ރައީސް ޔާމީނަށް މައުމޫންގެ ޖަވާބު: މަޝްވަރާ މަންދޫބުން ބަދަލުކުރެވޭކަށް ނެތް!

ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ބައިވެރިވާނެ މަންދޫބުން ކައުންސިލުން ކަނޑައެޅެން ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީނަށް، ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު އަންގަވައިފި އެވެ.


ރައީސް ޔާމީނަށް ފޮނުއްވި ސިޓީއެއްގައި މައުމޫން މިގޮތަށް އެންގެވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވާނެ މަންދޫބުންގެ ނަންތައް އެ ޕާޓީއެއްގެ ކައުންސިލުން ފާސްކުރުމަށް ފަހު ފޮނުވަން ރައީސް އޮފީހުން އިއްޔެ ޕީޕީއެމަށް ސިޓީއެއް ފޮނުވުމާ ގުޅިގެން ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމަށް ދިމާވެފައިވާ "ކަންތައްތަކަކާ" ހެދި ރައީސް އޮފީހުގެ އެންގުމާ އެއްގޮތަށް މިވަގުތު އަމަލުކުރެވެން ނެތް ކަމަށް ސިޓީގައި މައުމޫން ވިދާޅުވި ކަމަށެވެ.

ޕީޕީއެމްގެ ކައުންސިލް މިވަގުތު ބޭއްވެން ނެތް ކަމަށް ވެސް އެ ސިޓީގައި މައުމޫން ވަނީ ވިދާޅުވެފަ އެވެ. ސަބަބަކީ، އެ ޕާޓީގެ އެންމެ ފަހުން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައެއް މެމްބަރުން އިހުތިޖާޖުކޮށް ކޯރަމް ގެއްލުވާލައި ނުކުމެވަޑައިގެން ޕާޓީގެ ރައީސާ ދެކޮޅަށް ކޯޓުގައި ދައުވާ އުފުލާފައިވާތީ ކަމަށް ސިޓީގައި މައުމޫން ތަފްސީލުކޮށްދެއްވާފައިވާ ކަމަށް ވެސް އަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކައުންސިލް ބޭއްވެން ނެތް ނަމަވެސް ޕީޕީއެމް ހިންގުމަކީ އެ ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތަކަށް ވާތީ، މަޝްވަރާ މަންދޫބުން ކަނޑައެޅީ ރައީސަށް ލިބިފައިވާ އިހްތިޔާރުގެ ދަށުން ކަމަށް ވެސް ރައީސް އޮފީހަށް ވަނީ އަންގައިފަ އެވެ.

މަޝްވަރާގެ މަންދޫބުންގެ ނަންތައް ފޮނުވަން ޖެހޭނީ ކައުންސިލުން ނިންމައިގެން ކަމަށް ސަރުކާރުން ޕާޓީތަކަށް ކުރިން ފޮނުވި ސިޓީގައި ބުނެފައެއް ނުވެ އެވެ. މަންދޫބުން ކަނޑައެޅުމާ ގުޅޭ ގޮތުން ދެ ވަނަ ސިޓީއަކުން މިގޮތަށް އެންގީ، މަޝްވަރާގައި ޕީޕީއެމް ތަމްސީލްކުރައްވާނީ ފާރިސް އާއި ވައްޑެ ކަމަށް އެ ޕާޓީން ނިންމައި ރައީސް އޮފީހަށް ސިޓީ ފޮނުވުމުންނެވެ.

އެހެންވެ، މަންދޫބުން ކަނޑައެޅުމަށް ރައީސް އޮފީހުން ޝަރުތު ކަނޑައެޅީ ފާރިސްގެ ނަން ފޮނުވުމުން ކަމަށް ޕީޕީއެމާއި އިދިކޮޅު ޕާޓީތަކުން ވެސް ތުހުމަތުކުރެ އެވެ.

މެމްބަރު ފާރިސް (ކ) އަދި ވަހީދު: މަޝްވަރާ އަށް މި ދެ ބޭފުޅުންގެ ނަން ފޮނުވިއިރު ރައީސް ޔާމީންގެ ބައެއް ސިޔާސަތުތަކަށް ފާޅުގައި ދެ ބޭފުޅުން ގެންދަވަނީ ފާޑުވިދާޅުވަމުން. -- ފޮޓޯ: މަޖިލިސް

ސިޔާސީ މަޝްވަރާތަކުގައި ޕީޕީއެމުން ބައިވެރިވާނެ ބަޔަކު، ރައީސް ޔާމީނަށް ތާއީދުކުރާ މީހުންގެ ކޮންޓްރޯލް އޮންނަ ޕީޕީއެމް ކައުންސިލުން ފާސްކުރާ ނަމަ ފާރިސް އާއި ވައްޑެ އަށް އެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަކަށެއް ނުބެލެވެ އެވެ. އެއީ ޕީޕީއެމް ކައުންސިލްގެ ސާފު އަޣުލަބިއްޔަތު ރައީސް ޔާމީން ފެކްޝަންގައި އޮތުމުންނެވެ.

ފާރިސް އަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރެއް ކަމަށް ވެސް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ މީހުން ގަބޫލެއް ނުކުރެ އެވެ. ރައީސް ޔާމީން ފަޅީގައި އަޣުލަބިއްޔަތު އޮންނަ ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ވަނީ ފާރިސް އެ ޕާޓީން ވަކިކޮށްފަ އެވެ. އެ ފިޔަވަޅު އެޅީ ވިޕްލައިނާ ހިލާފަށް ރައްޔިތުންގެ މަޖިލިހުގައި ވޯޓު ދެއްވި މައްސަލައެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން އަންގައިގެންނެވެ. ސުލޫކީ ކޮމެޓީގެ މި ނިންމުން ގަބޫލުނުކުރަން ޕީޕީއެމުން ވަނީ ނިންމައިފަ އެވެ. އެންމެ ފަހުން ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުން ވެސް ހުއްޓާލަން ޖެހުނީ އެ ބައްދަލުވުމުގައި ފާރިސް ބައިވެރިވެވަޑައިގަތުމާ ދެކޮޅު ހައްދަވައި މެމްބަރުން ބައްދަލުވުމުން ނުކުމެ ވަޑައިގަތުމުންނެވެ. ފާރިސް އާއި ވައްޑެ ފަހަކަށް އައިސް ގެންދަވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ފާޅުގައި ދެކޮޅު ހައްދަވަމުންނެވެ. އެގޮތުން ސަރުކާރުން ކުއްލި ގޮތަކަށް ކާޑުގެ އަގު އެތައް ގުނައެއް ބޮޑުކުރި މައްސަލާގައި ފާރިސް އާއި ވައްޑެ މިހާރު ވެސް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. ސަރުކާރާ އެކު އިދިކޮޅު ފަރާތްތަކުގެ މަޝްވަރާ މީގެ ކުރިން ވެސް ފޭލްވީ ޕާޓީތަކުން ބައިވެރިވާން ނިންމި މަންދޫބުން ސަރުކާރުން ގަބޫލުނުކޮށްގެންނެވެ. އެމްޑީޕީން ބައިވެރިވާނެ މަންދޫބެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު ހުށަހެޅިއިރު އަދާލަތުން ފޮނުވީ އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ނަމެވެ. އެކަމަކު ދެ ބޭފުޅުންނަކީ ވެސް ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުށްވެރިން ކަމަށް ބުނެ ދެ ބޭފުޅުން ވެސް މަޝްވަރާގައި ބައިވެރިކުރަން ސަރުކާރުން އެއްބަހެއް ނުވި އެވެ.