27 މެއި 2020 - 23:48
ކޮވިޑް-19 އިން ރައްކާތެރިވާން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުން އަށް މާދަމާ ލުއި ދެނީ އާއްމުންގެ ތެރޭގައި ބަލީގެ ނުރައްކާ ކުޑަވެގެން ނޫން ކަމަށާއި ހާލަތު ގޯސްވެއްޖެ ނަމަ ވެސް ފަރުވާދެވޭނެ ވަސީލަތްތައް ގާއިމްކުރެވި ތައްޔާރުވެވުމުން ކަމަށް ހެލްތު މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޝީނާ މޫސާ މިރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ އެޕްރީލް މަހުގެ 15 ގައި މާލެ އިން ކޮވިޑަށް ޕޮޒިޓިވް މީހަކު ފެނުމުން އިއުލާންކުރި ލޮކްޑައުން އަށް ލުއިތަކެއް ދީ، ބައެއް ވިޔަފާރިތައް ހުޅުވައިލަން ވަނީ ނިންމައިފަ އެވެ. ފިޔަވަހިތަކަކަށް ބަހާލައިގެން ލުއިތަކެއް ދޭ އިރު ފުރަތަމަ ލުއި ދެނީ ދެ ހަފުތާ އަށެވެ.
ރާއްޖެ އިން މި ބައްޔަށް މިހާތަނަށް 1،457 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ފަސް މީހަކު ވަނީ މަރުވެފަ އެވެ. މިހާތަނަށް އެ ބަލިން ރަނގަޅުވީ 242 މީހެކެވެ. ފަރުވާގައި 1،210 މީހަކު އެބަތިއްބެވެ.
ކޮވިޑް-19 އާ ގުޅޭ ފަންނީ ކަންކަމުގައި އެޗްޕީއޭ އަށް ލަފޭ ކޮންސަލްޓަންޓް ޑރ. ޝީނާގެ އިތުރުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ލީޑަރު ޑޮކްޓަރު އަލީ ލަތީފް ބައިވެރިވެވަޑައިގަތް މީޑިއާ ބްރީފިންގައި ޝީނާ ވިދާޅުވީ ކުރީގެ ޕްރޮޖެކްޝަން އިން ދެއްކި އަދަދުތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެ ލަފާކުރުންތަކުގައިވާ ބަލި ޖެހޭ ނިސްބަތް ދަށްވީ އޭނާ ވެސް ފާހަގަކުރެއްވި ގޮތުގައި، އެޗްޕީއޭގެ އިރުޝާދުތަކަށް އާއްމުން ކިޔަމަންތެރިކަމާ އެކު އަމަލުކުރުމުންނެވެ.
"މިހާތަނަށް ބަލާއިރު ބަލީގެ ރިސްކުގައި ތިބި މީހުން ކޮންމެވެސް ވަރަކަށް މަދުވެއްޖެ،" ޝީނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި އިއުލާން ކޮށްފައިވާ ދޮޅުމަހެއްހާ ދުވަހުގެ ލޮކްޑައުން އަކަށް ފަހު ލުއިތަކެއް ދެނީ، ކޮވިޑް-19 ފެތުރެމުން ނުދާތީ ނުވަތަ އާއްމުންނަށް އޮތް ނުރައްކާ ވެސް ކުޑަވެގެން ނޫނެވެ. މި ލުޔާ އެކު ސޯޝަލް ޑިސްޓެންސިން އަށް ނުބެލުމާއި ދެން ވެސް ރައްކާތެރިކަމުގެ އެހެން ފިޔަވަޅުތަކަށް އަމަލުނުކޮށްފި ނަމަ އަދަދުތައް އިތުރުވާނެ ކަމަށާއި އެކަމަށް ވިސްނަން އެދިވަޑައިގަތެވެ.
އޭނާ ވިދާޅުވީ ބަލި ޖެހި ބޮޑުވަރުވާ މީހުންގެ އަދަދު ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ދަށް ކަމަށެވެ. އެހެން އެގޮތަށް ދިމާވަނީ، ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް އަދި މަސައްކަތް ކުރާ ބިދޭސީންނަކީ ވެސް ޒުވާން އާބާދީއަކަށް ވުމުން ކަމަށް ވިދާޅުވި އެވެ.
