ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް: އިންކަމް ޓެކްސްގެ ބިލް ވަރަށް އަވަހަށް މަޖިލިހަށް ފޮނުވާނެ ކަމަށް ބެލެވޭ --ފޮޓޯ: މަޖިލިސް
13 އޮކްޓޯބަރ 2019 - 11:52
އިންކަމް ޓެކްސް ތައާރުފް ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. މިއީ ނޭނގި ހުއްޓާ، ހުޅަނގުގެ ގަދައިގައި އިރު ދަށުން ނެގި ވިލާގަނޑެއް ނޫނެވެ. މިއީ ބަލަން ތިއްބާ، ހެދެމުން ދިޔަ ވިލާތަކެކެވެ. ވިލާގަނޑު ހިފަހައްޓައިފައި ހުރީ ދިޔަވަރު ހިކި ވަގުތު ކަމުންނެވެ. ދިޔަވަރު ފޫދޭން ޖެހުމުން، ވިއްސާރައަށް މިހާރު މިވަނީ ތައްޔާރު ވެފަ އެވެ. ކެރީގެ އަސަރު އަދި ނުކުރި ނަމަވެސް ވިލާގަނޑުގެ ތެތް، ފިނި ރޯޅިގެ ސަބަބުން ގިނަ ބަޔަކު ހީކަރުވަން ފެށީ އެވެ.
އިންތިހާބުތައް ކައިރިވުމުން "ވައުދާ ހިނގާ" މީހުން ރަށްރަށަށް އަރައި، ގޭ ފުޅަލި ހިއްލާލުމަށް ވަހު ގެޔަށް ވަދެ ދެއްކި ވާހަކަތައް، މިއަދު މިވަނީ ހިންގަން ފަށައިފަ އެވެ. ނުދެނެ ހުއްޓާ ހިނގި ކަމެއް ނެތެވެ. އިންކަމް ޓެކްސް ނެގުމަށާއި އިތުރު އެތަކެއް ހިދުމަތެއް އަގުހެޔޮ ކުރުމަށާއި، ހިލޭ ފޯރުކޮށްދޭނަމޭ ކިޔާ ދެެއްކި ވާހަކައަށް، ކުރި ވައުދަށް އަހަރެމެން ވަނީ އާނބަސް ބުނެފަ އެވެ. ނުލާހިކު ހަރު އަޑުންނެވެ. އެހެންކަމުން ހިދުމަތް ދިނުމަށް ބޭނުންވާ އިތުރު ޓެކްސް ނެގުމުގެ ސައްލާ ފެށުމުން އެކަމާ ހިތްހަމަނުޖެހި، ހައިރާން ވަނީ ކީއްވެގެން ބާވަ އެވެ؟
އަލަށް ކަމެއް ކުރެވޭނީ އިތުރަށް ފައިސާ ހަރަދުކޮށްގެންނެވެ. މިއީ އަޅުގަނޑުމެން އެންމެން ދަންނަ ކަމެކެވެ. ގޭ ދޮންނަ މެޝިނުގެ ހިއްކާ ބައި ހަލާކުވެފައި ހުރި ނަމަވެސް، އަތުން ފެލައިގެން ތަކެތި ހިއްކަނީ، އާ މެޝިނެއް ގަންނަން ފައިސާ ހަމަވަންދެންނެވެ. ދޮށީ ދަރިފުޅުގެ ކައިވެނި ދެ މަހެއްހާ ދުވަހު ފަސްކުރުމަށް ވާހަކަ ދެކެވުނީ، މި ވަގުތު އިތުރު ކޮޓަރިއެއް ހަދަން ދަތިވުމުންނެވެ. ސަފާރީ އޮޑީގެ ޑީޕް ފްރީޒަރު ކުޑަ ނަމަވެސް، ބޮޑު އެއްޗެއް ނުގަނެ މަޑުކުރަނީ، މޫސުން ފެށި، ފަތުރުވެރިން ގިނަވެ، ވިޔަފާރިއަށް ފަހި ވަންދެންނެވެ. ދަނޑުބިން ހައްދަން ކައުންސިލުން ދޫކޮށްފައިވާ ބިމުގައި ވަރުގަދަ ޑޭވީ ޕަމްޕެއް ހަރުނުކުރެވި، އުނދަގުލުގައި ފެން ދޭން ޖެހެނީ، މަސައްކަތުގެ ނަފާއިން ރަނގަޅު ޕަމްޕެއް ގަތުމަށް ތަނަވަސް ވަންދެންނެވެ. މިއީ އަމިއްލަ ދިރުއުޅުމުގަޔާއި، އަމިއްލައަށް ހިންގާ ކުދި އަދި ބޮޑެތި ވިޔަފާރިތަކުގައި ވެސް ކަންތައް ކުރާ ގޮތެވެ.
