ސުޕްރީމް ކޯޓުގެ ފަނޑިޔާރުން. (ކ-ވ) އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، ފަނޑިޔާރު އަބްދުﷲ އަރީފް، ފަނޑިޔާރު އާދަމް މުހައްމަދު، ފަނޑިޔާރު އަބްދުﷲ ދީދީ، ފަނޑިޔާރު އަބްދުލްޣަނީ. --- ފޮޓޯ: މިހާރު
17 ޖުލައި 2019 - 11:53
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރުމުން އަހަރަކު 7.9 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހުމަކީ ވިސްނާލަން ޖެހޭ ކަމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް، ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ކުރިއެކޭ އެއްގޮތަށް ހަތަކަށް އިތުރުކުރަން ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލް ފާސްކުރަން ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމައިފަ އެވެ. ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ ފަސް ފަނޑިޔާރުންނެވެ.
ޖުޑިޝަރީ ކޮމިޓީން މަޖިލިހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓަށް ބަހުސް ކުރައްވަމުން ހަސަން ވިދާޅުވީ ބިލް ކޮމިޓީން ދިރާސާ ކުރި އިރު، ބެލި އެއް ކަމަކީ ދެ ފަނޑިޔާރުން އިތުރު ކުރީމަ، ބަޖެޓަށް އަންނަ ބުރައަކީ ކޮބައިތޯ ކަމަށެވެ. އަދި އެކަމުގެ ތަފްސީލް ފިނޭންސް މިނިސްޓްރީން ކޮމިޓީއާ ހިއްސާކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ހަސަން ވިދާޅުވީ ދެ ފަނޑިޔާރުން އިތުރު ކުރީމާ، އަހަރަކު 7.9 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އެންގުމުން އެކަމާ ވިސްނާލަން ޖެހޭ ކަމަށެވެ. އަދި އެ ހަރަދުތައް ކުޑަކުރެވޭނެ ގޮތެއް ހޯދަން ފިނޭންސް މިނިސްޓްރީގެ ކިބައިން އޭނާ އެދިވަޑައިގަތެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ކޮމިޓީއެއްގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މިހާރު
"ފަނޑިޔާރުންނަކީ އެބޭފުޅުންގެ ޝަރަފާއި އިއްޒަތް ހިމާޔަތް ކުރެވިފައި ތިބި ބޭފުޅުން ކަން. އެބޭފުޅުންނަށް ލިބެން ޖެހޭ އިނާޔަތްތައް ވެސް ލިބެން ޖެހޭނެ،" ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު، ފަހަކުން ހަތަކަށް ބަދަލުކުރަން ތާއީދު ކުރައްވާ ކަން ހާމަކުރައްވައި ހަސަން ވިދާޅުވި އެވެ.
"އެއްގޮތަކަށް ވެސް ނުދަންނަވަން ފަނޑިޔާރުންގެ އިނާޔަތްތައް ކަނޑާލަން. އެބޭފުޅުންގެ ގަދަރާއި ޝަރަފާއި އިއްޒަތް އުނިކުރާކަށް. އެހެން ނަމަވެސް، މި ދެންނެވި އަދަދުގެ ފައިސާ ދައުލަތުގެ ބަޖެޓުން ކުރާ އިރު، އެއަށް ވުރެ ލުއި ގޮތެއް ހޯދަން ވާނެ."
މަޖިލިހުން ފާސްކުރި ފަނޑިޔާރުންގެ މުސާރަ އަށް ބަލާ އިރު، އުއްތަމަ ފަނޑިޔާރަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 73،125ރ. ލިބިވަޑައިގަންނަވާނެ އެވެ. ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނަށް ލިބިވަޑައިގެންނަވާނީ މުސާރަ އާއި އިނާޔަތާ އެކު 71،000ރ. އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މަހެއްގެ މައްޗަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވެ އެވެ.
