މުނިފޫހިފިލުވުން / ދިވެހި ފިލްމް އިންޑަސްޓްރީ

އެންމެ ޑައިރެކްޝަނެއް، އެކަމަކު އަދިވެސް އުންމީދުކުރެވޭ

ޓެޑްރީ އިޝްތިހާރެއް ޝޫޓްކުރުމުގެ މަސައްކަތުގައި.

ރާއްޖޭގެ ފިލްމީ އިންޑަސްޓްރީ ކިތަންމެ ކުޑަޔަސް، ޑައިރެކްޓަރުންގެ ގޮތުގައި މަސައްކަތްކުރާ މީހުން ނިސްބަތުން މަދެއް ނޫނެވެ. މީގެ ތެރޭގައި ފިލްމު ކުޅެމުން ޑައިރެކްޓްކުރާ ފަންނާނުން ވެސް ހިމެނެ އެވެ. އެކަމަކު ޑައިރެކްޓަރެއްގެ އާންމުންގެ މެދުގައި މަގުބޫލުވެ، އެ މީހެއްގެ ނަން ވިދައިލަނީ ގެނެސްދޭ ފިލްމެއްގެ ރީތިކަމަކާއި ފުރިހަމަކަމާ އެކީގަ އެވެ.

މިގޮތަށް ބަލާއިރު ފިލްމީ ދާއިރާ އިން ވަރަށް އުންމީދީ ޑައިރެކްޓަރުންތަކެއް ފެނިފައިވެ އެވެ. އެކަމަކު އެންމެ ބޮޑު މާޔޫސް ކަމަކީ ގިނަ ބަޔަކު އެ މީހުންނާ ދޭތެރޭ ކުރަމުން ދިޔަ އުންމީދުތަކާ އެއްވަރަށް މަސައްކަތްކުރެވިފައި ނެތުމެވެ. ނުވަތަ ވަކި ހިސާބަކުން މަސައްކަތްތައް ހުއްޓައިލުމެވެ.

ފިލްމު ހެދުމާއި ނުހެދުން އެއީ އެ މީހެއްގެ އަމިއްލަ ކަމެކެވެ. އެކަމަކު ބެލުންތެރިން އަބަދު ވެސް ރަނގަޅު އުފެއްދުންތަކަށް އުންމީދުކުރާނެ އެވެ. އިންތިޒާރުކުރާނެ އެވެ. ފިލްމެއް ހަގީގަތުގައި އެއްޗަކަށް ވަނީ ޑައިރެކްޓަރަކު ކުރާ މަސައްކަތުންނެވެ. ސްކްރީނާ ހަމައަށް އައިސް، ފަރުދާ ކަހައިލުމުން ބެލުންތެރިންނަށް ފެންނާނީ އޭނާ އިސްވެ ހުރެ ކޮށްފައި އޮތް މަސައްކަތެވެ. އެހެންވެ ޑައިރެކްޓަރަކީ ފިލްމެއްގެ މުގުލެވެ. ސްކްރީންޕްލޭއަކަށް ރަނގަޅަށް އިންސާފުކޮށް ދެވޭނީ ވެސް ރަނގަޅު ޑައިރެކްޓަރަކު ހުރެގެންނެވެ.

މި ފަހަރު ފިލްމީ ދާއިރާ އިން ފެނުނު އުންމީދީ ބައެއް ޑައިރެކްޓަރުންނަށް ބަލައިލާނީ އެވެ. މި ލިސްޓް ހާއްސަ ވަނީ މިހާތަނަށް އެންމެ ފިލްމަކުން ފުއްދައިލި ފާހަގަކޮށްލެވުނު ބައެއް ޑައިރެކްޓަރުންނަށެވެ.

