ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (ވ) އާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި (މ) ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ރޭ މަޝްވަރާ ކުރައްވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
17 ޖޫން 2019 - 08:23
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ސަސްޕެންޑް ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ނިންމި ނިންމުމުގައި ގާނޫނީ ބާރު އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައި އެ މައްސަލައިގެ ގޮތެއް ކަނޑައަޅައި ދިނުމަށް އެދި މަޖިލިހުގެ ތަޅުމަށް ރޭ ފޮނުވައިފި އެވެ.
ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޖޭއެސްސީގެ މެމްބަރުން ދެއްކެވި ވާހަކަތަކަށް ބެއްލެވުމަށް ފަހު، އެ ކޮމިޓީގެ މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމާފައި ވަނީ ޖޭއެސްސީގެ ގާނޫނީ އިހްތިސާސްގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރަން ހުރަސް އަޅާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް ކަމަށް ވާއިރު، އެ ޕާޓީ އޮތީ ޖޭއެސްސީ ފަޅީގަ އެވެ. އެހެންވެ، މަޖިލިހުގެ ތަޅުމުން ފާސްވާނެ ކަމަށް ބެލެވެނީ އެމްޑީޕީ ބޭނުންވާ ގޮތަށް އަދި ސުޕްރީމް ކޯޓުގެ ނިންމުންތަކާ ދެކޮޅަށެވެ.
ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން، ޖޭއެސްސީން ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ނިންމާ ނިންމުންތަކަކީ ގާނޫނީ ބާރު ފުރިހަމަ އަށް އޮތް ނިންމުންތަކެކެވެ. އެހެންވެ، އެ ކޮމިޝަނުން ނިންމި ނިންމުންތަކުގައި ގާނޫނީ ބާރު އޮތް ކަމަށް މަޖިލިހުން ކަނޑައަޅަން ޖެހޭ ކަމަށް ބުނެފައި ވެ އެވެ. ރިޕޯޓުގެ މި ބަޔަށް ހަމައެކަނި ދެކޮޅު ހެއްދެވީ ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސައިނެވެ.
ޖުޑިޝަރީ ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރިޕޯޓުގައި ވަނީ ދައުލަތުގެ އެހެން މުއައްސަސާތަކާއި މިނިވަން މުއައްސަސާތަކުގެ ގާނޫނީ އިހްތިސާސްގެ ތެރެއަށް ނުވަނުމަށް ސުޕްރީމް ކޯޓަށް މަޖިލީހުން އިލްތިމާސް ކުރަން ހިމަނައިފަ އެވެ.
ކޮމިޓީގައި ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޖޭއެސްސީ އަށް ސުޕްރީމް ކޯޓުން ނުފޫޒު ފޯރުވަމުންދާ ކަމަށް ކޮމިޝަންގެ ގިނަ މެމްބަރުން ތަކުރާރުކޮށް ފާހަގަކުރެއްވި ކަމަށެވެ. ސުޕްރީމް ކޯޓުގެ އެ އަމަލުގެ ސަބަބުން، ގާނޫނުއަސާސީން ޖޭއެސްސީއާ މަތިކޮށްފައިވާ ޒިންމާ އަށް ހުރަސް އަޅާފައިވާ ކަމަށް ޖީހާން ވިދާޅުވި އެވެ.
ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ، ރާއްޖޭގައި އަދުލު އިންސާފު ނުލިބިގެން އުޅެނީ ސުޕްރީމް ކޯޓުން އެކަމަށް ހުރަސް އަޅާތީ ކަމަށެވެ. ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގެ ބާރު ޖޭއެސްސީ އަށް ލިބޭ އިރު، އެ ބާރަށް އަރައިގަތް ބަޔަކީ އެ ކޯޓު ކަމަށް އޭނާ ވިދާޅުވި އެވެ. ސިރާޖު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގައި ބުނާ ބާރެއް ބޭނުން ކުރުމަކީ ދުސްތޫރާ ހިލާފު ކަމެއް ކަމަށް ކޯޓަށް ނުނިންމޭނެ އެވެ.
ޖުޑިޝަރީ ކޮމިޓީގެ ރޭގެ ބައްދަލުވުން ކުރިއަށް ގެންދަނީ--- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމަލުތަކުން ޖޭއެސްސީގެ ގާނޫނީ ޒިންމާ އަދާކުރަން ހުރަސް އެޅިފައިވާ ކަމަށެވެ. އެކަމަކު، މުއައްސަސާއަކުން ނިންމާފައިވާ ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް މަޖިލިހުން ކަނޑައެޅުމުގެ ބާރެއް ނެތް ކަމަށް ވިދާޅުވެ، އެ ކޮމިޓީ ރިޕޯޓުގެ އެ ބަޔަށް އޭނާ ވަނީ ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި އެވެ.
