ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މަޖިލިހުގައި ވާހަކަ ދައްކަވަނީ. ވިޔަފާރިތަކަށް ދަތިނުވާ ގޮތަށް ޓެކްސް ނަގަން ޖެހޭ ކަމަށް ވިދާޅުވި. --- ފޮޓޯ: މަޖިލިސް
28 އޮކްޓޯބަރ 2019 - 11:36
ސަރުކާރުން ޓެކްސްތައް ނަގަން ޖެހޭނީ ވިޔަފާރިތަކަށް ދަތިނުވާ ގޮތަށާއި ވިޔަފާރިތައް ކުރިއަރާނެ ނިޒާމެއް ސަރުކާރުން ގާއިމުކޮށްދޭ ގޮތަށް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އާމްދަނީން ޓެކްސް ނެގުމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވައި ސަލީމް ވިދާޅުވީ އިންކަމް ޓެކްސް ނަގަން ވިސްނާ އިރު، މިހާރު ޓެކްސްތައް ނަގަމުން ދަނީ އެންމެ ރަނގަޅަަށްތޯ ވިސްނަން ޖެހޭ ކަމަށެވެ. އޭގެ ފަހުގައި ސަލީމް މިސާލު ނެންގެވީ ކަސްޓަމް ޑިއުޓީގެ ގޮތުގައި ދޮންނަ މެޝިނާއި އެއާ ކޮންޑިޝަނާއި ނެޕީން ނަގާ ޓެކުހަށެވެ.
ސަލީމް ވިދާޅުވީ ދޮންނަ މެޝިނަކުން 20 ޕަސެންޓު ޓެކްސް އަދި އެއާ ކޮންޑިޝަނުންނާއި ކުޑަކުދިންގެ ނެޕީން 25 ޕަސެންޓު ޑިއުޓީ ނަގަމުންދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިއިން ކޮންމެ އެއްޗަކީ ދިވެހިންނަށް އެއާ ނުލާ ނޫޅެވޭނެ ކަހަލަ އެއްޗެހި ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ގިނަ ޓެކްސްތަކެއް ނަގަމުންދާ އިރު، ދައުލަތަށް ލިބޭ މައިގަނޑު އާމްދަނީއެއް ލިބެމުން ދަނީ ވެސް ވިޔަފާރިވެރިންގެ އަތުން ކަމަށެވެ. އެހެންވެ، ވިޔަފާރިތައް އިނދަ ޖެހޭ ގޮތަށް އެއްވެސް ސަރުކާރަކުން މަސައްކަތް ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ތަންތަން ކުއްޔަށް ދޭ އިރު ވެސް އިއުލާންކޮށްގެން ވަރަށް މަތީ ކުލިތަކަށް ދޭ އިރު، އެކަމުގެ ހުރިހާ ބުރައެއް ވެސް އުފުލަން ޖެހެނީ ވިޔަފާރިވެރިންނަށެވެ.
"މި ހުރިހާ ބުރައެއް މި ޖެހެނީ ވިޔަފާރިވެރިންނަށް. ދެން ވިޔަފާރިވެރިން ޓެކްސް ދައްކަމުން. އިންކަމް ޓެކްސް ވެސް ދައްކާނެ. އަދި ޑިވިޑެންޑުން ވެސް ލާރި ދައްކަން ތައްޔާރަށް ތިބޭނީ،" ސަލީމް ވިދާޅުވި އެވެ.
ދުނިޔޭގެ ގައުމުތަކުގައި ޓެކްސް ނަގާ އިރު، ވިޔަފާރިވެރިންނަށް ފަހިވާނެ ގޮތްތަކަކަށް ބުރަ މަސައްކަތް ކުރަމުންދާ އިރު، ރާއްޖޭގައި ވިޔަފާރިވެރިންނަށް މާ ބޮޑެތި ލުއިތަކެއް ނުދޭ ކަމަށް ސަލީމް ވިދާޅުވި އެވެ.
އެކަމަކު، ދައުލަތް ހިންގޭނެ އިންތިޒާމުތައް ހަމަޖައްސަނީ ވިޔަފާރިވެރިން ކުރާ ބުރަ މަސައްކަތުން ދައުލަތަށް ދައްކަން ޖެހޭ އެއްޗެއް ދެއްކީމަ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި އިރު، ބިލްގައި ވާ ގޮތުން އިންކަމް ޓެކްސް ދައްކަން ޖެހޭނީ މަހެއްގެ މައްޗަށް 40،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުންނެވެ.
އާމްދަނީގެ ގޮތުގައި އުޖޫރަ އާއި ވިޔަފާރީގެ އާމްދަނީ އާއި އުފުލޭ މުދާ އަދި ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީ އާއި ޑިވިޑެންޑާއި އިންޓްރެސްޓާއި އެނުއިލިޓީ އާއި ޕެންޝަން އަދި ރިޓަޔަމެންޓް ބެނިފިޓާއި ބެނިޕިޝަރީންނަށް ލިބޭ އާމްދަނީ އާއި ޓެކްނިކަލް ސާވިސް ފީ އާއި ކޮމިޝަން އާއި ރޯޔަލްޓީ ވެސް ހިމެނޭނެ ކަމަށް ބިލްގައި ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާހީމް ހާއިލް
28 November 2019
ޑަަބަލްކޮށް ޓެކްސް ނެގުން ހުއްޓަން ޖެހޭ،، ކަސްޓަމްސް ޑިއޫޓީއަށް ޓެކްސް، ޖީ،އެސްޓީ، ބީޕީޓީ، މިހެންގޮސް ޑަބަލްކޮށް ދައްކަންޖެހެ އެއްނުން އެބަ
ޖާބެ
29 October 2019
ހައްހައް ބޯޑޮކޮށް ދައްކަންޖެހޭ ވިޔަފާރިވެރިން މިތަނުން ފައިސާ ބައިޕާސްކޮށް މެދު އަދި ކުދި ވިޔަފާރިތައް އަތުން.. މިމީހުން ނޭންގެ ކިހިނަކުންކަމެއް ގަޢުމު މިހިންގަން އުޅެނީ ސަރުކާރުގެ ބޮޑެތި ޕްރެކްޓްތަކުން ސިސްޓަމެޓިކަލީ ކަޓުނަގަިއގެން މިހާރުވެސް އެކަން އެކުރަނީ.. ކުދި ވިޔަފާރިތަކެއް ރަނގަޅުކުރާކައް ނޫޅޭ އަދި ތިޔަ ފައްޔާޒް ބުނާ އެސް.އެމް.އީ ލޯނެއްވެސް މާކަ ބަޔަކައް ނުލިބޭ ކައިރި އައުވާނުންނައް ދެނީ މިވެސް ހަމައެއްކަމެއް ކޮންމެބަޔަކުވެސް ކުރަނީ..
