ޔޫކޭގައި ރާއްޖެ އިޝްތިހާރުކޮށްފައިވާ ބަހެއް-- ފޮޓޯ: އެމްއެމްޕީއާރުސީ
22 އޮކްޓޯބަރ 2019 - 14:06
އިނގިރޭސިވިލާތުގެ ޕަބްލިކް ޓްރާންސްޕޯޓް ބަސްތަކުގައި ރާއްޖެ އިޝްތިހާރު ކުރަން ފަށައިފި އެވެ.
އެމްއެމްޕީއާރުސީން ބުނީ މި ކެމްޕޭނުގައި ހަ މަސް ދުވަސް ވަންދެން، ލަންޑަނުގެ މަޝްހޫރު ހިސާބުތަކުގައި ރާއްޖޭގެ ފޮޓޯތައް ޖަހާފައިވާ ބަސްތައް ދަތުރުކުރާނެ ކަމަށެވެ. އަދި ސެންޓްރަލް ލަންޑަނުގެ ބަސް ސްޓޮޕްތަކުގެ ސްކްރީންތަކުގައި ދެމަސް ވަންދެން ރާއްޖެ އިޝްތިހާރު ކުރާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
މީގެ އިތުރުން ރާއްޖޭގެ މަންޒަރުތައް ދައްކާ ވީޑިއޯތައް މި މުއްދަތުގެ ތެރޭގައި، ލަންޑަނުގެ ވޯޓާލޫ ސްޓޭޝަންގެ 40 މީޓަރުގެ ސްކްރީންތަކުން ދައްކާނެ އެވެ. މި ސްކްރީނަކީ މުޅި ޔޫރަޕުގައި ވެސް ހުރި އެންމެ ބޮޑު ސްކްރީނެވެ. މި ސްކްރީނުގައި ރާއްޖޭގެ މަންޒަރުތައް ދައްކާލުމުން ގިނަ ބަޔަކަށް ރާއްޖެ އިޝްތިހާރު ވާނެ ކަމަށް އެމްއެމްޕީއާރުސީން ގަބޫލު ކުރެ އެވެ.
ލަންޑަނުގެ ވޯޓާލޫ ސްޓޭޝަނުގެ ސްކްރީނުގައި ރާއްޖެ އިޝްތިހާރު ކުރަނީ-- ފޮޓޯ: އެމްއެމްޕީއާރުސީ
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މި ކެމްޕޭނަކީ އިނގިރޭސިވިލާތުގެ ރައްޔިތުންގެ މެދުގައި ރާއްޖެ އަކީ މަގުބޫލު މަންޒިލަކަށް ހެދުމަށް ކުރިއަށް ގެންދާ ކެމްޕޭނެއް ކަމަށެވެ. މި މާކެޓަކީ ރާއްޖެ އަށް މުހިންމު މާކެޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ މަހުގެ ނިޔަލަށް އިނގިރޭސިވިލާތުން 83،089 ޓޫރިސްޓުން ވަނީ ރާއްޖެ އަށް ޒިޔާރަތް ކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.5 ޕަސެންޓުގެ ކުރިއެރުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަރުމެންނަށް ކޮން
23 October 2019
އަހަރުމެންނަށް ކޮންމަންފާއެއް އޮތީ؟
ބަބުރަންޖީ ހާޖީ
22 October 2019
ލަންޑަނުމީހުން މިފަހަރު އާވާރާކޮށްލަންޖެހޭނެ.
އެލިޒަބަތު ގެ ފިރިމީހާ
22 October 2019
ބުހުތާން ދޮގު ނުހަދަ ބަލަ.. ތިޔަ ބަސް ތަކަކީ ޕަބްލިކް ޓްރާންސްޕޯޓަށް ބޭނުން ކުރާ ބަސް ތަކެއް ނޫން، ތިޔަ ބަސް ތަކަކީ ލަންޑަންގެ ސައިޓް ސީން ތަކަށް ބޭނުން ކުރާ ބަސް ތަކެއް. ތީގެ އުޅޭނީ 4 ބަސް! ލަންޑަން ޕަބްލިކް ޓްރާންސްޕޯޓަށް ކޮންމެ ދުވަހަކު 8500 ބަސް ބޭނުން ކުރޭ.