ވިޔަފާރި / ޓީއެމްއޭ

އެމްއޭސީއެލްގެ ސިޓީ، ބޯޑުުގެ ނިންމުމެއް ނޫން؟!

ޓީއެމްއޭގެ ބޯޓުތައް ހުޅުލޭ މޫދުގައި: ސަރުކާރުގެ ނިންމުމާ މެދު ޓީއެމްއޭ އިން ހިތްހަމައެއް ނުޖެހޭ

13 ފެބުރުއަރީ 2020 - 13:31

43 comments

އެމްއޭސީއެލުން ބޮޑު ހޭދައެއްކޮށްގެން ހަދާފައިވާ އާ ސީޕްލޭން ޓާމިނަލްގެ މައްސަލަ، އެންމެ ސިޓީއެއްގެ މައްޗަށް ކުއްލިއަކަށް އެނބުރެން ފަށައިފި އެވެ. އަދި އެއީ ކިހާ ބުރަދަނެއް ހުރި، އެ ފޮނުވުމުގެ އަޑީގައި ވެސް ބޮޑު ރޭވުމެއް އޮތް ލިއުމެއްތޯ ވެސް މިހާރު މި ވަނީ ސުވާލު އުފެދިފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން، ޓީއެމްއޭގެ އިސް ވެރިން މި ހަފުތާގައި ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ބޭނުންވާ ޖާގަ ދޭނެކަމުގެ ޔަގީންކަން، ޑިސެމްބަރު 10، 2017 ގައި، އެމްއޭސީއެލުން ފޮނުވި ސިޓީއެއްގައި ދީފައިވާ ކަމަށެވެ. ޓީއެމްއޭ އިން މިހާރު ބަލަނީ އެއީ އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު ވެވުނު "އެއްބަސްވުމެއް"ގެ ގޮތުގަ އެވެ. ނުވަތަ "ކޮމިޓްމެންޓެއް"ގެ ގޮތުގަ އެވެ.

ސިޓީގައި ބުނެފައިވަނީ، ޓީއެމްއޭއިން އާންމު ކުރި މައުލޫމާތުން އެނގޭ ގޮތުގައި، އާ ސީޕްލޭން ޓާމިނަލުން 19،000 އަކަމީޓަރުގެ ޖާގަ، އަކަމީޓަރެއް 10.35 ޑޮލަރުގެ ރޭޓުން، 15 އަހަރަށް ކުއްޔަށް ދޭން އެމްއޭސީއެލްގެ ބޯޑުން ނިންމި ކަމަށެވެ. އޭގެ އިތުރުން ކޮންމެ ފަސިންޖަރަކަށް ފަސް ޑޮލަރުުގެ ޗާޖެއް ވެސް، އެމްއޭސީއެލްއަށް ދޭން ޖެހޭ ކަމަށް، ޓީއެމްއޭ އިން ބުނެ އެވެ.

ސިޓީގައި ހިމެނެނީ ބޯޑުން ނުނިންމާ ކަމެއް ބާ؟

އެ ސިޓީ ފޮނުވި ދުވަހާއި ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ބެއިން އާއި ޗައިނާގެ ޓެމްޕަސް ގުޅިގެން ހެދި ކޮންސޯޓިއަމަކުން، 500 މިލިއަން ޑޮލަރަށް ގަތުމުގެ މުއާމަލާތް ނިންމި ދުވަސްވަރާ ދިމާވުމަކީ، އިއްތިފާގެއްތޯ ވެސް ސުވާލު އުފެދެ އެވެ. އެމެރިކާގެ މަޝްހޫރު އިންވެސްޓްމަންޓް ކުންފުނި ބްލެކްސްޓޯން އަތުން މެޖޯރިޓީ ހިއްސާ ބެއިން ހިމެނޭ ކޮންސޯޓިއަމުން ގަތީ އޭގެ ހަފުތާއެއް ފަހުން ޑިސެމްބަރު 17، 2017 ގަ އެވެ. އެހެންކަމުން މިހާރު އުފެދޭ އެއް ސުވާލަކީ، އެމްއޭސީއެލްގެ ބޯޑުން ނިންމި ކަމަށް ބުނެ، ޓީއެމްއޭއަށް ފޮނުވި ސިޓީ އަކީ، ހިއްސާ ވިއްކާލުމުގެ މުއާމަލާތް ނިންމަން، އެމްއޭސީއެލްގެ ތެރެއިން ބަޔަކު ވެދިން އެހީއެއްތޯ އެވެ.

