ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
15 ޑިސެމްބަރ 2019 - 17:52
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ އެކު ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ އިތުރުން ސިޓީތަކުގެ ކައުންސިލަރުންގެ އަދަދު އިތުރުވި ނަމަވެސް އެއީ ދައުލަތަށް ބުރަ އަކަށް ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ހޮވާ ކައުންސިލަރުންގެ އަދަދު އިތުރު ވަނީ ވަކި ގޮނޑިތަކެއް އަންހެނުންނަށް ހާއްސަ ކުރާތީ އެވެ. މިހާރު ތިބޭ 655 ކައުންސިލަރުންގެ ބަދަލުގައި ދެން އޮންނަ އިންތިޚާބެއްގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ނިންމައިފަ އެވެ.
ރާއްޖޭގެ ހުރިހާ ކައުންސިލްތައް ހިމެނޭ ގޮތުން ކްރޮސް ރޯޑްސްގައި ދެ ދުވަހަށް ފެށި "ވިއަވަތި ރާއްޖެ" މަހާސިންތާގައި ކައުންސިލަރުންގެ އަދަދު އިތުރުވުމާ ގުޅޭގޮތުން ކައުންސިލަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ކައުންސިލަރުންގެ އަދަދު އިތުރުވުމަކީ ސަރުކާރަށް ބުރައަކަށް ނުވާނެ ކަމަށެވެ. އެކަމަށް ހޭދަ ކުރަން ޖެހޭ 48 މިލިއަން ރުފިޔާ އަކީ ރައްޔިތުންނަށް ލިބޭ ހިދުމަތާ ބަލާއިރު ބޮޑު އަދަދެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"އެއީ ބުރައެއް ނޫން. އަޅުގަނޑުމެން ހިސާބުކޮށްފައި އެއީ އަޅުގަނޑުމެންނަށް އުފުލޭ ވަރުގެ ކަމަކަށްވާތީ އަޅުގަނޑުމެން އެކަން ކުރީ. އެކަމަށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރަން ޖެހެނީ 48 މިލިއަން ރުފިޔާ،" ތަފްސީލް ދެއްވަމުން ރައީސް ވިދާޅުވި އެވެ.
ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
ދައުލަތުގެ މާލިއްޔަތަށް ބުރަނުވާ ގޮތުގެ މަތީން ކައުންސިލަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތަނުގައި އަންހެނުންގެ ކޮމެޓީއަށް މުސާރަ ލިބިގެންދާއިރު އެ ކޮމެޓީއަށް ގާބިލް އަންހެނުން ކުރިމަތި ލައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އަންހެން ކައުންސިލަރުން އިތުރުކުރާތީ ކަންބޮޑުވުންފާޅުކުރައްވައި ކައުންސިލަރަކު ފާޅުކުރެއްވި ކަންބޮޑުވުމަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އަންހެނުންނަށް ކަންކަން ކުރެވޭނެ ކަމަށާއި ކެބިނެޓުގެ 33 ޕަސެންޓަކީ އަންހެނުން ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ރާއްޖޭން ބޭރަށް ކަނޑައަޅާ ސަފީރުންގެ ޕަސެންޓް ދެ ޖިންސަށް ހަމަހަމަ ވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެން ދައްކައިދެނީ އަންހެނުންނަށްވެސް ކަންކަން ކުރެވޭކަން ކަމަށް ރައީސް ވިދާޅުވި އެވެ.
އެއީ ބުރައެއް ނޫން. އަޅުގަނޑުމެން ހިސާބުކޮށްފައި އެއީ އަޅުގަނޑުމެންނަށް އުފުލޭ ވަރުގެ ކަމަކަށްވާތީ އަޅުގަނޑުމެން އެކަން ކުރީ.
