އިދިކޮޅު މެމްބަރު ޔާމީން ދޫކޮށްލަން ގޮވާލައި އިހުތިޖާޖު ކުރައްވަނީ. ---
03 ޑިސެމްބަރ 2019 - 18:50
އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ދިއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ވަހީދު ބަހުސް ކުރައްވަން ފެއްޓެވުމާ އެކު، ރައްޔިތުންގެ މަޖިލިހުގެ ތަޅުމުން ފުރަތަމަ އިވުނީ ކަށިގަނޑު ފުމޭ އަޑެވެ. މެމްބަރުންގެ ސަމާލުކަން، ކަށިގަނޑު ފުމުނު މެމްބަރަށް އަމާޒުވި އެވެ. އެކަމަކު، ޓީވީތަކުން މަޖިލިހުގެ ޖަލްސާ ލައިވް ކުރަމުން ދިޔަ އިރު، އެއީ ކޮން މެމްބަރެއް ކަމެއް ފާހަގައެއް ނުވި އެވެ.
އޭގެ ފަހުގައި، ދެން އިވުނީ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމަށާއި 77 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަން މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވާ އަޑެވެ. ޝިޔާމް އެހެން ވިދާޅުވާ ކޮންމެ ފަހަރަކު އިދިކޮޅުގައި ތިއްބެވި މަދު މެމްބަރުން "ދޫކޮށްލާ" ށޭ ވިދާޅުވެ އެވެ.
މެމްބަރު އަބްދުﷲ ވަހީދުގެ އަރިހަށް ވަޑައިގެން ޝިޔާމް މިއަދު ވިދާޅުވީ ޔާމީން ޖަލުގައި އޮންނެވީ ރާއްޖޭގެ "ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް" ކަމަށެވެ. އަދި އިދިކޮޅު މެމްބަރުން ވެސް އަބްދުﷲ ވަހީދު އަރިހަށް ވަޑައިގެން މައިކް ކައިރީގައި ޔާމީން ދޫކޮށްލެއްވުމަށް އަޑު އުފުއްލެވި އެވެ.
އެއާ އެކު، ބަޖެޓަށް ބަހުސް ކުރައްވަމުން ގެންދެވި އަބްދުﷲ ވަހީދުގެ ރާގު ވެސް ކުއްލިއަކަށް ބަދަލުވެގެން ދިޔަ އެވެ. އެމްޑީޕީގެ އެންމެ ބޮޑު އަމާޒަކީ އިންސާފު ގާއިމުކުރުން ކަމަށާއި ރައްޔިތުން 65 ގޮނޑި އެމްޑީޕީ އަށް ދިނީ އެ ބޭނުމުގައި ކަމަށް ވިދާޅުވެ، އިދިކޮޅު މެމްބަރުންނަށް ރައްދު ދެއްވަން ފެއްޓެވި އެވެ.
އިދިކޮޅު މެމްބަރުން މިއަދު އިހުތިޖާޖް ކުރައްވަނީ.
މަޖިލިހުގައި ދެން ހިނގައިގަތީ ނިޒާމީ އޮއިވަރެކެވެ.
ނިޒާމީ މައްސަލައެއް ނަންގަވައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ހެންވޭރު ދެކުނު ދާއިރާގެ ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވީ ޔާމީންގެ ދިފާއުގައި ތިއްބެވި ބޭފުޅުންނަށް މަޖިލިހަށް ވަޑައިގެންނެވުނީ "އަދި ކިރިޔާ" ކަމަށެވެ. އަދި ކަމަކާ އުޅުއްވާ ނަމަ، ހެނދުނު ހޭފުޅުލައްވައިގެން އެކަމާ އުޅުއްވަން އެ ބޭފުޅުން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
އޭރު ޝިޔާމާ އެކު، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އާއި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފާއި މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދާއި ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޣައްސާން މައުމޫން، ޔާމީން މިނިވަން ކުރަން ގޮވާލައްވައި މަޖިލިހުގެ ތަޅުމުގައި އަޑުގަދަ އުފުއްލަވަމުން ގެންދެވި އެވެ.
އިހުތިޖާޖުގައި "ހެނދުނާއި ފަތިހާ" އުޅުއްވުން ބޭނުންތެރި ކަމަށް ނަޝީދު ވިދާޅުވެ، ބަޖެޓަށް ބަހުސް ކުރެއްވުމުގެ ފުރުސަތު އަނެއްކާ ވެސް އަބްދުﷲ ވަހީދަށް ދެއްވި އެވެ. އޭނާ ވިދާޅުވީ ޔާމީން ޖަލުން މިނިވަން ކުރުމަށް އިދިކޮޅު ފަރާތްތަކުން ހެޔޮ ނިޔަތެއްގައި މަސައްކަތް ނުކުރާ ކަމަށެވެ.
