04 އޯގަސްޓް 2019 - 11:46
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓަގަަކަށް ރާއްޖެ އިން ސިއްރުން ފުރާވަޑައިގެން ދިއުމަކީ އެހާ ފަސޭހައިން ކުރެވިދާނެ ކަމެއް ހެއްޔެވެ؟ މިއީ ވަރަށް ގިނަ ބަޔަކު ކުރާ ސުވާލެކެވެ. މާލޭ ބަނދަރުގައި އޮތް ޓަގަކަށް އަރައިގެން، ނުވަތަ ކަނޑުމަތިން އޭތި ހުއްޓުވައިގެން، ނުވަތަ އެޖެންޓަށް ނޭނގި، ނުވަތަ އޭގެ ކެޕްޓަނަށް ނަމަވެސް ނޭނގި މީހަކަށް ރާއްޖެ އިން ފިލިދާނެ ހެއްޔެވެ؟ ކަމާ ބެހޭ އިދާރާތަކަށް މިކަން ނޭނގުނީ ކީއްވެހެއްޔެވެ؟ ހައްތާ ވެސް ސުވާލެވެ.
އިންޑިއާއިން ރާއްޖެ އަށް ބޮޑު ހިލަ ގެންނަ، ސިންގަޕޫރުގެ "ވާގޯ 9" ޓަގުގައި އަދީބު އިންޑިއާ އަށް އެތެރެވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުއްޓުވައިފަ އެވެ. އަދި މިހާރު އޭނާ ވަނީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
އަދީބު ޓަގަށް އެރި ގޮތާ ބެހޭ ގުޅޭގޮތުން ތަފާތު ގޮތްގޮތަށް މީހުން ވާހަކަ ދައްކާއިރު އެ ޓަގުގެ ދިވެހި އެޖެންޓް "ޓްރާންސް ލިންކް" އިން ބުނެފައި ވަނީ އަދީބު ބޯޓަށް އެރި ގޮތް އެނގިފައި ނުވާ ކަމަށެވެ.
Adeeb boat ah eri gotheh neiygey: Agent
The most trusted news source in the Maldives
Mihaaru
އަދީބު ޓަގް ބޯޓަށް އެރި ގޮތް ނޭންގޭ ކަމށް އެޖެންޓް ބުނުން--
އެކަމަކު ބައެއް ގަބޫލު ކުރާ ގޮތުގައި އެޖެންޓަށް ނޭނގި އެއްވެސް މީހަކަށް ބޯޓަށް އެރިގެން ނުވާނެ އެވެ. އަނެއްކޮޅުން ބޯޓުފަހަރުގެ އެޖެންޓުގެ ދައުރު އޮންނަ ގޮތުން އެޖެންޓަށް ނޭނގި ވެސް ބޯޓަށް އެރިދާނެ ހާލަތްތަކެއް ހުރިކަން ބައެއް މީހުން ފާހަގަކުރެ އެވެ.
ޝިޕިން ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ރާއްޖެއިން ފުރައިގެންދާ ބޯޓަކަށް އަރައިގެން ފިލޭނެ ގިނަ ފުރުސަތުތަކެއް ހުރެ އެވެ. ރާއްޖެ ވަންނަ ބޯޓުތަކަށް ކަސްޓަމާއި އިމިގްރޭޝަންގެ މުވައްޒަފުން ކަނޑުމަތިން އަރައި ބަލައި ފާސްކުރި ނަމަވެސް ރާއްޖޭން އެ އުޅަނދުފަހަރު ފުރައިގެން ދާއިރު ބޯޓުފަހަރަށް އަރައި ޗެކްކުރުން ނޯންނަ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.
