ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ޕީޕީއެމް ތަމްސީލް ކުރައްވާނެ ކަމަށް މައުމޫން ކަނޑައެޅުއްވި ފާރިސް (ކ) އަދި ވައްޑެ: މި ދެބޭފުޅުންގެ ނަން ޕީޕީއެމްގެ ކައުންސިލުން ފާހެއް ނުކުރޭ.---ފޮޓޯ: މަޖިލިސް
04 އޮކްޓޯބަރ 2016 - 17:15
ސަރުކާރާއި ސިޔާސީ ޕާޓީތަކާ ދެމެދު ބާއްވާ މަޝްވަރާތަކުގައި ޕާޓީތަކުން ބައިވެރިވެ ވަޑައިގަންނަވާނެ ބޭފުޅުން، ޕާޓީތަކުގެ ކައުންސިލްތަކުން ފާސްކުރުމަށް ފަހު ހުށަހެޅުމަށް ރައީސް އޮފީހުން މިއަދު އަންގައިފި އެވެ.
ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒު ސޮއިކުރައްވައި ޕާޓީތަކަށް ފޮނުއްވި ސިޓީއެއްގައި އެގޮތަށް އެންގެވިއިރު، މަޝްވަރާތަކުގައި ޕީޕީއެމް ތަމްސީލް ކުރައްވާނީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަނޑައެޅުއްވީ ޕީޕީއެމްގެ ކައުންސިލުން ފާސްކޮށްގެނެއް ނޫނެވެ.
މަޝްވަރާތަކުގައި ބައިވެރިވާނެ މަންދޫބުން މިހާތަނަށް ކަނޑައަޅާފައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ އިތުރުން ޖުމްހޫރީ ޕާޓީންނެވެ. އޭގެ ތެރެއިން ޖުމްހޫރީ ޕާޓީ ތަމްސީލް ކުރައްވާނެ ބޭފުޅުން ކަނޑައެޅީ އެ ޕާޓީގެ ކައުންސިލުން ފާސްކޮށްގެންނެވެ. އެމްޑީޕީ އާއި އަދާލަތުން މަޝްވަރާތަކަށް ވަޑައިގަންނަވާނެ ބޭފުޅުން އަދި ކަނޑައެއް ނާޅަ އެވެ.
މަޝްވަރާތަކުގައި ޕީޕީއެމް ތަމްސީލް ކުރާނީ ފާރިސް އާއި ވައްޑެ ކަމަށް މައުމޫން ކަނޑައެޅުއްވިއިރު، ސަރުކާރުގެ ބައެއް ސިޔާސަތުތަކާ އެ ދެބޭފުޅުން ފާޅުގައި ދެކޮޅު ހައްދަވަ އެވެ. ސަރުކާރުން ކުއްލި ގޮތަކަށް ކާޑުގެ އަގު އެތައް ގުނައެއް ބޮޑުކުރި މައްސަލާގައި ފާރިސް އާއި ވައްޑެ މިހާރު ވެސް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. މީގެ އިތުރުން ފާރިސް އަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރެއް ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ ބޭފުޅުން ގަބޫލެއް ނުކުރައްވަ އެވެ.
ޕާޓީތަކުގެ މަޝްވަރާގައި ޕީޕީއެމް ތަމްސީލް ކުރުމަށް ފާރިސް އާއި ވައްޑެގެ ނަން އެ ޕާޓީގެ ކައުންސިލުން ފާސްކުރާ ނަމަ، އެއީ މައުމޫންގެ ފެކްޝަނަށް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމެއް ކަމަށް ބެލެވެ އެވެ. ސަބަބަކީ ޕީޕީއެމްގެ ކައުންސިލްގެ އަޣުލަބިއްޔަތު ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުންގެ ފަޅީގައި އޮތުމެވެ.
