ވެލެންސިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ދަގަނޑޭ އުފާފާޅުކުރަނީ.- - ފޮޓޯ: ނިޝާން އަލީ/ މިހާރު
20 ސެޕްޓެމްބަރ 2016 - 23:28
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ކެރިއަރުގެ ސީނިއާ ލެވެލްގައި 400 ލަނޑު ހަމަކޮށްފި އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވިކްޓަރީ އަތުން 5-1 އިން މާޒިޔާ މޮޅުވި މެޗުގައި ދަގަނޑޭ ޖެހި ދެ ލަނޑާ އެކު، އޭނާގެ ކެރިއަރުގައި ކުޅުނު 465 މެޗުން 400 ގޯލް ވަނީ ހަމަކޮށްފަ އެވެ. މިއީ މި އަދަދަށް ލަނޑު ޖެހި ފުރަތަމަ ދިވެހި ކުޅުންތެރިޔާ އެވެ.
ދަގަނޑޭ އެންމެ ގިނަ ގޯލް ޖަހައިދީފައިވަނީ އޭނާ ކެރިއަރު ފެށި ކްލަބް ވެލެންސިއާ އަށެވެ. އެގޮތުން 2001 އިން 2005 އަށް އެ ޓީމަށް 109 މެޗުން 104 ގޯލް ވަނީ ޖަހައިދީފަ އެވެ. ދެން އެންމެ ގިނަ ގޯލް ޖަހައިދިނީ ނިއު ރޭޑިއަންޓަށެވެ. އެ ޓީމަށް 2006-2007 އަށް އަދި 2012 އިން 2013 އަށް ދަގަނޑޭ ވަނީ 110 މެޗުން 96 ގޯލް ޖަހައިދީފަ އެވެ. ވީބީ ސްޕޯޓްސް އަށް 2007-2011 އަށް 85 މެޗުން 93 ގޯލް ޖަހައިދިން އިރު މާޒިޔާ އަށް ހަތް މެޗުން ހަ ގޯލް ވަނީ ކާމިޔާބުކޮށްދީފަ އެވެ.
ދަގަނޑޭ ކުޅުނު ބިދޭސީ ދެ ކްލަބުގެ ތެރެއިން މެލޭޝިއާގެ ޕީޑީއާރްއެމް އަށް 2014 އިން 2016 އަށް 70 މެޗުން 46 ގޯލް ޖަހައިދިނެވެ. އަދި 2007 ވަނަ އަހަރު ތިން މަސް ދުވަހު އޭނާ ކުޅެދިން ބުރުނާއީގެ ޑީޕީއެމްްއެމް އަށް ހަތް މެޗުން ދެ ގޯލް ކާމިޔާބުކޮށްދީފައިވެ އެވެ.
އޭނާ 400 ގޯލުގެ ތެރެއިން ގައުމީ ޖާޒީގައި ޖަހާފައިވަނީ 53 ގޯލެވެ. އޭގެ ތެރޭގައި އޭނާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި 2004 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި މޮންގޯލިއާ ކޮޅަށް ޖެހި ހަތަރު ލަނޑު ހިމެނެ އެވެ. ދަގަނޑޭ ވަނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފިޔަވައި ހުރިހާ އޭނާ ކުޅުނު ސަރަހައްދީ ހުރިހާ މުބާރާތެއްގައި ލަނޑު ޖަހައިފަ އެވެ. އޭނާ އަކީ ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި ވެސް އަދި އެ މުބާރާތުގެ އެއް މެޗެއްގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.
"އަލްހަމްދުﷲ. ކޮންފަދަ ހާސިލްވުމެއް،" ދަގަނޑޭ ފޭސްބުކުގައި ލިޔެފައިވެ އެވެ. "އަހަރެންގެ ޕްރޮފެޝަނަލް ކެރިއަރުގައި މިދިޔަ 16 އަހަރު، އެންމެން ދިން އެހީތެރިކަން ނުލިބުނު ނަމަ މިއަދު މި ފެންނަ ކުޅުންތެރިޔާއަށް އަހަރެން ނުވީސް."
ދަގަނޑޭ ބުނީ 400 ލަނޑު ހަމަކުރެވިދާނެ ކަމަށް ދުވަހަކު ވެސް ހީނުކުރާ ކަމަށާއި މިއީ ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ކާމިޔާބީ ހާސިލްކުރުމަށް ސަތޭކަ ޕަސެންޓް ދޭނެ ކަމަށް ގައުމީ ކެޕްޓަން ބުންޏެވެ.
"ހާއްސަ ޝުކުރަކާއި އަގުވަޒަންކުރުމެއް އަހަރެންގެ މަންމަ އަށް ހައްގުވޭ. އަހަރެންގެ ކެރިއަރުގައި އަދި ހަޔާތުގެ ހުރިހާ ހިނދުކޮޅުތަކެއްގައި އަހަންނާ އެންމެ ގާތުގައި ހުރީ މަންމަ،" ދަގަނޑޭ ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު
21 September 2016
ސާފުވާންޖެހޭ ބައެއްމައުލޫމާތު އެބަހުރި ދަގަޑޭއާ އެންމެގާތުން ވާދަކުރާ މީހާޔަށޤ ޖެހުނީ ކިތައްލަޑު. އަދި ދުނިޔޭގެ އެހެންކުޅުންތެރިންގެ ނިސްބަތުން މިއީ ކިހާވަރެއްގެ އަދަދެއް.
ދިވެއްސެއް
21 September 2016
400 ވަނަ ލަނޑު ޖެހީ ކޮން ޓީމަކާ ކުޅެގެން ކަމެއް ނޭނގުނު
މޯޑު
21 September 2016
ސާބަސް އަދިވެސް އެއް ފަހަރު ކިޔާލަ ބަލަ. ވީކްތްރީގެ ވާހަކަ އެބަ އޮތްހެން ހީވަނީ.
ޒިޔާ
21 September 2016
"އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވިކްޓަރީ އަތުން 5-1 އިން މާޒިޔާ މޮޅުވި މެޗުގައި ދަގަނޑޭ ޖެހި ދެ ލަނޑާ އެކު، އޭނާގެ ކެރިއަރުގައި ކުޅުނު 465 މެޗުން 400 ގޯލް ވަނީ ހަމަކޮށްފަ އެވެ. " މި ޖުމްލަ ކިޔާލިނަމަ ޖަވާބު ލިބުނީސް ހެން ހީވޭ..
ދިފުޓްބޯލް
21 September 2016
އެއްގޮތަކަށްވެސް ދުނިޔޭގެ އެންމެ މޮޅުކުޅުން ތެރިންނާ ދަނގަޑޭއާ އަޅާކިއާ ކަށެއްނުން ދެންހަމަ އެމީހުން ކެރިއަރުގަ ޖަހާފައި ހުރި ލަނޑު ބަލާލަން. މިއަދާ ހަމައަށް 806 މެޗުން ރޮނަލްޑޯ ޖަހާފައި ވަނީ 550 ގޯލް (%68.24)، 652 މެޗުން މެސީ ޖަހާފައި ވަނީ 517 ގޯލް(%79.29)، 465 މެޗުން ދަނގަޑޭ ޖަހާފައި ވަނީ 400 ގޯލް(%86.02). ނިސްބަތުން ލަނޑު ރޭޓަށް ބަލާއިރު ދިވެހި ކުޅުންތެރިއާ ކުރީގައި.