އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވާހަކަ ދައްކަވަނީ-- ފޮޓޯ: ޕީޕީއެމް
08 މާޗް 2020 - 15:44
ކޮވިޑް-19 ރާއްޖޭން ފެނިފައި ވާތީ މިއީ އެންމެން އެއްބައިވަންތަ ވާންވީ ވަގުތު ކަމަށާއި އެކަން ކުރުމަށް ރައީސް އަބްދުﷲ ޔާމީން ގޭބަންދަށް ބަދަލުކުރަން ޖެހޭ ކަމަށް، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ކޮވިޑް-19 ރާއްޖޭން ފެނިފައިވަނިކޮށް މިއަދު ރައީސް ޔާމީން އަނެއްކާވެސް ޕޮލިހަށް ހާޒިރުކުރާ ކަމަށާއި އެއީ އިހުސާންތެރިކަމަށް ވުރެ އަނިޔާވެރިކަން އިސްކުރުން ކަމަށެވެ. އޭގެ ބަދަލުގައި ގައުމީ އެއްބައިވަންތަކަން އިސްކުރުމަށްޓަކައި ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވުމަށް އަދުރޭ އެދިވަޑައިގަތެވެ.
"ރައީސް ސޯލިހަށް ގޮވާލަން މިއީ ގައުމުގައި އެއްބައިވަންތަކަން ގާއިމްކުރަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެކޭ. މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވާށޭ. އަދި ނަމޫނާ ދެއްކެމުގެ ގޮތުން މިވަގުތު ދިވެހި ރާއްޖޭގެ އިދިކޮޅު ލީޑަރު ޖަލުގައި ހުރި ހުރުމަށް ނިމުމެއް ގެންނަވާ އެ މަނިކުފާނު މިހާރުން މިހާރަށް ގެޔަށް ބަދަލު ކޮށްދެއްވާށޭ،" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވި ގޮތުގައި 2004 ވަނަ އަހަރު ސުނާމީ ކާރިސާ ކުރިމަތިވުމުން ވެސް އޭރު ޖަލުގައި ތިބި ސިޔާސީ މީހުން އޭރުގެ ސަރުކާރުން މިނިވަންކުރި އެވެ. އެގޮތުން އޭރު ޖަލުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަދަ ބޭބޭފުޅުން މިނިވަން ކުރުމުން އެ ކާރިސާ އިން އަރައިގަތުމަށް އެ ބޭފުޅުންގެ ފަރާތުން އެހީތެރިކަން ލިބުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫން އަބްދުލްގައްޔޫމް މިފަދަ ކަންކަމާ ގުޅިގެން ގައުމަށް ދެއްކެވި ނަމޫނާ މަނިކުފާން [ރައީސް އިބްރާހިމް މުހައްމަދު ސޯލިހް]ވެސް ދައްކަވައި ދެއްވާ،" އަދުރޭ ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ މައްސަލާގައި ހިމެނޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އަބްދުﷲ ޒިޔަތު ގޭ ބަންދުގައި ހުރިއިރު ރައީސް ޔާމީން ގެއަށް ބަދަލު ނުކުރެވެންވީ ސަބަބެއް ނެތް ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.
އީރާން ފަދަ ގައުމުތަކުގައި ކޮވިޑް-19 ފެތުރެން ފެށުމުން އެ ގައުމުގެ ޖަލުތަކުގައި ތިބި މީހުން މިނިވަންކުރަން ފަށާފައިވާ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ކޮވިޑް-19 ރާއްޖޭން ފެނުނުކަން ރޭ އިއުލާން ކުރުމާ އެކު މިކަމުގައި ސަރުކާރުން އަމަލުކުރާ ގޮތްތަކަށް އިދިކޮޅު ދެ ޕާޓީގެ އެއްބާރުލުން ދޭނެކަން ވާނީ މެސެޖަކުން އަންގާފައި ކަމަށެވެ.
މިކަމުން އަރައިގަތުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ލަފާގެ މަތިން އަމަލު ކުރުމަށް ވެސް އަދުރޭ އިލްތިމާސްކޮށްފި އެވެ.
ކޮވިޑް-19 ގެ ކަންތަކުގައި ސަރުކާރުން އަމަލުކުރާގޮތަށް އޭނާ ވަނީ ފާޑު ވިދާޅުވެފަ އެވެ. އެގޮތުން މިކަމަށް ސަރުކާރުން މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި ބާރު ސްޕީޑެއްގައި އެ ބަލި ފެތުރެމުންދާ އިޓަލީން ރާއްޖެއަށް މީހުން އައުން މަނާކުރީ މާ ފަހުން ކަމަށް ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރޭތީ ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން އެ ބައްޔަށް ކިރިޔާ ވެސް ޝައްކު ކުރެވޭ މީހެއް ފެނިއްޖެ ނަމަ އެކަހެރިކޮށް އަންނަނީ ޓެސްޓްތައް ކުރަމުންނެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެކަމަށް ފަރުވާ ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެނ
10 March 2020
ޔާމީން އަށް ހެޔޮއެދޭމީހެއްނަމަ ބުނާނީ ޔާމީން ރައްކާތެރިކަމާއެކު އެހުރިގޮތަށް ބަހައްޓާށޭ.... މި ވައިރަހުގެ ތެރެއައް ނުނެރެއްޗޭ... މާލެ އަށް ގެނެސްގެން އަނެއްކާ ވައިރަސް ޖެހިއްޖެއްޔާ އަދުރޭ ވަރަށް އުފާވާނެހެން ހީވަނީ ތިހެން ބުނީމަ...
