އަންހެނަކު ޓީވީ ޕްރޮގްރާމެއް ހުށަހަޅަނީ.
21 ޑިސެމްބަރ 2019 - 08:30
ޓީވީ ބެލުން އިތުރުވި ވަރަކަށް ހިކިކޮށް ތިބޭ މީހުންނަށް ދެވޭ ސަމާލުކަން ބޮޑު ކަމަށާއި އަންހެނުން ހިކިކޮށް ތިބުމަކީ ސިއްހަތު ރަނގަޅުވުން ކަމަށް ގަބޫލުކުރާ މީހުން ވެސް ގިނަ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ޕާސަނަލިޓީ އެންޑް ސޯޝަލް ސައިކޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ އިނގިރޭސިވިލާތުގެ ޑާހަމް ޔުނިވަސިޓީން މި ދިރާސާ ހަދާފައި ވަނީ މެދުތެރޭ އެމެރިކާގެ ގައުމެއް ކަމަށްވާ ނިކަރާގުއާގައި ޓީވީ ބަލާ މިންވަރާއި އެ ގައުމުގެ އަންހެނުންގެ ބައްޓަން ބަހައްޓަންވާ ގޮތް ބެލުމަށް ފަހު އެވެ. އެގޮތުން ފާހަގަކުރެވުނު މައިގަނޑު ކަމަކީ ޓީވީ ބެލުމުގެ ފުރުސަތު މަދުން ލިބޭ މީހުން ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) މަތިކޮށް ތިބޭ އަންހެނުންނަށް ގަޔާވާ މިންވަރު މަތިކަމެވެ. އަދި ޓީވީ ގިނައިން ބަލާ މީހުންނަކީ ބައްޓަން ތުނިކޮށް، ހިކިކޮށް ތިބެން އަންހެނުން ކަމުދާ މީހުން ކަމެވެ.
Do you know how much TV influences what we think is an attractive body?
— Durham University (@durham_uni) December 19, 2019
A new comprehensive study by our psychologists shows that the more TV we watch the more we prefer thinner female bodies https://t.co/k6wgNTmRg7#DUResearch #bodyimage @drboothroyd @DurhamPsych pic.twitter.com/mPcQ9gaFwU
މިގޮތަށް ހިތްވަރު ދެވޭ މައިގަނޑު ސަބަބަކީ ހިކިކޮށް ތިބޭ އަންހެނުންނަކީ މާ ރީތި އަދި ލޫޅާފަތި ބައެއްގެ ގޮތުގައި ދައްކަން މަސައްކަތްކުރުމެވެ. އޭގެ ތެރޭގައި އުފެއްދުމެއް އިޝްތިހާރުކުރަން ވެސް މުޅިން ކަހަލަ ގޮތަކަށް ހިކިކޮށް ތިބޭ އަންހެނުން ބޭނުންކުރުން ހިމެނެ އެވެ. މީގެ ނަތީޖާ އަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ މީހާ ވީހާ ވެސް ބޮޑަށް ހިކިކޮށް ހުރުން ކަމަށާއި މީހާގެ ރީތިކަން ވެސް ދައްކުވައި ދެނީ ހިކިކޮށް ތިިބުމުން ކަމަށް ޓީވީ ބަލާ ގިނަ މީހުންނަށް ގަބޫލުކުރަން މަޖުބޫރުވުން ހިމެނެ އެވެ.
އެހެންވެ މިކަމަށް ރިއާޔަތްކޮށް ދިރާސާ ހެދި ޓީމުން ވަނީ "ތިން އައިޑިއަލް ބޮޑީ" އަކަށް ކުރެވޭ ޕްރެޝަރުތައް ނައްތައިލަން މީޑިއާތަކުން މިހާރަށް ވުރެ ޒިންމާދާރުކޮށް މަސައްކަތްކުރަން ޖެހޭކަން ފާހަގަކޮށްފަ އެވެ. އެގޮތުން މީހާގެ ބައްޓަމަށް ނުބަލައި، ފުރުސަތުތައް އެންމެންނަށް ވެސް ލިބެންޖެހޭ ކަމަށް ބުންޏެވެ.
"ހާއްސަކޮށް ޓީވީތަކާއި އެޑްވަޓައިިޒިން ދާއިރާގައި އުޅޭ ނުފޫޒު ގަދަ މީހުން އެބަޖެހޭ އެ މީހުންގެ ޒިންމާ މިހާރަށް ވުރެ ހަރުދަނާކޮށް އަދާކުރަން. ހިކިކޮށް ތިބޭ އެކްޓަރުންނާއި މޮޑެލުންނާއި ޕްޒެންޓަރުން އެކަނި އުފެއްދުންތަކުން ދެއްކުމުގެ ބަދަލުގައި އެބަޖެހޭ ހުރިހާ ވައްތަރެއްގެ މީހުންނަށް ވެސް ފުރުސަތުތައް ދޭން،" ދިރާސާ ޓީމްގައި އިސްކޮށް މަސައްކަތްކުރި ޑާހަމް ޔުނިވަސިޓީގެ ސައިކޮލޮޖީ ޕްރޮފެސަރު ލިންޑާ ބޫތުރޮއިޑް ވިދާޅުވި އެވެ. "މީގެ އެންމެ މުހިއްމު ކަމަކީ މީހާގެ ހަށިގަނޑުގެ ބައްޓަން ހުންނަ ގޮތަށް ދެވޭ އިސްކަން ދޫކޮށްލުން."
އޭނާ ވިދާޅުވި ގޮތުގައި މީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ހަމައެކަނި ހިކިކޮށް ހުރުމެއް ނޫނެވެ.
"ކިތަންމެ ފަލަކޮށް ހުރި މީހަކީ ވެސް ހަމަ ވަރަށް ހެލްތީ މީހަކަށް ވެދާނެ. އެހެންވީމަ މީގައި ދެކެންވީ ހެލްތު އެޓް އެވްރީ ސައިޒްކަން،" ލިންޑާ ވިދާޅުވި އެވެ. "މި މައިންޑްސެޓް ބަދަލުކުރުމުގައި މީޑިއާތަކަށް ވަރަށް މުހިއްމު ރޯލެއް އަދާކުރެވޭނެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy