އދ.ގެ މަންދޫބު ތަމްރަތު ސަރުކާރުގެ ވަފުދާ ބައްދަލުކުރައްވަނީ: މަޝްވަރާ ފަށަން ސަރުކާރުން ހުރަސްތައް ކުރިމަތިކުރަނީ ވާހަކަތައް ފޭލްކޮށްލަން ކަަމަށް އެމްޑީޕީ އާއި އަދާލަތުން ދެކޭ. -- ފޮޓޯ: ޓުވިޓާ
11 އޮކްޓޯބަރ 2016 - 12:13
ކޮމަންވެލްތުގެ ގޮވާލުމާ އެއްގޮތަށް އެއްވެސް ޝަރުތެއް ނެތި ދޫދީގެން، މަޝްވަރާ ފަށަން ސަރުކާރާއި އިދިކޮޅު ޕާޓީތަކުން އެއްބަސްވުމަށް ފަހު މަޝްވަރާ ނުފެށި އުޅެނިކޮށް ސަރުކާރުން ޝަރުތުތައް ކުރިމަތިކުރުމުން އެމްޑީޕީ އާއި އަދާލަތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހަށް ހައްލުތަކެއް ހޯދަން މީގެ ކުރިން ދެތިން ފަހަރަކު މަޝްވަރާ ކުރިއަށް ގެންދަން މަސައްކަތް ކޮށްފައިވީ ނަމަވެސް ފޭލްވީ، މަޝްވަރާގެ ކުރިން ހުށަހެޅި ޝަރުތުތަކަށް ދެ ފަރާތަށް ވެސް އެއްބަސް ނުވެވުމުންނެވެ.
މި މަހު މެދު ތެރޭގައި އދ. ގެ މަންދޫބަކާ އެކު ފަށަން ހަމަޖެއްސި މަޝްވަރާ އަށް ސަރުކާރުން ދެ ޝަރުތެއް ކުރިމަތިކޮށްފައިވާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީން ވަނީ ހިތްހަމަނުޖެހިފަ އެވެ. ދެ ޕާޓީން ދެކޭ ގޮތުގައި، ދައްކަމުން ދާ ބަހަނާތަކުން އެނގެނީ މަޝްވަރާ ކުރިއަށް ގެންދަން ސަރުކާރުގެ އިހްލާސްތެރި ކަމެއް ނެތް ކަމެވެ.
މަޝްވަރާގައި ބައިވެރިވާނެ މަންދޫބުން އެ ޕާޓީއެއްގެ ކައުންސިލުން ފާސްކުރާ ގޮތަށް ނިންމަން ރައީސް އޮފީހުން އެދުނު އިރު، އިދިކޮޅު ޕާޓީތަކުން ދެކޭ ގޮތުގައި، އެއީ ސަރުކާރުން ކުރިމަތިކުރުވި ފުރަތަމަ ޝަރުތެވެ. ދެ ވަނަ ޝަރުތަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވާހަކަތަކުގައި ބައިވެރިނުކުރާނެ ކަން ސަރުކާރުން އެންގުމެވެ. އެ ގޮތަށް ދެ ޕާޓީ އަށް އެންގީ ޕާޓީތަކުން ހުށަހަޅާ މަންދޫބުންނާ އެކު ވާހަކަތައް ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން އެއްބަސްވުމަށް ފަހު އެވެ.
އެމްޑީޕީ އާއި އަދާލަތުން ބުނީ ޝަރުތުތައް ކުރިމަތިކޮށް، ފެންނަމުން ދަނީ މަޝްވަރާ ފެށުމުގެ ކުރިން މަޝްވަރާ ފޭލްކޮށްލަން ސަރުކާރުން މަސައްކަތް ކުރާ މަންޒަރު ކަަމަށެވެ.
އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ރައީސް އަލީ ނަޒީރު ވިދާޅުވި ގޮތުގައި މަޝްވަރާ ފެށުމުގެ ކުރިން ވެސް އެކަން ފޭލްކޮށްލަން މެދުވެރިވާނެ ހުރިހާ ސަބަބެއް ސަރުކާރުން ދަނީ އުފައްދަމުންނެވެ. މަންދޫބުންގެ ނަންތައް ހުށަހެޅުމާ ހަމައިން ޝަރުތު ކުރިމަތިކުރަން ފެށުމުން އަދާލަތު ޕާޓީން ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ޝަރުތަކާ ނުލާ މަޝްވަރާ ކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކުގެ ޕްރެޝަރާ ހުރެ ސަރުކާރުން އެއްބަސްވި ގޮތާ މުޅިން ހިލާފު ކަމެއް،" ނަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަންދުގައި ތިއްބެވި ލީޑަރުންނާ ބައްދަލުކުރަން ޖަލަށް ގޮސްގެން ނަމަވެސް މަޝްވަރާ ކުރިއަށް ގެންދަން ސަރުކާރުން އޮތީ އެއްބަސްވެފަ އެވެ. އެކަމަކު އެ ވާހަކަ އެކި ގޮތްގޮތަށް ބަދަލުވަމުން ގޮސް ސަރުކާރުގެ މިސްރާބު މިހާރު ހުރީ އަމާޒެއް ނެތި ވަގުތު ބޭކާރުކުރުމާ ދިމާލަށް ކަމަށް ނަޒީރު ވިދާޅުވި އެވެ.
"މި ހުރިހާ ކަމަކާ އެކު ވެސް އޭޕީން އަދިވެސް މިއޮތީ މަޝްވަރާ އަށް ފުރިހަމަ އަށް އެއްބާރުލުން ދޭ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
މަޝްވަރާއާ ގުޅޭ ގޮތުން، އެމްޑީޕީ އާއި އަދާލަތު ޕާޓީން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވާހަކަ ދައްކަވަނީ
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ބުނިގޮތުގައި މަޝްވަރާ އަށް ހުރަސްއެޅޭ ގޮތަށް "ބަހަނާތައް ދައްކައި ޝަރުތު ކުރިމަތިކޮށް ޕާޓީގެ އެތެރޭގެ ކަންކަމާ ބެހެނީ ރައީސް އޮފީހުގެ މެންޑޭޓުން ބޭރުން"ނެވެ. އަދި ވާހަކަ ތަކުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވާނެ މަންދޫބެއްގެ ނަން ނުފޮނުވަނީސް، ނަން ފޮނުވުމުގައި ޕާޓީން އަމަލުކުރަން ހަދަން ޖެހޭނެ ގޮތް ސަރުކާރުން ބުނުމަކީ ޕާޓީ ހިންގުމާ ނަހަމަ ގޮތުގައި ސަރުކާރުން ބެހުން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
"...ސަރުކާރުން ޝަރުތުތައް ކުރިމަތިނުކުރައްވާނޭ ކަމަށް ވިދާޅުވުމަށް ފަހު މިހާރު އެކި ޒާތްޒާތަށް ޝަރުތުތައް ކުރިމަތިކުރައްވާކަން ކަންބޮޑުވުމާ އެކު ފާހަގަކުރަމެވެ. މިކަމަކީ ސަރުކާރާއި ސިޔާސީ ޕާޓީތަކާ ދެމެދު ވާހަކަތައް ދެއްކުން ކުރިއަށް ދިއުން ހަރާބުކުރެއްވުމުގެ ނިޔަތުގައި ސަރުކާރުން ގަސްދުގައި ކުރައްވާ ކަމެއްގެ ގޮތުގައި މި ޕާޓީން ދެކެމެވެ،" މަޝްވަރާއާ ގުޅޭ ގޮތުން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މަޝްވަރާގައި ބައިވެރިވާނެ ބޭފުޅުންގެ ނަންތައް، ކައުންސިލުން ފާސްކޮށްގެން ފޮނުވަން އެންގުމުން، ސަރުކާރުން މަޝްވަރާ ކުރިއަށް ގެންދަން އުޅޭގޮތާ މެދު ވެރިކަންކުރާ ޕާޓީ، ޕީޕީއެމުން ވެސް ވަނީ ފާޑުކިޔައިފަ އެވެ.