ސުޕްރީމް ކޯޓުގެ ބެންޗު ހަތަކަށް ބަދަލުކުރާ ނަމަ، އެ ހުރިހާ ބޭފުޅުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މަހެއްގެ މައްޗަށް ފަސް ލައްކައެއްހާ ރުފިޔާ ހަރަދު ވާނެ އެވެ.
ސުޕްރީމް ކޯޓުގެ ބެންޗް ހަތަކަށް ބަދަލުކުރަން އިސްލާހު ހުށަހެޅި ސަބަބެއް ކަމަށް ބިލުގައި ބުނެފައި ވަނީ ދާއިމީ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް 2014 ގައި ސިޔާސީ މަގްސަދެއްގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ދެ ފަނޑިޔާރު ވަކިކޮށްފައިވާތީ ކުރިން އޮތް ގޮތަށް ބަދަލުކުރުމެވެ.
ރާއްޖޭގައި 2010 ގައި ދާއިމީ ސުޕްރީމް ކޯޓު ހެދި އިރު ބެންޗުގައި ތިއްބެވީ ހަތް ފަނޑިޔާރުންނެވެ. އެކަމަކު 2014 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުށަހަޅައިގެން ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކުރީ އެވެ. އޭރު އެގޮތަށް ބަދަލުކުރީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ފާއިޒްގެ މަގާމު ގެއްލުވައިލަން ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީދުކަޅުބެ
17 July 2019
ޙަސަން އެވިދާޅުވަނީ، ނުސީދާކޮށް ވަކިކުރި 2 ފަނޑިޔާރުންނަށް މަޤާމު ދިނީމަ، ބަޖެޓަށް ލުއިވާނެވާހަކައެވެ. ފަނޑިޔާރުންގެ މުސާރައާއި އިނާޔަތް ކުޑަނުކޮށް އެކަން ކުރެވޭނީ އޭރުންނެވެ. ވަކިކުރި 2 ފަނޑިޔާރުން މަޤާމުގައި ތިއްބެވިއިރުވެސް ލިބުނު މުސާރައާއި އިނާޔަތް މިހާރުވެސް ލިބެއެވެ.
އެމްސް
17 July 2019
ފަނޑިޔާރުންގެ މުސާރައާއި ޢިނާޔަތްތައްވެސް އަދި މަޖިލިސް މެމްބަރުންގެ ޚަރަދުތައްވެސް ހުންނަންވީ ފަޤީރު ޤައުމެއްގަ އެކަންކަން އޮންނަންވީ މިންގަޑުގަ! ވަކިން ޚާއްސަކޮށް މަޖިލިހުގަ އެބަތިބި ހަމައެކަނި އަސާސީތަޢުލީމު ފެންވަރު ހުރި މެމްބަރުންވެސް! ޤާނޫނުހަދާ މަޖިލިހެއްގަ ވިއްޔާ ތިބެންވާނީ ޒަމާނަށްފެތޭވަރުގެ ތަޢުލީމެއްގެވެސް ވެރިބަޔަކު!
ހަނދާން ބަލި ދިވެއްސެއް
17 July 2019
މަޖްލީސްގެ ރައީސް ދެމުސާރަ ނެންގެވިޔަސް ހެޔޮ ދޯ އެވެ. ކުރީގެ ރައީސްގެ މުސާރައާއި އިނާޔަތަށް އެކަނި ނަޤުދު ފައިސާ ވެސް /160000ރުފިޔާ މަޖްލީހުގެ ރައީސް ކަމަށް އަނެއް /100،000ރުފިޔާ ބައިތުލް މާލުން އޭނާ ނެންގެވިޔަސް ހެޔޮ ދޯއެވެ؟ އަދި ކޮބާ އެހެނި ހެން އިނާޔަތު ތަށް އަނބި ދަރިންނާއެކު
އެމްސް
17 July 2019
ތަޢުލީމީގޮތުން ސެކްރެޓަރީއެއްގެ ފެންވަރު ނެތް މެމްބަރުންވެސް މަޖިލިސްގަ އެބަތިބި، އެކަމަކު ހަމަ ޕޯސްޓްގްރެޖުއޭޓް އެއް އޮތްމީހެކޭ ހަމަ އެއް މުސާރައެއްގަ!
