ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ. އޭނާގެ މައްސަލައެއް ޖޭއެސްސީ އިން ވަނީ ބަލަން ފަށާފައި. --- ފޮޓޯ: މިހާރު
03 ސެޕްޓެމްބަރ 2019 - 17:13
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ހަސަން އަލީ، ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ހުންނެވުމަކީ ދެރަވެ، ލަދުގަންނަން ޖެހޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
އާޒިމް އެގޮތަށް ވިދާޅުވީ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލަ ތަހުގީގު ކުރުމަށް ފަހު، ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ރިލްވާން ރާއްޖެ އިން ބޭރަށް ދިއުމަށްޓަކައި ޕާސްޕޯޓެއް ހަދަން ހަސަން އަލީ އިރުޝާދު ދިން ކަން ރިޔާސީ ކޮމިޝަންގެ ބަޔާނުން ފަޅާ އެރުމުންނެވެ.
ރިޕޯޓުގައިވާ ގޮތުން ހަސަން ފުލުހުންނަށް ދިން ބަޔާނުގައި، ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގައި އުޅޭ ދެ މުވައްޒަފަކު ބައްދަލުކޮށް ރިލްވާންގެ ޕާސްޕޯޓެއް ހެދުމާ ގުޅޭ މަޝްވަރާތައް ކުރި ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އާޒިމް އަތް މައްޗަށް ހިއްލަވައިގެން.--.ފޮޓޯ:ނިޝާން އަލީ/މިހާރު
ހަސަން ފުލުހުންނަށް ދިން ބަޔާނާ ހަވާލާދީ ރިޔާސީ ކޮމިޝަނުން ބުނީ ދެ ފުލުހަކު ބައްދަލުކޮށް ރިލްވާންގެ ވާހަކަ ނިމެން އެބަޖެހޭ ކަމަށާއި އެމީހުން އޭނާގެ ޕާސްޕޯޓް ހައްދަން ބޭނުންވަނީ އޭނާ ރާއްޖެ އިން ބޭރަށް ދިޔަކަން ދެއްކުމަށް ކަމަށެވެ. އެގޮތުން އެންޑީޓީވީ ފަދަ ޗެނަލަކުން އޭނާ މަރުވެފައިވާ ކަމުގެ ހަބަރެއް އެމީހުންނަށް ފޮނުވިދާނެ ކަމަށާއި އެ ދެ މީހުން މި އުޅެނީ "ވެރިޔާ" ވިދާޅުވެގެން ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ވެރިޔަކީ ކާކު ކަމެއް ބުނެފައި ނުވާ ކަމަށް އެ ބަޔާން މެދުވެރިކޮށް ކޮމިޝަނުން ބުންޏެވެ.
ރިލްވާންގެ ޕާސްޕޯޓް ހަދައި ދިނުމަށް އެދުމުން، ރަސްމީކޮށް ލިޔުމަކުން އެދިގެން ނޫނީ އެފަދަ ކަމެއް ނުކުރެވޭނެ ކަމަށާއި ރަސްމީ ލިޔުމެއް ނުގެނެވޭނެ ކަމަށް ދެ ފުލުހުން ބުނި ކަމަށްވެ އެވެ. އަދި އެމީހުން ބޭނުން ނަމަ، ރިލްވާންގެ އަސްލު ޕާސްޕޯޓް އިންނަ ގޮތަށް އެއްޗެއް ހެދިދާނެ ކަމަށް ހަސަން ވިދާޅުވުމުން، އެއީ ރަނގަޅު ގޮތެއްގައި ކަމަށް ބުނެ ދެ މީހުން ދިޔައީ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
ރިޕޯޓަށް ބަހުސް ކުރައްވަމުން މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އާޒިމް ވިދާޅުވީ ގައުމުގައި މިފަދަ ކަންކަން ހިނގައިގެން ގޮސްފައި ވަނީ މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުން އަޅާލަން ޖެހޭ ވަރަށް އަޅާނުލެއްވީމަ ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނިގެން ދިޔައީ މިކަންކަން ފޮރުވަން ކުރި މަސައްކަތް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި މީގެތެރެއިން ބައެއް މީހުން މުއައްސަސާތަކުގައި އަދިވެސް އެބަތިއްބެވި އެވެ.
