ރިޕޯޓް / ކޯޓް މައްސަލަތައް

ބަންދު ކޮޓަރިއަކުން ދުނިޔެ އަށް: މި ހިސާބުން ނިމުނީތަ؟

ކްރިމިނަލް ކޯޓުގެ ކޯޓު ރޫމެެއް: ރާއްޖޭގައި އަލަށް ލައިވްކޮށް ޓީވީން ޝަރީއަތެއް ވަނީ ދައްކާފައި --ފޮޓޯ/މިހާރު

"އިންސާފު ގާއިމް ވުމަކުން ނުފުދެ އެވެ. އިންސާފު ގާއިމްވުމާ އެކު، އިންސާފު ގާއިމްވާ ތަން ވެސް ފެންނަން ވާނެ އެވެ،" މިއީ މަޝްހޫރު މައްސަލައެއްގެ ހުކުމަކުން އުފަންވެގެން އައި ޖުމްލައެކެވެ. ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ގާނޫނީ މި ހަމައަކީ ގާނޫނީ ބޭފުޅުންގެ ވެސް ދުލު ކުރީ ބަހެކެވެ.

އެއަށް ވުރެ ތަފާތު އިބާރާތަކުން ގާނޫނު އަސާސީގައި މިކަން ބަޔާން ކުރަނީ 42 ވަނަ މާއްދާގަ އެވެ. އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގު ކަށަވަރުކޮށްދޭ އެ މާއްދާގައި، އާންމުކޮށް ހުޅުވާލެވިގެން ޝަރީއަތްތައް ބޭއްވުމުގެ ވާހަކަ ބަޔާން ކޮށްފައިވުމުން އިންސާފުވެރި ޝަރީއަތަކަށްޓަކައި ޝަރީއަތް ހުޅުވާލުމުގެ މުހިންމު ކަން އެނގެ އެވެ.

އެ ބޭނުމުގައި ޝަރީއަތް އަޑުއަހަން ވަނުމުގެ ފުރުސަތު ދެމުން އައުމަށް ފަހު މިހާރު އިތުރު ހަރުފަތެއް ކުރިއަށް ޖެހިލައި، މިހާރު ޝަރީއަތްތައް މި އޮތީ ބަންދު ކޮޓަރިއަކުން ނުކުމެ، ގޭގޭގެ ސިޓިންރޫމްތަކާ ހަމައަށް ވެސް ފޯރައިފަ އެވެ. ޝަރީއަތުގެ މަޖިލީހެއް ހިނގާ ގޮތް އާންމުންނާ ހަމައަށް ފުރަތަމަ ފޯރަން ފެށީ 3، ނޮވެމްބަރު 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން އޭރުގެ ހައި ކޯޓުގައި ހިންގި ޝަރީއަތުންނެވެ. އޭރު އެ ޝަރީއަތް ކުރިއަށް ގެންދިޔައީ ރޭޑިއޯއިން ވަގުތުން ދުރަށް ފޮނުވައިގެންނެވެ.

ޓީވީތަކުން ވަގުތުން ލައިވް ބްރޯޑްކާސްޓްކުރާ ގޮތަށް ޝަރީއަތެއް ފުރަތަމަ ފެނުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުންނެވެ. އެތައް ހާސް ބަޔަކު ބަލަން ބޭނުންވި އެ ޝަރީއަތާއި ހުކުމް އިއްވި މަޖިލިސް ވެސް ޖީބުގައި އޮތް މޮބައިލް ފޯނާ ހަމައަށް ފޯރައި، ކޮންމެ ތަނެއްގައި ހުރެގެން ވެސް ވަގުތުން ބަލައިލުމުގެ ފުރުސަތު ފަހިވި އެވެ. މިއީ އެ މައްސަލަ ނިމުމާ އެކު، އެ ހިސާބުން ނިންމާލެވޭ ވަރަށް ވުރެ ބޮޑު ކަމެކެވެ.

