ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ (ވ) އަދި ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް. ---
29 ޖުލައި 2019 - 14:45
މިދިޔަ ފަސް އަހަރު މަސްވެރިންނަށް އެދެވޭ ނަތީޖާއެއް ނުލިބުނީ ކުރީގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ގޮތް ދޫ ނުކުރެއްވުމުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ޝައިނީ އަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި "ކަންނެލި ޖަގަހަތައް" ގާއިމުކުރަން ގޮވާލައި މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) މަޖިލިހަށް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ތޯރިގް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުން ލިބޭ ނަފާ އިން ލައްކައެއްހާ މީހުން ދިރިއުޅެމުން އަންނައިރު، މަސްވެރިކަން ކުރުމަށް 15،000-25،000 ދިވެހިން އެކި ކަންކޮޅުތަކުން ނުކުންނަ ކަމަށެވެ.
ސަރުކާރުތަކުން ސިޔާސީ ބޭނުމެއްގައި މަސްވެރިން ވާ ވެއްދުމުގެ ބަދަލުގައި ރަނގަޅު ނިޔަތެއްގައި މަސައްކަތްތަކެއް ކުރާ ނަމަ، އޭގެ ނަތީޖާ ފެންނާނެ ކަމަށް ތޯރިގް ވިދާޅުވި އެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ލޭނުގެ މަސްވެރިކަމަށް ދޫކޮށްފައިވާ ހުއްދަތައް ހުއްޓާލާފައި ވާތީ އެކަމާ އުފާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ މީހުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށް ވެފައި އޮތީ މަސް ގަނެ، އެކްސްޕޯޓްކުރާ ފަރާތްތަކުން އޭރުގައި ހުރި ފިޝަރީޒް މިނިސްޓަރާ ގުޅުން އޮތް ކުންފުނިތަކުން މަސް އެކްސްޕޯޓް ކުރުމާއި ބޯޓުތަކުން ލޭނު އަޅައި ލޭނު އަޅާ ބޯޓުތަކުގެ މަސްތައް ހަމައެކަނި އެ ކުންފުނިތަކަށް ކިރުމުގެ ނަތީޖާއަކަށް ވަނީ އާންމު މަސްވެރިން ތިބެން ޖެހެނީ ކިއޫގައި. ދެ ދުވަސް، ތިން ދުވަސް ވަންދެން،" ޝައިނީ މިނިސްޓަރަކަށް ހުންނެވި އިރު ވެސް ހިތްހަމަނުޖެހުން ފާޅުކުރެއްވި ތޯރިގް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސަރުކާރުން ފާއިތުވެދިޔަ ފަސް އަހަރު، އަޅުގަނޑުމެން މަސްވެރިންގެ ހައްގުގައި ކުރި މަސައްކަތްތަކަށް އެދެވޭ ނަތީޖާއެއް ނުލިބުމުގައި އޭރުގެ ގޮތް ދޫ ނުކުރާ މިނިސްޓަރެއް ހުރުން އެއީ އަޅުގަނޑުމެންނަށް ފެނިގެން ދިޔަ ކަންތައްތައް،"
މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނަށް ހުރި ދަތިތައް ހައްލު ނުވުމުގެ ޒިންމާ ޝައިނީ ނަންގަވަން ޖެހޭނެ ކަމަށާއި ބޮޑު ކަންނެލި އެކްސްޕޯޓް ކުރާ ފަރާތްތަކާއި މިނިސްޓަރާ ދެމެދު "ޖާއިޒު ނޫން" ގުޅުންތަކެއް އޮންނަ ކަމަށް ވަރަށް ގިނަ މަސްވެރިން ދެކޭ ކަމަށް ތޯރިގް ކުރިން ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވި ގޮތުގައި މިފްކޯ އަޑި އަޅާލައިގެން ދިޔަ އިރު، އެ ކުންފުންޏަކީ ބޮޑު ކޮރަޕްޝަނެއްގެ ތެރެއިން އުފަންވެގެން ދިޔަ ކުންފުންޏެކެވެ. އަދި މިހާރު ބެލި ކަމުގައިވިޔަސް، މިފްކޯގެ ދަރަނި 500 މިލިއަން ރުފިޔާ އަށް ވުރެ ބޮޑުވާނެ ކަމަށް ވެސް ތޯރިގް ތުހުމަތު ކުރެއްވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގއ. ކޫއްޑޫ އާއި ޅ. ފެލިވަރުގައި ހުންނަ މަސް ފެކްޓަރީތައް ތަރައްގީކުރުމަށް އެތައް ފައިސާއެއް ހަރަދު ކުރަން ޖެހުނު ކަމަށާއި މިފްކޯ ވެފައި އޮތީ ދައުލަތުން ހަރަދު ކުރަން ޖެހޭ ކުންފުންޏެއްގެ ގޮތުގައި ކަމަށް ތޯރިގް ވިދާޅުވި އެވެ.
