10 ފެބުރުއަރީ 2020 - 12:04
ބިކިނީގައި މަގުމަތީ އުޅެނިކޮށް މާފުށިން ހައްޔަރުކުރި ޓޫރިސްޓްގެ ކިބައިން ރައްޔިތުންގެ މަޖިލީހުން މިއަދު މާފަށް އެދިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނަމުގައި ސިސީލިއާ ޖެސްޓަވެސްކާގެ ކިބައިން މައާފަށް އެދިވަޑައިގެންނެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނަވާ އިނގިރޭސި ބަހުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އޭނާ އަލުން ރާއްޖެއަށް އަދި، ހާއްސަކޮށް މާފުށްޓަށް ޒިޔާރަތް ކުރަން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދައުވަތު ދެއްވާނެކަން ޔަގީންވެވަޑައިގަންނަވާ ކަމަށެވެ.
"ސިސީލިއާ ޖެސްޓަވެސްކާގެ ކިބައިން މި މަޖިލިސް މިއަދު މާފަށް އެދެން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އޭނާއާ މެދު ކަންތައް ހިނގީ ވަރަށް ދެރަކޮށް ކަމަށާއި ކޮމިޝަނަރު އޮފް ޕޮލިސް އެކަމާ މައާފަށް އެދިވަޑައިގެންނެވުމުގެ އިތުރުން އެކަން ހިނގި ގޮތް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތަފްސީލުކޮށް ދެއްވާފައިވާ ކަމަށެވެ.
"އަޅުގަނޑަށް ވަރަށް ޔަގީން އަޅުގަނޑުމެންގެ ޓޫރިޒަމް މިނިސްޓަރު އަދި މިރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް ރުހޭނެ ސިސީލިއާ އަލުން ދިވެހި ރާއްްޖެއަށް އަދި މާފުށްޓަށް އަނބުރާ އައުމަށް ދައުވަތު ދޭން،" ނަޝީދު ވިދާޅުވި އެވެ.
މާފުށީގައި އޭނާ ހައްޔަރުކުރި މަންޒަރު ފެންނަ ވީޑިއޯއެއް ފުރަތަމަ އާއްމުވުމާ އެކު އާއްމުންގެ ފާޑުކިއުން ފުލުހުންނަށް ވަރަށް ބޮޑަށް އަމާޒުވި އެވެ. އެންމެ ބޮޑު ކަންބޮޑުވުމަކަށް ވީ، އެއްވެސް އަންހެން ފުލުހަކު، ނެތި މުޅިން ވެސް ފިރިހެން ފުލުހުންތަކެއް ވެގެން، ޓޫރިސްޓު އަންހެންމީހާ ހައްޔަރުކުރަން އުޅުމެވެ.
އޭގެ ދިފާއުގައި ފުލުހުން ބުނެފައި ވަނީ މާފުށީގައި އަންހެން ފުލުހުން ނެތުމުން އެވަގުތު ފިރިހެން ފުލުހުން ހަރަކާތްތެރިވާން ޖެހުނީ ކަމަށެވެ.
އެ އަންހެންމީހާ ހައްޔަރު ކުރުމުގެ ކުރިން، އޭނާ އަށް ނަސޭހަތްދީ ހުއްޓުވަން އުޅުނު ނަމަ، މަންޒަރު އެއަށް ވުރެ ރީތި ވާނެ ކަމަށް ބައެއް މީހުން ބުނެ އެވެ.
ނަމަވެސް އެކަން ހިނގައިދިޔަ ގޮތް ފެންނަ އެހެން ވީޑިއޯއެއް އާއްމުވުމާ އެކު ފެނުނީ އެހެން މަންޒަރެކެވެ. އެ ވީޑިއޯ އިން ފެންނަނީ އޭނާއަށް ވިސްނައިދޭން ފުލުހުން ފުރަތަމަ މަސައްކަތްކުރި ތަނެވެ. އެގޮތުން ބިކިނީގައި ރަށުގެ މަގުމަތީގައި ނޫޅެވޭނެ ކަމަށް ބުނެ ފުލުހުން ނަސޭހަތްދެ އެވެ. އެކަމަކު ސިސީލިއާ އެކަމާ ދެކޮޅު ހެދި އެވެ. އަދި ފަހުން ފުލުހުން ހައްޔަރުކުރަން އުޅުމުން ވަރަށް ބޮޑަށް ގަދަ ދެއްކި އެވެ.
ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެފައި ވަނީ އޭނާ ހައްޔަރު ކުރުމުގައި ފުލުހުން އަމަަލުކޮށްފައިވާ ގޮތް އެހާ ގޯސް ނޫން ކަމަށެވެ. އެކަމަކު އެއަށް ވުރެ ރަނގަޅަށް އެކަން ކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަލާމަތީ ނަޒަރުން ބަލާއިރު ފުލުހުން އަމަލުކުރީ "ވަރަށް ގޯސްކޮށް" ކަމަށް ނުދެންނެވޭނެ ކަމަށެވެ.
އިމްރާންގެ އެވާހަކައާ މެދު ނަޝީދު ކަންބޮޮޑުވުން ފާޅުކުރެއްވި އެވެ. އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމާއި އަންހެނަކު ހައްޔަރު ކުރަން ފިރިހެން ފުލުހުން ހަރަކާތްތެރި ވުމަކީ ރާއްޖޭގެ ރީތި ނަން ޚަރާބުވާނެ ކަމެއް ކަމަށެވެ. އަންހެން ޓޫރިސްޓް ހައްޔަރުކުރަން ފިރިހެން ފުލުހުން އުޅުން އެމަނިކުފާނު ސިފަކުރެއްވީ "ގަޔަށް ބޮލަށް އެރުން" ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަފިކްސް
12 February 2020
އަޅުގަނޑަށް ގޯހީ މުސްލިމް މުޖުތަމްއެއްގައި ރައްޔިތުންގެ ތެރެޔަށް ނުކުމެ އުޅެންޖެހެނީ އެމުޖުތަމައެއްގަ އޮންނަ ޤާނޫނުތަކާއި ޤަވާއިދު ތަކަށް ހުރުމަތްތެރިކޮއް ހިތާއިގެން އެއީ އެހެން ޤައުމެއްގެ ވެރިޔަކަށްވިޔަސް ހުކުމް ހިގާނީ ހަމައެއްގޮތަކަށް އަހަރެންގެ ޚިޔާލު
މުޙުއްމާ
11 February 2020
މިހާރު އޮޅިއްޖެ. ރައްޔިތުން ސަރުކާރު ހިންގަން ޙަވާލުކުރީ ރައީސުލްޖުމްޙޫރިއްޔާ އާއިބާ ނޫނީ ރައްޔިތުންގެ މަޖްލިހާއި ބާ؟ ހީވާގޮތުން މިހާރު ރައީސުކަން ކުރަނީ ނަޝީދު.
މާމޮޅޭ
11 February 2020
ޤައުމެއްގެ ސުޕްރީމް ކޯޓުން ވިޔަސް ރައްޔިތުންގެ މަޖިލީހުންވިޔަސް ކަމެއް ގޯސްކޮށްކުރީމަ އެކަމެއް ރަގަޅުކުރަން އދ އިންވެސް އަންގާނީ ސަރުކާރަށް. މިސާލަކަށް ރައީސް ނަޝީދުގެ ޝަރީޢަތް ދިޔައީ ރަގަޅަށް ނޫންކަމަށް ނިންމާ އދ ގެ ވޯކިންގ ގްރޫޕުން އެއެންގި އެންގުމެއްވެސް އެންގީ ސަރުކާރަށް. ސުޕްރީމް ކޯޓަކަށް ނޫން. އެހެންކަމުން ޤައުމަކުން މާފަށް އެދުނަސް އެދެންޖެހޭނީ ސަރުކާރުން. މަޖިލީހުގެ ރައީސް މިޒާތުގެ ކަންކަންކުރީމަ ކުޅަނދު ހަމަނުވާކަން މީގެން މި މިއެނގެނީ
ސަރުކާނު
10 February 2020
ޤައުމެއްގެ ރައްޔިތުންގެ މަޖިލީހުގައި ދެކެވެންވަނީ ނިކން އޮށްޓަރުހުރި ކަނކަމުގެ ވާހަކަ ކަމަށް އަޅުގަޑުދެކެނީ. މިހާރު ތިތަން ބަތްކައްކާކުޅޭ ތަނަކަސް ވެ ނިމިއްޖެ.