ޝަރީއަތްތައް ލައިވްކޮށް ބްރޯޑްކާސްޓް ކުރުމާ ބެހޭ ގާނޫނީ އެއްވެސް އުސޫލުތަކެއް ރާއްޖޭގައި މިހާތަނަކަށް ނެތެވެ. ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖްރާއާތުގެ ގަވާއިދު ލިޔުނުއިރު ޝަރީއަތްތައް ލައިވް ކުރުމާ ބެހޭ އުސޫލުތަކެއް ހިމެނިޔަސް، ސުޕްރީމް ކޯޓާ ހަމައިން އެ ގަވާއިދު ފާސްކޮށްގެން ނެރުނީ އެ ބައި ނުހިމަނަ އެވެ. އެހެންވުމުން ޝަރީއަތްތައް ލައިވްކޮށް ދޭން މީގެ ކުރިން އެދުނު މައްސަލަތަކުގައި ވެސް އެ ފުރުސަތު ދީފައެއް ނެތެވެ.

ޔާމީންގެ މައްސަލައާ ހަމައިން ކޯޓުގެ އިސް ނެގުމުގައި ޝަރީއަތް ލައިވްކުރަން ފެށީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެކަމާ ބެހޭ އުސޫލެއް އެކުލަވާލައިގެންނެވެ. އެކަމަކު އެއީ އެއްވެސް ގޮތަކަށް އާންމު ކޮށްފައިވާ އެއްޗަކަށް ނުވާތީ އެކަން ކުރެވޭނެ ނުވަތަ ނުކުރެވޭނެ ހާލަތްތައް މިހާތަނަށް އެނގެން ނެތުމުން ހަމަހަމަކަން ނެތިގެން ދިއުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. މިހާރު އެ ކޯޓުން ނިންމާފައި އޮތީ އެ އުސޫލު މުރާޖާ ކުރުމަށް ފަހު އާންމު ކުރުމަށެވެ.

ޝަރީއަތްތައް ލައިވް ބްރޯޑްކާސްޓް ކުރުމަކީ ރާއްޖޭގައި އާ ކަމަކަށް ވިޔަސް، މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ކުރާ ކަމެކެވެ. މަޝްހޫރު ބޮޑެތި ޖިނާއީ ޝަރީއަތްތައް ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ވެސް ވަގުތުން ދުރަށް ދައްކާފައި އެބަ ހުއްޓެވެ. އެކަމަކު މިއީ ކޮންމެ މައްސަލައެއްގައި ހުޅުވާލެވޭ ދޮރެއް ނޫނެވެ. އެ މައްސަލައެއްގެ ބާވަތަށް ބަލައި، މި ފުރުސަތު ނުދެވޭނެ މައްސަލަތައް ހުރެ އެވެ.

ޝަރީއަތްތައް ވީހާ ވެސް ބޮޑަށް ހުޅުވާލުމަކީ އިންސާފުވެރި ޝަރީއަތެއް ލިބުމުގެ މާނައިގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ ރާއްޖޭގައި ޝަރީއަތްތައް މިހާރު ހުޅުވާލެވިފައި އޮތް މިންވަރުގެ ވާހަކަ، މި މައުލޫއުގައި ފާހަގަކުރަން ޖެހެ އެވެ. ޝަރީއަތްތައް ހިނގާ ގޮތް ބެލުމުގައި ޒަމާނާ ނުގުޅޭ ދަތިތައް އޮތީ އިންތިހާގަ އެވެ. ވަކި ވަގުތެއްގެ ކުރިން ރަޖިސްޓްރީވުމުން ނޫނީ ޝަރީއަތް އަޑުއަހަން ނުވަދެވޭއިރު، އެތަނަށް ވަނުމަށް ފަހު ޝަރީއަތް ނިމުމާ ހަމައަށް ބޭރަށް ނުކުތުމުގެ ފުރުސަތެއް ވެސް ނުލިބެ އެވެ.

އިސްތިއުނާފީ ކޯޓުތަކާ ޚިލާފަށް، ދަށު ކޯޓުތަކުގެ އަޑުއެހުންތައް އާންމުކޮށް ދިގު ދެމިގެންދާނީ ކިހާ މިންވަރަކަށް ކަން ދުރާލާ ލަފާކުރެވޭކަށް ނޯވެ އެވެ. އަޑުއެހުންތަކަށް ކޮންމެ މީހަކު ވެސް ވަންނަން ޖެހެނީ އެ ދުވަހެއްގެ އެހެން ހުރިހާ މަސައްކަތްތަކާއި ޒިންމާތައް ގުރުބާންކޮށްފަ އެވެ. ބައެއް ގައުމުތަކުގައި ޝަރީއަތް ހިނގަމުންދާ ވަގުތު ވެސް، ޝަރީއަތަށް ދަތިނުވާނެ ގޮތަށް ކޮންމެ ވަގުތަކު އެތަނަށް ވަދެ، ނުކުތުމުގެ ފުރުސަތު ދެވޭ ގޮތަށް އިފްރާސްޓްރަކްޗާ އާއި ވަސީލަތްތައް ހުންނަނީ ގާއިމްކޮށްފަ އެވެ. އެކަމަކު ރާއްޖޭގެ ކޯޓުތަކުގެ ޖާގަ އާއި އިންފްރާސްޓްރަކްޗާ ހުރީ އެފަދަ ފުރުސަތުތައް ދެވޭ ގޮތަކަށެއް ނޫނެވެ.