ކައުންސިލްތަކުގެ ބަޖެޓު އަންނަ އަހަރު ބޮޑުތަނުން އިތުރުކޮށްދީފައިވާއިރު އެއީ ލާމަރުކަޒީ ނިޒާމު ރަނގަޅަށް ހިންގުމަށް ކުރި ކަމެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކަށް ރާއްޖެ ހިންގުން ބަދަލު ކުރީ އެ ނޫން ގޮތަކަށް ރާއްޖެ ތަރައްގީ ކުރެވެން ނެތިގެން ކަމަށެވެ. ޖަޒީރާ ވަންތަ މިގައުމުގެ ރައްޔިތުން ހަމަ ޖެހިގެން ދިރިއުޅެވެން އޮތީ ރަށްތައް ތަރައްގީ ކުރެވިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
"ހިންގުމުގެ ބާރު ކައުންސިލްތަކަށް ދިނުމާއެކީގައި މާލީގޮތުން ފުއްދުންތެރިކަން ރަށްތަކަށް ދޫކޮށްލަން ޖެހޭ. މި ނޫން ގޮތަކަށް މިކަން ކުރެވޭތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" ގިނަ އަދަދެއްގެ ކައުންސިލަރުން ބައިވެރިވި މަހާސިންތާގައި ރައީސް ވިދާޅުވި އެވެ.
މީގެ ޒަމާންތަކެއް ކުރިން ބާރުތައް ރަށްތަކަށް ދޫކޮށްލާފައި އޮތްއިރުގައި ބައެއް ރަށްތަކާއި އަތޮޅުތައް ތަރައްގީވެފައިވާކަން އެނގެން އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެ ބާރުތައް ދޫކޮށްލާފައި އޮތްއިރު ވިޔަފާރި ކުރުމުގައި ސީދާ އެ ރަށަކުން ރާއްޖޭން ބޭރަށް ދަތުރުކޮށް މުދާ ގެނެވޭ. ތައުލީމް ހާސިލް ކުރުމަށްޓަކައި ރަށްރަށުން ސީދާ ރާއްޖޭން ބޭރަށް ދަރީން އެ ރަށްރަށުގެ ރައްޔިތުން ފޮނުވާފައި އެބަހުރި. އޭގެ ހެޔޮ ނަތީޖާ ފެނިފައި އެބަހުރި،" މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވި މަހާސިންތާގައި ރައީސް ވިދާޅުވި އެވެ.
ނަމަވެސް ވަކި ހިސާބަކުން ބާރުތައް އެއްތަނަކަށް ޖަމާ ކުރީ ކަމަށާއި އެއާއެކު މީހުންގެ މެދުގައި ހަމަހަމަކަން ގެއްލިގެން ދިޔަ ކަމަށް ރައީސް ވިދާޅުވި އެވެ. ބާރުތައް ކައުންސިލްތަކަށް ދޭން ނިންމީ އެކަންކަމަށް ބަލައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި އެ ބާރުތައް ދިނުމުގެ މަސައްކަތް ކުރެއްވިއިރު އެކަންވީ ބުރަ ކަމަކަށެވެ. އެކަން ކާމިޔާބު ކުރެވުނީ އެމްޑީޕީން އޭރު ކުރި މަސައްކަތުން ކަމަށް އޭރު ޅ. އަތޮޅުގެ މެމްބަރުކަން ކުރެއްވި ރައީސް ވިދާޅުވި އެވެ.
ގާނޫނެއް ފާސްވި ނަމަވެސް އޭރު އޮތް މަޖިލީހުން އެ ގާނޫނު ފާސްކުރީ އެމްޑީޕީން ބޭނުންވި ގޮތަށް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އޭރު އެކަން ކުރީ ނަމެއްގައި ކަމަށާއި އޭގެ ސަބަބުން ނަތީޖާއެއް ނުނިކުމެ އެތައް ފައިސާއެއް ހަރަދު ވެގެން ދިޔައީ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިހާރު މަސައްކަތް ފަށާފައިވަނީ ފުރިހަމަ މާނައިގައި ރާއްޖެ ލާމަރުކަޒީ ކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނާ
17 December 2019
