ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް. ވައިބަ ގްރޫޕަކަށް ފޮނުއްވި ފޮޓޯއެއްގެ މައްސަލައިގައި ޖޭއެސްސީ އިން ވަނީ ހައިލަމް ސަސްޕެންޑްކޮށްފައި..--- ފޮޓޯ: ހުސައިން ވަހީދު/މިހާރު
08 ނޮވެމްބަރ 2019 - 13:50
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ކަށަވަރު ކަން ދިނުމަށް، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އަރިހުން ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުން އެދިވަޑައިގަތް މައްސަލަ ބަލަން ބައެއް ބޭފުޅުން މިއަދު ގޮވާލައްވައިފި އެވެ.
ޔާމީނަށް ދައުލަތުން ކުރި މަނީ ލޯންޑްރިންގެ ދައުވާގައި، ހުކުމް އިއްވަން މިދިޔަ އަންގާރަ ދުވަހު ތާވަލްކޮށްފައި ވަނިކޮށް، ވައިބަ ގްރޫޕަކަށް ފޮނުއްވި ކުރެހުމެއްގެ މައްސަލައިގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ވަނީ ސަސްޕެންޑް ކުރަން ނިންމައިފަ އެވެ.
އެ ކުރެހުމުން ފެންނަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ގަން ހިންގުވާ މަންޒަރެވެ. އެކަމަކު، ނަސްރުގެ ދުވަހާ ގުޅިގެން ތަހުނިޔާގެ އެ މެސެޖް ފޮނުއްވި އިރު، ފޮޓޯގައި ރައީސް އާއި ނަޝީދު ހުންނެވި ކަން އެނގިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވެ، ހައިލަމް މާފަށް ވެސް އެދިވަޑައިގެންނެވި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް (މ) އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (ވ) އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޣަނީއާ މަޝްވަރާ ކުރައްވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު
ހައިލަމް ރޭ ނެރުއްވި ބަޔާނުގައި ވަނީ ޔާމީނަށް ދައުލަތުން އުފުލި މަނީ ލޯންޑްރިން ދައުވާގެ ޝަރީއަތް ފެށުމާ އެކު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުފޫޒު ފޯރުވަން ސަރުކާރުގެ އެކި ލެވެލްތަކުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރެއްވި ކަމަށެވެ. އެކަމަކު ބަޔާނުގައި އެއްވެސް ބޭފުޅެއްގެ ނަން ހިމަނައިފައެއް ނުވެ އެވެ. ޔާމީން ޖަލަށްލާނެ ކަމުގެ ކަށަވަރުކަން ދިނުމަށް ސަރުކާރުގެ އިސް ބޭފުޅުން އެދިވަޑައިގެންނެވީ އޭނާ އަށް ގުޅައިގެންނާއި މެސެޖް ކުރައްވައިގެން ކަމަށް ވެސް ހައިލަމްގެ ބަޔާނުގައިވެ އެވެ.
މިހާ ޔަގީން ކަމާއެކު ފަނޑިޔާރަކު މިފަދަ ވާހަކައެއް ވިދާޅުވާނީ ކޮންމެވެސް ކަންތައްތަކެއް ހިނގާަފައިވާތީ. މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމެއް. https://t.co/V85v9L5C2h
— Ahmed Usham (@a_usham) November 7, 2019
އުޝާމް ކުރެއްވި ޓުވީޓު.
ހައިލަމްގެ ބަޔާނާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެހާ ޔަގީންކަމާ އެކު، ފަނޑިޔާރަކު އެފަދަ ވާހަކައެއް ވިދާޅުވާނީ ކޮންމެވެސް ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ. މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ ކަމެއް ކަމަށް ކުރިން އެޓާނީ ޖެނެރަލް އޮފީހުގައި ވެސް މަސައްކަތް ކުރެއްވި އުޝާމް ވިދާޅުވި އެވެ.