ޑިޖިޓަލް މީޑިއާ ކުރިއަރާފައިވާ މި ޒަމާނުގައި ފޯނާއި ލެޕްޓޮޕާއި ޓެބްލެޓް ފަދަ ވަސީލަތްތައް ބޭނުން ކޮށްގެން ބޮޑެތި ޝަރީއަތްތަކުގައި ހިނގާ ކަންކަން ވަގުތުން ވަގުތަށް އާންމުންނާ ހަމައަށް ފޯރުކޮށް ދިނުމުގެ ފުރުސަތު ބޭރު ގައުމުތަކުގައި ނޫސްވެރިންނަށް އޮތަސް، ރާއްޖޭގައި އެ ފުރުސަތެއް އަދި ނެތެވެ. ރެކޯޑްކުރެވޭ އެއްވެސް ވަސީލަތެއް ކޯޓު ރޫމަށް ވެއްދުމަކީ ވަގުތުން އަދަބު ކަނޑައެޅޭ ކުށެކެވެ. ނޫސްވެރިންނަށް އެ މީހުންގެ އަމިއްލަ ފޮތާއި ގަލަން ފަދަ ތަކެތި ކޯޓު ރޫމަށް ވެއްދުމުގެ ފުރުސަތު ވެސް ބައެއް ކޯޓުތަކުން ނުދެ އެވެ. ކޯޓު ރޫމެއްގެ ސްކެޗެއް ކުރެހި މީހުންނަށް ވެސް ކުރިމަތިލާން ޖެހުނީ ކޯޓުގެ ހުރުމަތް ކެނޑިކަމުގެ އަދަބެއްގެ ގޮތުން ބޮޑު ޖޫރިމަނާއަކާ އެވެ. މިކަންކަން އަދިވެސް އޮތީ މިގޮތަށެވެ.

ޔާމީން ޝަރީއަތުގެ އަޑުއެހުމެއް ޓީވީން ދައްކަނީ

ޖިނާއީ މައްސަލަތަކާއި ދުސްތޫރީ މައްސަލަތަކަކީ އޭގެ ޒާތުގައި ވަކިވަކި ފަރުދުންގެ ހައްގުތަކަށް ވުރެ ބޮޑަށް، މުޖްތަމައުގެ އާންމު މަސްލަހަތު (ޕަބްލިކް އޯޑާ) އާއި ދައުލަތުގެ މަސްލަހަތު ހިމެނޭ ކަންކަމަށް ވިޔަސް ބޮޑެތި ޝަރީއަތްތައް ލައިވް ބްރޯޑްކާސްޓް ކުރުމުން ހިމާޔަތް ކުރެވޭ މަސްލަހަތަށް ވުރެ އިންސާފުވެރި ޝަރީއަތަކަށް އެޅިދާނެ ހުރަސްތައް ގިނަކަމުން، ބައެއް ގައުމުތަކުގައި، އެކަމާ މެދު އަދިވެސް ބަހުސްކުރެ އެވެ.

ޝަރީއަތެއްގައި ހިނގާ ކަންކަމާއި ދެކެވޭ ވާހަކަތައް ވަގުތުން ވަގުތަށް ފެނި، އަޑު އިވުމުން ކޮންމެ މީހަކަށް ވެސް އެ މީހެއްގެ އަމިއްލަ ވިސްނުމުން ގޯސް ނުވަތަ ރަނގަޅު ގޮތް ވިސްނައިގަތުމުގެ ފުރުސަތު ލިބުމަކީ ޝަރީއަތްތައް ލައިވް ކުރުމުގެ ފައިދާއެކެވެ. މައްސަލައާ މެދު ނުބައި ތަސައްވުރެއް މުޖްތަމައުގެ ތެރޭގައި އުފެދިގެން ދިއުމުގެ ފުރުސަތު ކޮންމެވެސް ވަރަކަށް ހަނިވުމާއި ގާނޫނީ ނިޒާމާ މެދު ހޭލުންތެރިކަން ބޮޑުވުމާއި އިންސާފުވެރިކޮށް ޝަރީއަތް ހިންގަން ބާރު ވެސް އެޅެ އެވެ.