ޕީޕީއެމާއި އެހެން ޕާޓީތަކަށް ރައީސް އޮފީހުން އެގޮތަށް އެންގީ، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ ނަން ފޮނުވުމުން އޭނާ ވާހަތަކުގައި ބައިވެރިނުކުރަންވެގެން ކަމަށް ޕީޕީއެމާއި އިދިކޮޅު ޕާޓީތަކުން ދެކެ އެވެ. މިއީ، ޕީޕީއެމްގެ އެތެރޭގެ ހިންގުމާ ބެހުން ކަމަށް ބުނެ އެ ޕާޓީ ހިންގަންވީ ގޮތް ކިޔައިނުދެން ޕީޕީއެމުން ވެސް ރައީސް އޮފީހަށް ވަނީ އަންގައިފަ އެވެ.
ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ހިތްހަމަނުޖެހުންތަކުގައި ޕާޓީ ދެ ފަޅިވެފައިވާއިރު، މަޝްވަރާގައި ފާރިސް ބައިވެރިކުރަން ރައީސް ޔާމީންގެ ފެކްޝަނުން ބޭނުމެއް ނުވެ އެވެ. އެކަމަކު ނިންމުން ބަދަލުކުރެވެން ނެތް ކަމަށާއި މަޝްވަރާގައި އެ ޕާޓީ ތަމްސީލްކުރައްވާނީ ފާރިސް އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު (ވައްޑެ) ކަމަށް ސިޓީއަކުން މައުމޫން ވަނީ ސިޓީއަކުން އަންގަވައިފަ އެވެ.
މަޝްވަރާތައް އަލުން ފަށަން ޕާޓީތަކަށް ސަރުކާރުން ދައުވަތު ފޮނުވީ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި ދެން އިސްލާހު ނުވެއްޖެ ނަމަ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރަން ވިސްނާނެ ކަމުގެ އިންޒާރު ދީ އަދި ރާއްޖޭގެ ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށް ހައްލު ހޯދަން އަންގާފައި ވަނިކޮށެވެ. އެއްވެސް ޝަރުތަކާ ނުލައި މަޝްވަރާގެ މޭޒު ދޮށަށް ދާން ސީމެގުން ވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ވެސް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްބެ
12 October 2016
ކުއްވެރިން ނުޖެހޭނެ ސަރުކާރުގެ ބައްދަލް ވުންތަކުގަ ބައިވެރިކުރާކަށް.. އުޒުރު ދައްކަނީ ސަރުކާރާއި ދެކޮޅު ޕާޓީ ތަކުން
އަނދުޅޭ
12 October 2016
މިހާރު މިއޮތް ސަރުކާރަކީ ރައްޔިތުންނައް އެއްވެސް ހެވެއް، ލާބައެއް އަދި މަންފާއެއްވެސް ވާން އެދޭނެބައެއްނޫންކަން މަމެންނައް އެނގި ސާފުވެއްޖެއެވެ...ޝުކުރިއްޔާ 2018
އަބްދުއްލާ އަލީ
11 October 2016
ސަރުކާރުން ހުށަހެޅީ ސަރުތެއްނޫން ، ސަރކާރުން ސަރުތެއް ކަނޑައެޅީ އެއްވެސް ނޫން. ސަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ އެއްވެސް މީހަކަށް އެއްވެސް ކަމެއްގާ ބައިވެރި އެއް ނުވެވޭނެ.ޕާޓީ އެއް ހަދައިގެން އުޅޭނީ އެންމެ މީހަކުތަ ؟ މުޅި އޮޑީގަ ހަސަނުގެ ދެފައޭ ބުނާހެން މަރުވެގެން ސަހަރާގަ ވަޅުލާފައޮތަސް ޓޯކިން އަށް އަންނަން ޖެހެނީ އެމީހާތަ ؟ ޕާޓީ އަކީ ގާނޫނެއްގެ ތެރެއިން އުފެދި ދަވްލަތުގެ ހުރިހާ ގާނޫނެއް ގަބޫލު ކުރަންޖެހޭ ޒިންމާދާރު ފަރާތެއްނޫންތަ ؟ ޕާޓީ އަކުންގާނޫނު ގަބޫލު ނުކުރާނަމަ އެޕާޓީ އެއް އުވާލުން މާ ބުއްދިވެރި ، މިހާރު ޕާޓީ ތަކުގެ ގާނޫނުގެ 30 ވަނަ މާއްދާއަށް ނަންބަރެއް އިތުރު ކުރަން ވެއްޖެ ނުންތަ ؟ އެއީ ސަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާފަރާ ތެއް ހިމަނައިގެން ޕާޓީ ގެ އެއްވެސް ހަރަކާތެއް ހިންގައި ނުވަތަ ހިންގަން އުޅެފިނަމަ އެޕާޓީ އެއް އުވާލެވޭނެ.
