ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
04 ނޮވެމްބަރ 2019 - 11:04
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓު ވާނީ ދިވެހިންނަށް ގަދަރުވެރި ދިރިއުޅުމެއް ހޯދައި ދިނުމަށް މަގުފަހިކޮށްދޭނެ ބަޖެޓަކަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ބަޖެޓު މަޖިލިހަށް ހުށަހަޅުއްވައި ދެއްވަމުން އަމީރު ވިދާޅުވީ، 2020 ވަނަ އަހަރުގެ ބަޖެޓަކީ ރައްޔިތުންނަށް ބުރަ ބޮޑު ނުވާނެ އުސޫލުތަކެއްގެ މަތިން ޖަޒީރާ ދިރިއުޅުމަށް މަގުކޮށައި ދޭނެ ބަޖެޓެއް ކަމަށެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ސިޔާސަތުތައް ފުރިހަމަ އަށް ހިމަނައިގެން "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގައިވާ ކަންކަމަށް ބިނާކޮށް ހެދި ފުރަތަމަ ބަޖެޓު ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދިނުމަށް ކަނޑައަޅައި ބަޖެޓުގައި ހުށަހަޅާ ފުރަތަމަ ފަހަރު ވެސް މެ އެވެ.
އަމީރު ވިދާޅުވި ގޮތުގައި، މި އަހަރުގެ ބަޖެޓުގެ އެންމެ މުހިންމު އެއް އަމާޒަކީ ރާއްޖެ އަށް ބޭނުންވާ އަސާސީ، އުމްރާނީ ވަސީލަތްތައް ގާއިމު ކުރުމެވެ. އަދި މިއީ، ރާއްޖޭގައި މިހާތަނަށް ހުށަހަޅާ އެންމެ ބޮޑު ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ހިމެނޭ ބަޖެޓު ކަމަށް އޭނާ ވިދާޅުވި އެވެ. ޕީއެސްއައިޕީ ޕްރޮގްރާމްތައް އެކި ސަރަހައްދުތަކުގައި ހިންގަން 10.2 ބިލިއަން ރުފިޔާ މި ފަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
ބަޖެޓުގައި، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ހާއްސަ އިސްކަމެއް ދީފައިވާ އިރު، ދައުލަތުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުން ހިތްހަމަޖެހޭ ފެންވަރަށް ގެންދިއުމަކީ ބަޖެޓުން އަމާޒު ހިފާނެ ކަމެއް ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
"ރާއްޖޭގައި ސަރަހައްދީ ހަބްތަކެއް ތަރައްގީ ކުރުމާއި ހިދުމަތްތައް ދިނުމުގެ ގާބިލްކަމާއި ހިދުމަތުގެ ފެންވަރުގެ ރަނގަޅު ކުރުމަށް ރޭވިފައިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
"ރާއްޖޭގެ އެކި ހިސާބުތަކުގައި ދެވޭ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ދައުލަތުގެ ބަޖެޓުން ނުކުރާ ވަރުގެ ހޭދައެއް ކުރަން އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ކަނޑައެޅިފައި."
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ފަސް ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ އިތުރުން ސިއްހީ ވަސީލަތްތައް ތަރައްގީކޮށް، ހަރުދަނާ ކުރަން މަޝްރޫއުތަކެއް ހިންގާނެ ކަމަށެވެ. އެކަމުގެ ސަބަބުން އެކި ސަރަހައްދުތަކުގައި ބޭސްފަރުވާގެ ހިދުމަތް ލިބެން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވި ގޮތުގައި މަތީ ތައުލީމަށް އެންމެ ބޮޑު ހޭދައެއް ކުރާނީ ވެސް އަންނަ އަހަރެވެ.