"މަޖިލިސް ނިމެންވާ އިރަށް އައިސް އެ ބޭފުޅުން ދައްކަނީ ޔާމީންގެ ދިފާއުގައި ތިބޭކަން. ހަގީގަތުގައި (ޔާމީން) ގެ ދިފާއުގައި ކުރާ އެއްވެސް ކަމެއް ނެތް،" ޔާމީން މިނިވަން ކުރެއްވުމުގެ މަސައްކަތުގައި އުޅުއްވަނީ ޝިޔާމް އެކަނި ކަމަށް ސިފަކުރައްވައި އަބްދުﷲ ވަހީދު ވިދާޅުވި އެވެ.
ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވީ ބަޖެޓަށް މެމްބަރުން ވާހަކަ ދައްކަވާ އިރު، އެ ފުރުސަތު ދެއްވަން ޖެހޭ ކަމަށެވެ. އޭގެ ރައްދުގައި "ކޮން ބަޖެޓެއްހޭ، މިހާރު ވެސް 32 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްކޮށްލައިފި" ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެކަމާ ގުޅިގެން ދޮންބިލެތް ވިދާޅުވީ، އިދިކޮޅު މެމްބަރުން އިހްތިޖާޖް ކުރެއްވުމުގެ ފުރުސަތު ދިނުމަށް މިރޭ މަޖިލިސް ޖަލްސާއެއް ބާއްވަން ޖެހޭ ކަމަށެވެ.
އެ ހިސާބުން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ ފަޒުލް އަށް ދެންމެ "ބީއްސާލެވުނީ" ދޮންބިލެތްގެ ގައިކޮޅުގައި ކަމަށާއި އެގޮތަށް ހަދާ ނަމަ، ނުކުންނާނެ ނަތީޖާއަކަށް ވިސްނާލެއްވުމަށެވެ.
ނިޒާމީ މައްސަލައެއްގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ މަޖިލިހުގައި ކާ އެއްޗެހި ޓެސްޓް ކުރަން ޖެހޭ ކަމަށާއި އިދިކޮޅު މެމްބަރުން ސައި ކޮޓަރިން ނުކުމެވަޑައިގަތް ފަހުން "ރަނގަޅަށް ތިބި ކަމަށް" ނުބެލެވޭ ކަމަށެވެ. އޭރު ވެސް "ޔާމީނަށް ކުރާ އަނިޔާ ހުއްޓާލަން" މަޖިލިހުގެ ތަޅުމުގައި ގޮވަމުން ދިޔަ އެވެ. އެ މައްސަލައިގައި ނަޝީދު ވިދާޅުވީ އެއް ޕާޓީއަކުން ބޭނުން ކުރާ ސްލޯގަން އެހެން ޕާޓީއަކުން ބޭނުންކުރުމުން ސިޔާސީ ނިޒާމު "ގަޑުބަޑުވާ" ކަމަށެވެ.
އިދިކޮޅު ބައެއް މެމްބަރުން މިއަދު މަޖިލިހުގައި އިހްތިޖާޖު ކުރަނީ.
ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝަހީމް ވިދާޅުވީ މަޖިލިހުގެ ނިޒާމު ގެއްލުވާލަން އިދިކޮޅު މެމްބަރުން ކުރައްވާ މަސައްކަތަކީ ރައްޔިތުންނާ ދެކޮޅަށް ކުރައްވާ މަސައްކަތެއް ކަމަށެވެ.
ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ޔާމީން ޖަލަށްލީ މަޖިލިހުގެ ރައީސް ނަޝީދު ނޫންކަން އިދިކޮޅު މެމްބަރުންނަށް ސާފުކޮށްދެއްވަން ޖެހޭ ކަމަށެވެ.
އެކަން ސާފުކޮށް ދެއްވައި ނަޝީދު ވިދާޅުވީ "ޔާމީން ހައްޔަރު ކުރުމާއި ހުކުމް އިއްވުން އެއީ ޝަރުއީ ކޯޓަކުން ހިނގާފައިވާ ކަމެއް" ކަމަށާއި "މި މަޖިލިހުން އެކަމާ ގުޅުމެއް ނެތް" ކަމަށެވެ.
އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވި ގޮތުގައި ޔާމީނަށް ހުކުމް ކުރި ދުވަހު، އޭނާ ހުންނެވީ ޕީޕީއެމްގެ ތާއީދު އޮތް ރަށެއްގަ އެވެ. އެ ގަޑީގައި އެ ރަށުގެ އެއްވެސް ރައްޔިތަކު ކަންބޮޑުވެގެން އުޅޭ ތަން ފެނިވަޑައިގެންފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ރާއްޖޭގައި ޔާމީން ހައްޔަރުކޮށްގެން ކަންބޮޑުވާ ރައްޔިތަކު ނެތް. މި ތަނުގައި ތިއްބެވި ހަ މެމްބަރުން ފިޔަވައި. އަޅުގަނޑު ﷲ ގަންދީ ހުވާކޮށްފައި މި ދަންނަވަނީ،" ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވި ގޮތުގައި ޔާމީން ޖަލަށްލާފައި ހުރީ ސިޔާސީ ގޮތުން އައި ހުކުމެއްގެ ސަބަބަކުން ނޫނެވެ. އޭގެ ރައްދުގައި އިދިކޮޅު މެމްބަރުން ވިދާޅުވީ ޔާމީންގެ މައްޗަށް ކުރީ ސިޔާސީ ހުކުމެއް ކަމަށެވެ.
އިދިކޮޅު މެމްބަރުން އަޑުގަދަ ކުރެއްވި ނަމަވެސް މަޖިލިހުގެ ޖަލްސާ މެދުކަނޑާނުލައްވައި ނަޝީދު ވަނީ ކުރިއަށް ގެންދަވައިފަ އެވެ. އަދި ވޯޓު ގަޑި ޖެހުމުން އިދިކޮޅު މެމްބަރުން ގޮނޑިތަކުގައި އިށީނދެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު އެދިވަޑައިގަތެވެ.
އެކަމަކު އިދިކޮޅު މެމްބަރުން އިހްތިޖާޖް ކުރިއަށް ގެންދެވި އެވެ.
އިދިކޮޅު ބައެއް މެމްބަރުންގެ ނަން އިއްވީ ވޯޓު ގަޑީގައި ބައެއް މެމްބަރުންގެ ހެޑްސެޓުން އަޑު ނީވޭތީ އާއި މަޖިލިހުގެ ޖަލްސާ ސުލްހަވެރިކަމާ އެކީގައި ކުރިއަށް ގެންދަން ނަޝީދު ބޭނުންފުޅުވުމުންނެވެ.
"ވަރަށް ދެރަ ގޮތެއް މި ދިމާވަނީ. މެމްބަރުންގެ ހެޑްސެޓަށް އަޑު ނީވޭތީ އަޅުގަނޑު ޖެހޭނީ މެމްބަރުންގެ ނަން އިއްވަން،" ވަރަށް ހަމަޖެހިވަޑައިގެން އިންނަވައި ނަޝީދު ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ ބޭރަށް ނުކުމެވަޑައިގަންނަވަން ބޭނުންވާ މެމްބަރު އަތް ހިއްލާލަ ދެއްވުން އެދެން،"
ނަޝީދު އެގޮތަށް ވިދާޅުވި ނަމަވެސް، އެއްވެސް ބޭފުޅަކު އެގޮތަށް އަމަލު ނުކުރެއްވި އެވެ. އެންމެ ފަހުން ނަޝީދު ވަނީ ބައެއް މެމްބަރުންގެ ނަން އިއްވަވައި މަޖިލިހުގެ ތަޅުމުން ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮއިދޫހަސަނު
04 December 2019
ތިހަޅޭއްލަވާމެންބަރުންނަކީ އެކިދާއިރާއަށް ނިސްބަތްވާމީހުން. ތިވަރުއެރުވެނީ އިންތިޚާބުކުރިދާއިރާތަކުން ރައްޔިތުންގެ މަޖިލީސް އަމާންކަންމަތީގައި ހިންގަން ބޭނުންނުވަނީބާ؟ އުފެދޭ ސުވާލެކެވެ. ތިދާއިރާތައް ހަރުކަށިބަހުން ކުށްވެރިކުރަން. ތދާއިރާތަކުގެ ރައްޔިތުން އެކަމާއި ނުރުހޭނަމަ، ތިމީސްމީހުން ހަންމަތަކުރޭ! ހަމަގައިމު އަހަރެންގެ ދާއިރާގެ މެންބަރު ތިފަދަނޭދެވޭކަމެއްކުރާނަމަ، އެކަން އޭނާއަށް އަންގައި އިންކާރުކޮށް އިންޒާރުވެސްދޭނަން. މީފުކެއްބޮޑުވަރު.
ބޯވަ
04 December 2019
ކޮން އިންސާނަކު ތޯ ގަބޫލު ކުރާނީ 1 މިލިޔަން ޑޮލަރު އެކައުންޓަށް ލައިގެން އެ އާމެދު އޭސީސީ އިން ސުވާލު އުފެއްދުމުންވެސް އެ ފައިސާ އިންވެސްޓްކޮށް އިން މަންފާ ހޯދަމުން ދިޔުމުން އެއީ ހެޔޮނިޔަތުގައި ކޮށްފައިވާ ކަމެއްކަމަށް. އެންމެ އާދައިގެ މިހާއަށްވެސް ސާފުވާ އޮޅުމެއްނެތް މައްސަލައެއްގައި ޔާމީނު ޖަލުގައި އެހުރީ. ޔާމީނަށް އޭސީސީ އިން ދިން ފުރުސަތުގައިވެސް އެތަނަށްވެސް އޮޅުވާލީއެވެ.
އިބްރާހީމް ހާއިލް
04 December 2019
މި މީހުން ޤާނޫން ހަދަންޏާ ދެންކިހިނެއް ގަވްމަށްވަނީ.. ކުރިހުރިހާކަމެއް ހެއްކާ ޤަރީނާ ދިމާލަށް ހުރިކަމެއްގައި، ލެވެން އޮތް އެންމެ ކުރު މުއްދަތައް ޔާމީން ޖަލައްލީ.. މި ހިނގާދިޔަ ކަންތައް ރަނގަޅަސް އެނގި އޭގެއިން މަންފާ ހާސިލްކޮށްގެން ތިބެ އަމަލްކުރަމުން ގެންދަގޮތް ރައްޔިތުން މިދަނީ ބަލަމުން.. އަސްލު ތި ހަޅޭއްލަވާ މީހުން އެންމެ ބޮޑަށް ގަބޫލްކުރާނީ ޔާމީނު ޖަލައް ލާންޖެހެކަމަށް. އެއީ އެހެން މީހުންނަށް ނެގެ ކިތަންމެ ކަމެއް ތިމިހުންނަށް އެނގޭނެތީ.
ހަސަދު
04 December 2019
ޔާމީނު ދައުރުގައި ޖުޑީޝިއަރީ އިސްލާހު ކޮށް ކޮރަޕްޝަން ނައްތާލެވުނުނަމަ މިއަދު މިވެރިން މިހަޅޭކެއް ލަވާނެ ޖާގަ އެއް ނޯންނާނެ. " އެކައުންޓަށް 1 މިލިއަން ވަން". ރައީސެއްގެ އަމިއްލަ އެކައުންޓަށް އެއް މިލިއަން ވަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް. އެހިސާބުންވެސް އިންޓަގްރިޓީ ގެއްލުނީ. އިންޓަގުރިޓީ ނެތް މީހެއްގެ ދިފާއުގައި ނުކުންނަ މީހުންގެ އަގު ވެސް އެބަ ގެއްލޭ.
ފާއިޒު
04 December 2019
ﷲ ގަންދީ އޭ ކިޔާފައި ކޮންމެ ފދަ ވާހަކައެއްވެސް ދައްކަފާނެ މި މީހުން. މާތްﷲ ގަންދީ ތެދުބަހުން ބުނަން. އެ 6 މެންބަރުންގެ ތެރޭގައި އަޅުގަނޑުވެސް ނުހިމ،ެނޭ. އެކަމަކު ޔާމީނަށް ކުރި ޙުކުމް އެއީ އިންސާފުން ކުރި ޙުކުމެއް ކަމަށް އަޅުގަނޑު ބަލައެއް ނުގަންނަން. އަދި ހަމަ އެއާއެކު އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވޭ. އަދި އެ ޙުކުމް އެ ގޮތަށް ކުރުމުގައި މަޖުލީހުގެ ބޯދު ރޯލެއް އޮތްކަމަށް ޤަބޫލުކުރަން.