ބޭރު
17 July 2019
ޔާމީނު ފުރަތަމަ ވަކުކުރި ދެ ފަޑިޔާރުންވެސް ވަކިކޮށްފައިވަނީ މުސާރައާ އިނާޔަތްތައް ލިބޭ ގޮތަށެވެ. ވީމާ، އެދެމީހުން ތިޔަތަނަށް ލާށެވެ. އަދި މަޖިލީހުން ފަޑިޔާރެއް ވަކި ކުރާނަމަ އެއްވެސް އިނާޔަތެއް ދޭން ނުޖެހޭގޮތަށް ގާނޫނައި ގަވާއިދުތަކަށް އިސްލާހު ގެންނާށެވެ.
އެމްސް
17 July 2019
އަސްތާ! ދައުލަތުގެ ފައިސާއަކީ އެ އިރެއްގަ އެ ހުންނަ ރައީސަކަށް ބޭނުން ގޮތެއް ހެދެން އޮންނަ އެއްޗަކީބާ؟
އަޑަފި
17 July 2019
ސިޔާސީ މަޤްސަދަކަށް ގެނައިބަދަލު ކުރިން އޮތްގޮތައް ހަދާނަމަ، ވަކި ކުރި ދެ ފަނޑިޔާރުންނަށް މަޤާމް ލިބެންވާނެތާ، އެކަމަކު އެހެންބަޔަކު ފަނޑިޔާރުކަމަށް ލައިފިނަމަ، އެއީ ކުރިން ސިޔާސީ މަޤްސަދަކަށް މި ސަރުކާރުން ގެނައި ބަދަލަކަށްވާނެއެވެ.
މުސާރަ
17 July 2019
މުސާރަ ކުޑަކުރަން ވީނު
އެމްސް
17 July 2019
ހަމަ ކުޑަކުރަންވީ، މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންގެ މުސާރަތައްވެސް!
ގަޑިގިއްލާ
17 July 2019
ދައްކާ ހަޑި ވާހަކަ! އެމީގެއްގެ ފޫކޮޅުގައި ހުރި ގުއި އެމީހަކަށް ނުފެންނާނެއޭ ބުނަނީ ހަމަ ރަގަޅަށް ތާއެވެ؟
މުހައްމަދު25
17 July 2019
މިހާރުވެސް ތިތިބި 5 މީހުންނައް ހަރަދުކުރާވަރު މަދެއްނޫ.. އެކަމް ވާއެއްކަމެއްވެސްނެެއް
ބަބުރަންޖީ ހާޖީ
17 July 2019
އިތުރު ވަޒީފާއެއް އުފެދުނީމާ ރަނގަޅުތާ.
އަނގަ ފޫޅު
17 July 2019
މަޖްލީސްގެ 87 މެމްބަރުން، މެމްބަރަކަށް މަހަކު /82،000 ރުފިޔާގެ މުސާރަ ދީފައި ފަރިއްކުޅުވުން ދީފައި ވީއައިޕީ ދީފައި ލެޕްޓޮޕް ދީފައި އާސިޔާން ޤައުމު ތަކުން އާއިލާ އަށް ބޭސް ފަރުވާ ދީފައި ތިބޭ ތަނެއް ނުފެނޭތޯ އެވެ؟ އެއްވެސް ޒިންމާ އެއް ނަގަން ނުޖެހޭ ބައެކެވެ.އެއްވެސް ކޮލިފިކޭޝަނެއް އޮންނަން ޖެހޭ ބައެއް ނޫނެވެ
އެމްސް
17 July 2019
އެންމެދަށް ތަޢުލީމަކާއި އެކު އެންމެބޮޑު މުސާރައެއް ލިބޭނީ ހަމައެކަނި ދިވެހިރާއްޖޭގެ ރަޢިއްޔަތުންގެ މަޖިލިހުން!