ރައީސް އޮފީހުން ޕާޓީތަކަށް ފޮނުވި ސިޓީގައި މުޖުތާޒް ވިދާޅުވީ "ރައްޔިތުންގެ ހެވާއި ލާބައަށާއި، ގައުމުގެ ހަމަޖެހުމަށް މަސައްކަތްކުރުމަށްޓަކައި، ސިޔާސީ ޕާޓީތަކުގެ މެދުގައި ރައީސުލްޖުމްހޫރިއްޔާ އިސް ނަންގަވައިގެން ފައްޓަވާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިޔަށް ގެންދިއުމަށްޓަކައި ތިޔަ ޕާޓީން މި މަޝްވަރާތަކުގައި ބައިވެރިވާނެ ބޭފުޅުންގެ ނަންފުޅުތައް ތިޔަ ޕާޓީގެ ކައުންސިލުން ނިންމެވުމަށް ފަހު، މި އޮފީހަށް ފޮނުއްވައިދެއްވުން އެދި ދެންނެވީމެވެ،" މިހެންނެވެ.
މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް މިހާތަނަށް ލިބޭ ގޮތެއް ނުވި އެވެ. ނަމަވެސް އެމްޑީޕީ އާއި ޕީޕީއެމުން ވަނީ އެފަދަ ސިޓީއެއް ލިބިފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ އެއީ ރައީސް އޮފީހަށް އެންގޭނެ އެންގުމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"ޕާޓީގެ ވަކި ގުނަވަނަކުން ނިންމައިގެން ނަންތައް ފޮނުވާކަށް ރައީސް އޮފީހަކަށް ނޭނގޭނެ. އެކި ޕާޓީތަކުގެ އަސާސީ ގަވައިދާ ހިންގާ ގޮތްތައް ވެސް ތަފާތުވާނެ. އެހެންވީމަ އެފަދަ އެންގުމެއް އެންގިދާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.
އަލީމް ވިދާޅުވީ ޕީޕީއެމްގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނެ ދެ ބޭފުޅެއްގެ ނަން އިއްޔެ ރައީސް އޮފީހަށް ފޮނުވާފައިވާނެ ކަމަށާއި އެ ދެ ނަން ގަބޫލުނުކުރާ ކަމެއް އަންގާފައި ނުވާ ކަމަށެވެ.
ޕާޓީތަކުގެ މަޝްވަރާތަކުގައި ޖުމްހޫރީ ޕާޓީން ބައިވެރިވާނީ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި ކެންދޫ ދާއިރާގެ އަލީ ހުސެއިން އަދި މަތިވެރި ދާއިރާގެ ހުސެއިން މުހައްމަދު ކަމަށް ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ. މީގެ ތެރެއިން ހުސެއިން މުހައްމަދު މަޝްވަރާތަކަށް ވަޑައިގަންނަވާނީ، ރިޔާޒާއި އަލީ ހުސެއިންގެ ތެރެއިން ބޭފުޅަކަށް ވަޑައިނުގެންނެވޭ ހާލަތްތަކުގައި ކަމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައި ވަނީ އެ ޕާޓީގެ ލީޑަޝިޕުން ހުށަހަޅާ ބޭފުޅުންތަކެއް މަޝްވަރާގައި ބައިވެރިވާ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލިބެ
05 October 2016
ސަރުކާރުން ބުނާގޮތަކަށް ރައްޔިތުންގެ މަޖިލީހުން ބިލްތައް ފާސްކުރާ ގޮތަށް، ޕާޓީތަކުގެ މަޝްވަރާގައިވެސް ޕީޕީއެމުން ކަންކުރެވޭނީ ޕީޕީއެމްގެ ދެ ފެކްޝަނުން ސަރުކާރުގެ ފަޅިއަށް ބަރު ކައުންސިލުން ނިންމާ މަންދޫބުން ތިބެގެންނޫންތޯއެވެ!
ޒާހިރު
05 October 2016
ޕާޓީތަކުގެ އެތެރޭގެ ކޯޅުންތަކާއިހެދި ޕާޓީ ތަމްސީލުކުރަންބޭނުންވާ މީހުން ގިނަވެފައިވާ މިކަހަލަ ދުވަސްވަރެއްގައި އަސްލުރަގަޅުގޮތަކީ ކައުންސިލުން ފާސްކުރާބަޔަކު އެޕާޓީއެއް ތަމްސީލުކުރުން ޕާޓީ އަކީ މިއީ އެއްވެސްމީހެއްގެ ތަރިކަ މުދާގަޑަކަށްހަދައިގެން ވާރިސުންނަށް ބެހިގެންދާގޮތަށްއޮވެގެންވާނެ އެއްޗެއްނޫން .