ރައްޔިތުން ފެލައިގެން ފާޑުފާޑުގެ ޓެކްސްތައް ނަގާފަ މަޖލިސް މެމްބަ ރުންނަށާ ކައުންސިލަރުން އިތުރުކޮށްފަ އެމީހުނަށް މުސާރަދޭން ޕާޓީގެ އަން ބޮނޑި ބޮޑުކުރަނީ މިހާރު ވެސް އަތޮޅު ތައް ތިޔަހިންގަނީނު ދެން ކީއްކުރަންބާ އިތުރުކުރަނީ އަދިވެސް ވަޒީފާދޭންވެފަ ތިބި މީހުން ތިބީތޯ އެހެން ގައުމުތަކުގަ ޓެކްސް ނަގަނީ ރައްޔިތުންނަށްދޭ ޚިދުމަތުގެ އަގު ކުކުރަން ކަމަށް ެގިފަވަނީ
ރަނާ
17 December 2019
ފުރަތަމަ ކައުންސިލަރުންނާ މަޖްލިސްގެ މެމްބަރ ކަމަށް ކުރިމަތިލާ މީހުންގެ ހުންނަންވީ ފެންވަރެއް ކަނޑައަޅާ ބަލަ އަސާސީ ތައުލީމެއް ނެތަސް ސާޅީސް ހާސް ރުފިޔާގެ މުސާރައރއް ދީފަ ބަހައްޓަންވީ ތަޖްރިބާ އެއް ތައުލީމެއްގެ ބޭނުމެއްނެތް
އިބިރިހިންބެއްޔާ
16 December 2019
ބުރަބޮޑުވަނީ ރައްޔިތުންނަށް. ދޭތެރެ ދޭތެރެއިން ކޮންމެވެސް އައު ޓެކުހެއްނަގާ ބާރުބޮޑު ތިކުރަނީ ޤައުމީ މަސައްކަތުގައި އެންމެ ބޮޑުބުރައުފުލާ ދިވެހި މަސައްކަތްތެރިންނަށް. 5 އަހަރުވާއިރު ތިބޭފުޅުން ތިއްބަވާނީ 2 އަތްއުރާލައިގެން ތިއްބަސް ކައިގެން ބޮއެގެން ހޮލިޑޭހަދައިގެން އުޅޭވޭ ފެންވަރުގައި. މަމެން އުޅޭނީ ނުކައި ނުބޮއި އަޅާލާނެ މީހެއް ދަރިއެއްވެސް ނެތި ކޮންމެވެސް ފަޅު ގެއެއްގައި ބިކަވެފަ.
މަސްވެރިޔާ
16 December 2019
ބަރާބަރަށް ތާއީދު. ކޮންމެ އަހަރަކު ތިޔަ 48 މިލިޔަން ރުފިޔާ ޚަރަދުކޮއްގެން ގައިމުވެސް، އަޅާލާނެ މީހުންނެތް އަދި އެނޫން ސިނިއަރ ސިޓިޒަނުން ބަލަހައްޓާނެ އިމާރާރާތްހަދާ 2،000 އެފަދަ މީހުން ބެލެހެއްޓޭނެ. މިގައުމުގެ ކުރިއެރުމަށް ޚިދުމަތްކޮއް ބާރުދެރަވެ ނިކަމެތިވާމޫހުން ބިކަނުކުރުމަށް އަހަރަކު ތި އަށާޅީސްމިލިޔަން ޚަރަދުކުރުން މާ އައުލާކަން ބޮޑު.
ޓިންޓޮން
16 December 2019
ކައުންސިލަރުން އިތުރުވުމަކީ މިސަރުކާރަށް ބުރައެއް ނޫން. އެކަމަކު ސިވިލްސާވަންޓުން އިތުރުވުމަކީ ބުރައެއް. މިދެން ވަރަށް ހެއްވާ ވާހަކަ. ރައީސްގެ އަމިއްލަޖީބުންތަ ކައުންސިލަރުންނަށް މުސާރަދެނީ.
ފައިޒާން
16 December 2019
ރޯ މޮޔާންގެ އަތްމައްޗައް ގައުމާއި ދީނާއި މިނިވަންކަން ދޫކޮއްލައިގެން މި ތިބެވެނީ..
ރަސްމާން
16 December 2019
ގައުމުގެ އާބާދީއާއި އަދި ތައުލީމީ ފެންވަރާއި ބަޖެޓައް ނުބަލާ ގައުމައް ނުކަތާ ވަރައް ސިޔާސީ ކައުންސަލަރުން އިތުރުކުރީމަ ކަންކަން ބޮއްސުންލައި ސިޔާސީ ފިތުނަ އިތުރުވުން ނޫންކަމެއް ހާސިލެއް ނުވާނެއެވެ. މިއީ ހިންގުމުގެ ތަޖުރިބާއާއި އިންގުމުގެ ދާއިރާގެ ޒަމާނީ ތައުލީމުގެ އަލީގައި ޔަގީންކަމެކެވެ. ރާއްޖެ ދަތުރު ކުރަމުން މިދަނީ މިނިވަންކަމާއި ދީނާއި އަދި ތަރައްގީގެ ހަލާކާއި ދިމާލަށެވެ.