"މިއީ ދެރަވާން ޖެހޭ މައްސަލައެއް. މިއީ އަޅުގަނޑުމެން ލަދުގަންނަން ޖެހޭ މައްސަލައެއް،" ހައި ކޯޓު ބެންޗުގައި ހަސަން އިންނަވާތީ ކަންބޮޑުވުން ފާޅުކުރައްވައި އާޒިމް ވިދާޅުވި އެވެ.
އާޒިމް އެގޮތަށް ވިދާޅުވި އިރު، ފަނޑިޔާރު ހަސަންގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ދަނީ ބަލަމުންނެވެ. ހަސަންގެ މައްސަލަ ބެލުމަށް އެ ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި އެ ކޮމިޝަންގެ މެމްބަރު މުހައްމަދު އީސާފުޅުގެ އިތުރުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ހިމެނިވަޑައިގަންނަވާ ގޮތަށް ކޮމެޓީއެއް ވަނީ އެކުލަވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާ..ކޮބާ
04 September 2019
ކޯޓުން ހަމަ މިހާރު ބޭރުކޮށް ވަރުގަދަ ތަހުގީގެއް ހިންގަން ޖެހޭ މީހެއް..ފުލުހުންނަކީ ގާބިލު ބައެއްކަން ސާބިތު ކޮށްދީބަލަ.
ދެކުނުތަރި
04 September 2019
ނަޒާހާތްތެރި ވަގުން އިންސާފު ޤާއިމް ކޮށްދޭނެކަމަށް ދެކުމަކީ މޮޔަކަމެއް
އީސާ
04 September 2019
ތިޔަކަން ހަސަން އަލީ ވެރިންނާ ހިއްސާ ނުކުރިނަމަ އެ 2 ފުލުހުން އައިޑެންޓިފައި ވެސް ނުކުރެވުނީސް.. އެ 2 މީޙުންނަށް ވަގުތުން ފިޔަވަޅުއަޅައި ފުލުހުންގެ ވަޒީފައިން ވަނީ ވަކިކޮށްފައި.. ތިކަން ތިހެން ހިނގީމަ ބެލިބެލުމުން އެނގުނީ އެ ދެ ފުލުހުންނަކީ ބުރޯއަށް ބައިއަތު ހިފާފައިވާ 2 މީހުންކަންވެސް..ހަސަންގެ ހިއްވަރަށް ހަމަމ ސާބަސް
އަޙުމަދު
04 September 2019
ހެކިވެރިން އެނޭގޮތަށް ތިޔަ ރިޕޯޓް މުޅި ދުނިޔެއަށް ލީކުކޮއްލުމުން ކޮބައިތޯ އެމީހުންނަށް ލިބެންވާ ރައްކާތެރިކަން.. ރިލުވާންގެ ބޯ ބުރިކޮއްލަން ކެރުނުބަޔަކަށް މައްސަލަ ޝަރިއަތަށް ފޮނުވުމުގެ ކުރިން ހެކިވެރިން މަރާ ހުސްކޮށްލަންވެސް ކެރޭނެ..ސުއޫދުމެން ވިސްނާނުލާ ބަޔަކު ތި ވައްޓާލީ ބޮޑު ނުރައްކަލަކަށްކަން ކަށަވަރު..