އެކަމަކު އޭގެ އަނެއްކޮޅު ވެސް އެބަ އޮތެވެ. ޝަރީއަތުގެ އާންމު އުސޫލަކީ ކޮންމެ މައްސަލައެއްގައި ވެސް ހުށަހެޅޭ ހެކިތަކާއި ދިފާއުތައް މައުޟޫއީ އަދި އިޖްރާއީ މިންގަނޑުން ވަޒަންކޮށްގެން ބެލުމެވެ. އެއްވެސް މައްސަލައެއް ނިންމަނީ މުޖްތަމައުގެ އާންމު ވިސްނުން ނުވަތަ މުޖްތަމައުގެ ގިނަ ބައެއްގެ ވިސްނުން ހުރި ގޮތަށް ނުވަތަ ނެތް ގޮތަށް ރިއާޔަތްކޮށްގެނެއް ނޫނެވެ. އެކަމަކު ޝަރީއަތްތައް ލައިވްކޮށް ބްރޯޑްކާސްޓް ކުރުމުން އެ އުސޫލުތަކަށް ވުރެ ބޮޑަށް މުޖްތަމައުގެ ވިސްނުމަށް ޝަރީއަތުގެ ކަންކަން ލެނބިގެން ދިއުމުގެ ފުރުސަތު އޮންނަ އޮތުމަކީ އެކަމާ ދެކޮޅަށް ނެގޭ ބައެއް ހުއްޖަތުތަކެވެ.

މީގެ އިތުރުން ހެކިވެރިންނަށް ޝަރީއަތްތަކުގައި ހިނގާ ކަންކަން އަދި އެހެން ހެކިވެރިން ހެކިބަސް ދޭ ގޮތް ތަފްސީލުކޮށް އެނގުމުން ހުރިހާ ހެކިވެރިން އެއް ވާހަކައެއް އެއްގޮތަކަށް "އުފައްދައިގެން" ހެކިބަސް ދޭން މަސައްކަތް ކުރުން ފަދަ އިންސާފަށް ހުރަސް އެޅިދާނެ އެވެ. އަދި އާންމުކޮށް ހުޅުލެވިފައި އޮންނަ މަޖިލީހެއްގައި ހެކިބަސް ދިނުމަށް ވުރެ، ލައިވްކޮށް އެތައް ބަޔަކު ބަލަމުންދާ ޝަރީއަތެއްގައި ހެކިބަސް ދިނުމުން ނުސީދާ ގޮތުން ކުރިމަތިވެދާނެ ކަންތައްތަކަކަށްޓަކައި، ހެކިބަސް ދޭން ފަސްޖެހުން ނުވަތަ ތެދު ބަހުން ހެކިބަސް ދޭން ޖެހިލުންވުމުގެ ބިރު ވެސް އުފެދިދާނެ އެވެ.

ގާނޫނީ ބައެއްބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ޝަރީއަތްތައް ލައިވްކޮށް ބްރޯޑްކާސްޓް ކުރުމަކީ އޭގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ވުރެ ބޮޑަށް އިންސާފު ގާއިމްކުރަން ބާރު އެޅިގެންދާނެ ކަމެކެވެ. ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާނޫނީ ގޮތުން ޚާއްސަ އިމްތިޔާޒްތަކެއް ލިބިދީފައި ވާއިރު، ޝަރީއަތް ލައިވްކޮށް ދެއްކުމަކީ އެކަމުގެ ސަބަބުން ޝަރީއަތް ހިންގުމުގައި މުޖްތަމައުގެ އާންމު ވިސްނުމަށް ކަންކަން އެނބުރެން ޖެހޭނެ ސަބަބެއް ކަމަށް އެ ބޭފުޅުން ދެކެވަޑައެއް ނުގަންނަވަ އެވެ.