އެހެންކަމުން، ތަކުރާރުކޮށް ދަރަނި ވަމުންދާ ބަޖެޓަކުން، އިތުރަށް ޓެކްސް ނުހޯދާ އިތުރު ހިދުމަތް ދެވޭނޭ ކަމަށް، ހަމަ އަހަރުމެން ގަބޫލުކުރަންވީ ކީއްވެގެން ބާވަ އެވެ؟ "ވައުދާ ހިނގާ" މީހުން، ބޭބީ އުރާލައިގެން ސެލްފީ ނެގުމަށް ފަހު ދައްކާ ވާހަކަ، ސުވާލަކާ ނުލައި ގަބޫލުކުރަނީ ކީއްވެގެން ބާވަ އެވެ؟
އިރުވައި މޫސުމުގައި ގޭގެެއަށް ދޮންދޫނި ވަންނަ ބީދައިން، "ވައުދާ ހިނގާ މީހުން" އައުމުން، އެފަރާތްތަކާ ސުވާލު ކުރަމާ ހިނގާށެވެ. ސެލްފީގެ ގަޑި ނިމުމުން، އަތުގައި ހިފައިގެން ހުރެ އަހަމާ ހިނގާށެވެ. ތިޔަ ބުނާ އިތުރު ހިދުމަތުގެ އަގަކީ ކޮބައި ހެއްޔެވެ؟ އެ ހިދުމަތް ދެނީ މިހާރު ހިނގާ ކޮން ހަރަދެއް ކަނޑާލައިގެން ހެއްޔެވެ؟
ސަރުކާރަކީ ރައްޔިތުން ދައްކާ ޓެކްސް ފައިސާ ހަރަދުކޮށްގެން ހިދްމަތް ދޭ ބައެއް ކަމުން، ޔަގީނުން ވެސް އެނގޭ އެއްޗަކީ މިހާރު ހިނގާ ހަރަދެއް ކަނޑާލަން ރާވާފައިނުވާ ނަމަ، އިތުރު ޓެކްސް ނަގަން ޖެހޭނެ ކަމެވެ. އެހެންކަމުން ރަން އިލޮށިން ބަސަރާގެ މޮޅު ކަދުރު، ދެ އިރު ކެއުމަށް ހޯދައިދޭނޭ ކަމަށް ބުނާ މީހުން ގާތު، އަގަގީ ކޮބައިތޯ އަހަމާ ހިނގާށެވެ. ކަދުރު ގަންނަން ހަރަދުކުރާނީ ކޮން ތާކުން، ކިހިނަކުން ހޯދާ ފައިސާއަކުން ކަން ނޭހުމަކީ އަޅުގަނޑުމެންގެ އަމިއްލަ ޒިންމާ، ކޮންމެ ފަރުދެއްގެ ފަރުދީ ޒިންމާ، އަދާކުރެވުނު ކަމަށް ގަބޫލު ކުރާނީ ކިހިނަކުން ހެއްޔެވެ؟
އަނެއްކާވެސް "ވައުދާ ހިނގާ" ދުވަަސްވަރު މިވަނީ ދާދި ގާތްވެފަ އެވެ. ކައުންސިލް އިންތިހާބު އަންނަނީ ބޯމަތި ވަމުންނެވެ. ކައުންސިލް އިންތިހާބަށް ވާދަކުރަން ބޭނުން ފަރާތްތަކުން މިހާރު އެގެންދަނީ ދަތުރު ހަދަމުންނެވެ.
ތިމަން މީހާ މިހާރު ވެސް މިއުޅެނީ، ހަރަދު ވަށައި ނުޖެހިގެންނެވެ. ތި ޒާތުން އެތަކެއް އަހަރު ދެއްކި ގިނަ ވާހަކަ ގަބޫލުކޮށް ވޯޓު ދިނުމުގެ ނަތީޖާއަކީ އިތުރު ޓެކްސް ދައްކަން ޖެހުންކަން، އެތަކެއް ދައުރުގައި، ގިނަ އަހަރުތަކުގައި، ތަޖުރިބާ ކުރެވިއްޖެ އެވެ.