އެމްޑީޕީން ހުށަހެޅި ގަރާރުތަކަށް ފާޑު ވިދާޅުވެ ތޯރިގް ވަނީ މަޖިލިހުން ފެންނަނީ މިހާރު އޮތް ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ތަން ކަމަށް ވިދާޅުވެފަ އެވެ. ހާއްސަކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފުރިހަމަ ނުކުރެއްވޭނެ ވައުދުތައް މަޖިލިހަށް ގަރާރުތަކެއްގެ ގޮތުގައި ހުށަހަޅުއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންނަށް ނުވާ ވަރުގެ ކަންކަން ރައީސް ވައުދުފުޅުވީ ކަމުގައި ގަބޫލުކުރުވައި މިއަދުގެ ރައީސަކީ އެއްވެސް ކަމެއް ނުކުރެވޭ ރައީސެއްގެ ގޮތުގައި ސިފަ ކުރުމަށް މަޖިލިހުގެ މެމްބަރުންތަކެއް ފާޅުގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ ތަން ފެންނަނީ،" ތޯރިގް ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވި ގޮތުގައި މިހާ ވަރުން ދާ ނަމަ، ކުރިއަށް އޮތް ދެ އަހަރެއް ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަލާމަތަށް ނުކުންނަވާނީ އެމްޑީޕީ ބައެއް މެމްބަރުންނާއި އިދިކޮޅު ފަރާތްތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓޮމްކަލޯ
30 July 2019
ޓޮމްކަލޯގެ މަޤްޞަދު ވަރަށް ރަނގަޅަށް އެނގި ހާމަވެއްޖެ. އެމް.ޑީ.ޕީ ފޮތިފޮތި ކުރަން އުޅޭނޭ ކަމެއްނެތް ޕީޕީ ފޮތިފޮތިވެގެން ދިޔަހެން. އިބޫ އަކީ އެމް.ޑީޕީ މެމްބަރެއް. އިބޫ ވާ ވައްދައިގެން ޑްރާމާ ކުޅެން މަސައްކަތް ނުކޮށް ޔާމީނާއި ޔާމީނުގެ ޓީމަށް ބޭހެއް ދެވޭތޯ އުޅޭ....
ސީސީސީ
30 July 2019
ތިވާހަކަދައްކަންވީ ދުވަސް ފާއިތުވެއްޖެ ؟
އައްޓަމަސް
29 July 2019
ތޯރިގުމެންނާއިހެދި ދިވެހި ފުޓުބޯޅަހަލާކުވީ، އެފްއޭއެމްއަށް ވަދެހަލާކުކުރީ ތޯރިގުމެން
ބޯޅަ
30 July 2019
ވާނުވާ ނޭގިކޮމެންޓް ނުކޮއްބަލަ ހެޔޮނުވާނެ.
އަސްތާ
29 July 2019
މިދިޔަ 5،6 އަހަރުކުރެވުނުކަމެއް ނެއް މިމީހުންނަށް، ދެން މިކުރާކަމަކީ ފިތުއުފެއްދުމާ ދޭތެރެޖެއްސޭތޯބެލުން. ސޮރީ ޓޮމް ނައު ޓޫލޭޓް
މުހައްމަދތ
29 July 2019
ބަލަ 5 އަހަރުތެރޭ އިންވެސްޓް ނުކުރެވެންޏާ ރަށްތައް ނަގައިގެން އާއިލާ ހަރުމުދަލަށް ހަދައިގެން ނުތިބޭނީދޯ. ޝައިނީ ކުރިކަމަކީ އެންމެންނަށް ވެސް އެން އުސޫލުން ރަށްތަށް ލިބޭ ގޮތް ހެދީ. ހުޅުވިފައިވާ ގޮތެއްގައި ކޮންމެ މީހަކަށްވެސް ވަރުވާއަށް ބިޑް ކުރެވޭގޮތް ހެދީ. މުއްސަނދި ހާންދާނުތަކުން ކަމެއް ނުކޮށް ހުރި ރައްތައް ނެގީ
އަލީގ
29 July 2019
ތޯރިގުތިބުނާ ޝައިނީއެއްތައޭރު ރައީސްކަމައް ހުރީ. އޭރު ރައީސްއަކައް ހުރިމީހަކު ޝައިނީއައް ބާރުތަކެއްދިނީމަތާ އޭނައައް ކަމެއްކުރެވޭނީ. އަދި ގޯސްކޮއްކުރާނަމަ މަގާމުން ވަކިވެސް ކުރެވޭނެދޯ.
