އަމިއްލަ އަންބޮޑި ބޮޑުކުރަން އުޅޭ މީހުން.
ޛސޖއ
13 June 2019
ދެންތިބޭ ކަލޭމެން އިންސާފު ބަލަން ތިފެންނަނިި އަދި މައިކްރޮސްކޯއިން ފެންނަވަރުގެ ކުޑަ އެތިކޮޅުކޮޅު މިބައިމީހުން މިބުނާ އިންސާފް ގާއިމްވީމަ ހަމަ މެދުއިރުމަތީ ގައުތަކަށް ވީހެން ވާތާން ކަލޭމެން ބަލަން ތިބޭ. 138000 މީހުން ހަމަ ގައިމުވެސް މިގައުމު ފަނާކުރުމަށް ވޯޓު ދީފަ އެއޮތީ. ޑެމް ބުނަން އޮތީ ވަﷲ.
ދަވޭއޭ
13 June 2019
ޕެޓިޝަން ކޮމެޓީއަށް ލާށެވެ.