ބޮކުބާޑު
05 October 2016
ރައީސް އޮފީހަށް ފެންނަ ބަޔަކު މަޝްވަރާތަކުގަ ބައިވެރިކުރަން މިޖެހެނީ. އިގުތިސާދު މާހިރަށް ތިޔަކުރަށްވާ ކަންތައް ރަގަޅޭ ބުނެ ކުރުނީސް ކޮށް މަނިކުފާނު ހާދަމޮޅޭ ބުނާނެ ބަޔަކު ފޮނުވަން މިޖެހެނީ. ދެން އޮށްޓަރުހުރި އެއްޗެއް މަޝްވަރާތަކުން ނެރޭނީ ކިހިނެތްތޯ. މިއީ މިމީހުންގެ އިޚުލާސްތެރިކަމަކީ.
ހަސަނު
05 October 2016
މަޝްވަރާ ގައި ހުރިހާކުދިން ދައްކާނެ ވާހަކަ އާ އެއްބަސް ވާން ޖެހޭ ކަންކަމުގެ ލިސްޓެއްވެސް ފޮނުވާލަދޭތި... ސަރުކާރުގެ ބަހަށް އެއްބަސް ނުވާ ކުދިން ޓެރަރިޒަމްގެ ކުށުގާ ދިގު މުއްދަތަކަށް ޖަލަށްލާ ގޮތަށްވެސް އަންގާތި..
އަލްހާން
05 October 2016
ރައީސް އޮފީހުން އެމްޑީޕީއަށްވެސް އަންގާބަލަ އެޕާޓީއިން މަޝްވަރާ ތަކުގައި ބައިވެރި ވާން ޖެހޭނީ އަލްހާން ފަހުމީއާއި ރީކޯ މޫސައޭ.. ލޮލް
ސީމެގް
05 October 2016
'ރައީސުލް ޖުމްހޫރިއްޔާ އިސްނަންގަވައިގެން".... ވަޓް އަ ޖޯކް...
ނިހާން
05 October 2016
ސަރުކާރަކަށް ތިޔަހެނެއް ނޭނގޭނެ ސަބަބަކީ އެއްވެސް ޝަރުތަކާއި ނުލާ ވާހަކަތައްބޭއްވުމަށް ގޮވާލާފައިވާތީ. އެކަމަކު ފުރަތަމަވެސް ޝަރުތެއް ތިޔަ ކަނޑައެޅީ ސަރުކާރުން!!!! ވެގެން އުޅޭގޮތް ދެން އަމިއްލަ ސިކުޑީން ވިސްނަވާ.
މުޖްތާޒް
05 October 2016
މުޖްތާޒުވެސް ތި ދަރަޖައިގަ ތޯ އެވެ. ހުރި ހިތާމަ އެއްގެ ބޮޑު ކަމާއެވެ.
ޏޮލްސް
05 October 2016
ޕާޓީތަކުން އެއްބަސްވާ ކަންކަން ތަނފީޒު ކުރެވޭނީ އެޕާޓީއެއްގެ ގުނަވަނަކުން ފާސްކުރާ ބަޔަކު ގޮސްގެން. ޟިގެ ކުރިން ޕާޓީތަކުން އަމަލުކުރީވެސް އެގޮތަށް. ޑެން ލޮލް
އަލީ
05 October 2016
މަޝްވަރާތަކުގައި ބައިވެރިވާނެ މީހުން ކަޑައެޅާނެ އުސޫލެއް އެއީ ސަރުކާރާއި ބޭހޭ ކަމެއްތޯ؟ އެހެން ވިއްޔާ ސަރުކާރުން މަޝްވަރާގައި ބައިވެރިވާނެ ބަޔަކު ނިންމާނެ އުސޫލެއް ކަޑައަޅައިދޭންވާނީ ޕާޓީތަކުން ދެއްތޯ؟