ސެވަން
10 February 2020
ދެން އަންނަ ފަހަރު އޭނާ ބިކިނީއެއްހާ ހިސާބުވެސް ނުލާ ރަށުތެރޭ އުޅެފިނަމަ ކިހިނެތްބާ ހަދާނީ؟ ނޫޑް ބީޗްތައް މިގައުމުގައިވެސް ހުންނަންޖެހެއޭބާ ކިޔާނީ؟
ހަސަނުގެދަރި
10 February 2020
ތީ ރައްޔިތުންގެ މަޖިލިހުން މާފަށް އެދެންޖެހޭކަމެއްނޫ ގާނޫނާއި ގަވައިދުން ބޭރުގައި އުޅޭކަށް އެއްވެސް މީހަކަށް މިނިވަންކަމެއް ލިބިގެނެއް ނުވޭ.
ކޮމަންމޭން
10 February 2020
ތީގެ މާނައަކީ ސިފައިންގެ މައި މަރުކަޒަށް އިނގިރޭސިވިލާތުގެ އަންހެން ޓޫރިސްޓަކު ގަދަކަމުން ވަދެގަންނަން އުޅުމުންވެސް އެތާ ފޯރިމަރަންތިބީ ފިރިހެނުންކަމަށްވީމަ އޭނަ ގައިގަ އަތްނުލައި ހަމަ އެތެރެއަށް ވަދެގަންނަންދެން ތިބެންވިއްޔޭތޯ؟ މަޖިލީހުގެ ޙައިޞިއްޔަތު އޮޅުވާލާ ހިތަށްއެރިހާ ކަމަކަށް ބަސް ކިޔަމުން ތިދަނީ މިހާރު ދިވެހިންގެ ގިނަ މީހުންނަށް އިނގޭ ދައުލަތުންކުރާ ކަންތަކަށް ޖަވާބުދާރީވެ މަޢާފަށް އެދި ކަންކުރަންޖެހޭނީ ސަރުކާރުންކަން. މަޖިލީހަކުން ނޫން.
ލަދުގަނޭ
10 February 2020
ފުރަތަމަ ކަމަކަށް އެމީހާ ކައިރީއަހާބަލަ އޭނަ ގައުމުގަ އޭނާއަށް ގާނޫނު އަސާސީއަށް ވުރެ މަތީގަ ހުރެވޭނެތޯ. ދިވެހި ޕޮލިހުންގެ މިންނެތް ހިތްވަރަށް ސާބަސްދެން. ރައްޔިތުން ނިކުމެ އޭނަ ހުއްޓުވަން ޖެހުނުނަމަ މަންޒަރު ތިޔަށްވުރެ ހަޑިވީސްކަން ހަމަ ޔަގީން. ވީމާ ޕޮލިހުން އެނެގީ އެއްމެ ރަނގަޅު ޑިސިޝަން?
ނާޑުވާ
10 February 2020
ފުރަތަމަ ރައްޔަތުންގެ މަޖިލިސްގެ ރައީސް އަށް އެބަ އެގެންޖެހޭ މީ މިރާއްޖޭގެ ރައްޔަތުންގެ ކަންކަން ރަނގަޅު ގޮތުގަ ކުރުމަށް މަގު ދައްކާ ތަނެއްގެ ގޮތުގައި އޮތް، ރައްޔަތުންގެ ފަިސާ އިން ބޭނުންކޮށްގެން ހިންގާ ތަނެއްކަށް. މުޅި އޮޑީގަ ހަސަނުގެ ދެފައި ކަމަށް ހީކޮށް ހިތުހުރިހާ އެއްޗެއް ރައްޔަތުންގެ ފަރާތުންނޭ ކިޔާފަ ގޮވާއިރު މިރައްޔަތުންގެ ވިސްނުން ހުރޮގޮތެއްވެސް ބަލަންޖެހޭނެ!!!!!!!!!!!!!!!
ބާބާ
10 February 2020
މިކަލޭގެއާ ނުބެހޭކަށް ކަމެއްވެސް ނޯވޭ، މިހުރިހާ ޒިންމާއެއް ރައީސް އިބޫ ނަގންޖެހޭނެ.