ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ ހުސެއިން ފިޔާޒާއި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު އަހުމަދު ފަޔާޒް.
29 ޖުލައި 2019 - 10:10
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު އަހުމަދު ފަޔާޒް ހަސަނާއި ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ ކުރިމަތިލައްވައިފި އެވެ. އެ ކޮމިޝަނަށް އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްކަން ދެއްވާ ލިސްޓުގައި ވެސް ފަޔާޒާއި ފިޔާޒް ވެސް ހިމެނެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރުގެ މަގާމުގެ މުއްދަތު މިދިޔަ ހޯމަ ދުވަހު ވަނީ ހަމަވެފަ އެވެ. އެހެންވެ، އިންފޮމޭޝަން ކޮމިޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވައިލުމާ ގުޅިގެން އެ މަގާމަށް ނުވަ ބޭފުޅަކު ކުރިމަތިލެއްވި އެވެ.
އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލެއްވި ނުވަ ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި އިރު، ރައީސް އިސްކަން ދެއްވި ބޭފުޅުންގެ ތެރޭގައި ހަތަރު ބޭފުޅަކު ހިމެނެ އެވެ. ހަތަރު ބޭފުޅަކަށް ރައީސް ތާއީދު ކުރެއްވި ނަމަވެސް އިންފޮމޭޝަނަރު ކަމަށް މަޖިލިހުން ކަނޑައަޅަން ޖެހޭނީ އެންމެ ބޭފުޅެކެވެ.
1- ހުސެއިން ފިޔާޒް މޫސާ، އަތަމާގެ ތ. ވިލުފުށި
2- އަހުމަދު ފަޔާޒް ހަސަން، މ. ހަޒާރީވިލާ
3- އަހުމަދު އާހިދު ރަޝީދު، ހ. ގުރުވަ
4- ފާތުމަތު ސައުޝަން، މ. ވެންކޫވަ
ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅުގައި ވަނީ އިންފޮމޭޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެކަކު ކަނޑައަޅައި ދިނުމަށް އެދިވަޑައިގެންފަ އެވެ. އެ ސިޓީފުޅާ ގުޅިގެން އެ ނަންތައް ދިރާސާ ކުރަން މަޖިލިހުގެ ރިޔާސަތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފަޔާޒަކީ މިހާރު ވިލާ ކޮލެޖްގެ ޑެޕިއުޓީ ވައިސް ރެކްޓަ އެވެ. އޭނާ ވަނީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ކުރައްވައިފަ އެވެ.
ފިޔާޒް ވަނީ ރާއްޖެ ޓީވީގެ ސީއޯއޯ ކަން ތިން އަހަރަށް ވުރެ ގިނަ ދުވަހު ކުރައްވައިފަ އެވެ. ދުވަހު ނޫސް "ހަވީރު" ގައި ވެސް މަސައްކަތް ކުރެއްވި ފިޔާޒް ވަނީ ނޫސްވެރިކަމުގައި 18 އަހަރު ހޭދަކުރައްވައިފަ އެވެ. އޭނާގެ ނޫސްވެރިކަމުގެ ހަޔާން ފެއްޓެވީ ކުރީގެ އާފަތިސް ނޫހުންނެވެ.
އިންފޮމޭޝަން ކޮމިޝަނަރަކީ މީގެ ފަސް އަހަރު ކުރިން ފާސްކުރި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަގާމެކެވެ. އިންފޮމޭޝަން ކޮމިޝަރުގެ އޮފީހަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުފެއްދި އޮފީހެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮބުރީ
30 July 2019
މިނޫން ބަޔަކު މިދިވެހި އުޑުދަށުގަ ނެތީތަ އަޅެފަހެ...
ދޮންމަނިކެ
30 July 2019
އެކްޓިވިސްޓުންލައިގެން ރައްޔިތުންގެ އިތުބާރާއި ސާދާ ސީދާ ކަމެއް ގެނުވޭނެކަމަކަށް ނުދެކެން .. އެއަށްވުރެ ހިތްތަކުގެ ރައީސް ހިކްމަތްތެރިވާނެ
އަށްޑޫ ކަތީބު
29 July 2019
ކިތަންމެ ކިޔަވައިގެން ތިބި ބަޔަކު ކުރިމަތިލިޔަސް ޕާޓީގެ ހާދުކޯ އެކްޓިވިސްޓުން ތިއްބަ މި ވެރިކަމުގަ އެހެންބަޔަކަށް ކުރިޔެއް ނުލިބޭނެ.
ވަރަށްސަޅި
29 July 2019
އާހިދު ހޮއްވަވާދެއްވާ. ޤާބިލް ބޭފުޅެއް އަދި ރައިޓް ޓު އިންފޮމޭޝަނަށް ވަކާލާތުކުރައްވާ ތަޖުރިބާހުރި ބޭފުޅެއް.
އެނގޭ
29 July 2019
ފަޔާޒަކީ އެމްޑީޕީޔަށް މަރުދޭ މީހެކެވެ. ފިޔާޒަކީ އެމްޑީޕީގެހާޑްކޯ އެކްޓިވިސްޓެކެވެ. ދެމީހުންނަށްވެސް މަރުހަބާ އެވެ. މުއައްސަސާއެއް މިނިވަންވާނީ ތިވަރަށެވެ. ،
ކިޔުންތެރި
29 July 2019
ފަޔާޒު އެންމެ އެކަށީގެންވަނީ ވޯޓް އެބޭފުޅާއަށް
ާބޮޑުމީހާ
29 July 2019
މީތަ އަހަރުމެން ގެނައި ހެޔޮ ބަދަލަކީ. ދެން ސްޕްރީމް ކޯޓަށް ސުއޫދު، ހިސާން، ހަސީނު އައްޔަންކުރީމަ ހުންނާނީ ނަޒާހަތްތެރިވެފަ. ވޯޓް ދެވުނީތީ ހިތާމަކުރަން
މަރޭ
29 July 2019
ފިޔާޒު ހޮވާ ގޮތަށް އޮތީ ހަމަޖައްސާ ނިމިފަ ތިޔަ މަގާމަށް ދެން އަތްޖަހާ ވ މިނިވަންވާނެ މުގުރިހަކުލައަށް ގޮސްހުސްވެފަހުންނަ މީހެއް އެެީ
ހަރާނު
29 July 2019
މިރާއްޖޭގަނެތީތަ ތައުލީމީ ޒުވާނުން ތަޖުރިބާހުރި ބޭފުޅުން. ނޫން އިނގޭތޯ އެބަތިބި. އެކަމަކު އެމީހުންނަށް ފުރުސަތު ނުދޭތަން މިފެންނަނީ. ދެން ކިހިނެއް ގަބޫލް ކުރަނީ މީބއިންސާފުވެރި ރައްޔިތުންގެ ހައްގު ކަށަވަރު ކުރެވޭނެ ސަރުކާރެއް ކަމަށް.
ސައީދު1
29 July 2019
ހެއްހެއް
ފިލި
29 July 2019
އެންމެ ފިއްޔެއްގެ ތަފާތެއްނު! އެހެންވީމަ ކޮންމެ މީހަކު ހޮވުނަސް ރަނގަޅުވާނެ!