"އާންމު މީހުންގެ ވިސްނުން އެއް ފަރާތް ކޮށްފައި ލީގަލް ޕްރޮފެޝަނަށް ވިސްނާއިރު، ޝަރީއަތް ހުޅުވާލާ ވަރަކަށް ފަނޑިޔާރުން ޖެހިލުންވާނެ ގޯސްކޮށް ކަންކަން ގެންދަން. އެއީ އޭރުން އެނގޭނެ މިކަމުގެ ތެރޭގައި މި އުޅޭ ލީގަލް ކޮމިއުނިޓީގެ މީހުން ތިބޭނެ ކަން މިތަން ބަލަން. މި މީހުންނަށް އެނގޭނެ ކަން މިކަންކަން،" ޖިނާއީ ބޮޑެތި މައްސަލަތަކެއްގައި ވަކާލާތު ކުރެއްވި ވަކީލަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

ގާނޫނީ ނިޒާމުގައި ކަންކަން ހިނގާ ގޮތާ މެދު މިހާރު އާންމުންގެ ހޭލުންތެރިކަން ކުޑަ ކަމަށް ތަޖުރިބާކާރުން އެއްބަސްވެ އެވެ. އެކަމަކު އެކަންކަން ރަނގަޅު ކުރެވޭނީ ވީހާ ވެސް ބޮޑަށް ކަންކަން ހިނގާ ގޮތް އާންމުންނަށް ފެނިގެން ކަމަށް ވާތީ އެފަދަ ކަންކަމުގައި ނުބައި ތަސައްވުރެއް އުފެދުމުގެ ފުރުސަތު އޭރުން ކުޑަވާނެ ކަމަށް، ބައެއް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

"އާންމުންނަށް ވެސް އެބަ އެނގެން ޖެހޭ މިކަންކަން އޮންނަ ގޮތް. އިޖްރާއާތު ގޯސްވީމަ މުޅި މައްސަލަ އެ އޮތީ ގޯސްވެފައި ކަން އެނގެން އެބަ ޖެހޭ. ޑޮކްޓަރުންނެކޭ އެއްގޮތަށް ދިފާއީ ވަކީލުން ވެސް މި ކުރާ މަސައްކަތަކީ އިންސާނީ ހައްގެއް ކަށަވަރުކޮށް ދިނުން ކަން އެނގެން ޖެހޭ. އެކަންކަން އެނގޭނީ ވީހާ ވެސް ބޮޑަށް އެކަންކަން ހިނގާ ގޮތް ފެންނަން ފެށީމަ،" ކުރިން ވާހަކަ ދެއްކެވި ވަކީލް ވިދާޅުވި އެވެ.

އެހެން ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ބޮޑެތި ޝަރީއަތްތައް ލައިވް ބްރޯޑްކާސްޓް ކުރުމަކީ ވަކި އުސޫލުތަކެއްގެ ތެރެއިން ކުރުން މުހިންމު ކަމަކަށް ވިޔަސް، ހެކިވެރިންނަށް ރައްކާތެރިކަމެއް ނެތްއިރު ހެކިބަހަށް ނުފޫޒުތައް އައުމުގެ ފުރުސަތު އެބަ އޮތެވެ. އަދި ކޯޓުތަކުގެ ވަސީލަތްތައް ހުރި ގޮތުން ޝަރީއަތްތައް ބަލަން ބޭނުންވާ އެންމެންނަށް އެ ފުރުސަތު ނުލިބޭއިރު، އެންމެ ރަނގަޅު ގޮތަކަށް ވާނީ ކޯޓުތަކުން އަމިއްލައަށް ގާއިމްކުރާ ނިޒާމެއްގެ ތެރެއިން އެ ފުރުސަތު ދިނުން ކަމަށް ވެސް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"ގައުމީ ޓީވީން އެކަމަށް މުޅި ދުވަހުގެ ވަގުތު ހުސްކޮށްގެން ދެއްކުމަށް ވުރެ ބޮޑަށް އެކަމަށް ޚާއްސަ ނިޒާމެއްގެ ތެރެއިން ލައިވް ސްޓްރީމްކޮށް ބެލޭ ގޮތަށް ހެދުން އެއީ އެންމެ ރަނގަޅު ގޮތަކަށް ވާނީ. އޭރުން އެކަމުގެ ޝައުގުވެރިކަން ހުންނަ މީހުންނަށް އެއީ ކިޔަވާ ދަރިވަރުންނާއި ނޫސްވެރިންނާއި ދިރާސާ ކުރާ މީހުންނާއި ބަލަން ބޭނުންވާ މީހުންނަށް ފޯކަސް ކުރެވޭ ގޮތަށް އެކަން ކުރެވެން ވާނީ،" އެހެން ވަކީލަކު ވިދާޅުވި އެވެ.

