ޑެލިވަރީ ރޫމްގައި ޑޮކްޓަރުން ތިބެނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި. --ފޮޓޯ:ބީބީސީ
22 މެއި 2020 - 07:18
މުމްބާއީ (މެއި 22) - ކޮވިޑް-19 ޖެހިފައި ތިބި 100 އަށް ވުރެ ގިނަ މީހުން އިންޑިއާގެ ހުޅަނގުގެ މުމްބާއީ ސިޓީގެ އެއް ހޮސްޕިޓަލުގައި ވިހޭ އިރު ހުރިހާ ކުދިންގެ ވެސް ހާލު ރަނގަޅު ކަމަށް އޮފިޝަލުން ބުނެފި އެވެ.
ލޮކްމަންޔާ ތިލަކް މުނިސިޕަލް ޖެނެރަލް ހޮސްޕިޓަލްގައި ވޭތުވެދިޔަ މަހެއްހާ ދުވަސްތެރޭ ވިހޭ 115 ކުދިންގެ މައިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭން ތިން ކުއްޖަކު ޕޮޒިޓިވްވި ކަމަށް ފުރަތަމަ ހެދި ޓެސްޓްތަކުން ދެއްކި އެވެ. ނަމަވެސް ޑޮކްޓަރުން ބުނެފައި ވަނީ ފަހުން ހެދި އެއްވެސް ޓެސްޓަކުން އެ ކުދިން ޕޮޒިޓިވް ކަމަށް ދައްކާފައި ނުވާ ކަމަށެވެ. ކޮވިޑް-19 ޖެހުނު މާބަނޑު ދެ އަންހެނަކު ވަނީ އެ ހޮސްޕިޓަލުގައި މަރުވެފަ އެވެ. އޭގެ ތެރޭން އެކަކު މަރުވީ ވިހެއުމުގެ ކުރިންނެވެ.
މުމްބާއީގެ ހޮސްޕިޓަލުގައި ކޮވިޑް-19 ގެ މާބަނޑު މީހުންނަށް ޚާއްސަ ވޯޑެއް ހުރޭ. --ފޮޓޯ:ބީބީސީ
މުމްބާއީން 24،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ 840 މީހުން މަރުވެފައިވާ އިރު އެ ސިޓީ ބެލެވެނީ ކޮވިޑް-19 ގެ އެޕިސެންޓަރެއްގެ ގޮތުގަ އެވެ.
ކޮވިޑް-19 ގެ މާބަނޑު މީހުންނަށް އެ ހޮސްޕިޓަލުގައި ވަނީ 40 އެނދުގެ ޚާއްސަ ވޯޑެއް ތައްޔާރުކޮށްފަ އެވެ. މާބަނޑު މީހުންނަށް ޚިދުމަތް ދިނުމަށް 65 ޑޮކްޓަރުންނާއި އެތައް ނަރުހުންނެއް ހަރަކާތްތެރިވެ އެވެ.
"ހޮސްޕިޓަލަށް އަންނަ މާބަނޑު ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް އެ މީހުންގެ ފަރާތުން ބަލީގެ މާބޮޑު އަލާމާތްތަކެއް ނުފެނޭ،" ހޮސްޕިޓަލުގެ ގައިނީ ޑިޕާޓްމަންޓުގެ އިސްވެރިޔާ ޑރ. އަރުން ނަޔަކް ވިދާޅުވި އެވެ.
ކޮވިޑް-19 ގެ މާބަނޑު މީހުން ވިހެއުމާ އެކު ހޮސްޕިޓަލުގެ ޚާއްސަ ވޯޑުގައި ހަފުތާއެއްހާ ދުވަހު އޮންނަން ޖެހެ އެވެ. އޭގެ ފަހުން އެ މީހުން 10 ދުވަހަށް އެހެން ތަނެއްގައި ކަރަންޓީން ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެރިގުއި
22 May 2020
ކޮވިޑް19 އާއި ގުލޭ ގޮތުން ވެސް މިމީހުން މިއުޅެނީ ރެކޯޑެއް ހެދޭތޯއެވެ. ކޮންމެ ކަމެއްގައި ވެސް ސްޕަރ ވާށެވެ.
އަހުމަދުއަލޯ
22 May 2020
ބަލަގަ ކޮވިޑަކީ އައު ބައްޔެއްވީމަ ރެކޯޑު ހެދޭނެތާ؟ 100މީހުން އެއްފަހަރާ އެއް ސިކުންތުތެރޭ ވިހެއިނަމަ ތިޔަ ރެކޯޑަކަށްވާނީ...ލުލް.