ހިބަޅިދޫ
29 July 2019
ދަނޑުވެރި ކަން ކަމަށް ފަޅުރަށެއް ޝައިނީ ކުއްޔަށް ދިނީ "ތެޔޮވަޅެއް" ކުއްޔަށްދޭ އަގަށެވެ. އޭނާ ހީކުރީ ދަނޑު ވެރިކަން ކުރާށޭ ކިޔާގެން ފަޅު ރަށެއް ނަގަން އުޅެނީ "ތެޔޮ ނަގަން" ކަމަށެވެ. ނިކަން ބަލާބަލާށެވެ. ކުރިން މީހުން ވަރުވާ އަށް ނަގާގެން ވެސް ނުބެލެގެއްޓިގެން ދޫކޮށްލި ފަޅުރަށެއް ޝައިނީ ކުއްޔަށް ދެނީ 5 އަހަރު ތެރޭ 10މިލިޔަން ރުފިޔާ ޚަރަދު ކުރުން ޝަރުތު ކޮށް ފައެވެ.
ތެޔޮނަގާ
29 July 2019
އަދި ކޮބާ 5 އަހަރުގެ ކުލީގެ މިންވަރަށް އެކްއީޒިޝަން ފީއޭ ކިޔާފައި އެތަށް ބައިވަރު ލާރިއެއް ނަގާފައި 10 ހެކްޓަރ ( ވިލުނގިލީ ވަރު) ރަށަކަށް އަހަރަޖު /250،000 ރުފިޔާގެ ފީ ވެސް ދައްކަން ޖެހެއެވެ. އެކަމަކު ލީޒް މުއްދަތަކީ 21 އަހަރެވެ.ރުކެއް ހައްދަން ވެސް 5އަހަރު ބޭނުން ވެއެވެ. މި ވިޔަފާރި ވޯތް ތޯއެވެ؟
ތަންދޮރު
29 July 2019
ދޫނިދޫ ވަރުގެ ގަޅުރަށެއް 21 އަހަރަށް ދަނޑުވެރިކަން އެކަނި ކުރުން ޝަތުތު ކޮށް އަހަރަކު 200،000 ރުފިޔާ ގެ ވަރުވާކަށް އަދި ސީއެސްއާރުގެ ދަށުން އެތަށް ކަމެއް ކުރުން ޝަރިތުކޮށް ފައި ދަނޑުވެރި ކަމަށް ކުށްޔަށް ދިން އިރު ދަނޑުވެރި ކަމަކީ އެއްމެ ރިސްކް ބޮޑު އެއްމެ ފައިދާ ކުޑަ މަސައްކަތް ކަން ޝައިނީ އަށް ނޭގުނީތީ ކޮސް ވަމެވެ. އެކަމަކު ދަނޑުވެރިކަމަކީ އިޤްތިސާދަށް ކިހާ ބޭނުންތެރި އެއްޗެއް ތޯއެވެ
ފޫހި މީހެއް
29 July 2019
ޝައިނީ އަކީ ސުމެއްގެ މީހެއް..
ޖަވު
29 July 2019
ކުރިން އަހަރެމެން ކުރި ހިތިތަޖުރިބާ އަލީގައި ސަރުކާރުން ރައޔިތުންނާ ގުޅުންހުރި ކަންކަން ކުރަނީ ގާނޫނީ ބާރުވެރިކަން އެކަމަކައްދީގެން. މިސާލަކައް ދަތުރުފަތުރުގެ ނިޒާމު އަހަރެމެން އައް ގެއްލުނީ އެއީ އެއްބަސް ވުންތަކަކާ އެކު ސަރުކާރުން ކުރީމަ. ސަރުކާރު ބަދަލުވިޔަސް ހުއްޓުވާނުލެވޭނެ ގާނޫނީ ބާރެއް އޭރުގަ ދަތުރުފަތުރުގެ ނިޒާމައް ނުލިބުނީ މަޖިލިހުގެ އަގުލަބިއްޔަތު އިދިކޮޅުގަ އޮތީމަ. ޓޮމް މެން ކުރީގެ 5އަހަރު މަޖިލިހުގަ އުޅުނުގޮތާ ވަރައްތަފާތުވާނެ މިހާރު
އަހުމަދުބޭ
29 July 2019
މިހެންގޮސް އެންމެން އެއްބަސްވާނެ މިއަދުގެ ސަރުކާރުން ކަންކަން ކުރަމުން ދަނީ ރަގަނޅަށްކަން، އަދި ވަގުތު ނަގައިނެ، އިރާދަ ކުރެއްވިއްޔާ ތިޔަކުރާ ކަންކަމުގެ ނަތީޖައި ދާއިމަށް ފެނިގެން ދާނެއެވެ.
ޑަރޯ
29 July 2019
އާޓިކަލްއާ ބެހޭ މާ ބޮޑު މައުލޫމާތެއް ލިބިފައި ނުވާ މީހަކަށް މިއާޓިކަލއ ކިޔާލުމުން ވާ ނުވާ ނޭނގުނު. މިކޮމެންޓް ހިއްސާ ކުރާނެ ކަމަށއ ހީކުރަން