އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދަނީ: ރަތަފަންދޫ ކައުންސިލަށް އެމްޑީޕީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ހޮވަން ބޭއްވި ޕްރައިމަރީގެ ސައްހަކަމާ މެދު ވަނީ ސުވާލު އުފައްދާފައި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
02 ފެބުރުއަރީ 2020 - 20:47
އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގދ. ރަތަފަންދޫ ކައުންސިލަށް ވާދަކުރާނެ އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަން ބޭއްވި ޕްރައިމަރީގައި ވޯޓުން "ވައްކަން" ކޮށްފައިވާ ކަމުގެ ތުހުމަތާ އެކު، އެ ދާއިރާގެ ވޯޓު ބާތިލް ކޮށްދޭން ކެންޑިޑޭޓުންތަކެއް މިއަދު އެދިއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީގެ މައްސަލަތަކެއް ހުރި ކަމަށް ބުނެ އެކަން ބަލައިދޭން އެދި ހުށަހެޅީ ރަތަފަންދޫ ކައުންސިލްގެ ޓިކެޓަށް ޕްރައިމަރީގައި ވާދަކުރި ވަޒްނާ އަހްމަދާއި ހުނައިފް އަސްލަމްގެ އިތުރުން ހަސަން މޫސާ އެވެ. މީގެ ތެރެއިން ހުނައިފަކީ މިހާރު ވެސް ރަތަފަންދޫ ކައުންސިލްގެ ރައީސެވެ. ހަސަން މޫސާ އަކީ ނައިބު ރައީސެވެ. އެ ދެބޭފުޅުން ވަނީ ޕްރައިމަރީ ކާމިޔާބު ކުރައްވައި ދެން އޮންނަ ދައުރުގައި ވެސް އެމްޑީޕީގެ ޓިކެޓު ކަށަވަރު ކުރައްވައިފަ އެވެ.
އެމްޑީޕީ އަށް މި ތިން ކެންޑިޑޭޓުން ހުށަހެޅި ޝަކުވާގެ ސިޓީގައި ބުނެފައި ވަނީ އިންތިޒާމުތަކުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށެވެ. މިކަން ސާބިތުކޮށްދޭން، ވޯޓު ކަރުދާހުގެ ތަފްސީލުތައް ވެސް ސިޓީގައި ވެ އެވެ.
ކަލާފާނު ސްކޫލްގައި ބެހެއްޓި ރަތަފަންދޫގެ ވޯޓު ފޮއްޓަށް 130 މީހަކު ވޯޓުލީ ކަމަށް، ވޯޓު ގުނިއިރު ކަރުދާހުން ފެންނަން އޮތް ނަމަވެސް ދެ ބުރެއްގެ މަތިން އެ ފޮއްޓަށް ޕްރިންޓް ކުރީ 119 ވޯޓު ކަރުދާސް ކަމަށް ޝަކުވާގެ ސިޓީގައި ވެ އެވެ. އެ ފޮއްޓަށް ވޯޓުލީ ކަމަށް ޝީޓުތަކުން ވެސް ފެންނަން އޮތީ 112 މީހުން ކަމަށްވާ އިރު ވޯޓު ގުނިއިރު ކަރުދާސް ގިނަވި ސަބަބާ މެދު ވަނީ ސުވާލު އުފައްދައިފަ އެވެ.
"..ވޯޓު އެޅިގޮތުގެ ތަފްސީލަށް ބަލާލި ކަމުގައިވި ނަމަވެސް ވޯޓުން ވައްކަން ކޮށްފައިވާ ކަން ސާބިތުވެ އެވެ،" އެ ސިޓީގައިވެ އެވެ.
އެ ފޮށީގެ ވޯޓުލުން ނިމެން އުޅެނިކޮށް، ބޭރުން ވޯޓު ކަރުދާސް ވައްދައިގެން އުޅުނު މަންޒަރު ވެސް ފެނުނު ކަަމަށާއި އެ ވަގުތު އެތަނުގައި ތިއްބެވި އެމްޑީޕީގެ އިސް ބޭފުޅުންގެ ސަމާލުކަމަށް އެކަން ގެނައި ކަމަށް ވެސް ސިޓީގައި ވެ އެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އަބަދުވެސް އެމްޑީޕީ އަކީ މިނިވަން އިންތިޚާބެއްގައި ހަަމަހަމަކަން ގެންގުޅުއްވާ ޕާޓީ އެކެވެ. ވީމާ އަޅުގަނޑުމެން ހިނގައިދިޔަ ކަންކަމަށް ބަލައި، ކުރިއަށް ގެންދެވުނު ރަތަފަންދޫ ކައުންސިލް ޕްރައިމަރީގެ ވޯޓު ބާތިލްކޮށް، އަލުން ވޯޓު އެޅޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުން އެދި ދެންނެވީމެވެ،" ސިޓީގައިވެ އެވެ.