ފަލަކު
11 October 2016
އެހާ ބޮޑިއްޔާ ދެން ބައިވެރިނުވާންވީނުން. ރައީސް ޔާމީނަކީ ތިހާފަސޭހައިން ދީލާލާނެ ބޭފުޅެއްނޫން. ކެރޭ ވެރިއެއް.
ތުންފުހި
11 October 2016
ކޮބާތޯ ޝަރުތަކީ ޝަރުތު އޮޅިއްޖެ ނިކަމެއްޗަކަށްވީމަ އެކަންޏެއްނޫން އަދަބު ލިބެންޖެހޭނީ ވެރިކަމުގެ ހުރެ ނަސީދު ކުޅައަމަލަށް މާފެއް ނުދެވޭނެ
އިއްސޭ
11 October 2016
މިކަމުގައި ފުރަތަމަ ޝަރުޠު ކަނޑައެޅީ އިދިކޮޅުން އެއީ މަޝްވަރާތަކުގައި އދ.ގެ މަންދޫބު ބައިވެރިކުރަންޖެހޭނެކަމަށް، އެހެންވީމާ ފުރަތަމަ ކޮމަންވެލްތުގެ ނިންމުމާ ޚިލާފްވީ އިދިކޮޅުން އޭގެފަހުން ސަރުކާރުން، ވީމާ ނޫސްވެރިކަން ޒިންމާދާރުގޮތުގައި ގެނެސްދިނުމަކީ އިދިކޮޅަށް ސަޕޯރޓުކޮށް އެޗެހިލިޔުންކަމަކަށް ނުދެކެން، އަދި ސަރުކާރު ޒިންމާދާރުކުރުމަށް އެއްޗެހިލިޔާއިރު އިދިކޮޅުފަރާތްތައް ޤައުމުގެ އިޤުތިސާދު ފުނޑޭފަދަ ކެމްޕޭންތައް ކުރިއަށްގެންދާއިރު "މިހާރު" ހީވާނީ އިދިކޮޅު ފަރާތްތަކުގެ ޕްރޮޕެގަންޑާ ހިންގަން ގެންގުޅޭ ލިޔުންތެރިންގެ ޖަމާއަތެއްހެން.
ބޯހަލާކު
11 October 2016
ދެމީހެއްގެ ދެމެދު ޞުލްޙައިގެ ވާހަކައެއް ދައްކާއިރު އެކަށޭނަ ހެކިވެރިޔަކު ބަހައްޓާށޭ ބުނުން އެއީ ޝަރުޠެއްތޯ؟ ބޯހަލާކު
އަންނާނީ
11 October 2016
ސަރުކާރު މީގައި ވަރަށް ލޯޔަލް އެން ފެެއިތް ފުލް އެވެ. ސަރުކާރު މިހާރު އަމަލު ކުރަމުން ދަނީ ސިންގަޕޯރ ސްޓޭންޑަރޑް އަށެވެެ. ސަބަބަކީ މިހާރު މަމެންގެ ސަރުކާރު އެއުޅެނީ ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލުވާއިރަށް ސިންގަޕޫރު ގައި ކަންކަން ކުރާ އުސޫލުން ކަންކަން ކުރާށެވެ. އެއިރުން މިކަމަށް ނިމުމެއް އަންނާނީ.