އެކަމަކު އެފަދަ އެއްވެސް ނިންމުމެއް އެމްއޭސީއެލްގެ ބޯޑުން ނިންމާފައި ނުވާ ކަމަށް، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ، މާލިއްޔަތު ކޮމިޓީގައި ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން ބެލިބެލުމުގައި ބޯޑުގެ ސީދާ ޑެސިޝަނެއް ނިންމާފައެއް ނެތް. އާންމުކޮށް ކުންފުނިތައް ހިނގާ ގޮތަކީ ބޯޑުތަކުން ރިޒޮލިއުޝަނެއް އޮންނަން ޖެހޭނެ [ކަމެއްގައި] ކުރިއަށް ދާން،" ޓީއެމްއޭ އިން އެބުނާ ސިޓީ އަކީ އެމްއޭސީއެލުން ވި ކޮމިޓްމެންޓެއްތޯ މެމްބަރަކު ސުވާލުކުރެއްވުމުން، ހަސަން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބެލިބެލުމުން ރިޒޮލިއުޝަނެއް ފެންނާކަށް ނެތް. ބޯޑު ރިޒޮލިއުޝަނެއް އޮތް ކަމަކަށް ވެސް އެމްއޭސީއެލަކުން ނުބުނޭ."

ޓީއެމްއޭއަށް އާ ސީޕްލޭން ޓާމިނަލް ދޭން އުޅޭކަމުގެ އަޑުތައް ފުރަތަމަ ތިލަވި ދުވަސްވަރު، މާލިއްޔަތު ކޮމިޓީގެ އެންގުމަށް އޮޑިޓަ ޖެނެރަލް ވަނީ ހާއްސަ އޮޑިޓެއް ހަދައިފަ އެވެ. ހަސަން ވިދާޅުވި ގޮތުގައި ރިޕޯޓަށް އެމްއޭސީއެލްގެ އެހީތެރިކަން ލިބުނެވެ. އެހެންކަމުން ޑިސެމްބަރު 10، 2017 ގެ ސިޓީގައި ބުނެފައިވާ ބޯޑުގެ ނިންމުމާ ގުޅޭ މައުލޫމާތު އޮޑިޓަަރުންނަށް ނުލިބި އެ ވަނީ އެފަދަ ނިންމުމެއް ނެތީމާ ކަމަށް ވުން އެކަށީގެންވެ އެވެ.

ޓީއެމްއޭ އާއި އާ ސީޕްލޭން ޓާމިނަލްގެ މައްސަލާގައި އެމްއޭސީއެލުން މާ ގިނަ ވާހަކަތަކެއް މީޑިއާއަކަށް ނުދައްކަ އެވެ. އެމްއޭސީއެލްގެ މެނޭޖްމަންޓް ވެސް އަދި ބޯޑު ވެސް މިހާތަނަށް ފެންނަނީ ހިމޭނުން އޮތް ތަނެވެ.

އޮޑިޓަ ޖެނެރަލްގެ ރިޕޯޓުން ފެންނަ ހަގީގަތްތަކެއް

އެކަމަކު މިހާރު މި މައްސަލަ އެނބުރެމުން މިދަނީ މުޅިން އެހެން ދިމާލަކަށެވެ. އާ ޓާމިނަލުން ޓީއެމްއޭއަށް 5،000 އަކަމީޓަރުގެ ބޮޑު ޖާގައެއް، މިހާރު ވެސް އެމްއޭސީއެލްއަށް ޓީއެމްއޭ އިން ބިމު ކުލި ދައްކާ ރޭޓްގައި، ކުރިއަށް އޮތް ދެ އަހަރަށް ދޭން ސަރުކާރުން ނިންމިޔަސް، އެއީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށް، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ގަބޫލުކުރެ އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ގިނަ މެމްބަރުންގެ ވިސްނުން ހުރީ، އެ ސިޓީއަކީ އެމްއޭސީއެލް އާއި ކުރީ ސަރުކާރުގެ ރަސްމީ ކޮމިޓްމެންޓެއްގެ ގޮތުގައި ބެލުންކަން، ހަސަންއާ އިއްޔެ ކުރިމަތިކުރުވި ބައެއް ސުވާލުތަކުން ދޭހަވެ އެވެ.