މި ޝަކުވާއާ ގުޅިގެން، ހުނައިފް މިރޭ ވިދާޅުވީ، އެ މައްސަލަ އެމްޑީޕީ އަށް ބަލައިގަނެ، އެ ޕާޓީގެ ގައުމީ މަޖިލީހުން ގޮތެއް ނިންމާނެ ކަން އެ ބޭފުޅުންނަށް އަންގާފައިވާ ކަމަށެވެ.
ވޯޓުގެ ސައްހަކަމާ މެދު ރަތަފަންދޫ ކައުންސިލަށް ވާދަކުރި ކެންޑިޑޭޓުން ސުވާލު އުފެއްދި އިރު އެމްޑީޕީގެ ޕްރައިމަރީގައި ގއ. އަތޮޅުގެ ވޯޓުގެ މައްސަލަތަކެއް ފެންމަތިކުރުމުން، ވޯޓު ކަރުދާސްތައް އަންދާލައި އަލުން އެ އަތޮޅުގެ އިންތިޚާބު ބާއްވަން ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން، ޕްރައިމަރީގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި މިހާރުގެ މޭޔަރު ޝިފާ މުހައްމަދު ވެސް ވަނީ ޕްރައިމަރީގެ ބައެއް ކަންކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ. މާލޭގެ ދާއިރާއެއްގެ ވޯޓު ފޮއްޓެއްގެ މައްސަލަ ޖެހިފައިވާ އިރު، އެ ފޮށި ނަގައިގެން ގެންދެވޭނީ ގޯހެއް އުޅުމުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އެކަމަކު އެމްޑީޕީން ބުނެފައި ވަނީ ޕްރައިިމަރީގައި މާބޮޑެތި މައްސަލަތަކެއް ނެތް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމިއްޓޭ
03 February 2020
"ހަވަރު ތިނަދޫ ގަވެސް ޖެހޭނީ އަލުން ވޯޓުލާން" އަތޮޅުތެރެއަށް ގޮސް 2.5 މިލިޔަން ހަރަދު ކޮއްލީމަވެސް ނުހޮވުނީ އެމްޕީންނާއެކު ބޮޑެތި ވަފުދު ހަދާފަ މުޅި އަތޮޅުގަ ދުއްވީމަވެސް ނުހޮވުނީއެވެ. ގަދަބަސް ބުނެފަ އަދިވެސް މީހުންނަށް މަލާމާތްކިރުން ހުއްޓާލާކަށްނުވޭހެއްޔެވެ. ބޯކޮން ލާރި އޮވެފަ އަޑުގަދަވުމަކީ ހޮވެން ޖޭހޭ ސަބަބެއްވެސް ނޫނެވެ
ކެޔޮޅާ
03 February 2020
ތަމްދީހު ލުލް
Hassan Waheed
02 February 2020
ޢެންމެން މޮޅެއްނުވާ އެހެނަސް ވޯޓް ލާންދާ މީހުންނަށް ކަރުދާސް ނެތިގެން ވޯޓް ނުލެވި ނުވާނެ
ޖޯޝް
02 February 2020
ޖޯޝް... ހަމަ ޖޯޝް އިނގޭތޯ. މައްސަލައެއް ނޫން އިނގޭތޯ ވަގަށް ވޯޓް އެޅުމަކީ. އެއީ ހަމަ ޖޯޝް
އަދި
03 February 2020
ހަމަ އެގޮތަށް އޮބަހައްޓާކަށްވެސް ނުވާނެތާދޯ
އަލީރާޖާ
02 February 2020
އެންމެން ކިހިނެއް މޮޅުވާނީ؟ ބަލި ގަބޫލުކުރަން ދަސްނުވާނެ ދިވެހިންނަކަށް ދުވަހަކުވެސް!