ޢަބްދުﷲނާފިޒް
04 December 2019
ބަލަގަ ޔާމީނުގެ މައްޗަށް ކުރީ ސިޔާސީ ހުކުމެކޭ ދޫކޮށްލަށޭ ގޮވާއިރު، ހައްޔަރު ކުރަން ދެން މިވެރިން ބަލަހައްޓައިގެން ތިބީ ކީއްވެގެންބާ! ސިޔާސީ ހުކުމެއް ކުރީމަ ޤަބޫލެއް ނުކުރެ، އެކަމަކު ހަމަ ޖަލަށްވެސް ދިޔައީ، ކީއްކުރަންބާ ޖަލަށް ދިޔައީ!؟ ޖަލަށްވެސް ނުގޮސް ހުކުން ކުރީމަ ގެޔަށް ދިޔަނަމަ....
ޖިމްޔާން
03 December 2019
ޝަރުއީ ކޯޓުންކުރާ ހުކުމަށް ޔާމީނު ބޯލަނބާއިރު އެކަމާ ދެކޮޅަށް މިމީހުން މިނިކުންނަނީ ޕީޕީއެމް ރައީސްކަން ބޭނުންވެގެން. ވައްކަމަކި ޤާނުނުގަވެސް ހުއްދަކަމެއް ނޫން
ސަމަރޭ
04 December 2019
އަންނިއަށް ޝަރުޢީ ކޯޓުން ކުރި ޙުކުމާ ދެކޮޅަށް މަޖުލީހުގައި އިހުތިޖާޖު ކުރި އިބޫއަށް ރާއްޖޭގެ ރައީސްކަން ލިބުނުހެން ދޯ؟
ބޭކާރު
03 December 2019
މިހާރުގެ މަޖްލިސް ރައީސް ނޫނޯ ޔާމީން ޖަލަށްލައިގެން އުޅެނީ. އެކަމު ކުރިން ނަޝީދު ދޫކޮށްލަން މަޖްލިހުގައި ގޮވީ އޭރުގެ މަޖްލިސް ރައީސް އެކަންކޮށްގެން އުޅޭކަމަށް އެމީހުންނަށް ހީވެގެން.
އޭޑީ
03 December 2019
އޭރު އެކަން ކުރިގޮތުން ދިވެހި ރައްޔިތުންނަށް އިނގޭ ޔާމިނު ޖުޑީޝަރީ އަތް އަތްބާނައިގެން ކުޅުނު ކުޅިވަރު! ދިވެހިންނަކީ މޮޔައިންނެއްނޫން. މިއަދު ޔާމީނު ޖަލުގައި އޮންނަންޖެހިފައި އެއޮތީ ހަމަ ހައްގު އަދަބެއްގައި. ޔާމީނަކީ ދިވެހިރާއްޖޭގައި ވެރިއަކު އެންމެފާޅުގައި ވައްކަންކުރި ވެރިމީހާ. ރެޔާއި ދުވާލު އެކަމުގައި އޭނާ އުޅުނީ.. އަދި ދައުވާތައް ކުރިއަށް އޮތީ
ޑާޑާ
04 December 2019
ބޭކާރު ތިބުނީ ހެޔޮ ވާހަކައެއް، އެމީހުނަށް އެދުވަހު ހަމަ ހީވި ގޮތަށް މިތިބަ ހައެއްކަ މީހުނަށްވެސް ހީވެގެން އެއުޅެނީ، ހަމަ އެއްހާލެއްގަ ތިބި ބައެއް މިއުޅެނީ ދޯ!؟
އަޒީޒު
04 December 2019
ޙަޤީޤަތުގައި ޖުޑިޝަރީއަށް އަތްބާނާފައި އޮތީ މިހާރު.
ލޮނުމެދުފަޓާސް
04 December 2019
ހީވެގެނެއް ނޫން ، ޔަޤީން ވެގެން.
ވަކަރުގެ ކުއްޖާ
03 December 2019
މިކަހަލަ ދެއުލިއެއް ނުވާ ބަޔަކު އަޑު ލެއްވިއަސް ރައްޔިތުންގެ ހިތައް ކެހެރު ވަކެކޭވެސް ހިތައް ނާރާނެ. ރައްޔިތުންނަށްވެސް އެނގޭ ޔާމީން އަށް ޙުކުމް ކުރީ ރައްޔިތުންގެ ޙަޒާނާ ތަކާއި ރައުސުލް މާލު ލޫޓު ވާލީމާކަން. އެކަން އެ އޮތީ ޝަރުޢީ ކޯޓަކުން ސާބިތު ކޮއް ޙުކުމް ކޮއްފައި. ވ ސަލާން.
ބޮލާފޮށާ
03 December 2019
ތިޔަކަން ދަސްކޮށް ދިނީ އީވާމެން ވަރަށް ވެދުން