ރަށު ގްރައުންޑްގައި ޓާފް އަޅައި، ބޭރު ކޯޗެއް ގެނެސް، ތަމްރީނުކުރާ ވާހަކަ އާއި، ރޭގަނޑު ޕްރެކްޓިސް ކުރުމަށް ފްލަޑް ހަރުކޮށް ކޮންމެ ރެޔަކު 8 – 12 އަށް ދަނޑު ދިއްލާ ވާހަކަ އާއި ސްކޫލުގައި ޖިމެއް ހަދައި އިންސްޓްރަކްޓަރުން ގެންނަ ވާހަކަ ފެށުމުން، އިހުތިރާމާ އެކު ސަރަންފީގައި ބައިންދާފައި އަހަމާ ހިނގާށެވެ.
ތިއީ މިރަށު ކުދިން ކިތަންމެހާ ވެސް ބޭނުން ކަންތަކެވެ. މި އަތޮޅުން މިރަށް އެކަންޏެއް ނޫނެވެ. އަތޮޅު ހުރިހާ ރަށަކަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ތިޔަ ބުނާ ތަކެތި އިންތިހާ އަށް ބޭނުމެވެ. ޒުވާނުން ތިބީ ކެތްމަދުވެފަ އެވެ. އެކަމަކު ތިޔަ ބުނާ ބޮޑެތި ފްލަޑް ލައިޓާއި ޓާފްގެ އަގަކީ ކޮބައި ހެއްޔެވެ؟ ޖިމް ހަދާ ކޮޓަރި، ރާނާ އެތަނަށް ބޭނުންވާ ތަކެތި ހޯދަނީ ކިހިނަކުން ހެއްޔެވެ؟ ރޭގަނޑު ދަނޑު ދިއްލާފައި ބޭއްވުމަށް އިތުރަށް ހިނގާ ކަރަންޓުގެ އަގު ދައްކަނީ ކިހިނަކުން ހެއްޔެވެ؟ ޖިމް އިންސްޓްރަކްޓަރާއި ފުޓްބޯޅާ ކޯޗްގެ މުސާރަ އާއި ހުރުމުގެ ކަންތައް ހިންގަނީ ކިހިނަކުން ހެއްޔެވެ؟
ބަޖެޓު ބޮޑުވާނެ އަދަދު އޮޅުން ފިލުވުމުގެ އިތުރުން އެންމެ މުހިންމުކޮށް އަހަމާ ހިނގާށެވެ. ތިމަން މީހާ މިހާރު ވެސް މިއުޅެނީ، ހަރަދު ވަށައި ނުޖެހިގެންނެވެ. ތި ޒާތުން އެތަކެއް އަހަރު ދެއްކި ގިނަ ވާހަކަ ގަބޫލުކޮށް ވޯޓު ދިނުމުގެ ނަތީޖާއަކީ އިތުރު ޓެކްސް ދައްކަން ޖެހުންކަން، އެތަކެއް ދައުރުގައި، ގިނަ އަހަރުތަކުގައި، ތަޖުރިބާ ކުރެވިއްޖެ އެވެ. ވީމާ ތިމަން މީހާ މިފަހަރު އޮޅުން ފިލުވަން ބޭނުމެވެ. ތިޔަ ބުނާ ތަކެތި ގަނެ ހިދުމަތް ދިނުމަށްޓަކައި މަގޭ ޖީބުން އިތުރަށް ދޭން ޖެހޭނީ ކިހާ ވަރެއްތޯ އެވެ؟ ޖީއެސްޓީ ބޮޑުކުރާނީ ކިތައް ޕަސެންޓުންތޯ އެވެ؟ އިންކަމް ޓެކްސް އިތުރުވާނެތޯ އެވެ؟
ދައްކަން ޖެހޭނޭ މިންވަރާ މެދު ވިސްނާނުލާ، އެވާހަކަ ނުދައްކާ، ކައި ނިމި، ފެން ބޮއި، ދުފާ ހެދުމަށް ފަހު، ވެއިޓަރު ކަލޭގެ ބިލް ހިފައިގެން އައުމުން އޭނާ ދެކެ ހިތްހަމަނުޖެހުމުގެ ބޭނުމަކީ ކޮބައި ބާވަ އެވެ؟
އާތިފަކީ، މިފްކޯ އާއި ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުގެ އިސް މަގާމުތައް އަދާކުރެއްވި އަދި އިގުތިސާދީ އެކި މައުލޫއުތަކުގައި ލިއުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އަކީ ދާދި ފަހުން އިނގިރޭސި ބަހުން ނެރެން ފެށި މޯލްޑިވްސް އިކޮނޮމިކް ރިވިއުގެ އެއް ބާނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުވާދީވްމޭޒު
14 October 2019
ރިސޯޓް ތަކުން ބޮޑުލާރި. ރައްޔިތުން ފަނާ ވަނީ
އިދުރީސްބެ
13 October 2019
ވަރަށް ދެކޮޅު ނުޖެހޭ ހާސަރުތަކެއް. އިންކަމް ޓެކްސް ނަގަނީ އާތިފް އެވިދާޅުވާ ދަރިފުޅު ކީއްޔަށްޖަހައިގެން، ޚަރަދު ވަށާނުޖެހިގެންއުޅޭ މީހާގެ ޖީބަކުންނޫން. ހިތުން މޮޅު ވާހަކައެއް ދައްކާފަމިއޮތީ.
