ލަންކާގެ ފޮރިން ސެކްރެޓަރީ ރަވިނަތަ އަރްޔަސިންހަ.
29 ސެޕްޓެމްބަރ 2019 - 12:35
ރާއްޖޭން އަލުން ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި ބައިވެރިވުމަށް އެ ޖަމާއަތަށް ހުށަހެޅި ލިޔުންތަކަށް މަރުހަބާ ކިޔާ ކަމަށާއި ކޮމަންވެލްތުގެ އެންމެ އަވަހަށް އޮންނަ ބައްދަލުވުމުގައި ރާއްޖެ ބައިވެރިކުރަން ޖެހޭ ކަމަށް އަވަށްޓެރި ސްރީ ލަންކާ އިން ބުނެފި އެވެ.
އދ. ގެ އާންމު މަޖިލިހުގެ ޖަލްސާގެ ހަވާސާގައި އެކި ގައުމުތަކުގެ ފޮރިން މިނިސްޓަރުން ބޭއްވި ބައްދަލުވުމެއްގައި ލަންކާގެ ފޮރިން ސެކްރެޓަރީ ރަވިނަތަ އަރްޔަސިންހަ ވިދާޅުވީ އަންނަ އަހަރު ރުވަންޑާގައި އޮންނަ ކޮމަންވެލްތުގެ ބައްދަލުވުމުގައި ރާއްޖެ ބައިވެރިކުރަން ބޭނުންވާ ކަމަށެވެ.
ރުވަންޑާގައި އޮންނަ އެ ބައްދަލުވުމަކީ ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާ އެންމެ ބޮޑު އެއް ބައްދަލުވުމެވެ.
"ގާތް އަވަށްޓެރިއެއްގެ ހައިސިއްޔަތުން، ދެކުނު އޭޝިއާގެ ގައުމެއްގެ ހައިސިއްޔަތުން ލަންކާ އާއި ރާއްޖެއާ ދެމެދު ވަނީ ވަރުގަދަ ގުޅުމެއް އުފެދިފައި،" ކޮމަންވެލްތު މެމްބަރަކަށް ވުމުގެ މަސައްކަތް ރާއްޖޭން މިދިޔަ އަހަރުން ފެށިގެން ކުރަމުން އަންނަ ކަން ފާހަގަކުރައްވައި ފޮރިން ސެކްރެޓަރީ ވިދާޅުވި އެވެ.
ފޮރިން ސެކްރެޓަރީ ވިދާޅުވީ ކޮމަންވެލްތުގެ ވަފްދަކުން މިދިޔަ ޖެނުއަރީ މަހު ރާއްޖޭގެ ހާލަތު ބަލަން ދިޔަ އިރު، އެ ގައުމުން ރަނގަޅު ކަންތައްތަކެއް ފެނިފައިވާ ކަމަށެވެ.
ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި 34 އަހަރު ވަންދެން ރާއްޖެ އޮތުމަށް ފަހު އެ ޖަމާއަތުން ރާއްޖެ ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން މިދިޔަ ނޮވެމްބަރު 19 ވަނަ ދުވަހު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި ވަނީ ކޮމަންވެލްތާ ގުޅެން ނިންމައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތަކުން، އެ ޖަމާއަތާ ގުޅެން ފާސްކޮށްފައިވެ އެވެ.
ރާއްޖެ ކޮމަންވެލްތާ އަލުން ގުޅުމަށާއި ރާއްޖެއާ ބެހޭ ބައެއް ކަންތައްތައް އޮޅުން ފިލުވުމަށްޓަކައި އެ ޖަމާއަތުން އެދުނު ލިޔެކިއުންތައް ރާއްޖޭން ވަނީ ހުށަހަޅައިފަ އެވެ.
ކޮމަންވެލްތުން ރާއްޖެ ވަކިވުމުގެ ސަބަބެއްގެ ގޮތުގައި ކުރީގެ ސަރުކާރުން އޭރު ދެއްކީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމާއި ރާއްޖެއާ މެދު ތަފާތުކޮށް ކަންކަން ކުރުމެވެ. ކޮމަންވެލްތުގެ މެމްބަރުކަމުން ރާއްޖެ ވަކިވުމުގެ ސަބަބުން ރާއްޖެ އަށް ލިބޭ އެތައް ފައިދާއަކުން މަހްރޫމްވި އެވެ.
ސިޔާސީ ލީޑަރުން ޖަލަށް ލާން ފެށުމާއި، އަސާސީ ބައެއް ހައްގުތަައް ސަރުކާރުން ހަނިކުރަން ފެށުމުން، އެކަމާ ދެކޮޅަށް ކޮމަންވެލްތުން އަޑު އުފުލި އެވެ. އެކަމަކު، ކުރީގެ ސަރުކާރުން ގަބޫލުކުރީ ކޮމަންވެލްތުން ރާއްޖޭގެ ދާހިލީ ކަންކަމާ ބެހެނީ ކަމަށެވެ. ނަމަވެސް ކޮމަންވެލްތު ފަދަ ޖަމާއަތްތަކުން ގޮވާލަމުން ގެންދިޔައީ ރާއްޖޭގައި ޑިމޮކްރަސީއާ ހިލާފަށް ސަރުކާރުގެ އަމަލްތައް ހުރުމުން އެކަންކަން ރަނގަޅު ކުރުމަށެވެ.
