ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ކުޑަކުއްޖާގެ މައްސަލައާ ގުޅޭ ގޮތުން މެމްބަރުން މަޝްވަރާ ކުރައްވަނީ. --ފޮޓޯ/މަޖިލީސް
25 ނޮވެމްބަރ 2019 - 17:14
ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށް، ބަނޑުބޮޑުކުރި އިރު އެ ކުއްޖާގެ ރައްކާތެރި ކަމަށް ދައުލަތުގެ މުއައްސަސާތަކުން އެޅި ފިޔަވަޅުތަކުގެ މައުލޫމާތު ހޯދަން ކަމާބެހޭ މުއައްސަސާތަކުގައި އެދެން ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން މިއަދު ނިންމައިފި އެވެ.
ކައިވެނީގެ ނަމުގައި ކުޑަ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހެދިކަން ފަޅާއެރީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހަރުކަށި ފިކުރުގެ ބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި އެކަކު ގަތުލުކޮށްލަން އުޅުނު މައްސަލައިގެ ތެރެއިންނެވެ.
ކުޑަކުއްޖާ އަށް އަނިޔާވެރިވި މައްސަލަ ކޮމިޓީ އަަށް ހުށަހަޅުއްވައި މެމްބަރުންނަށް ތަފްސީލް ދެއްވަމުން މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ އެ ކުއްޖާ ޖިންސީ ޝިކާރައަކަށް ވެ ބަނޑުބޮޑުވީ މައިންބަފައިންގެ ރުހުމުގައި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ އާއިލާ އަކީ ހަރުކަށި ފިކުރު ޕްރޮމޯޓްކުރާ އާއިލާ އެއް ކަމަށާއި އެ ކުއްޖާގެ ބައްޕަ، އއ. ހިމަންދޫގައި މައްސަލައިގައި ޖަލަށް ލި ކަމުގެ މައުލޫމާތު ވެސް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
ޖީހާން އެ އިޝާރާތް ކުރެއްވީ ހިމަންދޫގައި ހަރުކަށި ފިކުރުގެ މީހުންނާއި ސަލާމަތީ ޚިދުމަތްތަކާ މެދު 2007 ގައި ހިނގި ކުރިމަތިލުމުގައި ބަޔަކު ހައްޔަރު ކުރި ވާހަކަ އަށެވެ.
ކައިވެނީގެ ނަމުގައި އެކަކަށް ވުރެ ގިނަ މީހުންނާ އެ ކުއްޖާ ހަވާލުކުރި ކަމުގެ މައުލޫމާތުތައް ފެތުރުނަސް އެ މައުލޫމާތު ވެސް ސައްހަ ކަން ކަށަވަރުނުވާތީ، ކޮމިޓީން ނިންމީ މިހާތަނަށް މުއައްސަސާތަކުން އެޅި ފިޔަވަޅުތަކުގެ މައުލޫމާތު ހޯދަން 24 ގަޑިއިރު ދިނުމަށެވެ.
އެ މައުލޫމާތު ފޯރުކޮށްދޭން އެދޭނެ މުއައްސަސާތަކުގެ ލިސްޓު ފަހުން އެކުލަވާލައްވާނެ ކަން ކޮމިޓީގައި ޖީހާން ވިދާޅުވި އެވެ.
އެ އަންހެން ކުއްޖާއާ ޖިންސީ ގުޅުން ހިންގައި އަނިޔާ ދެމުންދާ ކަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހުށަހެޅީ، ޖީހާން ވިދާޅުވި ގޮތުގައި، 2018 ގަ އެވެ. މި މައްސަލައިގައި ދައުލަތުގެ ބެލުމުގެ ދަށުގައި އެ ކުއްޖާ ގެންގުޅުމަށް ފަހު އާއިލާއާ ހަވާކުރީ ކަމުގެ މައުލޫމާތު ވެސް ލިބިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަކުޑި ހަމީދު
26 November 2019
އަޅާފަނެތްފިޔަވަޅެއްހޯދޭނެތަ؟ އަޅާފަ ނެތް ފިޔަވަޅެއް ހޯދޭނެތަ؟
ފަސީ
26 November 2019
ކޮމެޓީއިން ބަޔާންނަގާ، މައްސަލަބަލާ، ހުކުމް ކުރުމުގެ ބަދަލުގައި ޒިންމާތައް ހަވާލުކޮށްފައިތިބި މުއައްސަސާތައް ޒިންމާދާރު ކުރުވުން މުހިންމު ކަމަށްފެނޭ. މިއީ އަދި މިފަދަ މައްސަލަތަކުގެ ކުޑަމިންވަރެއް. މިފަދަ ކަންތައް މިރާއްޖެއިން ހުއްޓުވުމަށް މުއައްސަސާތައް ޒިންމާދާރުކަމާއެކު މަސައްކަތްކުރުން މުހިންމު.
އިއްޒަތްތެރިމެންބަރު
26 November 2019
އެޗްއާރުސީއެމް އާއި އެންއައިސީ ވެސް އުވާލާފަ މަޖިލީހުން ހުރިހާ ތަހްގީގެއް ހިންގާ މީހުން ހާޒިރުކޮށް ބަޔާން ނަގާ ޝަރީއަތް ހިންގާ ހުކުމް އިއްވަންވީ. 3 ބާރު އޮޅާލެވޭނީ މިހާމިންވަރަށް.
ރަންދެލި
26 November 2019
މިނިވަން މުއައްސަސާ ހެދުނު ވަރު އަދިވެސް މާ މަދީ؟؟؟؟
މިނިވަން މުއައްސަސާތައް
26 November 2019
މިނިވަން މުއައްސަސާއަކާ ކޮން ގުޅުމެއް ހުރީ ކުޑަކުދިން ވިއްކުމާ؟ އޭނާގެ މައިންބަފައިން އޭނާ 4 ފަހަރަށް ވިއްކިވާހަކައެއްނު އެއޮތީ. އަހަރުމެން މައިންބަފައިން ކިޔާ އަޑުއަހަން ދަރިންނަކީ ކަލާންގެ މައިންބަފައިންނާ ހަވާލު ކުރެވޭ އަމާނާތެކޭ. މި އާއިލާއިން މިއޮތީ ކަލާންގެ އަމާނާތަށް ހިޔާނާތްތެރިވެފައެއްނު.