އުޝާމް ކުރެއްވި ޓުވީޓުގެ ތަފްސީލް ދެއްވައި އޭނާ "މިހާރު" އަށް ވިދާޅުވީ ހައިލަމްގެ ބަޔާނުގައި ސަރުކާރުގެ އިސް ބޭފުޅުން ނުފޫޒު ފޯރުވީ ކިހިނެއް ކަން ބަޔާންކޮށްފައި ނުވާ ކަމަށެވެ. އެކަމަކު، ސަރުކާރުގެ އިސް ބޭފުޅުން ރިޝްވަތު ހުށަހެޅުއްވި ނަމަ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވި ގޮތުގައި ހައިލަމަށް ބިރު ދެއްކި ނަމަ، އެކަން ބަލަން ޖެހޭނީ ފުލުހުންނެވެ. އަދި ވަޒީފާގެ ބިރު ދެއްކި ނަމަ، ޖޭއެސްސީ އިން މައްސަލަ ބަލަން ޖެހޭ ކަމަށް އުޝާމް ވިދާޅުވި އެވެ.
ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"އަޅުގަނޑު އޭނާގެ ކޮޅަށް ޖެހެނީ އެއް ނޫން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ހައިލަމް އެ ދެއްކެވި ވާހަކައިގެ ތެދު ނޫނީ ދޮގު ވެސް ބަލަން ޖެހޭ،" އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ ސަރުކާރުގެ އިސް ބޭފުޅުން ހައިލަމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ ނަމަ، ފޯން ރިކޯޑިން އާއި މެސެޖްތައް ހުންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ހައިލަމް ހައްދަވަނީ ދޮގު ކަމަށްވާ ނަމަ، ހައިލަމްއާ ދޭތެރޭގައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އުޝާމް ގަބޫލު ކުރައްވަ އެވެ.
އުޝާމް ވިދާޅުވި ގޮތުގައި ހައިލަމް އެފަދަ ތުހުމަތެއް ކުރައްވާ ބަޔާން ނެރުން ވެސް ރަނގަޅެއް ނޫނެވެ.
ހައިލަމްގެ ޕްރޮފެޝަނަލް ކަމެއް ހުރި ނަމަ، އެ ކަން ހިނގި ދުވަހު އެ ވާހަކަތައް ރައްޔިތުންނާ ހިއްސާ ކުރެއްވީސް، ކަމަށް އުޝާމް ވިދާޅުވި އެވެ. އެހެންވެ، ހައިލަމްގެ ބަޔާނާ ގުޅިގެން ކަމާ ބެހޭ މުއައްސަސާތަކުގެ އަމިއްލަ އިސް ނެގުމަށް ނަމަވެސް މައްސަލަ ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ހައިލަމްގެ ބަޔާނާ ގުޅިގެން ޝަރުއީ ނިޒާމުގެ އިތުބާރު ގެއްލި، އެ ނިޒާމުގެ ތެރެއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަން އިތުރަށް ކަށަވަރުވެފައިވާ ކަމަށެވެ. މިކަން ހިނގާފައި އޮތް ނަމަ، ކަމާ ބެހޭ ފަރާތްތަކުން ތަހުގީގުނުކޮށް ދޫކޮށްލައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަޔަކު މައްސަލަ ހުށަހެޅިޔަސް، ނޭޅިޔަސް މުއައްސަސާތަކުން ބަަލަން ޖެހޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މިހާރު
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން މިހާރު އެނބުރިގެން ގޮސްފައި ވަނީ އާއިލީ ވެރިކަމަކާ ދިމާލަށެވެ. މިއީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި ފެންނާނެ "އައިލީ ގުޅިފައިވާ ވެރިކަން" ކަމަށާއި މުއައްސަސާތަކުގައި ވެސް ތިއްބެވީ އާއިލީ ބޭފުޅުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ހައިލަމް އެ ފޮޓޯ ފޮނުއްވުމަކީ ހެއްދެވި ގޯހެއް. އެއީ ފަނޑިޔާރަކަށްވާ އިރު، އިހްތިރާމް ލިބިގެންވާ ބަޔަކު ކޮށްގެން ވާނެ ކަމެއް ނޫން. ހައިލަމަށް ވުރެ ބޮޑަށް އެމްޑީއެން (މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް) އިން ކުރި ކަންކަން މާ ބޮޑަށް ނުރައްކާތެރި. އެމީހުންނާ މެދުގައި ފިޔަވަޅު ނާޅައި ހައިލަމާ މެދުގައި ފިޔަވަޅު އެޅީ،" ކީރިތި ރަސޫލާއި އާއި އިސްލާމް ދީނަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓަށް އިޝާރާތް ކުރައްވައި އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމަށް އައީ ޔާމީން ޖަލަށްލުމުގެ ބޭނުމުގަ އެވެ. އެހެންވެ، ހައިލަމަށް ނުފޫޒު ފޯރުވި މައްސަލައިގައި ސަރުކާރުގެ ވެރިންނަށް އިންސާފުން ފިޔަވަޅު އަޅާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަޤްދީރުގެނިޔާ
10 November 2019
ބޭޒާރުވާންވީ ވަގުތު ޖެހުނީމާ އެކަން ވެގެން އެދިޔައީ. ތިމާ އަމިއްލައަށް ކުރި ކަންތަކުގެ ސަބަބުން. ޢިބްރަތަކަށް ފުދޭ.