* ޓެޑްރީ

މުހައްމަދު ނިޔާޒް (ޓެޑްރީ) އަކީ ދިވެހި ކުރިން ގަބޫލުކުރި ގޮތުގައި ރާއްޖޭން ފެނުނު އެންމެ ހުނަރުވެރި ޑައިރެކްޓަރެވެ. އޭނާގެ ވިދުން ގަދަވީ 1994 ގައި ގެނެސްދިން އަސަރުގަދަ ލޯބީގެ ފިލްމު "ދެރިޔާ" އަށް ފަހު އެވެ. އެކަމަކު އޭގެ ފަހުން މިހާތަނަށް ޓެޑްރީ އެއްވެސް ފީޗާ ފިލްމެއް ޑައިރެކްޓަރުކޮށްފައެއް ނެތެވެ.

ދޭތެރެއަކުން އޭނާ ފިލްމެއް ހަދަން އުޅޭ ވާހަކަ ވެސް އިވެ އެވެ. އެކަމަކު އެކަން ހަގީގަތަކަށް ނުވެ އެވެ. "ދެރިޔާ" އަށް ފަހު އެތަކެއް އަހަރެއް ފަހުން ޓެޑްރީ "ދަންޙަޅަ" ކިޔާ ފިލްމެއް ހަދަން އުޅުނު ވާހަކަ ވެސް މީޑިއާތަކުގައި ކުރިން ވަރަށް ގަދައަށް ދެކެވިފައިވެ އެވެ. އަދި މަރުހޫމު ސައިކުރާ އިބްރާހީމް ނައީމު ލިޔުނު ދިވެހިން ރޮއްވައިލި އަސަރު ގަދަ ވާހަކަ "މަންމަ" އަށް ބިނާކޮށް އޭނާ ފިލްމެއް ހަދަން އުޅުނު ވާހަކަ އަކީ ވެސް ހަމަ އެހާމެ ހޫނުކޮށް ދެކެވުނު އެއް ވާހަކަ އެވެ.

ޓެޑްރީ ހަދާނެ ކަމަށް އެންމެ ފަހުން ރަސްމީކޮށް އިއުލާންކުރި ފިލްމަކީ 2017 ގައި ޓީޒާއެއް ވެސް ދައްކައިލި "ލަސްވިޔަސް" އެވެ. އެ ފިލްމު އޭރު އިއުލާންކުރީ 2018 ގައި ސިނަމާ އަށް ގެންނަ ގޮތަށެވެ. އެކަމަކު އޭގެ ފަހުން ވީގޮތެއް ނޭނގެ އެވެ.

ޓެޑްރީގެ މަސައްކަތަކަށް އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހަދައިދިން 2016 ގެ ސިލްސިލާ "ބިތުފަންގި" އެވެ.

* މަހުދީ

މަހުދީ އަހުމަދަކީ ޓެޑްރީ މިހާތަނަށް ޕްރޮޑިއުސްކުރި ހަމައެކަނި ފީޗާ ފިލްމު "އަމާނާތް" ޑައިރެކްޓަރެވެ. ދިވެހި ސިނަމާގެ އެންމެ މަގުބޫލު ފިލްމުތަކުގެ ތެރޭގައި ހިމެނޭ 1998 ގެ މި ފިލްމަކީ މަހުދީ ކެރިއަރުގައި ޑައިރެކްޓްކުރި ހަމައެކަނި ފީޗާ ފިލްމެވެ.

"އަމާނާތް" ގެ ކުރިން މަހުދީ އަކީ ޓީވީ މޯލްޑިވްސް އިން ގެނެސްދޭން ފެށި އޮފީސްތަކުގެ ޑްރާމާ މުބާރާތުގެ އެންމެ ފޯރިގަދަވި ދުވަސްވަރު ކުރީގެ އެޓޯލްސް މިނިސްޓްރީ އަށް ޑްރާމާތަކެއް ލިޔެ، ޑައިރެކްޓްކޮށް އެވޯޑް ވެސް ހޯދާފައިވާ ފަންނާނެކެވެ.