މި މައްސަލައިގެ ތެރެއަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވެންނެވުމާއި، ކުރީ ސަރުކާރުގެ ނިންމުމާ ގުޅިގެން، މި ސަރުކާރުން ބޮޑު ބަދަލެއް ޓީއެމްއޭއަށް ދޭން ޖެހިދާނެ ކަމަށް ވިދާޅުވި ވިދާޅުވުމުން އެނގެނީ، ޓީއެމްއޭ އިން ބޭނުންވާ ގޮތަށް އާ ޓާމިނަލްގެ ކަންކަން ދީލައިލުމުގެ އޮއިވަރެއް ހުރި ކަމެވެ.

އެކަމަކު އޮޑިޓަ ޖެނެރަލް ވިދާޅުވި ގޮތުގައި އާ ޓާމިނަލުން ޖާގަ ދިނުމާ މެދު ބޯޑުން ވަކި ގޮތެއް ނިންމާފައި ނުވުމުގެ އިތުރުން، އެމްއޭސީއެލް އިން ޓީއެމްއޭއާ އެކު އެއްވެސް ކަހަލަ އެއްބަސްވުމެއް ވެސް ހަދާފައެއް ނުވެ އެވެ. ޓީއެމްއޭ އިން މިހާރު ބޭނުންކުރާ ޓާމިނަލާ ބެހޭ ގޮތުން އެމްއޭސީއެލްއާ އެކު ހަދާފައި އޮތް އެއްބަސްވުން ވެސް، 2014 ގައި ނިމިފައިވާ ކަމަށާއި އޭގެ ފަހުން އެއްބަސްވުން ހަދަމުން އައީ އަހަރުން އަހަރަށް އާކުރާ ގޮތަށް ކަމަށް ވެސް، ހަސަން ވިދާޅުވި އެވެ.

އެމްއޭސީއެލްގެ ވެރިޔަކު ކުރިން ވިދާޅުވެފައި އޮތީ އަހަރުން އަހަރަށް އެއްބަސްވުން ހަދަމުން އައީ ވެސް، އާ ޓާމިނަލްގެ މަޝްރޫއު ކުރިއަށް ދާތީ، އެތަން އޮޕަރޭޓްކުރުމާ މެދު ވަކި ގޮތެއް ކުންފުނިން ނިންމާފައި ނުވުމުންނެވެ.

ކޮމިޓީގައި ޓީއެމްއޭއިން ބުނި ގޮތުން ނަމަ އެ ސިޓީގައި ސޮއިކުރައްވާފައި އޮތީ ހުސެއިން ފަޒީލް އެވެ. އޭނާއަކީ މެނޭޖަރެއްގެ މަގާމުގައި ހުންނެވި ވެރިއެއް ކަމަށް، އެނގިފައިވެ އެވެ.

ޓީއެމްއޭ އިން ގެންދަނީ އޮޅުވާލުމުން

ޓީއެމްއޭއިން ގެންދަނީ ބޮޑެތި ދޮގުތަައް ހަދަމުން ކަމަށް، އިންޑަސްޓްރީގެ ބައެއް ތަޖުރިބާކަރުން ބުނެ އެވެ. އެގޮތުން ޓީއެމްއޭއަށް ނޫނީ އެހެން ބަޔަކަށް އެފަދަ ޓާމިނަލެއް ނުހިންގޭނެ ކަމަށް ބުނުމާއި ވަކި ޓާމިނަލްއެއް ލިބިގެން ނޫނީ ސީޕްލޭން އޮޕަރޭޓްކުރަން އުނދަގޫވާނެ ކަމަށް، ބުނުން ފަދަ ކިތައްމެ އޮޅުވާލުމެއް އެބަ ހުރި ކަމަށް، އެ ތަޖުރިބާކާރުން ބުނެ އެވެ.

"ޓީއެމްއޭ އިން ހަދަނީ ދޮގު،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި، އިންޑަސްޓްރީގެ ތަޖުރިބާކާރު ވިދާޅުވި އެވެ.