އެއް ދަންފަޅިއަށް ކިޔަވައި ދޭން ބޭނުންވާ ކްލާސްރޫމްތަކާއި ވަސީލަތްތައް ގާއިމު ކުރުމަށް ރާއްޖޭގެ 104 ރަށެއްގައި މަޝްރޫއުތައް ހިންގާނެ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
ސްކޫލްތަކުގެ ނާސްތާ ކުރިއަށް ގެންދިއުމާއި ޓީޗަރުންގެ ފެންވަރު ރަނގަޅު ކުރުމާއި ޓެކްނޮލަޖީގެ އެހީގައި ތައުލީމީ ދާއިރާގެ ވަސީލަތްތައް ކުރިއެރުވުމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ މައިގަނޑު އެއް ވައުދު ކަމަށްވާ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތައް ބާރުވެރި ކުރުވައި އަމިއްލަ ފައި މައްޗަށް ތެދުވެ ހިންގުމުގެ ކުޅަދާނަ ކަން ކައުންސިލްތަކަށް ހޯދައި ދިނުމަށް ބަޖެޓުގެ ތެރެއިން ދައުލަތުގެ މާލީ ހިންގުމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނައުމަށް ރޭވިފައިވާ ކަމަށް ވެސް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
އެއީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ އެއްގޮތަށް ދައުލަތުގެ ބަޖެޓުން "ބްލޮކް ގްރާންޓެއް" ލޯކަލް ކައުންސިލްތަކަށް ދިނުމަށް ކަނޑައެޅުން ކަމަށާއި މި ބަދަލާ އެކު މާލީ ގޮތުން ލާމަރުކަޒު ކުރެވި ލޯކަލް ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"2020 ވަނަ އަހަރު ވެގެން ދާނީ ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދޭނެ ބަޖެޓަކަށް. ބަޖެޓުގެ ސިޔާސަތުގެ ތެރެއިން އިގްތިސާދީ ކުރިއެރުން ގެނުވައި ރައްޔިތުންގެ އަތްމަތި ތަނަވަސް ކުރުމަށް އެހީތެރިވެދޭނެ ބަޖެޓަކަށް،" ބަޖެޓު ބަޔާން ނިންމަވާލައްވަމުން އަމީރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމީ ލޯބީގާ
04 November 2019
އެގިދާނެތާ ވީވައުދުން އެއްވައުދެއްވެސް ނުފުއްދާނެ ކަމެއް ކުރަން ނުފެށިއްޖެނަމަ އިސްތިއުފާދޭންވާނެ އަބަދަކު ބައިސާކަޑައިގެން ހަމައެއްނުޖެއްސޭނެ ރައްޔިތުމީހާތިޔަގަންނަ ގަނޑުު ނުބަލާތިބޭނެކަމަށްހީނުކުރާތި . ވައުދު ވިއަސް މިހާތަނަށް ވީވައުދެއް ފުއްދަން އެގުނު ބޭފުޅެއް ނުން ވަރިކަމަށް އަރާހުރީ . ކިތަންމެ ވަރަކަށް ފޮނި ބައިސާކަޑާފާނެ ތިޔަބަޔަކު ބަޖެޓް ގޭދޮށު ކުދިންނަށް ބަހައި ހުސްފަ ބަޗާނީކީނޫން . އައްބޮނޑިއަށްއަޅައިދީފަ .
ބިޖޫ
04 November 2019
ތިބަޖެޓަކީ ފެންފޮދެއްވެސް ނުލާ ދިރުވާލާނެ ބަޖެޓެއް
އަބޫއަބްލަޣީ
04 November 2019
ރައްޔިތުން ގަދަރުވެރިވާނީ ވިސާފީ ބޮޑުކޮށް ސިގިރެޓުންނަގާ ޑިޔުޓީއާއި އެހެނހެން ފީތަކާ ޓެކްސްތައްވެސް ބޮޑުކޮށްގެން.
އަދުރޭ
04 November 2019
ދޮންކަލޯ ތީ ބިންހިތްކަންއެގޭސަރުކާރެއް.