ވަހީދު
09 November 2019
ސަރުކާރު އައީކީ ނޫން . މިސަރުކާރު ގެންނަން އަހަރެން ވޯޓް ދިނީ ވަގުން ހިފާ ހައްޔަރުކުރަން.
ަެެއަލީ
09 November 2019
ހައިލަމް އަކީ ވަޒީފާދެކެބިރު ނުގައްނަ މީހެއް
ގެރިބޯ
09 November 2019
ތިޔަހެން ގާޒީއަކާ ކުޅެން ހަދައިގެން ކުރީފަހަރުވެސް ވެރިކަމުން ފައިބާން ޖެހުނީ. ވިސްނައިގެން އުޅެން ދަސްކޮށްބަލަ.
އަލީނާ
09 November 2019
ހައިލަމް އަނެއްކާވެސް ސިޔާސީ ވާހަކައަކުން މި ބުނެދެއްވީ އޭނައަކީ ބޮޑު ރައްލާޖެހި ސިޔާސީ މީހެއްކަން. އަދި ހައިލަމަކީ ސިޔާސީ މީހުންގެ އެދުންތަކަށް ބޯލަނބާފާނެ ފަދަ ބޭފުޅެއްކަން. ތަކުރާރުކޮށް ހައިލަމް ސާބިތު ކޮށްދެއްވަމުން މިގެންދަވަނީ އޭނާއަކީ ކޯޓުތަކުގައި ފަނޑިޔާރުކަންކުރުމަށް އިންސާފު ގާއިމް ކޮށްދިނުމަށް ހުންނަން އެކަށީގެންވާ މީހެއްނޫން ކަމަށް. ގާޒީކަމުން ހައިލަމް ވަކިވާންޖެހޭ.
ފަނޑިޔާރުުގެ
09 November 2019
މިރާއްޖޭގެ ފަނޑިޔާގުގެ ތަކުގައި ގިނައީ ރަނގަޅު ގާޒީންނެވެ. ބައެއް މަދު ގާޒީންނާއި އަދި ކޮރަޕްޓް ވަކީލުންގެ ސަބަބުން ގާޒީންގެ އަގުވެއްޓި މީހުންގެ ކުރިމަތީގައި ރިޝްވަތު ނަގާ މީހަކަށް އެބަވެއެވެ. ގާޒީއަށް ފައިސާދޭން ޖެހޭ ކަމަށް ބުނެ ވަކީލް ފީގެ އިތުރުން އެތައް ފައިސާއެއް މުވައްކިލު އަތުން ނަގާތީއެވެ. މިގޮތަށް ފައިސާ ހޯދަން އެދޭ ވަކީލުންގެ ނަންތައް ރިޕޯޓު ކުރަންވީއެވެ. އަދި އެގޮތަށް ފައިސާ ދީގެން މައްސަލަ ނިންމޭނެކަމަށް އާންމުންވެސްގަބޫލުނުކުރަންވީ.