އަދީބު ފިއްލަވަން އެރުއްވި ޓަގު މާލެ އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ކުޑަ ވިލިގިއްޔަށް ހިލަ ހިފައިގެން އައި އުޅަނދެކެވެ. އެހެންވެ ބެލެވޭ ގޮތުގައި އެ އުޅަނދަށް އަދީބު އަރާވަޑައިގަތީ އެ ހިސާބުންނެވެ. ބައެއް ބޭފުޅުން ލަފާ ކުރައްވާ ގޮތުގައި އަދީބު އަރާވަޑައިގަތީ ކަނޑުމަތިންނެވެ. އަދި ކަނޑުމަތިން ބޯޓަށް އެރިދާނެ ކަމަށް ވެސް ބައެއް މީހުން ގަބޫލުކުރައްވަ އެވެ.
"ވާގޯ 9" ބަނދަރުކުރީ މާލޭ ބަނދަރަކު ނޫނެވެ. އެހެންވެ، މާލޭ ބަނދަރުގައި އޮންނަ ބޯޓަކާ މި ޓަގު ބަލަހައްޓާ ގޮތް ތަފާތެވެ. ރަށަކަށް މުދާ ބާލަން ދާނަމަ އެ ބޯޓެއްގައި ކަސްޓަމްސްގެ ދެ މުވައްޒަފުން ދެ އެވެ. އެކަމުގެ ފީއަށް ދުވާލެއްގެ މައްޗަށް 3،500ރ. ޝިޕިން ކުންފުނިން ކަސްޓަމްސް އަށް ދައްކަން ޖެހެ އެވެ. ކަސްޓަމްސްއިން އަރާ ދެ މުވައްޒަފުންގެ ޒިންމާއަކީ އެ ޓަގު އަނބުރާ ރާއްޖެ ފުރަންދެން ބެލެހެއްޓުމެވެ.
އެ ޓަގަށް އަދީބު އަރާވަޑައިގަތީ، ކުޑަ ވިލިގިއްޔަށް ހިލަ ބޭލުމަށްފަހު ގާދޫކޮލުން ބޭރުވުމުގެ ކުރިން ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރައްވަ އެވެ. އެއްބޭފުޅަކު ވިދާޅުވި ގޮތުގައި، އެ ޓަގު ނައްޓާލަން ބޯޓުގެ ކައްޕި ބުނާ ހިސާބުން ކަސްޓަމްސްްގެ މުވައްޒަފުން އެއިން ފައިބައިގެން ދާނެ އެވެ. އޭގެ ފަހުން ދެން ބޯޓު އޮންނާނީ ކައްޕީގެ ބެލުމުގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ އޭގެ މާނައަކީ ކަސްޓަމްސްގެ މުވައްޒަފުން ފައިބައިގެންދާ ފަހުން ވެސް އެރިދާނެއޭ. ނުވަތަ ނައްޓާލާ ހިސާބުން ވެސް އަދީބަށް ބޯޓަށް އެރިދާނެއޭ،" އޭނާ ވިދާޅުވި އެވެ. "ޓަގު ނައްޓާލާ ހިސާބުން އެޖެންޓުގެ ދައުރު އެ ނިމުނީ."
އަދީބު ޓަގް ބޯޓްގައި: އަދީބު އެ ބޯޓަށް އެރި ގޮތާ ގުޅުވައިގެން ގިނަ ވާހަކަތަކެއް ދެކެވޭ--
ރާއްޖެއިން ބޯޓެއް ފުރުމުގެ ކުރިން "އައުޓް ވާޑް ކްލިއަރެންސް ފޯމް" ފުރައި ސެޓްފިކެޓް ހޯދަން ޖެހެ އެވެ. އުސޫލެއްގެ ގޮތުން ކަސްޓަމްސްއިން އެ ހުއްދަ ދޭން ޖެހެނީ ބޯޓް ބަލައި ފާސް ކުރުމަށް ފަހުގަ އެވެ. ނަމަވެސް ޝިޕިން ކުންފުނިތަކުން ބުނާގޮތުން ރާއްޖެއިން ފުރާ ބޯޓްފަހަރަށް އަރައި ބަލައި ފާސް ކުރަނީ މަދު ފަހަރެއްގަ އެވެ.
"ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ދައްކާފައި އޮތްތޯ ބަލާފައި ދޭނެ ސެޓްފިކެޓް. ބޯޓަށް އަރައި ބަލައި ފާސްކުރާ ގޮތަށް އޮތަސް ގިނަ ފަހަރަށް ޗެކެއް ނުކުރޭ،" ޝިޕިން ކުންފުންޏެއްގެ ވެރިއަކު ވިދާޅުވި އެވެ.
ފުރާ މީހުންގެ ޕާސްޕޯޓްގައި އިމިގްރޭޝަނުން ތައްގަނޑު ޖަހަނީ މާލޭ ޕޯޓްގައި ހުންނަ އިމިގްރޭޝަންގެ އޮފީހަކުން ކަމަށާއި އެކަން ކުރަނީ ބޯޓަށް އަރައި ބެލުމަށް ފަހުގައި ނޫން ކަމަށް ވެސް ޝިޕިން ކުންފުނިތަކުން މައުލޫމާތު ދެއްވި ބޭފުޅުން ވިދާޅުވެ އެވެ.
އަދީބު ޓަގަށް އަރާވަޑައިގަތީ އެ ޓަގު ފުރައިގެން ވަކި ހިސާބަކަށް ދިއުމަށް ފަހު ކަނޑުމަތިން ކަމަށް ވާހަކަ ދެކެވެ އެވެ. ޝިޕިން ކުންފުނިތަކުން ވާހަކަ ދެއްކި މީހުން ބުނިގޮތުގައި އެގޮތަށް އެރިނަމަ އެކަން ވަރަށް ފަސޭހައިން ކަސްޓަމްސް އަށް ދެނެގަނެވޭނެ އެވެ. އެއީ ކޮންމެ ބޯޓެއްގެ ވެސް ޓްރެކިން ޑިވައިސް ކަސްޓަމްސް އަށް ބެލޭނެތީ ކަމަށް އެ މީހުން ބުންޏެވެ.
"ޓްރެކިން ސިސްޓަމުން ފެންނާނެ. އިންޖީނުގެ މައްސަލައެއް ޖެހިގެން މަޑު ކޮށްލިޔަސް އެނގޭނެ. ކިތައް މިނެޓަށްކަން މަޑު ކުރީ އެކަން ވެސް އެނގޭނެ. ސްޕީޑް ހުރީ ކިހާވަރެއްގައިކަން ވެސް އެނގޭނެ،" އޭނާ ބުންޏެވެ.
އަދީބު ފިއްލެވި މައްސަލައާ ގުޅޭގޮތުން ކަސްޓަމްސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް އަދި ބުނެވެން ނެތް ކަމަށެވެ.
އެކަން ހިނގި ގޮތާ ގުޅޭގޮތުން ފުލުހުން ވެސް މިހާތަނަށް ވާހަކައެއް ނުދައްކަ އެވެ. އެހެންކަމުން އެކަން ހިނގީ ކިހިނެއްކަން އަދި ނޭންގެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަލީހު ދަ ސައިންސް ގައި
06 August 2019
މަށަށް އެނގޭ އޭނަ ޓަގަށް އެރި ގޮތް. އެއީ އެދުވަހު ވައި ޖެހުނު ގޮތާ އޮއިވަރު ހުރި ގޮތުން އޭނާގެ އެއްވެސް އިހުތިޔާރެއް ބާރެއް ނެތި އޮޔާ ދަނިކޮށް ޓަގުގަ ތިބި މީހުން އިންސާނިއްޔަތަށް ޓަކައި އޭނާ ސަލާމަތް ކޮށްގެން އިންޑިއާ އަށް ގެންދިޔައީ. އަދީބަކީ ހަމަ މައުސޫމެއް.
ސާދާސީދާ
05 August 2019
"އަދީބު ފިއްލެވީ އެމަނިކުފާނު ބަންދުކުރުމުގެ އަމުރަކަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދުނުތާ ދެ މަސް ވީއިރު ވެސް އެ އަމުރާ މެދު ގޮތެއް ނުނިންމާ އޮއްވަ އެވެ." މިއީ ކޯޓްތަކާއި، ގޭންގުތަކާއި ވަގުން ގުޅިގެން ހިންގާކަމެއް!