ައަބުދުﷲ
28 October 2019
ސަރުކާރު އޮފީހެއްގެ ކާތިބަކައް އައިތާ 10 ވަރަކަށް އަހަރުތެރޭ ފެށި ވިޔަފާރި މިއަދު ފުޅާވެފަ އޮތްވަރު ނޭގޭމީހަކުނެތް. ފައިދާވާ މިންވަރު ނިކަން ވިސްނާބަލަ. ޜެޑްވޭވް ތިޔައި އަދި އަގުހެއު ފިހާރައެއްކަނަ އަޅުގަނޑުވެސް ގަބޫލުކުރަން
އިންޓަލެކްޓު
28 October 2019
ކަލޭމެންގެ ވަގުވިޔަފާރިތައް ބަގުރޫޓުވަންޔާ ވާންވީ. ޓެކްސް ނަގާނެ. ލައްކަދުވަހު އުދުހެވިއްޖެއެއްނު ތިފައިސާގަ ނިކަމެތިން ފެލައިގެން އެމީހުން ހާލުގަޖައްސައިގެން.
ށ.އަތޮޅު މީހާ
28 October 2019
ޓެކްސް ނަގާނަމަ ތިބޭފުޅުން ހިތްދަތި ވާނެކަން އެނގޭ. ވަރަށް ސަލާމް. ޤާސިމްބެއަށް ވެސް ސަލާމް ބުނާތި.
ސަންފައްތަ
28 October 2019
ސަލީމްބެކައިރީ މަބުނަން ބޭނުންވަނީ ފިހާރައިގަ ހުންނަ ކުކުޅުބިސްތަކުން ނަޖިސް ފިލުވާލާފަ ބަހައްޓަދޭށޭ. ވަރަށް ސަލާމް.
ސަމާސާނުކުރޭ
28 October 2019
އެންމެ ބޮޑު އާމްދަނީ ސަރުކާރަށްލިބޭ ޓެކުހުގެ ތެރޭގައި ޖީއެސްޓީ ހިމެނޭ. އެއީ ސީދާ ރައްޔިތުންއަތުން ނެގޭ ޓެކުހެއް. މިނޫންޓެކްސްތައްވެސް އެބަހުރި ވިޔަފާރިވެރިންނާ އެއްވެސް ގުޅުމެއްނެތް. މިމީހުން ވިޔަފާރިވެރިންނަށް ވީގޮތް ދިވެހި ރައްޔިތުންނަށް އެނގޭއިރުވެސް އެހެރަ ދައްކާ ވާހަކައިން ލަދުގަނޭ!
ސަލްމާ1
28 October 2019
ސަރުކާރުން ރަށްރަށުގައި ހިންގާ ކުދި (20 ކޮޓަރިއަށްވުރެކުދި) ގެސްޓްހައުސް ތަކުންނަގާ ޓީ-ގީއެސްޓީ އާއި ގްރީންޓެކްސް ރިސޯޓްތަކާއި އެއްވަރަކަށް އޮތްއޮތުން ނިމުުމަކަށް ގެންނަން އެބަޖެހޭ.
މަކަނާ
28 October 2019
ހުޅުމާލޭގައި ހުރި އިއްޒަތްތެރި މެންބަރުގެ 2 ވަނަ ފިހާރަ ހިންގަން ބިން ލިބުނީ ކިހިނެއްތޯ؟؟؟ އެހެން ވިޔަފާރި ވެރިންނަށް އެފުރުޞަތު ނުލިބުނީ ކީއްވެތޯ؟؟؟ ވިޔަފާރި ވެރިންނަށް ހެޔޮ އެދޭނަމަ މިސުވާލަށް ވެސް ޖަވާބު ދެއްވާ!
ސަލީމާ
28 October 2019
ސަލީމް ވިދާޅުވި ގޮތުގައި ސަރުކާރުގެ ތަންތަން ކުއްޔަށް ދޭ އިރު ވެސް އިއުލާންކޮށްގެން ވަރަށް މަތީ ކުލިތަކަށް ދޭ އިރު، އެކަމުގެ ހުރިހާ ބުރައެއް ވެސް އުފުލަން ޖެހެނީ "ވިޔަފާރިވެރިންނަށެވެ." ރަނގަޅު ގޮތަކީ ވިޔަފާރިވެރިން އެއްޗެހީގެ އަގުހަދަނީ ކުލިވެސް ހިމަނައިގެން ކަމުން ހުރިހާ ބުރައެއް އުފުލަން ޖެހެނީ ރައްޔިތުން.