"މިއީ ސީޕްލޭން މުޅި އޮޕަރޭޝަން ކޮންޓްރޯލްކުރަން އެ މީހުން ކުރާ ކަމެއް. ޓާމިނަލް އެ މީހުންނަށް ދީފިއްޔާ އަސްލު މުޅި އިންޑަސްޓްރީ ފުނޑާލުން އެއީ."

ޓީއެމްއޭ އިން ޑިމާންޑްކުރާ ގޮތަށް، އާ ސީޕްލޭން ޓާމިނަލުން 19،000 އަކަމީޓަރު، ނުވަތަ ބައެއް ފަހަރަށް ބުނާ ގޮތުން ނަމަ 31،000 އަކަމީޓަރު ދީފި ނަމަ، ސީޕްލޭން ދުއްވާ އެހެން އެއްވެސް އެއާލައިނަކަށް ނުވަތަ އަލަށް އެ މާކެޓަށް ވަންނަ އެހެން ބަޔަކަށް ވެސް، ވާދަވެރި ފުުރސަތެއް ނުލިބޭނެ އެވެ.

އާ ސީޕްލޭން ޓާމިނަލް: މިތަނުގައި މިހާރު ކުރަނީ އެތެރޭގެ އެންމެ ފަހުގެ މަސައްކަތްތައް

އެމްއޭސީއެލުން 55 މިލިއަން ޑޮލަރު ((848 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހަދާ މިހާރު ނިމިފައިވާ ޓާމިނަލްގެ ހަތަރު ފްލޯގައި ހިމެނެނީ 28،000 އަކަމީޓަރެވެ. އެތަނުގައި ލައުންޖްތައް ހަދަން ހާއްސަކުރާ ތިން ބުރީގައި 15،242 އަކަމީޓަރުގެ ޖާގަ އޮވެ އެވެ. ސަރުކާރުން ޓީއެމްއޭއަށް 5،000 އަކަމީޓަރުގެ ޖާގަ ނުުވަތަ އެއް ބުރި އެއްކޮށް ދޭން މިހާރު ނިންމާފައިވާ ނިންމުމުން ވެސް، އެހެން އޮޕަރޭޓަރުންނަށް ވާދަވެރި ފުރުސަތު ގެއްލެ އެވެ. އެކަމަކު މި ވަގުތަށް އެ ނިންމުން ރަނގަޅު ކަމަށް، ހަސަން ވިދާޅުވި އެވެ.

ޓީއެމްއޭ އިން ހަދާ އަނެއް ދޮގަކީ، އާ ސީޕްލޭން ޓާމިނަލްގެ މުޅި މަޝްރޫއަށް ހިނގާ ހަރަދު އޮޅުވާލުމެވެ. އިއްޔެ ޓީއެމްއޭއިން ނެރުނު ބަޔާނުގައި ބުނީ، އާ ޓާމިނަލަށް ހަރަދުވާނީ 26 މިލިއަން ޑޮލަރު ކަމަށެވެ. އެކަމަކު ޓާމިނަލް ހަދަން ބިން ހިއްކުމާއި އެހެނިހެން ހަރަދުތަކަށް، އެމްއޭސީއެލުން ވަނީ 55 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ރިސޯޓްތަކަށް ލައުންޖްތައް ދީގެން އަހަރަކު ލިބެނީ 2.8 މިލިއަން ޑޮލަރު ކަމަށް ޓީއެމްއޭއިން ބުނާ ވާހަކައަކީ ވެސް އޮޅުވާލުމެކެވެ. ލައުންޖްތައް ހިންގާ ރިސޯޓްތަކުން، ޓީއެމްއޭގެ ޓިކެޓްގައި ހިމަނައިގެން، އެހެން ފީތަކެއް ދީފައި ހުރުން އެކަށީގެންވާ ކަމަށް، ތަޖުރިބާކާރުން ބުނާ ވާހަކައަށް ބުރަދަނެއް ލިބޭ ގޮތަށް، އޮޑިޓަ ޖެނެރަލް ހަސަން ވެސް އިއްޔެ ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އޮޑިޓް ރިޕޯޓް އެކުލަވާލި ފަހުން އޮތް އެކި މަޝްވަރާތަކުގައި، ޓީއެމްއޭއިން ނަގާ ރޭޓްތަކާ މެދު އިތުރު މައުލޫމާތު ލިބިވަޑައިގެންނެވި އެވެ. ނަމަވެސް އެ މައުލޫމާތު ދޭން ރިސޯޓްތަކަށް އެންގުމުން، ރިސޯޓްތަކުން އެދުނީ ޓީއެމްއޭ އިން ހޯދަން ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު އޮޑިޓަ ޖެނެރަލްގެ އެދިވަޑައިގަތުމަށް ޓީއެމްއޭ އިން އެ މައުލޫމާތު ދީފައެއް ނުވެ އެވެ. އެހެންކަމުން އެމްއޭސީއެލުން ކުޑަ އަގެއްގައި ޖާގަ ހޯދައިގެން ރިސޯޓްތަކަށް ބޮޑު އަގުގައި ދޫކޮށްގެން ޓީއެމްއޭ އިން ހޯދަނީ ކިހާ ވަރެއްގެ އާމްދަނީއެއްކަން އެނގޭނެ ރަސްމީ ހިސާބެއް ނެތެވެ.