މޫސާ މިނިކް
09 March 2020
ހަމަމިހާރުގެއައްބަދަލުކުރުންބުއްދުވެރީ
މޫސާ މިނިކް
09 March 2020
ސާބަހޭއަދުރޭ މިހާރުންމިހާރައްގެއައްބަދަލުކުރަންޖެހޭ
އަރުވާލި އާދަނުގެ ސިޔާސީހާސަރު
09 March 2020
ހެޔޮ ނިޔަތުގާ ނަމަ އަދުރޭ މާސް މީޑިއާގައި ތިޔަހެން ނުބުނެ. ބައްދަލް ކުރާނީ 1-ރައީސް އިބޫ 2-ރައީށް ނަޝީދު 3-ރައީސް މައުމޫން 4-ގާސިމް 5-އިމްރާން ޝޭޚް މިމަގުން ކަން ހިންގާފައި ލިޔެކިއުމުން ހުށަ އެޅީސް ނަތީޖާއަކާ އެކު"ޔެސް"ނޫނީ"ނޯ"އަކާ އެކު މީޑީއާގައި ތިޔަ ވާހަކަދެއްކީހީ. އަދުރޭވެސް އިސްތަށިފުޅު ބުރާންތި ނޫނިއްޔާ އިގޭނެދޯ އަދުރޭ ޓީވީންބަލާފަ ރައީސް އެއްވެސް ކަމެއް ނުކުރައްވާނެކަން. ތިޔަޗޯކާ މޭކަޕް ޓީވީޝޯއަކުން ރައީސް އިބޫ ކަހެރުވަކެ ކޭވެސް ހީނުވާނެ.
ނީރާ
09 March 2020
މީ މަޖާ ކަމެއް. ކޮރޯނާ ވައިރަހާ ގުޅުވައިގެން ޔާމީން ދޫކޮށްލަން މި ގޮވަނީ ކީއްވެބާ؟ އެއީތޯ ކްރޯނާވއިރަސް ނައްތާލާ ވެކްސިނަކީ.
ލުއްޕެ
09 March 2020
ނޫސްކޮންފަރަންސުބާއްވާ އެއްބައިވާންވީވަގުތޭކިޔައި މަތިއޮމާންކޮށް އެއްބަނޑުއެއްބަފާވާންއުޅެގަތީ މިކަމަށްދޯ! އަމިއްލައެދުންނޫން އެހެންކަމެއް ހަމަނުފެނެއެވެ. ރައްޔިތުމީހާއަށް އޮތްލޯތްބަކާއި ހަމްދަރުދީއެއް ފެންނަނީ ވޯޓުލާވަގުތު! މިވާހަކަދެއްކިއިރުވެސް ދޫކުރަންއެދެނީ ޔާމީނުއެކަންޏެއްނު! އެހެންމީހުން ހަނާވަންޏާ ހަނާވާންވީ އެތާތިބެ! ދައުލަތް ކައްވާލައިގެން އުސްޢިމާރާތްއަޅައި ބޭންކުގަ އެސްކުރޯގެންގުޅޭމީހާ ދޫކޮށްލަންވީ! ކިހާއިންސާފުވެރި!
ހުއްބުލްގަލަން
09 March 2020
މިއީ ޔާމީން ގެއަށް ބަދަލުކުރުމަށްފަހު ރިހާކުރުފުޅި ނެގިމީހާ ބަންދުކުރަންވީ ވަގުތެއް ނޫންދެއްތޯ
ދުވާރޔި
09 March 2020
ދެ އަހަރުވަންދެން ޕުލާސްޓިކު ގަހަކަށް ފެންދިންވާހަކަ ހަބަރަކުން ދުށިން ... މީ އެކަހަލަ ވާހަކައެއް.. ވަރަށް ސަލާމޭ
އަޙުމަދު.
09 March 2020
ޢަދުރޭ. ޢަހިރެމެން އަދުރޭ އާ އެއްބައެއް ވަންތަބައެއް. އެކަމު ޝަރީއަތުން ޙުކުމް ކޮށް ޖަލައްލާފަހުރި މީހަކު ގެއަށް ގެންނަން ޖެހޭ ސަބަބެއްނެއް. މޮޔަ ވާހަކަ ނުދައްކާޑެވެ.
ރައްޔިތުކަލޯ
08 March 2020
ޔާމީން މުޅި އުމުރަށް ބާއްވަންވީ ޖަލުގައި. ޔާމީން ކޮށްފަހުރި ބޮޑެތި ޚިޔާނާތުގެ އަމަލުތަކާއި އަދީބުލައްވާ ޔާމީން އަޑީގައި ހުރެގެން މުޅި ގައުމު ދަވާލި ދަވާލުމަށް 500 އަހަރު ޖަލުގައި ބެހެއްޓިއަސް ހައްގު އަދަބެއް ނުދެވޭނެ. ޔާމީން އެހެރަ 25 ބުރިއަށް ހަދާ ގެ ވެސް ސަރުކާރަށް ބަދަލުގެ ގޮތުގައި ނަގަންޖެހޭ. އެއީ ދައުލަތައް ދިން ގެއްލުން ފޫބައްދަން އިބްރާހިމް ނާސިރުގެ މުދަލައްވެސް މައުމޫން ހެއްދެވިގޮތް. މިކަހަލަ މީހަކަށް ހަމްދަރުދީ ވާކަށް ނުޖެހޭނެ .