އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު: މަތީ ތައުލީމަށް ދޫކުރި ލޯނުތަކުގެ ތެރެއިން 114 މިލިއަން ރުފިޔާ އަނބުރާ ނުލިބި ހުރި ކަމަށް އޮޑިޓް ރިޕޯޓުގައިވޭ -- ފޮޓޯ/މިހާރު
09 ޑިސެމްބަރ 2019 - 18:40
މަތީ ތައުލީމަށް ދޫކުރި ލޯނުތަކުގެ ތެރެއިން 114 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ނުލިބި އެބަހުރި ކަމަށާއި އެހެންވެ، އެ ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އޮޑިޓާ ޖެނެރަލް ލަފާ ދެއްވައިފި އެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވައި، ނެރުއްވާފައިވާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެކިއެކި ސްކީމްތަކުން މަތީ ތައުލީމު ހޯދަން 1990 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް 140 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 114 މިލިއަން ރުފިޔާ މިދިޔަ އަހަރުގެ ނިޔަލަށް ލިބިފައިނުވާ ކަމަށް އެ މިނިސްޓްރީގެ ރެކޯޑްތަކުން ދައްކާ ކަމަށާއި އެ ފައިސާ ހޯދަން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައި ނެތް ކަމަށް އެ ރިޕޯޓުގައިވެ އެވެ. އަދި އޭގެ ހިސާބުތައް ބަލަހައްޓާފައި ނެތުމުން ލިބެންޖެހޭ ފައިސާ އާއި އަދި ފައިސާ ނުދައްކާ ހޭދަވި މުއްދަތު ފަދަ މުހިންމު މައުލޫމާތު ކަށަވަރު ނުކުރެވޭ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
އެހެންވެ، އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ލަފާ ދެއްވީ ލިބެންޖެހޭ ފައިސާގެ ހިސާބު ބެލެހެއްޓުމަށާއި ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ. އަދި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ފައިސާ ނުދައްކާ ފަރާތްތަކުގެ މައްސަލަތައް ޝަރީއަތަށް ފޮނުވަން ވެސް އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ލަފާ ދެއްވާފައިވެ އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް މަތީ ތައުލީމަށް ދޫކުރި ލޯނުތަކުގެ ކަންކަން މިނިސްޓްރީން ގަވާއިދުން މޮނިޓާ ކޮށްފައި ނެތް މައްސަލަ ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. ސަރުކާރާއި ބީއެމްއެލްއާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން ބީއެމްއެލް މެދުވެރިކޮށް މަތީ ތައުލީމަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައި ވާއިރު، އެ ލޯނުތައް އަނބުރާ ދައްކަން ފަށަންޖެހޭ މުއްދަތަށް ފަހު ގަވާއިދުން ފައިސާ ދައްކަމުން ނުދާ ލޯނުތަކުގެ ގޮތުގައި 43 މިލިއަނަށް ގިނަ ރުފިޔާ މިދިޔަ އަހަރުގެ ނިޔަލަށް ހުރި ކަމަށް އެ ރިޕޯޓުގައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން، ބީއެމްއެލް އާއި ސަރުކާރާ ދެމެދު އެއްބަސްވުން އޮތްގޮތުން މަތީ ތައުލީމުގެ ލޯނުތައް ބެލެހެއްޓުމުގައި ބޭންކުގެ އަމިއްލަ ލޯނުތައް ބެލެހެއްޓުމުގެ އުސޫލުތައް ހިންގަން ޖެހޭ ގޮތަށް އޮތަސް، ފައިސާ ނުދައްކާ ފަރާތްތަކާ މެދު އެފަދައިން އަމަލު ކޮށް، ފިޔަވަޅު އަޅާފައެއް ނުވެ އެވެ. އަދި އެ މައްސަލަ 2017 ވަނަ އަހަރުގެ އޮޮޑިޓް ރިޕޯޓުގައި ވެސް ފާހަގަ ކުރި ކަމަށާއި އެކަމަކު އެކަމާ މެދު މިހާތަނަށް ވެސް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނެތް ކަމަށް އެ ރިޕޯޓުގައިވެ އެވެ.
