ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
22 އޮކްޓޯބަރ 2019 - 18:19
ރިސޯޓުތައް ފެހިކުރުމުގެ ބޭނުމުގައި، އެހެން ރަށްރަށުން ރުއްގަސް ނެގުން ހުއްޓާލަން ގޮވާލައި ރައްޔިތުންގެ މަޖިލިހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ބިން ހިއްކައިގެންނާއި އެހެނިހެން ގޮތް ގޮތުން ތަރައްގީކުރަމުން އަންނަ ރިސޯޓުތައް ފެހިކުރުމަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ފަޅު ރަށްރަށުން ރުއްގަސް ނަގަމުންދާ ކަމަށެވެ. އެހެންވެ، އަލީ ހުސެއިން ހުށަހެޅުއްވީ ސަރުކާރުގެ ސަމާލު ކަމަށް މިކަން ގެނެސް، އެކަން ހުއްޓުވުމަށެވެ.
އަލީ ހުސެއިންގެ މި ގަރާރު އައީ، މިފަހުން ވެސް ރަށްރަށުން ރުއް ނެގުމުގެ މައްސަލަތަކެއް ފެންމަތިވެ، ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ.
ގަރާރުގައި ވަނީ ވޭތުވެދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި، ރުއްގަސް ނަގައިގެން ރިސޯޓުތަކަށް ގެންދާ މައްސަލަ ވަރަށް ސީރިއަސް ކަމަށެވެ. ގަރާރުގައި ވަނީ، ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކަމަށް ބުނެ ރުއްގަސް މުލުން ލުހެގެން ގެންދިއުން އާންމު ކަމަކަށްވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ދޫކުރި ފަޅުތަކާއި ފަރުތައް ހިއްކައި އެތަން ތަނުގައި އާޓިފިޝަލް ރަށްތައް ހެދި ހިސާބުން ކަމަށެވެ.
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކަމަށް ބުނެ، ގަވާއިދުތަކުގައި ހުރި ބާގަނޑުތަކުގެ ބޭނުންކޮށްގެން، ގިނަ އަދަދަށް ރުއްގަސް ނަގަން ޖެހޭ ގޮތަށް އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ފަރުމާ ކުރަން ފަށާފައިވާ ކަމަށް ވެސް ގަރާރުގައިވެ އެވެ.
ރަށްރަށުގެ ގަސްބޯ ވަލު ތެރޭގައި މަގު ހެދުމާއި ރަށްރަށުގެ ހޭޅިފަށުގައި ހެދިފައި ހުރި ރުއްގަސް ނަގަން ޖެހޭ ގޮތަށް ރިންގް ރޯޑް ހެދުން ފަދަ، ތަރައްގީގެ ނަމުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދައި ރުއްގަސް ނެގުމަށް މަސައްކަތްކޮށް ކާމިޔާބު ކޮށްފައި ވެސް އެބަހުރި ކަމަށް ގަރާރުގައިވެ އެވެ.
ގަރާރުގައި ރުއްގަސް ނަގައިގެން ގެންދިޔަ ރަށްތަކުގެ ތަފްސީލްތައް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ދާދި ފަހުން ރުއްގަސް ގެންދިޔަ ހއ. ކެލާ، ހއ. ބާރަށް އަދި ށ. ފޯކައިދޫ ހިމެނެ އެވެ.
އަލީ ހުސައިންގެ ގަރާރުގައި ވަނީ ކަނޑައެޅިފައިވާ ހަރުދަނާ ގަވާއިދުތަކުގެ ބޭނުން ނުކޮށް، ރަށްރަށަށް ބޮޑެތި ގެއްލުންވާ ގޮތަށް ރުއްތައް އުފުރައިގެން ގެންދިއުމަކީ ރަށްރަށުގެ ތިމާވެއްޓަށާއި ރައްޔިތުންނަށް ވެވޭ ބޮޑު އިހުމާލެއް ކަމަށް ބުނެފަ އެވެ. އެހެންވެ، އެކަމުގައި އަޅަންވީ ފިޔަވަޅުތައް ގަރާރުގައި ހިމަނާފައިވެ އެވެ.