އިދިކޮޅުވިސްނުން
13 October 2019
ކިތަންމެހާވެސް ޢިބުރަތްތެރި މުޙިއްމު މަޢުލޫމާތު ތަކެއް ހިމެނިގެންވާ ލިއުމެއް، ވިސްނާފިކުރުކުރާ ބަޔަކަށް ކިތަންމެހާވެސް ބޭނުންތެރި މަޢުލޫމާތުތަކެއް، އެކަމަކު ސުވާލަކީ މިކަންކަމާއި ވިސްނާ ފިކުރުކުރަނީ ކިތައްމީހުންބާވައޭ؟ ވޯޓުހޯދަންއައިސް އެވެނި މިވެނި ކަންތައްތަކެއްކޮށްދޭނަމޭ ބުނާއިރު ހީވަނީ އަމިއްލަޖީބުން ކޮށްދޭންބުނާކަންތައްހެނެވެ. ކަންތައްކޮށްދެވޭނީ ރައްޔިތުންގެ ބައިތުލްމާލާއި ޙަވާލުވެތިބި ބަޔަކުކޮށްދިނީމަ ކަމެއް ޤަބޫލުނުކުރާކަހަލައެވެ.
ކަރީމުއްދީން ބާޝާ
13 October 2019
ތިވާހަކަނުދައްކާ. މީ މުއްސަދިންގެ ސަރުކާރު. މަޖުލީހުގެ ވެރިމީހާއަކީވެސް ފަގީރު މަހުޖަނެއް.
މުހައްމަދު ވހދ
13 October 2019
ބޯހިޔާވަހިކަން ނެތް ދިވެހިން އިންކަމް ޓެކުހުން އިސްތިސްނާކުރުން އެދެން އެމީހުންނަށް އަމިއްލަ ބޯހިޔާވހިކަމެއް ލިބޭދެން.
ރަންނަ
13 October 2019
މަހަކު 40000 އާމްދަނީ ލިބޭމީހާ އަމިއްލަ ބޯހުޔާވަހިކަން ހޯދުމުގެ ގާބިލުކަން ހުންނާނެ.
ކައްކާ
13 October 2019
ޕެޑުން ޓެކްސް ކަނޑާލަން ޕުރޮޕެގެންޑާ ހިންގިމީހުން އޮޅުންފިލުވަދޭން އެބަޖެހޭ ޕެޑު އިންޕޯޓުކުރާމީހުން ޖީބު ބޮޑުވުން ފިޔަވައި އިތުރު ނަތީޖާއެއް އޭގެއިން ނިކުތްތޯ.
ހުކުމް
13 October 2019
ޓެކްސް ނެގީމާ އަހަރެމެންނަށް ވަނީ ކޮން ފައިދާއެއް މަގުމަތީ ދުއްވާ އެއްޗިއްސަށް ވެސް ބުނި ވަރަކަށް ލާރި ދައްކަމުން މިދަނީ އެކަމަކު މިހާރު ވެސް ގޭދޮށު މަގުގައި ފެންބޮޑުވެފަ މަގު ހަދަނީ އެއްނޫން ފާޚާނާ ނިޒާމް ހެދުނީކީ އެއް ނޫން ކޮބާ ލިބޭ ޚިދުމަތަކީ އެކަމަކު ސިޓީ އެކޯ.