ފިލްމު ޑައިރެކްޓްނުކުރަން ނިންމައިގެން ހުއްޓަސް މަހުދީ އަކީ އޭނާގެ ހުނަރު "އަމާނާތް" އިން ދައްކައިލި ފަންނާނެކެވެ. ފަހުން އޭނާ ބަދަލުވީ ސްކްރީންރައިޓަރަކަށެވެ.

މިހާތަނަށް ދިވެހި ސިނަމާ އަށް އައި މަގުބޫލު އެތައް ފިލްމެއްގެ ސްކްރީންޕްލޭ އޭނާ ލިޔެފައިވެ އެވެ. އޭގެ ތެރޭގައި "ހައްދު"، "ވިޝްކާ" އާއި "ވާށޭމަށާ އެކީ" އާއި "އެންމެ ފަހު ވިންދާ ޖެހެންދެން" އާއި "ސަޒާ" އަދި "އިނގިލި" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

އާމިލާ

ނުވަދިހައިގެ ތެރޭގައި ގެނެސްދިން "ފުން އަސަރު" ޑައިރެކްޓްކުރި އާމިލާ އާދަމަކީ ބެލުންތެރިން ފަހުން ވެސް އޭނާގެ ފިލްމުތަކެއް ފެންނާނެ ކަމަށް އުންމީދުކުރި ޑައިރެކްޓަރެކެވެ.

ފާތުމަތު ނަހުލާގެ ވާހަކައަކަށް ހެދި އެ ފިލްމަކީ ބެލުންތެރިން ވަރަށް ކަމުދިޔަ، ބެލުންތެރިން ރޮއްވައިލި ފިލްމެކެވެ. "ފުން އަސަރު" ޑައިރެކްޝަނުގައި އިސްކޮށް އާމިއާލާ އެކީ މަސައްކަތްކުރި ނަމަވެސް އޭނާއާ އެކު އެސިސްޓަންޓުންގެ ގޮތުގައި އައިޝަތު ލީލާ އާއި އެމާޒް އަބްދުލް ޝޫކުރު ހިއްސާވި އެވެ.

އާމިލާ އަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޓީވީ މޯލްޑިވްސްގައި މަސައްކަތްކުރި މީހެކެވެ. ފަހުން ވީޓީވީގައި އޭނާ މަސައްކަތްކޮށްފައިވެ އެވެ.

* ލޮކި

އައިޝަތު ފުއާދު ތައުފީގު (ލޮކި) އަކީ މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ސްކްރީން ރައިޓަރެވެ. ރާއްޖޭގެ މިހާރުގެ އެންމެ މަގުބޫލު ފިލްމު ސްޓޫޑިއޯ ޑާކް ރެއިން އެންޓަޓައިންމަންޓްގެ މައި އެއް މުގޫ ކަމަށްވާ މުހައްދު އަލީ (މޮގާ) ގެ އަންހެނުންނަކީ އެ ތަނުން މިހާރު ހަދާ ގިނަ ފިލްމުތަކުގެ ސްކްރީންޕްލޭގައި ހިއްސާވާ ފަންނާނެކެވެ.

ލޮކީގެ އަލަތު ޑައިރެކްޝަނަކީ 2014 ގެ "ހުޅުދާން" އެވެ. ސާކް ފިލްމު ފެސްޓިވަލްގައި ވެސް ވާދަކުރި މި ފިލްމަކީ އުމުރުން ދުވަސްވުމުން ވަޒީފާ އިން ރިޓަޔާކުރާ ފިރިހެނެއްގެ ވާހަކަ ކިޔައިދިން ފިލްމެކެވެ. ވިޔަފާރީގެ ގޮތުން ކާމިޔާބު ފިލްމަކަށް ނުވިޔަސް މި ފިލްމަކީ ކްރިޓިކުންގެ ތެރޭގައި ތައުރީފު އޮހުނު ފިލްމެކެވެ. އެއް ސަބަބަކީ އާންމުކޮށް ދިވެހި ސިނަމާއާ އެހާ ރައްޓެހި ނޫން އެކަމަކު ދިވެހިންނާ ވަރަށް ގުޅޭ ކަހަލަ ވާހަކައެއް ފިލްމުގައި ކިޔައިދީފައި އޮތުމެވެ.