ޖޭއެސްސީން ޑީޑީ ސަސްޕެންޑްކޮށްފައި ވަނިކޮށް، ސުޕްރީމް ކޯޓުން ވަނީ ސަސްޕެންޝަނަށް އަމަލު ކުރުން ހުއްޓުވައި، އިތުރު ފިޔަަވަޅެއް ނާޅަން އެ ކޮމިޝަނަށާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަމުރުކޮށްފަ އެވެ. އެކަމަކު ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް، ޑީޑީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ބުނެފަ އެވެ. ސުޕްރީމް ކޯޓުގެ އަމުރު ދެމި އޮތުމުން ޑީޑީ މިހާރު ގެންދަވަނީ ރަސްމީ މަސައްކަތަށް ނުކުމެ ވަޑައިގަންނަވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދޫ
17 June 2019
19 ވަނަ މަޖިލިސް ގައިރު ގާނޫނީ ކޮށް އިންތިހާބު ނިމެންދެން 18 ވަނަ މަޖިލިސް ސައްކަ ކުރުމުގެ ބާރު ސްޕްރީމްކޯޓަށް އެބައޮތް. ވީމާ މަޖިލީހުނަ ގާނޫނުއަސާސިއަށް ހުރުމަތްތެރިވެލައްވާ.
އަބްދޫ
17 June 2019
ސްޕްރީމްކޯޓްގެ އަމުރަށް ގޮންޖަހަން މަޖިލީހުން މަސައްކަތް ކުރަންފަށައިފިނަމަ އެވެވެނީ ގާނޫނުއަސާސީއާ ހިލާފު . އެހާ ހިސާބުން 19 ވަނަ މަޖިލިސް ގައިރުގާނީނޮށް އިންތިހާބެއްބާއާ އަލުން މަޖިލިސް އިންތިހާބު ކުރވެންދެން 18 ވަނަ މަޖިލިސް ސައްހަ ކުރުމުގެ ބާރު ސްޕްރީމަކޯތަށް ލިބިގެންވޭ.
ދީމާހު
17 June 2019
މިހާރު އޯކޭ ވާނެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދިޔައަސް. ކަންމަތީ ކުދިންކޮޅު މިހާރު އެތިބީ މަޖިލިސްގައި ހަޅޭލަވާނެ ބަޔަކު ނެތް. ފާޑުކިޔާނެ ނޫހެއްވެސް ނެތް ނޫސްވެރިއެއްވެސް ނެތް
ހިލަރީ
17 June 2019
މިއީ ފިލްމް ޝޯލޭ. ފިލްމު އަދިކިރިޔާ މި ފެށުނީ. އަދި، ފަހު ތަޅާ ލުން ގަނޑު ވެސް އަންނާނެ.
ހަސަނު
17 June 2019
މިކަމުގާ ބައި ޕާޓީޝަން ސްޓޭޓްމަންޓެއް މަޖުލީހުން ނެރެވޭނެ ނަމަ ވަރަށް ރަނގަޅުވީސް.. ހުރިހާ ޕާޓީތަކަކަށް އެއްބަސްވެވެ އިބާރާތުން ސުޕްރީމް ކޯޓަށް އިލްތިމާސްއެއް ކުރެވިދާނެ މަޖުލީހުގެ ވަރަށް ބޮޑު އަޣުލަބިއްޔަތަކުން.. މަށަށް ހީވަނީ ހުރިހާ ޕާޓީއަކުންވެސް ބޭނުންވޭހެން ޖުޑިޝަރީ އިސްލާހުވާން.. އެކަން ކުރާނެ ގޮތަކާމެދު އެއްބަސް ނުވެވިގެންމިއުޅެނީ....
ޖޯޖްވޮޝިންޓަން
17 June 2019
ތިން ބާރު ވަކި ކުރެވިފައި ވަނީ. މަޖުލިހުން ޖުޑިޝަރީއަށް ނުފޫޒް ހިންގައި ކޯޓެއް ހެން ކަންކަމުގައި ހުކުން ކަނޑަނޭޅޭނެ. ގާނޫނީގޮތުން ސައްހަތޯ ނިންމާނީ ކޯޓުން. މަޖުލިހުން ޖުޑިޝަރީއަށް އަރައި ގަތުމަކީ ގޯހެއް. އެކަން ހުއްޓެން އެބަޖެހޭ ގާނޫނު އަސާސީ ނަގަހައްޓަން.