ރާއްޖެ ކޮމަންވެލްތްގައި ބައިވެރިވީ ޖުލައި 9، 1982 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލެއްގި ކޮމިޝަނަރ
30 September 2019
ކޮމަންވެތަކީ ދެވަނަ ބޮޑުހަގުރާމަ ނިމުމަށްފަހު އިނގިރޭސިންގެ އާރާއި ބާރާއި އަޅުވެތިކަމުގެ ސަގާފަތް ހުއްޓިދާނެތީ އުފެއްދި ޖަމާއަތެއް. ބޭނުމަކީ އާގޮތަކަށް ގައުމުތަކަށް ނުފޫޒް ފޯރުވުން. މިހާތަނަށް ކަންކުރަމުން ދިޔައީވެސް މިބުނިގޮތަށް. މިޖަމާއަތުގައި ހިމެނެނީވެސް ހުސް އިނގިރޭސިންގެ އަޅުވެތިކަމުގެ ދަށުގައި ކުރިންހުރި ގައުމުތައް. އެންމެއިސް ވެރިޔަކީ އަބަދުވެސް އިނގިރޭސި ތަހުތުގަ އިންނަފަރާތް. މިކަމުންވެސް އިސްވެމިބުނިކަންކަން ކުރާކަމަށް ސާފު ހެކިލިބޭނެ
ލުބްލާ
30 September 2019
ނުޖެހޭ ބައިވެރިކުރާކަށް. އިނގިރޭސި އަޅުވެތިކަމުގެ ޖަމިއްޔާގެ މެންބަރެއް ނޫން ދިވެހިރާއްޖެއަކީ.
ޑުރެކިއުލާ
29 September 2019
ދޮންމީހުން ރުއްސައިގެން މިހާތަނަށް ރާއްޖެއަށް ލިބިފައޮތީ ދެތިން ސްކޮލާޝިޕު، އޭގެ ބަދަލުގައި ކުރާ ޑިމާންޑުތައް ގައުމާއި ނުބައްދަލު، ގައުމަށް ދިމާވި އެންމެ ދަތި ދުވަސްތަކުގައި ކޮށްފަހުރީ ދުއްޕާން. ރައްޔިތަކަށް ފައިދާވާނެ އެހީއެއް ދެނީ ޗައިނާ އިންޑިއާއާއި އަރަބި ގައުމުތަކުން. ތިޔަ ޖަމާއަތް އުފެދިފަ އޮތީ އަޅުވެތިކުރުމުގެތެރެއިން، ރާއްޖެއިން ބައިވެރިވާކަށް ނުޖެހޭ.
ރުންކުރު
29 September 2019
ގައުމުގެ ތެރެއަށް ސިޔާސީ އުނދުޅި ބާާނަންޏާ ދެންވެސް ހަމަ ވަކިވާނެ!
ބުންޒީލަ
29 September 2019
ހަމަ ވަކިވީ އަލުން ވަނީ!
ބޮޑުމީހާ
29 September 2019
ކޮމަންވެލްތުގަ ބައިވެރިވެގެން އުޅުމަކީ މައްސަލައެއް އޮތް ކަމެއް ނޫން. އެކަމަކު ވަންނަން ނުޖެހޭ ސިޔާސީ ނުފޫޒު ވަންނަންޏާ ބޮޑު މައްސަލައެއް
މަރީނާ777
29 September 2019
ސްރީލަންކާއިން ތިފަދަ ގޮވާލެއްވުމެއް ގޮވާލެއްވީތީ ނުހުނު އުފާވޭ. އިންޑިޔާ މިހާރު ބޭނުމެއްނުވާނެ ކޮމަންވެލްތްގައުމު ތެރޭ ދިވެހިރާއްޖެއް މިނިވަންކަމާއި އެކު ބަސްކިޔަން ތިބެން. އިންޑިޔާ ބޭނުންވާނީ އެނޫންގޮތް ގޮތުގައި ރާއްޖެއަށް ނުފޫޒުފޯރުވަން .
މޯދީ
29 September 2019
ބައިވެރި ވިޔަސްވެސް ނުވިޔަސް ފައިދާއެއްނެތް އެކަމަކު ދައްކަންޖެހޭ ފީބޮޑު. ޢޮތްހާ ފައިދާޔަކީ، އަލިފުދާލު ކިޔާ ބިލްޑިންގުގަ ހުންނަ އޮފީހުގައި ޑެސްކުގަނޑެއްކާރީ އިޝީދެވެވިދާނެކަން!
ތެދެއް-
29 September 2019
ޝުކުރިއްޔާ ސްރީލަންކާ
ނަލަހަކީމް
29 September 2019
އެތައް ފައިދާއަކުން މަހުރޫމް ވީ އޭ ބުނާއިރު އެންމެ ފައިދާއެއް ވެސް ބުނެލަން ނުކެރުނު. ހޫން އަހަރެމެން ނޭވާލުމުން ވެސް މަހުރޫމް ވެގެން މިތިބީ. ހޫން އަހަރެމެން ކެއުމުން ވެސް މަހުރޫމް ވެގެން. ހޫން އަހަރެމެންގެ ރޯދިބަރަކާތް ވެސް މަހުރޫމް ވެއްޖެ. ހީވަނީ ލައްކަ ފައިދާ ވާ ތަނެއްހެން ތިޔަބުނާ ކޮމަންވެލްތަކީ. ސިޔާސީ އަޅުވެތިކަމެއް އެއީ. ހަން ފަތުރަން ގެންގުޅޭ މެކޭނިޒަމެއް އެއީ. ޚާއްސަކޮށް އިނގިރޭސިން އަދިވެސް ހަންފަތުރަން ގެންގުޅޭ މެކޭނިޒަމް އެއީ.