16 މާޗް 2020 - 07:28
އެމެރިކާގައި ވަރަށް ބާރަށް ކޮވިޑް-19 ފެތެރެމުންދާތީ އެކަމާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ޗައިނާގެ މަހުޖަނު އަދި އަލީބާބާ ގްރޫޕްގެ ކުރީގެ ޗެއާމަން ޖެކް މާ 500،000 ޓެސްޓް ކިޓާއި މިލިއަން ފޭސް މާކްސް ހަދިޔާކުރަން ނިންމައިފި އެވެ.
އޭޝިއާގެ އެންމެ މުއްސަނދި މީހާ ކަމަށްވާ ޖެކްމާގެ ގައުމު ކަމަށްވާ ޗައިނާ އިން އުފަންވެގެން އައި ކޮރޯނާވައިރަހުގެ ބަލިމަޑުކަން އެ ގައުމުގައި މައިތިރިވެ، އާންމު ހާލަތަކަށް އަންނަން ފަށާފައިވާ އިރު، އެ ގައުމުން އަންނަނީ ބައްޔާ ދެކޮޅަށް ހަނގުރާމަކުރާ އެކި ގައުމުތަކަށް މިހާރު އެހީވަމުންނެވެ.
ޖެކް މާ ވިދާޅުވީ އޭނާގެ ގައުމުގެ ތަޖުރިބާގެ އަލީގައި އެމެރިކާ އަށް ދެއްވާ އެހީން އެ ގައުމަށް ފައިދާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ކޮވިޑް-19 ގެ ހާލަތު އެހާ ގޯސް ނުވެ، ސަލާމަތްވާން ކުރާ މަސައްކަތްތަކަށް ކާމިޔާބީ އަށް އެދޭ ކަމަށް ކަމަށް ވިދާޅުވި އެވެ.
"އަހަރެން ވަރަށް އުންމީދުކުރަން މި ދަނޑިވަޅުގައި އެމެރިކާ އަށް ފޯރުކޮށްދޭން ނިންމި އެހީން އެމެރިކާ ކޮވިޑް-19އާ ދެކޮޅަށް ކާމިޔާބު މަސައްކަތެއްކުރާނެ ކަމަށް،" ޖެކް މާ ވިދާޅުވި އެވެ.
މިފަދަ އެހީއެއް ދެއްވަން އޭނާ ނިންމެވި އިރު، އެމެރިކާ އާއި ޗައިނާ އަކީ ވިޔަފާރި އާއި އިގުތިސާދީ ދާއިރާގެ އެންމެ ވާދަވެރި ދެ ގައުމެވެ. އަދި އެއް ގައުމުން އަނެއް ގައުމަށް އެކި ކަހަލަ ފިއްތުންތައް ވެސް ކުރިމަތިކުރުމަކީ ވަރަށް އާންމު ކަމެކެވެ.
ކޮވިޑް-19 އިން އަރައިގަންނަން ޖެކް މާ އެމެރިކާ އަށް އެހިވެވަޑައިގަންނަވާ އިރު، އޭނާ ވަނީ އެ ބަލި ފެތުރެން ފެށުމާ އެކު ޗައިނާ އަށް 14.4 މިލިއަން ޑޮލަރުގެ އެހީއެއް ވެސް ދީފަ އެވެ.
އަދި އެމެރިކާ އަށް ޓެސްޓް ކިޓާއި މާސްކް ހަދިޔާކުރާ އިރު ޖަޕާނަށް އެއް މިލިއަން މާސްކް އަދި ޔޫރަޕްގެ ގައުމުތަކަށް 1.8 މިލިއަން މާސްކާއި 100،000 ޓެސްޓިން ކިޓް މި މަހުގެ ކުރީކޮޅު ހަދިޔާކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާކޮލި
17 March 2020
އެމެރިކާ ލަދުގަންނަން ޖެހޭނެ. ޗައިނާ މާރކެޓަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ އެގޮތް މިގޮތް ހެދީމަވެސް އެޙީގެ އަތެއް ދިއްކޮށްލަން ޗައިނާ ފަސް ނުޖެހުންކަން.
ކޮލިޗަންޕާބުރުމާ
16 March 2020
ދިވެހިރައްޔިތުންގެ ރައްތަށް ބޭނުންގޮއްގެން މުއްސަނދިވި ދިވެހި މަހުޖަނުން ދިވެހިރައްޔިތަކަށް ބޮޑުލާރިއެއްވެސް ދިއްކޮއްނުލިއެވެ. ހުރި ހަރާމްކޯރުކަމާއެވެ.
ބުއްޅަބޭ
16 March 2020
ބަލަ އެ މީހުން ދެނީ އެވަގުތަކު ވެރިކަ މުގައި ތިބޭބަޔަކަށް. ނުދެޔޭ ނެތް ބުނެވޭކަށް.
ޢަލީބާބާ
16 March 2020
ދިވެހިރާއްޖޭގެ ވެރިކަމައް އަންނަ މީހުން ކޮރަޕްޓް ކަމުން އެއްޗޭދޭންވެސް ނުކުރޭ، ޖެކްމާއަައްތީ އެއްވެސް ކަމެއްނޫން.
މުކޭޝް އަންބާނީ
16 March 2020
ދިވެހި ރާއްޖެ އަކަށް ނުދެއްވާނަން ތޯއެވެ؟
ޝާޑު
16 March 2020
ކީއްކުރާކަށްދެނީ. ވާގޮތެއް ނޭންގޭނެވިއްޔަ. އަދި އެންޓިކޮރަޕްޝަން ސޮރެއްގާތުގައި އަހާލިޔަސް ބޯކަހާނީ.