ބައެއް ތަޖުރިބާކާރުން ގޮވާލެއްވީ ޓީއެމްއޭގެ ވެރިންނާ ބައްދަލުކުރި ގޮތަށް، އާންމުކޮށް ހުޅުވާލައިގެން، ދިވެހި އެއާލައިންތަކުން ވެސް މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަން، ރައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދު ފުރުސަތު ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

"ރައީސް ނަޝީދު އެބަ އިސްނަންގަވަން ޖެހޭ އެހެން އޮޕަރޭޓަރުންގެ ހައްގުގައި ވެސް. އެ ފުރުސަތު މާލިއްޔަތު ކޮމިޓީން އެބަ ދޭން ޖެހޭ ދިވެހި ކުންފުނިތަކަށް. އެހެން ނޫނީ އެއް ފަޅި އާންމުންނަށް އެނގޭނީ،" އެއް ތަޖުރިބާކާރަކު ވިދާޅުވި އެވެ.

މިހާރު އޮތް އެންމެ ބޮޑު މައްސަލައަކީ ޓީއެމްއޭ އިން އެ ބުނާ ސިޓީގައި ހިމެނެނީ، އެމްއޭސީއެލްގެ އޭރުގެ ބޯޑުން ނިންމި ކަމެއްތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުމެވެ. އެއީ ބެއިން ހިމެނޭ ކޮންސޯޓިއަމާއި ބްލެކްސްޓޯނާ ދެމެދު ހިންގި ބޮޑު މުއާމަލާތް ނިންމަން، ނުފޫޒު ގަދަ ބަޔަކު އެމްއޭސީއެލްގެ ތެރެއިން ކުރުވި ކަމެއްތޯ ވެސް، ރަސްމީ ފަރާތްތަކުން ހޯދަން ޖެހެ އެވެ.

އެކަމަކު ސިޓީގައި ޓީއެމްއޭއަށް ގާތްގަނޑަކަށް މުޅި ޓާމިނަލް ދޭނެކަމުގެ ޔަގީންކަން އޮތަސް، އެއީ އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު ވެފައި އޮތް ރަސްމީ އެއްބަސްވުމެއް ނޫނެވެ. އެފަދަ އެއްބަސްވުމެއް ހަދާފައެއް ނުވެ އެވެ.

އެއް ތަޖުރިބާކަަރަކު ސިފަކުރެއްވި ގޮތުގައި ޓީއެމްއޭ ބުނާ ގޮތަށް، އެއީ "ރަސްމީ އެއްބަސްވުމެއް" ކަމަށް ބަލައިގެން، އާ ސީޕްލޭން ޓާމިނަލުން ބޮޑު ބައެއް އެ ކުންފުންޏަކަށް ދިނުމަކީ، ދިވެހި ރައްޔިތުންގެ މިލްކެއް ފޭރިގަތުމެވެ.

43 ކޮމެންޓް, 85 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 1%
icon angry icon angry 96%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުވާލު

14 February 2020

ކުރީސަރުކާރުން ދިނީމަ ފލެޓު ކަމަކު ނުދިޔަ އެކަމަކު ޓާމިނަލް ކުރީ ސަރުކާރުން ދީފަ އޮތީތީ ހެދޭނެގޮތެއް ނެތް؟؟؟

The name is already taken The name is available. Register?