އެހެންއެހެން
16 December 2019
ކައުންސިލަރުން އިތުރުވުމަކީ ބުރައެއް ނޫން އެއްގޮތަކަށްވެސް. އެކަމު ތިޔަ ކުލައިގެ ކައުންސެލަރުން މަދުވެއްޖެނަމަ އެކަން ވަރަށް ބޮޑު ސިކުނޑީގެ ބުރައަކަށްވެގެން އެލްޖީއޭގެ ބާރު ހިންގާލާތަން ދެން ފެންނާނީ. އެތަނުގެ މެޖޯރިޓީ އޮތް ކުލައަށް ތަބާވެގެން ނޫނީ އެހެން ކުލަތަކުގެ ކައުންސިލްތަކަށް ކަމެއް ނުވާނެ ތަން ދެން ފެންނާނީ. ކުލަތައް ނައްތާލައިގެން ނޫނީ ލާމަރުކަޒީގެ ހަގީގީ ފައިދާ ހުރިހާ ރައްޔިތުންނަކަށް ނުލިބޭނެ.
ގޯސް
15 December 2019
ކައުންސެލަރުންގެ އަދަދުގިނަކުރުމުން ޕާޓީކުދިންނަށް ވަޒީފާ ދެވޭނެ. ޢެކަމަކު ދެރައީ ދަރަނި ބޮޑުވެ ޓެކްސް ނަގައިގެން ރައްޔިތުން ފެލާތީ.
ބޭކާރު
15 December 2019
އެކަމަކު ސިވިލް ސާވިސް މީހުންގެ މުސާރަ ބޮޑުކުރުމަކީ ބުރައެއް. ބޭކާރު ވަޒީފާ ރައްޔިތުންގެ ރުފިޔާއިން.
ހަމީން
16 December 2019
ސިވިލް ސާވިހުން އަދިވެސް މުއައްޒަފުން މަދުކޮއް ކައުންސިލަރުންނާއި ކޯ ޑިނޭޓަރުން އިތުރު ކުރަންވީ. މޯލް ޑިވުސް ޑިސްޓުރަކްޝަން ޕާޓީގެ ފަލްސަފާ..
އޭޑީ
15 December 2019
މާލެ އޮތޮޅު ހުރާ ކައުންސިލުގެ ރައީސްގެ އެއްވެސް ކަހަލަ ތައުލީމީ، ތަހުޒީބީ ކަމެއްނެތްކަން މިއަދު ލައިވް ޓީވީގައި ސާބިތުކޮށްދީފި! އޭނާއަކީ، އޭނާގެ ކައުންސިލަށް ސަރުކާރުން ފާސްކޮށްފައިވާ ބަޖެޓުގެ އަދަދުވެސް ނޭންގޭވަރުގެ ނާގާބިލު މީހެއް! މިވަރުގެ މީހަކު ޓައި އަޅައިގެން ބައްދަލުވުންތަކުގައި މާ މޮޅު ވާހަކަދައްކަން އުޅުމަކީވެސް އަމިއްލަ ނަފްސަށް ލަދުވެތި، ހުތުރު އަމަލެއް! ރައީސްގެ ރައްދުން އޭނާ ހުރީ ފެންކަޅިވެ، ބިކަވެފައި! ހެހެހެ
ބޭޑީ
16 December 2019
ތިޔަކަހަލަ ކިތައް ކައުންސިލަރުން ތިބިތޯ ނުބަލާ އެމީހުންގެ ގާބިލްކަމާ އެންމެންނަށް ހަމަހަމަކޮށް ކަންކަން ކުރެވޭނެތޯ ނުވިސްނާ ބާރުތަކެއް ދިނުމުން ދެން ވާނެ ގޮތްވެސް ފެންނާނެ. އަމިއްލަ ޕާޓީ ނޫންމީހެއްވީމަ ތިހެން ޖޯކް ޖަހާލިނަމަވެސް އަމިއްލަ ޕާޓީ މީހުން ކުރާ ގަޅި ކަންކަން ނުފެނުމުގެ ގާބިލްކަން ކުލަޔަށް ތަބާވީމަ ހުންނާނެ. މިވަގުތަށް ތިޔަ ވިދާ ބަބުޅާ ކުލަ ނޫން ކުލައެއްގެ ބަޔަކާމެދު އިންސާފުން ކަންކަން ކުރެވޭ އިރެއް ނާންނާނެ.