އެގޮތުން ތަރައްގީގެ މަޝްރޫއަކަށް ކޮންމެހެން ނަގަން ޖެހޭ ރުއްގަސް އިންދަން ޖެހޭނީ އެ ރަށެއްގައި ނުވަތަ އުފުރާ ސަރަހައްދާ އެންމެ ކައިރިން އޮތް އާންމު ތަނެއްގައި ކަމަށް ކަނޑައަޅާ މިހާރު އޮތް ގަވާއިދު މިހާރުން މިހާރަށް އިސްލާހު ކުރަން ޖެހޭ ކަން ގަރާރުގައި ފާހަގަކުރި އެވެ.
"މިގޮތަށް ރޭވިއްޖަ ނަމަ ރަށުން ނަގަނީ ކޮންމެހެން ނަގަން ޖެހޭ ގަހެއް އަދި ރުކެއް ކަން ޔަގީން ކުރުމުގެ އިތުރުން ސަރުކާރުގެ ރަށްފެހި ވައުދު ހާސިލް ކުރުމަށް ލިބޭ ބާރަކަށް ވެސް ވާނެ،" ގަރާރުގައިވެ އެވެ.
ގަރާރުގައި ބުނެފައި ވަނީ ރުއްގަސް ނެގުމުގެ ކަންތައް މިހާ ފުޅާކޮށް ހުއްޓުމެއްނެތި ދިމާވާން މެދުވެރިވާ ހުރިހާ ސަބަބެއް ހޯދައި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިލާވަޅު
23 October 2019
އަލީ ހުސޭނު މިއުޅެނީ ކިހިނެއްވެގެންބާ، ރާއްޖޭގެ ހުރި ރިސޯސް ރާއްޖޭގެ ތަރައްގީއައް އަދި އިކޮނޮމީއައް ބޭނުންކުރަންޖެހޭ އެއްޗެއް އެއީ އެކަންމައް ރަނގަޅު އުސޫލުތަކެއް ހަދަންޖޭހޭނީ ޕްލޭނެއްނެތި ދާނެ މަންޒިލެއް ނޭގޭނެ ތުޔަހެން އަކުން ބަކުން ކުޅޭގޮތައް ޤަރާރުތައް ނެރެވިދާނެ ތިޔައިން މަންފާއެއް ދިވެހި ރައްޔިތުންނަކައް ނުކުރެވޭނެ
އުމަރުބެ
23 October 2019
ރާއްޖޭގެ ފަޅުތަކެއް ހިއްކައި އެފަޅުތަށް ފެހިކުރަން ރާއްޖޭގެ އެކި ހިސާބުތަކުން ރުއްގަސް ނެގުމަކީ މައްސަލައެއްނޫން، އަދި ފަޅުރަށްތަކުގައި ރުއްތަށް އާދަޔާއި ހިލާފަތް ގިނަވީމަ ދެން ހުރި ރުއްތަކަށް ގެއްލުންލިބޭ، އެހެކަމުން ތަނެއް ފެހިކުރުމަށް ރުއްތަކެއް ނެގީމަ އެރުކަށް ހިމާޔަތް ލިބިގެންދޭ، އެހެންކަމުން ތިޔަ މައްސަލަ ސިޔާސީ މައްސަލައަކަށް ނަހަދައި، މާރަނގަޅުވާނެ މޫދަށް ކުނިއަޅާ މައްސަލަ ނެގިއްޔާ
އުދުހޭ
23 October 2019
ނަގާ ކޮންމެ ރުކަކަށް 3 ރުއް އި ންދަންޖެހޭގޮތަށް ހެދުން ރަނގަޅު.
ކޮސްގޮވާ
22 October 2019
ގޯހަކީ ގަސްނެތި ކޮއްލާކަމުގައިވާނަމަ. އެކަމަކު ރަށަކުން ރަށުކައުންސިލް ހުއްދަ ދޫކުރާ އަދަދަކަށް ރުށް ލިބެންޖެހޭނެ. އަދި އޭގަ ބަދަލުގައި ފައިސާ އާއި އާރުށް ޖެހުމުގެ ސަގާފަތެއް ރަށު ކައުންސިލްއިން ހިންގުން
ޑުރެކިއުލާ
22 October 2019
ރަށްރަށުގަ މީހުން ދިރިނޫޅޭހިސާބު ވަލުތެރެއިން ރުއްގަސް ނެގީމަ ރަށަށްވާ ގެއްލުމަކީ ކޮބައިތޯ؟؟ ހަމަގައިމުވެސް ޖާގަ ތަނަވަސްތަނެއްގަ އިންދީމަ ގަހަށްވާނީ ފައިދާ.