މިރޭމަތުރާ (ހަކީމީ ބޭސްވެރިއެއް)
11 October 2016
މަސްސަލައެއް ނެތް، ޝަރުތެއް ނެތި ކުރީގެ ރައީސް މިހާރުގެ ގައިދީ ނަޝީދަށް މަޝްވަރާގައި ބައިވެރި ވުމަށް ފުރުސަތު ދީފީނަމަ ފިއްލަވައިން ނޫޅުއްވާ އެބުރި ރާއްޖެ ދުރުވެ މަޝްވަރާގަައި ބަައިވެރި ވާނެތޯ. ކޮންމެވެސް އުޒުރުވެރި ވުމެއް ކުރިމަތި ކުރުވާނެ ކަމީ ޔާގީން ކަމެއް. ވަރަށް ރަގަޅަށް ތިކުލަ ދަސްވެއްޖެޔޭ
ގައުމު
11 October 2016
ނިކަން ކެރެންޏާ ތިޔަފުރުސަތު ނަސީދަށާ އިމްރާން ދީބަލަ.. އޭގެ ފަހުގަ އާދޭ ނާދޭ ކިޔާނީ؟
އެދުރުބެ
11 October 2016
ޓެރެރިސްޓުން ޖަލުގައި ބައިތިއްބާފައި މިކަން ކުރަން ތިވވެރިންނަށް ނޭގިއްޖެޔާ ދެން ލަދު....ކަމެއް ވާވަރުގެ މީހަކު ނެތީދޯ.
އަހަންމާ
11 October 2016
ޖަލުގަތިބިމީހުންބައިވެރިނުކުރުންއެއީ ސަރުތެއްނޫން ޕާޓީތަކަށްވެސްއެގެންއެބަޖެހޭ ޖަލުގަތިބޭކުއްވެރިންނައް މިފަދަކަންކަމުގަބައިވެރިނުވެވޭނެކަން ޕާޓީތަކުގަ އިހްލާސްތެރިކަމެއްހުރިއްޔާ މިފަދަމީހުން އެއްފަރާތްކޮށް ކުރިޔައްދާންއެބަޖެހޭ
ޢަބްދުﷲނާފިޒު
11 October 2016
މަޝްވަރާކުރުމުގެ ޤާބިލުކަން ނެތް ސަރުކާރެއް މިނޫނީ އަދި ނާދެ، އެކަމަކު ފިސާރި ބޮޑުކޮށް އަނގަހާކޮށްފަ ބުނާނެ ގަޓު ހުރި ވާހަކަ، ގަޓު ހުރީ ކީއްކުރަންކަން ޤައުމުގެ ރައްޔިތުން ދެނަހުރި، އެކަން ހަމަ ރަނގަޅަށްވެސް ކޮށްފި، މުޅި ޤައުމު ދޮވެލާފި، އހ.
ޣާބީ
11 October 2016
.މަޝަވަރާކުރުމުގެ ގާބިލްހުރިވަރުންތާދޯ ގާޒީޔަކު ވަގަށް ނަގައި ސުޕުރީމްކޯޓުތަޅުއަޅުވައި އަދި ސިޔާސީލީޑަރުން އެކަހެރިކޮށް ހިފެހެއްޓީ.
ހާދީ
11 October 2016
ހަމަ ރަނގަޅަށްވެސް ދޮވެފި. ދޮވެ ހިއްކައިފި
އެދުރުބެ
11 October 2016
އެއްވެސް ކަމެއް ކުރާނެ ފެންވަރު ނެތިގެން އިސްތިއުފާ ދިނީ...