މީގެ އިތުރުން ބޭންކް އޮފް ސިލޯން މެދުވެރިކޮށް މަތީ ތައުލީމަށް 85 ދަރިވަރަކަށް ދޫކުރި 7.1 މިލިއަން ރުފިޔާގެ ތެރެއިން މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް 64 ދަރިވަރެއްގެ ލޯނަށް 4.8 މިލިއަން ރުފިޔާ ނުލިބި ހުރި ކަމަށް އެ ރިޕޯޓުގައިވެ އެވެ. އަދި ސަރުކާރާއި އެ ބޭންކާ ދެމެދު އޮތް އެއްބަސްވުމުގެ ދަށުން އެކަމާ ބެހޭ ރިޕޯޓެއް ކޮންމެ މަހަކު އެ މިނިސްޓްރީ އަށް ފޮނުވަން ޖެހުނަސް، އެ ރިޕޯޓް ހޯދަން މިނިސްޓްރީން އެކަށީގެންވާ ގޮތެެއްގައި މަސައްކަތް ކޮށްފައި ނެތް ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޑޭރި
10 December 2019
ކިޔަވަން ލޯނު ނެގުމާއި އޮޅުވާލައިގެން ކިޔަވަންށޭ ކިޔައިގެން ލާރި ނެގުންވެސް ތަފާތު. ކިތައްމީހުން ކިޔަވަންށޭ ކިޔާ ނެގިލާރި ބޭނުން ކުރީ ނުކިޔަވާ. ކިތައް މީހުން ނުކިޔަވާ ކޯސް ފުރިހަމަ ނުކޮށް ހުރިހާ ގޮތަކުން ބޭކާރު ކޮށްފައި އެލާރި ނުދައްކާ ތިބީ. ކޮންބައެއް އުސޫލުން ބޭރުން އޮޅުވާލައިގެން ފައިސާ ނެގީ. މީހައްތާވެސް ހިނގާފަ ހުރިކަންކަން. ކާކު އެކަން ބެލީ ދޫކުރިއިރު.
ގޮއިދޫހަސަނު
10 December 2019
ތެދުވާހަކައެއް. ރަނގަޅުގޮތުގައި ކިޔަވައިގެން އެނބުރިއައިސް ނެގިލާރި އަނބުރާދެއްކޭތޯ އަތްފުނާއަޅައި މަސައްކަތްކުރާދަރިންގެދަރަނި ކަނޑާދެވޭތޯވެސް ބަލަންވީ. އެފަދަދަރިން ކަތިލަންއުޅެންވީކީނޫން. ތިބުނާގޮތަށް ބޭކާރުކުރިމީސްމީހުން އަތުން އަތުލަންވީ. މައްސަލައެއްނެތް.
އައިސްތު
10 December 2019
ފަހުގެ ސަރުކާރުތަކުން ބޭންކުގެ ލޯލާރިއެއްވެސް ނުލައި ސީދާބަޖެޓުން ތިޔަލޯނު ދޫކޮށްފައި ހުރީ ބޭންކް މެދުވެރިކޮށް ވީމާ ބޭންކަށް ކޮންކަމެއް ތިޔަލޯނު ދެއްކިއްޔާ ނުދެއްކިއްޔާ. އެމީހުންނަށް ލިބޭ ސަރވިސް ފީ އެމީހުންނަށް ލިބުނީމާ އެމީހުންނަށް ވީއެއްނު. ބަޣާވާތުގެ ސަރުކާރުގެ ރައީސް ޕޮޕިއުލަރިޓީ ހޯދަން އެޔެއް މިޔެއް ނުބަލާ ލާރިބެހީ އެއްވެސް ސަރުކާރަކު ނުބަހާވަރަށް ލޯނޭކިޔައިގެން. މުށް ޖަހާފަ ގެންދާށޭ ކިޔާފަ ދިނީ އެ ބޭނުންކުރި ގޮތެއްބެލޭގޮތަކަށް ނޫން
ޓެކްސްޕޭޔަރު
10 December 2019
އަހަރެމެން ޓެކްސް ފައިސާކޮޅުން ވައްކަން ކޮށްގެން ތިޔަ ކިޔަވަނީ. އަނބުރާ ނުދައްކާ ނަމަ ހަރާން ފައިސާއަށް ވާނީ. އެވަރުންނުވެގެން ބަލިމީހެއް ބަލާލަނީވެސް 500 ރުފިޔާއަށް
މަހޭ
10 December 2019
އެއީ ބޭރު ގައުމުތަކުން ދޭ ފައިސާ. ކޮން ޓެކްސްގެ ވާހަކަ ދައްކާކައް. ރަނގަޅައް ވިޔާ ތީ އެވެސް ޓެކްސް ދައްކާ މީހހެއްނޫން.