އައިރާ
04 September 2019
އަސްލު ތިކަން އޭރުގެ ކޮނިޝަނަރ އަދި ހޯމްމިނިސްޓަރ އަށް ހިއްސާކުރުމުންވެސް އިގެނީ ހަސަން އަލީގެ ތެދުވެރިކަން.. އެނޫންނަމަ 2 މީހަކު ދިޔަކަންވެސް ބަޔަކަށް ނައަންގާ ޕާސްޕޯޓް ނުވަތަ ލިޔުމެއް ހަސަން އަލީ ބޭނުންނަމަ ދެވުނީސް.. ޢަސްލު ޕޮލިހަށް ހަސަން އަލީ ތިމައުލޫމާތު އޭރު ހިއްސާކުރި ގޮތަަށް ޕޮލިހުން ވަގުތުން އެކްޝަން ނެގި ނަމަ ތީގެ އަޑީގަ އުޅޭ ބަޔަކު އެނގުނީސް. އޭރު ޕޮލިހުންވެސް ތިބީ ބުރޯ ދެކެ ގަންނަ ބިރުން ތި މައްސަލަ ކުރިއަށް ގެންދަން ބިރުން..
ހަސީނާ
04 September 2019
މި ތަނުގަ ތި ބުނާ ހަސަން އަލީ އެއް ހާދަ އެނބަ ޑިފެންޑް ކުރެޔޭ ބަޔަކު! މީ ކިހިނެތް ހިނގާ ކަމެއްތޯވެސް އެބަ ޖެހޭނު ބަލަން!
ފުއްލާދުލި
04 September 2019
ސުއޫދު އަރާފަ މިކީ ކުރިންވެސް ހޯދާފަ ހުރި މައުލޫމާތު.. މިވެރިން އަލަށް ހޯދި މައުލޫމާތެއް ނޫން.. ބޮޑުތަނުން މުސާރަ ނަގައިގެން ގޮނޑިހޫނުކުރުން
ހުސެން...
04 September 2019
މިވާހަކަ ކީ މީ ހާ ދޯ ނުބައިވީ!!! ކީއްވެ މިހުރިހާދުވަހު ފޮރުވާފަ ތި މައުލޫމާތުތަޢް ތި ބެހެއްޓީ؟ ފއްލާދުލީގެ ދަރިއެއް ނޫނީ ތިމާގެ މީހެއްގެ ގެއްލުވާލައިގެން އުޅޭނަމަ ތިހެން ނުބުނާނެ...
އަމީތާބު
04 September 2019
މަޖިލިސްތެރެފެނިފަ ރައްޔިތުން ތިބީ ލަދުން ބޯހަލާކުވެފަ.
ޝޮކްތެރަޕީ
04 September 2019
އިހުލާސްތެރިކަމެ ނުފެނޭ އާޒިމް ކުރާމަސައްކަތުން ފެންނަނީ ނަޝީދުގެ ޕަޕެޓަކަ ވެގެން އުޅޭ މަންޒަރު.
ޢަބްދުﷲނާފިޒް
03 September 2019
ދެ ފުލުހަކު ބައްދަލުކޮށް ރިލްވާންގެ ވާހަކަ ނިމެން އެބަޖެހޭ ކަމަށާއި އެމީހުން އޭނާގެ ޕާސްޕޯޓް ހައްދަން ބޭނުންވަނީ އޭނާ ރާއްޖެ އިން ބޭރަށް ދިޔަކަން ދެއްކުމަށް ކަމަށެވެ. އެންޑީޓީވީ ފަދަ ޗެނަލަކުން އޭނާ މަރުވެފައިވާ ކަމުގެ ހަބަރެއް އެމީހުންނަށް ފޮނުވިދާނެ ކަމަށާއި އެ ދެ މީހުން މި އުޅެނީ "ވެރިޔާ" ވިދާޅުވެގެން ކަމަށް ބުނެފައިވާ ކަމަށެވެ. ސުބްޙާނަﷲ، ކޮބައިތަ މިފުލުހުންނަކީ! ކޮބައިތަ އެބުނާ ވެރިއަކީ!