ޝަރީއަތްތައް ލައިވް ބްރޯޑްކާސްޓް ކުރުމަކީ އެއް ގޮތަކުން ބަލާއިރު މުހިންމު ކަމެކެވެ. އެކަމަކު އެއީ ހަމައެކަނި ވަކި މައްސަލައަކަށް ވީތީ އެކަނި އޮންނަ ފުރުސަތަކަށް ވެގެން ނުވާނެ އެވެ. ޝަރީއަތްތައް ހުޅުވާލުމުގެ ގޮތުން ކޮންމެހެން ކުރަން ޖެހިފައިވާ އެހެން ކަންކަން އެގޮތުގައި އަދިވެސް އޮތްއިރު، މަދު ޝަރީއަތްތަކެއް ލައިވްކޮށް ދެއްކުމަކީ ހުރިހާ ޝަރީއަތެއް އާންމުކޮށް ހުޅުވާލެވުނީ ކަމަށް ބުނެވޭނެ ސަބަބެއް ނޫނެވެ.

11 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 0%
icon angry icon angry 92%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތެދުވެރިޔާ

11 December 2019

އަފްރަޝީމުގެ ޤާތިލުން ކޮބާ. މިމަސްސަލަ ބަލާވަރަކަ އެމްޑީޕީ ފަލީހެއްވަނީ. މިމަސްސަލަ ދަނީ އެދިމާލަ. އެހެންވެ ތަހުގީގެ ނުކުރާނެ.

The name is already taken The name is available. Register?

އަރުވާލި އާދަނުގެ ސިޔާސީ ހާސަރު

11 December 2019

ބަންދު ކޮޓަރިއެއްތޯ އެވެ.؟ ނޫނީ ޝަރީއަތުގެ މަޖްލިސްތޯއެވެ.؟ ހޮހޮޅައެށް ވިއަސް ކޮޓަރި އެއް ވިއަސް ވެރެންޑާ މެދު ގޯތި ތެރެވިއަސް ކަށަވަރު ކުރަންޖެހެނީ އަދުލު އިންސާފްއެވެ.

The name is already taken The name is available. Register?

ސޯޅަ

11 December 2019

ކޮތަރު ކޮށްޓަށް ދެމީހުން ލައި ތަޅުލައިގެން ތިބެ ޝަރީޢަތް ކުރުމެއް ނޯވޭ އިސްލާމް ދީނުގައި. ވީހާވެސް ގިނަ ބައެއްގެ ކުރިމަތީގައި ޝަރީޢަތް ކުރުން އޮންނަނީ. އެއީ ވަކި މީހަކު ފަޟީޙަތްކުރުމެއްނޫން އަދި ވަކިބަޔަކު ފުރޭމް ކުރުމެއްވެސް ނޫން

The name is already taken The name is available. Register?

ސާޖިން

11 December 2019

ކޯއްޗެކޭ ކޯއްޗެކޭ..... ތި އޮށް ހަބަރެއް ދޯ.... ކިޔާ ކިޔާ ބަލިވި އިރުވެސް ނިމުމެއް ނާ.....

The name is already taken The name is available. Register?

ގަމަރުދާއްބަ

11 December 2019

މޭޒެއްދޮށުގަ ތިބި ހަތަރު މީހުން ދެބަޔަށް ބެހިލާފަ ދެކޮޅަށް ދެނަން ކިޔާފަ ޕާޓީތަކޭ ކިޔައެިގެން ގޮވާ ގޮވެލިފަތީގައި ހަރުދަނާ ކަމެއް ނެތް ! ކަލޭމެން ކަންކުރި ގޮތައްވުރެ މިހާރުވެް އިތުބާރު ހިފޭލެއް ބޮޑު ! ފައިސާ އަކީ މީހާ ރަންބުއްދި ކޮށްލާ އެއްޗެއްކަން ނޭގޭ ފަނޑިޔާރެއް އަމިއްލައަށް އޭނާގެ އަގުވައްޓާލައިގެން އޭނާ އެތަނުން ނެރުނީ އޮންނަ ހަމަތަކުން ޓިނުނަގައިގެނެއްނޫން !