މަޒް
17 June 2019
ސުޕުރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްސަލަ ބަލާ ސަސްޕެންޑް ކުރުމުން އެކަން ބޮލާލާ ޖަހައި ސަސްޕެންޝަަން އުވާލީ ސުޕުރީމް ކޯޓުން.. ދެން މިހެން ވީ އިރު އެ ކޯޓުގައި ތިބި ގާޒީން ކިތައްމެ ބޮޑު ކުށެއް ކުރިޔަސް ހަމަ ގޮސް ނިމޭނީ މިގޮތަށް.. އެހެންވީމާ ކޮންމެވެސް ބަޔަކު އެބަ ޖެހޭ ފާލުން ނެއްޓިފައި ތިބި ފަނޑިޔާރުން ހަމަޔަކަށް އަޅުވަން.. ކޮރަޕްޓް ފަނޑިޔާރުން ހުއްޓުވާ ނޫނީ އެއަށްވުރެ ނުލަފާ ބަޔަކު ފެނުން އެކަށީގެންވޭ
ޤައުމީ ލޭ
17 June 2019
2018 ގަ ހިސާންމެންގެ ވަަހަކަ ހުރި ގޮތް..މައްސަލަ އަކީ ހަމަ އެއް މައްސަލަ އެއް. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސަސްޕެންޑް ކުރީ ގާނޫނުތަކާ ޚިލާފަށް ކަމަށާއި ވަކި ތަނަކުން މައްސަލަ ބަލާތީ ކަމަށް ބުނެ، ފަނޑިޔާރަކު ސަސްޕެންޑް ކުރުމުގެ ބާރު ގާނޫނުތަކުން ޖޭއެސްސީ އަށް ލިބިދީފައި ނުވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
ޤައުމީ ލޭ
17 June 2019
2018 ގަ ޖޭ.އެސް.ސީ އިން ފަނޑިޔާރު އަބްދުﷲ ސައީދު ސްސްޕެނޑް ކުރުމުން ހިސާންމެނގެ ވަަހަކަ ހުރި ގޮތް.. "އެ ބޭފުޅުން [ޖޭއެސްސީން] އަމަލުކުރަން ޖެހޭ، ތަބާވާން ޖެހޭ އިޖުރާއަތުތަކެއް ގާނޫނުތަކުގައި ބަޔާން ކޮށްފައި އެބަވޭ. މިގޮތުން އެންމެ އަސާސީ އެއް ސިފައެއްގެ ގޮތުގައި މި އޮންނަނީ އެ މައްސަލައެއް ތުހުމަތުވާ ފަރާތާ ސުވާލު ކުރެވި އޭނާގެ ބަހެއް ހޯދުމަށް ފަހު ނޫނީ އިދާރީ ފިޔަވަޅެއް ވެސް ފަނޑިޔާރަކާ މެދު ނޭޅޭނެ ކަމަށް،" ހިސާން ވިދާޅުވި އެވެ.
ލަންބެ
17 June 2019
މިކަން މިކުރަނީވެސް ގާނޫނީ ވަކީލުންނޯ، މިއީ ރާއްޖޭގެ ދިމާވެގެން މިއުޅޭ މައްސަލައަކީ، ލިޔެވިފައި ހުރި ގާނޫނުތަކާއި، ގަވާއިދުތަކަށް ތިމާމެން ބާރުއޮތީމަ ޢަމަލުކުރަން ނުޖެހެނީ، ކޮން ގާނޫނަކުންތޯ، ސްޕްރީމް ކޯޓް ރަނގަޅެކޭ ނުބުނަން، އެކަމަކު ޖޭ.އެސް.ސީ ތިކުރީ ވިޔާނުދަކަމެއް، ތިކަން އިޖުރާއަތުތައް ފުރިހަމަކޮށްލާފައި ކުރިނަމަ، ދެކޮޅަށް ދެއްކޭނެ ވާހަކައެއް ނެތް، އެކަމަކު އެކަން ނުކޮށް، ތިގޮތަށް ކުރުމީ ކައްޗަށް އަޅާ ބިންގަލެއް،
ދޫވެހި
17 June 2019
ކުއްލި ނުރައްކަލުގެ ޙާލަތު އަތުވެއްޖެ ސްޕްރީމް ކޯޓު ވަނީ ފާލުންނެއްޓި ޖީ ޕީ އެސް އަށް ގެންލިފައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް ސްޕްރީމް ކޯޓު ޤާނޫނީ އިމުގެ ތެރެޔަށް ގެންނަށް އެބަޖެހޭ.