"ހުޅުދާން" އަށް ފަހު، ލޮކިގެ ފަރާތުން އިތުރު ފިލްމުތަކެއް އަންނާނެ ކަމަށް އުންމީދުތަކެއް ކުރެވެ އެވެ. އެގޮތުން ކުރިއަށް އޮތް ފިލްމަކީ އެހެން މީހަކާ އެކު އޭނާ ޑައިރެކްޝަންގައި ހިއްސާވާ ފިލްމެކެވެ. އެއީ ޖުލައި މަހު ޑާކް ރެއިނުން ގެނެސްދޭ "ނޮވެމްބާ" އެވެ. ލޮކި ސްކްރީންޕްލޭގައި ވެސް ހިއްސާވާ މި ފިލްމު ހަދާފައި ވަނީ އޭނާ އާއި ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ގުޅިގެންނެވެ. މިއީ މިހާތަނަށް ރީތި އެތައް ފިލްމެއް ގެނެސްދިން ޗިއްޕެ އެހެން މީހަކާ ހިއްސާވެގެން ޑައިރެކްޓްކުރި ފުރަތަމަ ފިލްމެވެ.

* ބާރު ޝަރީފް

މުހައްމަދު ޝަރީފް (ބާރު ޝަރީފު) ބެލުންތެރިންގެ ތެރޭގައި ދަންނަ ނަމަކަށް ވެގެން ދިޔައީ އޭނާ ގެނެސްދިން ޑްރާމާ ސިލްސިލާތަކާ އެކީގަ އެވެ. އެގޮތުން 2000 ގެ އަހަރުތަކުގެ ކުރީކޮޅު އޭނާ ގެނެސްދިން "އިހުތިޔާރު" އާއި "ލޯބިވާ ނަމަ" ފަދަ ޑްރާމާތައް ބެލުންތެރިންގެ މެދުގައި ވަރަށް ހިނގި އެވެ.

އޭގެ ފަހުން 2007 ގައި ޔޫއެންއެފްޕީއޭ ގުޅިގެން ބާރު ވަނީ "އަހަރެން" ގެ ނަމުގައި ފީޗާ ފިލްމެއް ގެނެސްދީފަ އެވެ. ވިޔަފާރީގެ ގޮތުން މާ ކާމިޔާބު ފިލްމަކަށް ނުވިޔަސް، އެއީ ކްރިޓިކުންނަށް ވަރަށް ކަމުދިޔަ ފިލްމެކެވެ. އަދި "އަހަރެން" ގައި ބާރު ކޮށްފައި ހުރި މަސައްކަތްތަކުން އޭނާގެ އިތުރު ފިލްމުތަކަކަށް ބެލުންތެރިން އުންމީދު ވެސް ކުރި އެވެ.

މީގެ ތިން އަހަރު ކުރިން "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ބާރު ވަނީ އޭނާ އަދިވެސް ފިލްމެއް ހަދައިފާނެ ކަމަށް އިޝާރާތްތަކެއް ދީފަ އެވެ. ނަމަވެސް އެ ދުވަހެއް އަންނާނެ އިރެއް ބުނާކަށް ނޭނގެ އެވެ. ޔަގީންވާ ކަމަކީ އޭނާ އަކީ ބެލުންތެރިންގެ އުންމީދާ ގުޅިފައި އޮތް ޑައިރެކްޓަރެއް ކަމެވެ.

* ނިއުމާ

ނިއުމާ އަކީ ފިލްމު ކުޅެމުން ރާއްޖޭގައި ފިލްމެއް ޑައިރެކްޓްކުރި ހަމައެކަނި މަޝްހޫރު ބަތަލާ އެވެ. އޭނާ ޑައިރެކްޓްކުރި ފިލްމަކީ އަމިއްލަ ނަމުގައި ގެނެސްދީ، ޓައިޓްލް ރޯލް ވެސް ކުޅުނު 2010 ގެ "ނިއުމާ" އެވެ.

ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ އަންހެނެއްގެ ވާހަކަ ކިޔައިދިން މި ފިލްމު ޑައިރެކްޓްކޮށްގެން ނިއުމާ ވަނީ އެވޯޑްތަކެއް ވެސް ހޯދައިފަ އެވެ. އޭގެ ތެރޭގައި އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމު ވެސް ހިމެނެ އެވެ.

"ނިއުމާ" ގެ ފަހުން ފިލްމެއް ޑައިރެކްޓްނުކުރި ނަމަވެސް ނިއުމާ ބުނެފައިވާ ގޮތުގައި ފަހަރުގައި ވެސް އަދިވެސް އޭނާ ޑައިރެކްޓްކުރާ ފިލްމެއް ފެނިދާނެ އެވެ. ފިލްމު ކުޅުން ހުއްޓައިލުމަށް ފަހު، ނިއުމާ މިހާރު އެންމެ ބޮޑަށް އިސްކަން ދެނީ ފިލްމު ޕްރޮޑިއުސްކުރުމަށެވެ.

އެކަމަށް ހާއްސަ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ވެސް މިހާރު އެބައޮތެވެ. އެއީ ނިއުޒޯ ފިލްމްސް އެވެ. އޭގެ ދަށުން މިދިޔަ އަހަރު "ނިވައިރޯޅި" ގެނެސްދީފައިވާ އިރު، މިހާރު ވެސް މަސައްކަތް ފަށާފައި އޮތް ދެ ފިލްމެއް އެބައޮތެވެ. އެއީ "ކަޅަކި" އާއި "ގޯނާ" އެވެ.

5 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 33%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނިއުޒް

09 April 2020

ވިޝްކާގެ ސްކްރީން ރައިޓަރ އަކީ އަބުދުﷲ ވިޝާމް މަހުދީ އެއް ނޫން

The name is already taken The name is available. Register?

ލަތީފާތަ

09 April 2020

ޓެޑްރީ އަކީ ފިސާރެ ދޮގުހަދާގެން ބެލުންތެރިން ހައްލާގެން އުޅޭ މީހެއް ދެން އަނެއްކާވެސް އަތްމަތި ދަތިވީމަ އަޅުވާނީ އަމާނާތް އަމާނާތަކީވެސް ކޮޕީއެއް އަމިއްލަ ރީތި ފިލްމެއް ހަދަންނޭންގޭނެތީ ނުހަދަން އުޅެނީ އެކަމު އަހަރަކު ފިލްމެއް އެބަ އިއުލާން ކޮއްލައޭ ވާކަނެއް ހަމަ ހަރާން މިކޮވިޑް ގެ ކަންތައް ހައްލަކައް އެޅުނީމަ އޮލިމްޕަހައް ފުރަތަމަވެސް ގެނެސް އަޅުވާނީ އަމާނާތް މަ ހާދަ ފޫއްސެއްކުރައްވަޔޭ މީނަ މިހާދޮގުހަދާވަރުން

The name is already taken The name is available. Register?

ހަސަނީ

09 April 2020

އަމާނާތަކީ ސީދާ ޓެޑްރީ ޑައިރެކްޓްކޮށްފަ މަހުދީގެ ނަން ޖަހާލި ފިލްމެއް. އަދި އަދަން ދާންވެސް ބައެއް މަންޒަރު ހުރި ގޮތް މަހުދީއަށް ނުވެސް އެނގޭނެ.

The name is already taken The name is available. Register?

ބަވަތި333

09 April 2020

ކޮބާ އިލްޔާސް ވަހީދު؟؟؟

The name is already taken The name is available. Register?

ނަޖުމުއްދީން

09 April 2020

ސަޅި ލިސްޓެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454