ރާއްޖޭގެ ކޮލެޖެއްގެ ގްރެޖުއޭޝަން ކުރިއަށްދަނީ: ސްޓޫޑެންޓް ލޯނަށް ހުޅުވާލި ފުރުސަތުގައި ވަގުތީ ލިސްޓުގައު 800 އަށްވުރެ ގިނަ ދަރިވަރުން ހިމެނިފައިވޭ -- ފޮޓޯ: މިހާރު
06 އޯގަސްޓް 2025 - 12:19
ސްޓޫޑެންޓް ލޯނުގެ ވަގުތީ ލިސްޓަށް 195 ޝަކުވާ ހުށަހަަޅައިފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ ލޯން ސްކީމުގެ ދަށުން މިއަހަރު ހުޅުވާލި 500 ފުރުސަތަށް އެދި 1،338 ދަރިވަރުން ކުރިމަތިލިއިރު، އޭގެ ތެރެއިން 806 ދަރިވަރަކު ލޯނަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި ވަގުތީ ލިސްޓު ނެރުނީ މިދިޔަ މަހު އެވެ.
ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިދިޔަ އާދިއްތަ ދުވަހު ހަމަވިއިރު، ހަޔާ އެޑިޔުކޭޝަންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ އެ މުއްދަތުގައި ލޯނަށް އެދުނު ދަރިވަރުންގެ ތެރެއިން 195 ދަރިވަރެއްގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.
ޝަކުވާތައް ބެލުމަށްފަހު ދާއިމީ ލިސްޓް ވީހާ ވެސް އަވަހަށް އާންމުކޮށް، ލޯނުގެ ފައިސާ ދޫކުރަން ފަށާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ވަގުތީ ލިސްޓު އާންމު ކުރުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ލިބޭނެކަން އަންގައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ވަގުތީ ލިސްޓުގައިވާ 806 ދަރިވަރުންނަށް ވެސް ލޯނު ލިބޭނެ ކަމަށެވެ.
ލޯނު ސްކީމުގެ ދަށުން ދެ ބަޔަކަށް ލޯނު ދެ އެވެ. އެއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުން އަންނަ ދަރިވަރުން (ޓޮޕްއަޕް ލޯން) އެވެ.
މިފަހަރު ޓޮޕްއަޕް ލޯނު ދޫކުރަން ނިންމާފައިވަނީ 700،000ރ. އަށް ވުރެ ބޮޑުނުވާ ގޮތަށެވެ. ނަމަވެސް ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ދޭން ނިންމުމުން އެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮޑުބެގެ ބެއްޔާ
06 August 2025
މިވަރުކަމެއްވެސް ޝަކުވާއެއް ނާންނަގޮތަށް ކުރާކަށް އެނގެނީކީއެއް ނޫން. މިކަމުގަވެސް ކޮރަޕްޝަން.
ލައިލާ
06 August 2025
ޝަރުޠު ހަމަވެފައިވާ ކުދިންނަށް ލޯން ފައިސާ ދޫކުރުން އަވަސްކޮށްލަ ދެއްވާ، ގިނަ ކުދިން ސެޕްޓެންބަރު، އޮކްޓޫބަރު ކިޔެވުން ފެށޭނެ. މިހާރުވެސް ބައެއް ކުދިން ކިޔަވަމުން އެބަދޭ