މީރާ

14 February 2020

ޓީއެމްއޭ ހޯދަނީ ކިހާ ފައިސާއެއްތޯ ހޯދަން، އަހަރެމެން މީ ކީއްކުރާ ބައެއް؟ ކީއްކުރަން ރިސޯޓްތަކަށް ގުޅަނީ؟ އަހަރެމެންނަށް އަންގާލަބަލަ.

The name is already taken The name is available. Register?

ތީރިިންމަތިި

14 February 2020

ތީ ގަރާޖު ސިޓީ ކަހަލަ ސިޓީއެއް. ސިޓީއެއް އޮތީމަ ސަރުކާރަށް އެނިމުނީ. ނަސީބެއްނުން ތިސިޓީގައި ހުޅުމާލެ ވެސް 10 ޑޮލަރަށް ދޭނެ ކަމަށް ނުލިޔެއޮތްކަން. ކޮބާ ސޮއި ކުރި ފަޒީލު؟

The name is already taken The name is available. Register?

މަ ބޯގަޅި

14 February 2020

މަކަރު!!!!!!!!!!!!! ކޮރަޕްޓް ހާލި. ޔަހޫދީ އުކުޅު. ބޮޑު ދޮގުހުވާ މެޝިންތައް ޤައުމުބައި އަޅަނީ. ހުރި ހިތާމައަކާ ބިރުވެރިކަމެއްގެ ބޮޑުކަމާއެވެ!

The name is already taken The name is available. Register?

ސީދާ

14 February 2020

ކުރީ ސަރުކާރުން ކުރިއްޔާ އަންނި ޖެހޭތަ ބޯޯ ބާނަން..

The name is already taken The name is available. Register?

ޕޮކަޑި

13 February 2020

ތިޔަހެން މީހަކުދޭ ސިޓީއަކަށް ތިކަންނިންމަން ވެއްޖެއްޔާ ސަލާމަތެއް ނެތެންނުން ދެން ކޮންމެމީހަކުވެސް ހޯދަންވީ ތިޔަފަދަ ސިޓީއެއްނުން

The name is already taken The name is available. Register?

މަންނާނު

13 February 2020

ޑޭލައިޓް ރޮބަރީ ރޯމާދުވާލު ދިވެހި ނިކަމެތި ރައްޔިތުންނަށް ލިބެންއޮތް ނަފާއެއް ފޭރިގަންނަނީ

The name is already taken The name is available. Register?

މައްކާރު

13 February 2020

މިއީ ޗަންޕާ އެންޑް އެސޯސިއޭޓް ހަރަކާތް ތެރިވާ ގޮތުގެ ކުޑަމިސާލެއް. ދަލަތުން ކުޑަ އަގުގަ ވިޔަފާރި ފޭރިގެންފަ ބޮޑުއަގުގަ އޭގެނަފާ ހޯދުން. ތިމީހުން ތިބޭނީ ޓެކްސް އަށްވެސް ކިތައްމެ މަކަރެއްހަދާ އޮޅުވާލާފަ.

The name is already taken The name is available. Register?

ފާރިއު

13 February 2020

ހުރިހައި ވެރިކަމެއްގައިވެސް ދިވެހީންގެ އެއަރޕޯޓު ބޭރުގެ ބަޔަކަށް ނަފާވާގޮތަށް ވިއްކާލުމުގެ ޝަރަފު ހޯދަންތަ ނަޝީދު މިއުޅެނީ؟

The name is already taken The name is available. Register?

ލޮނުމެދުފަޓާސް

14 February 2020

ފާރިއު ، ޔާމީނުވެރިކަމުގަ ހިންގާފަ އޮތް ޖަރީމާއެއް...............

The name is already taken The name is available. Register?

____

13 February 2020

ތިޔަ ސިޓީއެއްގައި ސޮއިކުރެވުނު ދުވަސްވަރު ތިޔަ މަސައްކަތާ ގުޅޭ ގޮތުން އުޅުނު ހުރިހާ އެންމެންގެ ތެރެއިން ޝައްކުވާ ކަހަލަ ފައިސާއެއް ވަދެފަ ހުރި އެކައުންޓްތައް ބަލަންޖެހޭ. ބޯޑުން ނިންމި ނިންމުމެއް ނޫންނަމަ ކޮންމެވެސް މީހަކު ކޮންމެވެސް އެއްޗެއްގަ ހިފާފަތޯ ތިކަން ކޮށްދިނީ ބަލަންޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454