މިވެސް ރައްޔިތެއް
10 December 2019
ބުނަން. ދަރަނި ނުދެއްކެންޏާ ދަރަނި ނުނަގާނީ. ކޮންމެހެން ބަހަނާ ދައްކާނެ ކަމެއް ނެތް.
ޙުސެން ރަޝީދު
10 December 2019
1990 އަދި 2000 ގެ އަހަރުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕްގެ ދަށުން އެތައް މިލިއަން މިލިއަނުގެ ފުލް ފަންޑިން ލިބިގެން، އަދި އޭގެ އިތުރަށް ސްކޮލަރޝިޕް ލިބުނުއިރު ތިބި ވަޒީފާތަކުގެ މުސާރަވެސް ކިޔަވަން ހޭދަކުރި މުއްދަތުގައި ލިބިގެން ކިޔަވައި ނިމުމުން ސަރުކާރާ ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ބޮންޑު އަދާ ނުކޮށް، އެއްބަސް ވުމާ ހިލާފުވެ ބޭރު ގައުމުތަކަށް ބަދަލުވެގެން ފޮނިވާން އުޅޭ މަހުޖަނުން ކޮބާ؟
ވަސީވަސީ
09 December 2019
އެފައިސާ ދައްކަން ބޭނުން މީހަކު ދައްކަންވީ ބޭނުންނޫން މީހަކު ނުދައްކަންވީ ބޭންކްއޮފް މޯލްޑިވްސްގެ މީހުންނާ ގުޅުންހުރި މީހުންނަށް އެމީހުން ހަދާގޮތަކީ ލޯނުދައްކަން ޖެހޭ ފަރާތުގެ ނަން ސިސްޓަމު ް އުނިކޮށްލަނީ އެދެން ދައްކާ ނިމުނީ
ޙަމް
09 December 2019
ކަރަށް އަތްބާނާފަ ނަގާ ދެން.
ބައުނާ
09 December 2019
އޮބާމާވެސް ސްޓޫޑަންޓް ލޯންސް މާފްކޮށްދިން. އިމްސް މާފުކޮށްދެއްވާނެ ކަމަށް މި ބަލަނީ. އާފްޓަރ އޯލް ތަޢުލީމަށް ކުތި ޚަރަދެއްވީމަ ކޮންމެސް ލުޔެއް ދީ، މާފު ކޮށއދިނުން ވަރަށް ރަނގަޅުވާނެ.
Mohamed
09 December 2019
ޅައުމުރުގަ ނެގި ލޯނެއްގެ ސަބަބުން މާލޭގެ ކުލިބޮޑު މާހައުލުގަ ދިރިއުޅުމެއް ފައްޓާއިރު ދަރަނިވެރި ވެފަ އެއިން ސަލާމަތް ނުވެފަ މިއޮންނަނީ. ސިވިލް ސާވިސް ޖޮބެއްގަ އުޅެމުން ތި ލޯނު ދެއްކޭނެބާ އެއްވެސް ޒުވާނަކަށް.؟
މހއމދ
09 December 2019
ދަރަނި އަދާ ނުކުރެވެންޏާ ދަރަންޏަށް ފައިސާ ނުނަގާނީ. ނުފޯރާ ފޮތިން ފޫނުގަޅާށެވެ. ހަޖަމް. ވަރަށް ވެދުން.
އައްޔަ21
09 December 2019
މިހާރު ޑިގްރީ ހިލޭ. ތަޢުލީމް އެއްކޮށް ހިލޭ. ދެން ތިވެސް ހެޔޮފުޅުކަމުން މާފުކޮށްދެއްވިއްޔާ ކީއްތޯވާނީ.؟ މެޖޯރިޓީ ވެސް ދީފަ ރައްޔިތުން އޮތީ. ތައުލީމު ހޯދަން ކުރި ޚަރަދެއް ވިއްޔާ.