ޝަހީދު
04 November 2019
އަހަރެމެން ރައްޔިތުންނަކީ ގުނބޯލިން ކަމަށް ހީފުޅުވީތޯއެވެ. 32 ބިލިޔަން ރުފިޔާ ގެ ބަޖެޓުން ފެނުނީ އެއްވެސް ޕްރޮޖެކްޓެއް ނެތި ދައުލަތުގެ ދަރަނި އިންތިހާއަށް މައްޗަށް ދިޔަތަނެވެ. ތިޔަ ހުށަހެޅި 37.5 ބިލިޔަން ރުފިޔާގެ ބަޖެޓުން ރައްޔިތުން އިތުރަށް ދަރަނިވެރިވުން ނޫން ކަމެއް ނުވާނެއެވެ. އަސްލު ދަރަނިބޯ އަކީ މި ސަރުކާރެވެ.
އިބިރިހިންބެއްޔާ
04 November 2019
"ދަރަނިބޯ" މިބަސް ބޭނުންކުރަން ދަސްކޮއްދިން ޓީމް މިއޮތީ، ރާއްޖެ "ދަރަނިބޯ" އަކަށް ހަދަން ނިކުމެ.
ސައި
04 November 2019
ސިއްޙީދާއިރާއަށް އެހާބޮޑު ބަޖެޓެއް ކަނޑައެޅިއިރު ދަރިންނުލިބޭ މީހުންނަށް ތިޔަބަޖެޓުން ކުރާނެ ފައިދާއެއް ނެތް
ޕަރސަން
04 November 2019
ތިހެން ބުނާނީ، އެކަމު ސަރުކާރުގައި ތިބި މީހުން ތި ލާރިތައް ކާނީ.
އުމޭރު
04 November 2019
ތިބަޖެޓު ޚަރަދުކޮއް ނިމޭއިރު މުއްސަނދިކަމާއި ތަރައްގީ ލިބޭނީ އިންޑިޔާއައް. ތި ބަޖެޓައްލާރިހޯދާނީ ދަރަނި ލޯނުން ދިވެހީންގެ ބޮލުގަ ދަރަނި އެޅޭގޮތައް.. ދެން މަސައްކަތްތައްދޭނީ އިންޑިޔާ ކުންފުނިތަކައް އަގުތައް ބޮޑުކޮއަފަ.ކަލޭމެންގެ ކުރީ ދައުރުގަ އިންޑިޔާއިން ހެދި ގާކޮށި ފުލެޓުތައް ހުރިގޮތް ގޮސް ބަލާބަލަ. ކާޅު ދިރިއުޅެ ހާލިތަކެއްހެން އެހެރީ. އެކަމަކު ފައިސާނެގި ލަގުޒަރީ ފެންވަރައް.
ހޮޓްކިންގ
04 November 2019
ރައްޔިތުންނަށް ގަދަރުވެރި ދިރިއުޅުން ހޯދައިދޭކަން އޮތީ މިހަރުގެ ބަޖެޓް ހުސްކޮށްލިއިރު ހާމަވެފައި.
މުރާސިލް
04 November 2019
މިބަޖެޓުން ރައްޔިތުންނަށް ހޯދައި ދެވޭނީ ގަދަރުވެރި ދިރިއުޅުމެއް ނޫނެވެ. ދަރަނިވެރި ދިރިއުޅުމެކެވެ. ކަންކަން ކުރަން ނުދަންނަ ރޯނުއެދުރުން ކަންކަމާއި ޙަވާލުވެ، ބޯމަހާލީމާ އޭގެހުރިހާ ގެއްލުމެއް އާޚިރުގައި ލިބެނީ ދިވެހިރައްޔިތުންނަށެވެ. ފިނޭންސް މިނިސްޓަރ އެހެންވިދާޅުވިއިރުވެސް ތިމާވެ މާލީވަޒީރުކަމުގައި ޤައުމުދަނީ ދަރާވިކެމުންކަމާއި އިގުތިސާދީ އަނދަވަޅަކަށް ވެއްޓެމުންކަން ހަމަ ރަނގަޅަށްވެސް އެނގޭނެއެވެ. މިވަރުގެ ބުރުތާނު ދޮގު ހަދަން ހެޔޮނުވާނެއެވެ.