ބޮޑުމީހާ
05 August 2019
މިކަންތައްތައް ނިމެނީ ކޮންއިރަކުބާ؟
ނަޖްވާ
05 August 2019
މާލޭން ފުރައިގެން ބޯޓެއްގަ ގޮސް، ވަރގޯ ޓަގު ކައިރިއަށް މަޑު ކޮށްފަ، ހަރުގަނޑަކުން ލައިގެން ކަމަށް ބޮޑަށް ލަފާ ކުރެވެނީ! ވަރަށް ގިނަ ބަޔެއްގެ އެއްބާރުލުން ލިބިގެން ތި ކަމެއް ކުރެވޭނީ!
ސަަބާސް
04 August 2019
ނޫސްވެރިން ކިތުންތެރިން ކައިރިން މައުލޫމާތު އޮޅުންފިލުވަން ޖެހުނީމަ ކިހިނެއްވާނީ. ސުރުހީގަ ކޮށްފަ އިން ސުވާލުގެ ޖަވާބު ނުދެވެންޏާ އެގޮތަށް ސުރުހީ ނުލިޔާނީ.
އަބްދުއްالله
05 August 2019
އެއީ ރެޓޮރިކަލް ސުވާލެއް. ސުވާލުގެ ޒާތުން، ބޮލުގަ ތެތްކަން ހުރި، ތަންދޮރު ދަންނަ، ކޮންމެ މީހަކަށް މިކަން އެނގޭނެ. ރެޓޮރިކަލް ސުވާލަކީ ނުގުތާއެއް ފާހަގަ ކުރުމުގެ ގޮތުން އަހާ ސުވާލު. ސުވާލުގެ ޖަވާބު ހޯދުމުގެ ގޮތުން އަހާ ސުވާލަކީ މިފަދަ ސުވާލެއް ނޫން.
މަރޭމިތުރު
04 August 2019
އަދީބު ޓަގައް އެރިގޮތް ފުލުހުން ކިޔައިދީފިނަމަ ފުލުހުން މިމައްސަލައިގައި ސޯޓުބޭލުން ނޫންކަމެއްނުވާނެ! ދުނިޔޭގެ އެހެން ގައުމުތަކުގައި މިފަދަ ކަމެއް ވެއްޖެނަމަ އެންމެ ފުރަތަމަކަމަކަށް އެމީހަކު ފިލަން އުޅުނުގޮތް ވީޑިއޯއިން ދައްކާނެ. މިސާލު މެކްސިކޯގެއެންމެ މުއްސަނދި ޑުރަގްޑީލަރ ގުޒުމަން ޖަލުން ހޮހަޅަ ހަދައިގެން ފިލި އެކަން ހިނގިތާ ގިނައިރެއްނުވެ އާއްމުންނަށް އަންގައިދިން .
ިއިބްރާ
04 August 2019
އަދީބަކަށްވެސް ނޭނގެ. ޖިންނިއެއްކަމަށް ލަފާކުރެވެނީ އޭނަގެންގޮސް ޓަގަށްލީ.
ބޮޑު ޖިންނި
05 August 2019
ތިޔަ ބުނީ ހަމަ ތެދަށް! ދެން މަ ހީހީ ހީހީހީ ....!!!
ބަބޫ
04 August 2019
ބޯޓަށް އެރީ އިންސްޓަގްރާމް މެދުވެރިކޮށް ތޯއްޗެއް
އިޙުމާލް
04 August 2019
ހިންގަވާފަ،
ނަން
04 August 2019
ލޮލް
ސުވާލޭ
04 August 2019
އޭނާ ޓަގަށް އެރި ގޮތާ ވަގުތު އެންމެ ރަގަޅަށް އެނގޭނީ ޓަގްގަ ތިބި މީހުންނަށް. އެމީހުންނާ ސުވާލުކުރެވެންޖެހޭނެ އެކަމާ.