ރިލްވާން (ކ) އާއި ޔާމީން: ދެ މީހުން މަރާލި މައްސަލަ ތަހުގީގުކޮށް ރިޔާސީ ކޮމިޝަނުން ވަނީ ރިޕޯޓެއް އެކުލަވާލާފައި.
19 ސެޕްޓެމްބަރ 2019 - 17:05
ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ދައުވާ ކުރަން އަންނަ ހަފުތާގައި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ރައީސް އުފެއްދެވި މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުންނެވެ. އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި ހުޅުމާލެ އިން ވަގަށް ނެގުމަށް ފަހު، ކަރުބުރިކޮށްލައި ރިލްވާން ވަނީ މަރާލައިފަ އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނިއުސް ބްރީފިންއެއްގައި، އެ ކޮމިޝަނާ ހަވާލާ ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ރިލްވާން ގެއްލުވައިލި މައްސަލައިގައި ހެކިތަކެއް އަދި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން މާލެ އާއި ރަށްރަށުގެ ބައެއް ގެތައް ބަލައި ފާސްކުރީ ރިޔާސީ ކޮމިޝަނުން އެދިގެން މައްސަލައާ ގުޅުން ހުރި ބައެއް ހެކި ހޯދަން ކަން ރައީސް ފާހަގަކުރެއްވި އެވެ.
ރިޔާސީ ކޮމިޝަންގެ ތަހުގީގަށް އެއްބާރުލުން ދޭން ފުލުހުން ހިންގި އޮޕަރޭޝަންގައި 17 ތަނަކާއި 11 މީހެއް ބަލައި ފާސްކުރި އެވެ.
"މިހާތަނަށް ހޯދިފައި ހުރި ހެކިތަކަށް ބާރު ދިނުމުގެ ގޮތުން ބަލައި ފާސްކޮށް ބޭނުންވާ ތަކެތި އެ ހޯދީ،" ރައީސް ވިދާޅުވި އެވެ.
ރިލްވާން މައްސަލައިގައި އިންސާފު ހޯދައިދޭން ވެވަޑައިގަތް ވައުދު ފުއްދަވާނެ ކަމުގެ އުއްމީދު މިއަދު ވެސް އާ ކޮށްދެއްވި އެވެ.
ރައީސް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ރިލްވާން މަރުގެ މައްސަލައިގައި އިންސާފަށް ވާސިލްވެވޭނެ ކަމުގެ އުއްމީދު މިއަދު ވެސް އާ ކޮށްދެއްވި. --ފޮޓޯ: ރައީސް އޮފީސް
- ޔާމީން ރަޝީދުގެ މައްސަލަ ބަލައި ރިޕޯޓް އޮތީ ތައްޔާރުކޮށްފައި. އެކަމަކު އާއްމު ނުކޮށް އޮތީ ޝަރީއަތުގައި ހިނގަމުންދާ މައްސަލައަކަށް ވާތީ.
- ޝަރީއަތް ނިމުމާ އެކު ޔާމީންގެ މަރާލި މައްސަލައިގެ ރިޕޯޓް ހާމަކުރާނަން.
- ރ. މީދޫ އަނަސް މަރާލި މައްސަލައިގެ ރިޕޯޓް ވަނީ ގާތްގަނޑަކަށް ނިމިފައި. ވަރަށް އަވަހަށް އެ ރިޕޯޓް ވެސް ހާމަކުރާނެ.
- ބޭރުގައި ދަންޖެހިގެން މަރުވި ކަމަށް ތުހުމަތު ކުރާ ރައުދާ އާތިފްގެ މަރުގެ ތަހުގީގު ރިޕޯޓް ވެސް އޮތީ ނިމިފައި.
- އެ ނޫން ބޮޑު ހަތަރު މަރުގެ މައްސަލައެއްގެ ތަހުގީގު އެބަދޭ.
ރިލްވާންގެ މައްސަލައިގައި މިހާތަނަށް 15 މީހެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ. އެކަމަކު އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ރިލްވާން ވަގަށް ނެގުމަށް ފަހު އެރުވިކަމަށް ރިޔާސީ ކޮމިޝަންގެ ޑްރާފްޓް ރިޕޯޓުގައި ބުނާ ދޯނި ހަމަޖެއްސި އަހުމަދު އަގްލީލް (ކިޑް) ވެސް، އައްޑޫގައި ހިންގި އޮޕަރޭޝަނުގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ބަޔާން ނެގުމަށް ފަހު ރޭ އޭނާ ދޫކޮށްލީ ފޯނާއި ލެޕްޓޮޕް އަތުލުމަށްފަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖުދާ
19 September 2019
މި މައްސަލަތަށް ތަހުގީގުކޮށްފާނެކަމުގެ ބިރު ހީވެގެން މިކަމާއި ދެކޮޅަށް މަސައްކަތްކުރި ސިޔާސީ ވެރީންގެ މައްޗަށްވެސް ދައުވާކުރާންޖެހޭ! މިސާލަކަށް ނިމިދިޔަ މަޖްލީހުގެ ރައިސްކަން ކުރި ގާސިމް އިބުރާހިމް! އޭނާވަނީ ކޮމިޝަން ހެދުމާއިވެސް ދެކޮޅު ހަދާފައި. ފާޅުގައި ގޮންޖަހާފައި! އޭނާގެ މައްސަލަ ތަހުގީގުކުރަން ޖެހޭ އެބަ! އޭނާއަކީ ޝަރީއަތަށް އަތްބާނައިގެން ލައްކަ ކަންކަންކުރި މީހެއްކަމަށް އަޑުއިވޭ!