މަމެންގެ އަޑު
09 November 2019
ރައީސް ޔާމީންގެ ވެރިކަމުގައި މަނިކުފާނު ކޮށްފައިހުރި ކަންކަމާއި، އަވަސް އަރުވާލައިގެން ނިންމާފަހުރި ސިޔާސީ ފަރާތްތަކުގެ މައްސަލަތައް ހަމަ ގައިމުވެސް ނުފޫޒުން އެއްކިބާވެހުރެ ނިންމާފައިވާ މައްސަލަ ތަކެކޭ ނުބުނެވޭނެއެވެ. އޭރު މިވާހަކަ ނުދައްކަވައެވެ. ނުފޫޒް އޮވެމެ މާގާމުގެ ދަހިވެތިކަމުގައި ކަންކަން ނިންމާފައިވާކަން ރައްޔިތުންނަށް ވަރަށްރަގަޅަށް އެގެއެވެ. ހައިލަމެވެ. ހަމަޖެހޭ ބަލައިގަނެވޭކަހަލަ ވާހަކަ ދައްކާށެވެ.
ފަނޑިޔާރުުގެ
09 November 2019
ރާއްޖެއަކީ އެކަކު އަނެކަކު ދަންނަ ދެކެފަރިތަ ތަނެކެވެ. އެހެންކަމުން އަބަދުވެސް މީހުންނާއި ވާހަކަ ނުދައްކައި އަދި ކޮފީތަކަށް ނުގޮސް މުޅި މުޖްތަމައުއާ އެކަހެރިކޮށް ގާޒީއަކަށްވެސް އުޅެން އުނދަގޫވާނެއެވެ. މިރާއްޖޭގެ ކަންކަން ހިނގާގޮތުން މައްސަލަތައް ހުށަހެޅުމަށްފަހު ނުވަތަ ތިމަންނައާ ދެކޮޅަށް މައްސަލައެއް ހުށަހެޅިއްޖަނަމަ އަވަސްވެގަންނަނީ ގާޒީއާއި ލިންކެއް ކޮންމެވެސް ގޮތަކުން އަޅުވާލުމެވެ. ގާޒީގެ އާއިލާ މީހެއް ނުވަތަ ރައްޓެއްސެއް މެދުވެރިކޮށެވެ.
ރުމާލް 2
09 November 2019
ހައިލަމްއަށް ސަރުކާރުގެ އެފަދަ މަތީފަރާތަކުން އަންގާފައޮވެމެ ޔާމީންގެ މައްސަލަ ބެލުމަކީވެސް ހައިލަމް ތިކުރައްވާ ތުހުމަތުގެ އެއްވެސް ބުރަދަނެއް އޮތްކަމެއްނޫނެވެ. އަދި އެފަދަ ކަމެއް ހިގާފައިވާނަމަ ހައިލަމް ޔާމީނުގެ ޝަރީޢަތުން ތަނާޒުލްވާންވެސް ޖެހެއެވެ. ހައިލަމްއަމިއްލައަށް ހެދި މިސްޓޭކެއްގެ ސަބަބުން ސަސްޕެންޑް ކުރުމުން އޭގެފަހުން ދެން ތިފަދަ ވާހަކަ ދެއްކުމުން ބަލައިނުގަނެވޭނެއެވެ. ހައިލަމްގެ ބަޔާން ކިޔާލުމުންވެސް ހައިލަމްގެ ނިޔަތްވަރަށްސާފެވެ.
އިންޓަލެކްޓު
09 November 2019
ތިކަހަލަ ކަންކަން އެއްގޮތަކަށްވެސް ބަލާވަރެއް ނޫން. ސަރުކާރާ ރައްޔިތުންގެ ވަގުތު ބޭކާރު ކުރަން އެއުޅެނީ. ބަޔާން ނެރުނު އިރު ތިކަންކަން ކުރަން ހުށައެޅި މީހުންގެ ނަންވެސް ޖެހުނީސް ދޯ ބަޔާނުގަ. ނޫނީ މީހަކު އެގޮތައް ގުޅާ މެސެޖުކޮށް ހެދި ހަމައިން ކީއްވެ ކަމާބެހޭފަރާތައް ނޭންގީ؟ ދެކޮޅު ނުޖެހޭ ގޮތަކަށް ތިކަންކަން ގޮއްސަތިހީރީ އޭނާގެވެސް އިހުމާލުން. މިހާރުވައްތަރީ ކަމަކުން ރެކެން އުޅޭހެން. ރަގަޅަށް ކަންކުރީ އޮޑިޓަރ ޖެނެރަލް ނިޔާޒު، އޭނާ ބަލާ މިސާލަކަށް.