The name is already taken The name is available. Register?

ހަމުދީ

11 December 2019

މުއިއްޒު އަދި ވަރަށް އާވާނެ. ޝަރިއަތް ކޮންމެހެން ލައިވްކުރާކަށް ނުޖެހޭ؟ ލައިވް ނުކުރިޔަސް ރެކޯޑްކޮށްގެން ދެއްކޭގޮތްވެސް އޮވޭ. މިކަން ކުރުމުގެ ބޭނުމުގެ ވާހަކަ އަނގަގަދަ މީހުންނަށް ދެއްކޭނެ ދެކޮޅަށްވެސް. ލައިވްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ: 1 ވަކިބަޔަކަށް ފައިސާ ހޯދައިދިނުން. 2 ވަކިމީހަކު އަގުވައްޓާލުން 3 ސަރުކާރުން ބޭނުންވާ މީހާ ފްރޭމްކުރުން. 3 މިކަން ކުރަނީ މަޖިލީޖހުގަވެސް. 4 ދައުލަތަށް ބޮޑު ގެއްލުން. މުއިއްޒު ލިޔެބަލަ ދައުލަތަށްވާނެ ގެއްލުން

The name is already taken The name is available. Register?

މަންޑޭލާ

11 December 2019

ދިވެހިން ހީކުރި ބަދަލެއްނުން މިފެންނީ. ދިވެހިން ބޮޑު ޤާއުމެއްގެ ދަށުވާތަން މިފެންނަނީ.

The name is already taken The name is available. Register?

ޝޮކްތެރަޕީ

11 December 2019

މިސަރުކާރުން ވަނީ ވަގުން އިގިރޭސި ވިލާތުގާ ފޮރުވާފަ. ސިޔާސީ ދައުވާއެއް ކޮއް ޔާމިން ޖަލައްލާފަ. އަދީބުވެސް އިތިރޭސި ވިލަތަ ފޮނުވާލާނެ ވަރައް އަވަހަ.

The name is already taken The name is available. Register?

އަހުމަދު.

11 December 2019

މިސަރުކާރުން އިގިރޭސި ވިލާތުގަ އެއްވެސް ބަޔަކު ފޮރުވާފައެއް ނުތިބޭނެ. ބަޔަކު ތިބިނަމަ ތިބީ ޔާމީނު ސަރުކާރުގަ ފޮރުވާފަތިބި ބަޔަކު. އޮޅިގެން ނޫޅެބަލާ. ޔާމީނާ އެއްކޮށް ވައްކަން ކުރިމީހުން ފިލާތިބީ.

The name is already taken The name is available. Register?

މިގޭ

11 December 2019

މިއީ ހިންގި ޝަރީއަތެއްނޫން އެކަމަށް ޤާނޫނު ތަންނުދިނަސް މިއީ ހިންގި ޖަރީމާއެއްކަން މުޅި ދުނިޔެއަށްވެސް އެނގޭ. މައްސަލަބެލި ްާޒީ ސަރުކާރު ބޭނުންވާގޮތަށް ހުކުމް ނުކުރީމާ ދުރަށްލާފައި. މިކަން ކުރަންކެރޭވަރުގެ ބަޔަކު ލައްވާ ހުކުމް ކުރީއަކީ ރަނގަޅަށްނޫންކަން ކުޑަކުދިންނަށްވެސް އެނގޭ.

The name is already taken The name is available. Register?

ހަސަންބެ.

11 December 2019

މިރާއްޖޭގައި މިފަސް އަހަރު ދެން އެއްވެސް ރަޝީރީއަތެއް އާންމުކޮށް ހުޅުވާލައިގެން ޓީވީ ތަކުން ދުރަކަށް ނުގެންދާނެ. އެކަން ކުރީ ހިތުން ރައީސް ޔާމީން ފަލީހަތް ކޮށްލާނެމޭ ހިތާ. އެކަމަކު އެންމެފަހުވަގުތު ގުއިރޯނުގައިޖެހި ގަޒީ ބޭރުކޮށްފައި. ދެން އެންމެ އަވަހަށް ލައިވްކުރާނީ 2023 ގެ އިންތިހާބަށް ފަހު މިހާރު މިތިބަ ހާއިނުންތަކުގެ ޝަރީޔަތް ތަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454