ނާސާ އިން މާސް އަށް ފޮނުވާ ޗޮޕާ.
02 މެއި 2020 - 08:48
އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން މާސް އަށް ދާން ކުރާ މަސައްކަތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ އުޅަނދަކަށް ނަން ދިނުމުގެ ފުރުސަތު 17 އަހަރުގެ ކުއްޖަކަށް ލިބިއްޖެ އެވެ.
ނާސާ އިން ތައްޔާރުކޮށްފައިވާ ޗޮޕާ ނުވަތަ ހެލިކޮޕްޓަރަށް ކިިޔާނެ ނަމެއް ހޯދަން "ނޭމް ދަ ރޯވާ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މަޒުމޫނު މުބާރާތުން އެއް ވަނަ އަށް ގޮސް، އުޅަނދަށް ދީފައިވާ ނަމަކީ "އިންޖެނިއުޓީ" އެވެ. އެ ނަން ދިނީ އަލަބަމާގެ ޖޫނިއާ ހައި ސްކޫލެއްގެ ގްރޭޑް 12 ގައި ކިޔަވާ 17 އަހަރުގެ ވަނީޒާ ރުޕާނީ އެވެ.
އޭނާ ދިން ނަން ހޮވުނުކަން ނާސާގެ އޮފިޝަލަކު ވީޑިއީ ކޯލަކުން ބުނާ ވާހަކަ ނާސާ އިން ޓްވިޓާގައި ވެސް ހިއްސާކޮށްފައިވެ އެވެ. ވަނީޒާ ވަނީ އެ ފުރުސަތު ލިބުނީތީ ނާސާ އަށް ޝުކުރު އަދާކޮށް، އެއީ ވަރަށް ބޮޑު ޝަރަފެއް ކަމަށް ބުނެފަ އެވެ.
Our Mars helicopter has a new name! Meet: Ingenuity.
— NASA (@NASA) April 29, 2020
Student Vaneeza Rupani came up with the name during our “name the rover” contest. Ingenuity will ride to the Red Planet with @NASAPersevere to attempt the first powered flight on another world: https://t.co/4bGj3morKP pic.twitter.com/2ZyIm4sQRQ
މާސް އަށް ކުރާ ދަތުރަށް ހާއްސަކޮށްގެން އުފެއްދި ޗޮޕާއާ އެކު އެ ދަތުރުގެ މައި އުޅަނދެއްގެ ގޮތުގައި ހާއްސަކޮށްފައިވާ ރޯވާ އަށް ދީފައިވާ ނަމަކީ "ޕާސެވަރެންސް" އެވެ. ގްރޭޑް 7 ގައި ކިޔަވާ އެލެގްޒޭންޑާ މޭދާޒް ދިން އެ ނަން ހޮވިކަން ނާސާ އިން އިއުލާންކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.
ނާސާ އިން ބުނިގޮތުގައި ޗޮޕާ އަށް ދިން ނަން "އިންޖެނިއުޓީ" އަކީ ނަން ހުށަހަޅަން ހުޅުވައިލުމުން ލިބުނު 28،000 ނަމުގެ ތެރެއިން އެންމެ ވަރުގަދަ ނަމެވެ. އެގޮތުން އެ ނަން ހިޔާކުރީ އުޅަނދު ބިނާކުރަން ނާސާގެ ޓީމުން ކުރި މަސައްކަތާއި އެކަމަށް ވިސްނި ވިސްނުންތަކާ އެންމެ ގުޅޭ ނަމަށްވުމެވެ.
ވަނީޒާގެ މަންމަ ނައުޝީން ރުޕާނީ ނާސާ އަށް ބުނިގޮތުގައި އޭނާގެ ދަރިފުޅަކީ އަބަދު ވެސް ޖައްވީ ކަންކަމަށް ވަރަށް ލޯބިކުރާ ކުއްޖެކެވެ. އަދި ނާސާ އިން އުޅަނދަކަށް ކިޔާނެ ނަމެއް ހޯދަން ހުޅުވައިލުމާ އެކު އެކަމާ އޭނާ ފިކުރުކުރަން ފެށި ކަމަށް ބުންޏެވެ.
ވަނީޒާ އޭނާގެ މައިންބަފައިންނާ އެކު.
"ނާސާގެ ޗޮޕާ އަކީ ވަރަށް ވަރުގަދަ ޕްރޮޖެކްޓެއް. ދަރިފުޅު ދިން ނަން އެއަށް ކިޔަން ހޮވުމަކީ ވަރަށް ވެސް ބޮޑު އުފަލެއް." ނައުޝީން ބުންޏެވެ.'
ނާސާ އިން ތާވަލުކޮށްފައިވާ ގޮތުގައި "އިންޖެނިއުޓީ" އާއި "ޕާސެވަރެންސް" ގެ މާސް ދަތުރު ލޯންޗްކުރާނީ އަންނަ ޖުލައި މަހުގެ ތެރޭގަ އެވެ. އަދި އެ އުޅަނދުތަކަށް މާސް އަށް ވާސިލުވާނެ ކަމަށް ލަފާކޮށްފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ނާސާ އިން ބުނީ މި ދަތުރު ކާމިޔާބުވެއްޖެ ނަމަ މިކަންވެގެން ދާނީ ކުރިއަށް އޮތް ތަނުގައި މާސްގެ މިޝަންތަކަށް ހުޅުވޭނެ ދޮރަކަށެވެ. މާސް އަށް ވާސިލުވާން ކުރިއަށް ގެންދާ މަސައްކަތަކީ ނާސާގެ އާޓެމިސް ޕްރޮގްރާމްގެ ބައެކެވެ. ނާސާ އިން އަންނަނީ 2024 ގައި އަލުން ހަނދަށް ދާން ވެސް ތައްޔާރީތަކެއްވަމުންނެވެ. އެ ދަތުރުގައި ފުރަތަމަ ފަހަރަށް އަންހެން އެސްޓްރޮނޯޓަކު ބައިވެރިކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy