ސްޕެއިންގައި ކޮރޯނާވައިރަހަށް މީހަކު ޓެސްޓް ކުރަނީ: އެ ގައުމުން ރާއްޖެ އައި ދިވެއްސެއްގެ ޓެސްޓު ނެގެޓިވް ވެފައިވާއިރު، އެހެން ދިވެއްސެއްގެ ޓެސްޓް ހަދަމުން އަންނަ ކަމަށް އެޗްޕީއޭ އިން މިރޭ ބުނި.
16 މާޗް 2020 - 20:55
ސްޕެއިން އައި އިތުރު ދިވެއްސެއްގެ ފަރާތުން ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން އެ މީހާގެ ޓެސްޓުތައް ހަދަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
އެ އިދާރާ އިން ބުނީ، އެ މީހާ ޓެސްޓް ހަދަނީ ފަރުކޮޅުފުށި ކަރަންޓީން ފެސިލިޓީ އަށް ގެންގޮސްގެން ކަމަށެވެ.
ގަތަރު އެއާވޭސްގެ މަތިންދާބޯޓުން ސްޕެއިނުން އިއްޔެ ރާއްޖެ އައި އެހެން ދިވެއްސަކު ވެސް ކޮވިޑް-19 އަށް ޝައްކު ކުރެވޭތީ އޭނާ ވެސް އެ ބައްޔަށް ޓެސްޓް ކުރި އެވެ. އެކަމަކު، އެ މީހާގެ ނަތީޖާ ނެގެޓިވް ކަމަށް އެޗްޕީއޭ އިން މިރޭ ބުންޏެވެ.
ނަތީޖާ ނެގެޓިވްވި މީހާ އާއި ސްޕެއިން އައި މީހުންގެ ތެރެއިން މިރޭ ޓެސްޓް ހަދާ މީހާއާ އޮތް ގުޅުމެއް އެޗްޕީއޭ އަކުން ނުބުނެ އެވެ.
ސްޕެއިނުން ފުރައިގެން ގަތަރުގެ ވެރިރަށް ދޯހާގައި މަޑުކޮށްފައި، އިއްޔެ ރާއްޖެ އައި ގަތަރު އެެއާވޭސްގެ މަތިންދާބޯޓުން މީހުން ބޭލީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސިއްހީ އޮފިޝަލުން އެކި ފަސިންޖަރުންނާ ވަކިވަކިން ސުވާލުކޮށް، "ތަހުގީގަކަށް" ފަހު ކަމަށް އެ ބޯޓުގައި ހުރި ދިވެއްސަކު ބުނެފައި ވެ އެވެ.
ރާއްޖެ އިން މިހާތަނަށް 13 މީހަކު ކޮވިޑް ބައްޔަކަށް ޕޮޒިޓިވް ވެފައިވީ ނަމަވެސް އޭގެ ތެރޭގައި ދިވެއްސަކު ނެތެވެ. ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ އިޓަލީގެ ނުވަ މީހަކާއި އިނގިރޭސި ވިލާތުގެ މީހަކާއި ތުރުކީގެ މީހަކާއި ޖަރުމަނުގެ މީހެއް އަދި ސައުތު ކޮރެއާގެ މީހެކެވެ.
އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ޓޫރިސްޓް މީހާއާ "ޑައިރެކްޓް ކޮންޓެކްޓް" ވި ދިވެހި މީހާގެ ޓެސްޓް ނެގެޓިވް ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފައި ވެ އެވެ. އެ މީހާގެ ޓެސްޓް ހެދީ ހުޅުމާލޭގައި ހުއްޓައި ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަގޭގެ
17 March 2020
ނާންނާށޭ ނާންނާށޭ... ކެތްކޮށްލައިގެން ތިބި ތަނެއްގަ ތިބޭށޭ.... ހެޔޮނުވާނެ.... ތިބާ އާއި އެހެންމީހުންގެ ސަލާމަތަށް....
އާރީ
17 March 2020
ކޮބާހޭ ކުރެށްދޫން ބަލި ޖެހިފައި ހުއްޓާ ފޮނުވާލުމުގަ އިހުމާލުވި ފަރާތްތައް. ނުނިމޭ ތަހުގީގެއްތަ ތީ