ޝީނާ ވިދާޅުވި ގޮތުގައި ކުރިން ޕޮޒިޓިވްވި މީހުންގެ ބޮޑު ނިސްބަތަކީ ބިދޭސީން ކަމަށް ވިޔަސް ފަހުން ފެންނަ ކޭސްތަކަށް ބަލާއިރު ބަލި ޖެހޭ ދިވެހިންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
ލޮކްޑައުން ހުޅުވާލީމަ ކޭސް އިތުރުވި ކަމުގައި ވިޔަސް މިހާރު ހުރި ކެޕޭސިޓީން މެނޭޖްކުރެވޭނެ ކަމަށް ލަފާ ކުރެވެނީ. --ޝީނާ
އާއްމުންގެ ތެރޭގައި ބަލި ފެތުރެމުންދާއިރު ލޮކްޑައުން އަށް ލުއި ދޭން ވިސްނާ ސަބަބާ މެދު އާއްމުން އުފައްދާ ސުވާލާ ގުޅިގެން ޝީނާ ވިދާޅުވީ އެޗްޕީއޭގެ އިރުޝާދުތަކަށް އާއްމުން ވަރަށް ބޮޑަށް ކަމޭހިތުމުން އިންފެކްޝަން ރޭޓް ދަށްކުރެވިފައިވާ ކަމަށެވެ.
އަނެއް ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި ބިދޭސީންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު ކުޑަވެފައި އޮތުމެވެ. މާލޭގެ ކުދި ތަންތަންކޮޅުގައި އުޅުނު ބިދޭސީން ސަރުކާރުން ވަނީ ވަގުތީ ހިޔާތަކަކަށް ބަދަލުކޮށްފަ އެވެ.
މިނިސްޓަރު އަމީން މިރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: މާދަމާ އިން ފެށިގެން ލޮކްޑައުން ލުއިކޮށް ބައެއް ޚިދުމަތްތައް ހުޅުވާލާނެ.
ހެލްތު މިނިސްޓަރު އަމީނާއި ޑރ. އަލީ ލަތީފް ވެސް ވިދާޅުވީ ލުއި ދޭ މުއްދަތުގައި، ބައްޔަށް ސަމާލުނުވެ އުޅެފި ނަމަ ކުރިއެކޭ އެއްގޮތަށް ލޮކްޑައުން އަކަށް ދާން ޖެހިދާނެ ކަމަށެވެ. ފުރަތަމަ ދެ ހަފުތާ އަށް ލުއިދޭ އިރު ބައްޔަށް ޕޮޒިޓިވްވާ އަދަދުތަކުން ހާލަތު ވަރަށް ރަނގަޅަށް މޮނިޓަ ކުރާނެ ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވި އެވެ.
ކޭސްތައް އިތުރުވާ ނަމަ ފުލް ލޮކްޑައުން އަކަށް އަނެއްކާ ވެސް ދާން ޖެހިދާނެ. --އަލީ
"އަލުން ލޮކްޑައުން އަކަށް ދާން ނުޖެހޭ ގޮތަށް އަމަލުތައް ބެހެއްޓުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް."
އަލީ ވިދާޅުވި ގޮތުގައި ކޮވިޑް-19 އާ އެކު ވަރަށް ގިނަ ދުވަހު ދިވެހިން ވެސް އުޅެން ޖެހޭނެ ކަމަށް ލަފާކުރެވޭތީ، މިކަމުން ރައްކާތެރިވުމުގެ ފަރުވާއަކަށް އޮތީ ރީތި އާދަތަކުގައި ހިފައިގެން ދިރިއުޅުމެވެ.
މިރޭގެ މީޑިއާ ބްރީފިންގައި ޑރ. އަލީ ލަތީފް ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު
ބަލި ޖެހޭ މީހުންގެ އަދަދު މިހާރު ދަށް ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ބަލިން ރައްކާތެރިވުމުގައި އެންމެ ބޮޑު އިސްކަމެއް ދިން އެއް ކަމަކީ ހާލަތު ގޯސްވެއްޖެ ނަމަ ވެސް ފަރުވާދެވޭނެ މިންވަރަށް ތައްޔާރުވުން ކަމަށެވެ. ރާއްޖެ އިން މިކަމަށް ތައްޔާރުވާން ފެށީ މި ބައްޔަށް ޚާއްސަ ހޮސްޕިޓަލެއް ވެސް ނެތި ކަމަށާއި އެކަމަކު ވޭތުވެދިޔަ ތަނުގައި ކުރި މަސައްކަތުން ފަރުވާ އަށް ހުޅުމާލޭގައި މެޑިކަލް ފެސިލިޓީއަކާއި ޓްރީ ޓޮފް ޚާއްސަ ކުރެވިފައިވާ ކަމަށެވެ.
މި ދެ ތަނުގެ ޖާގަ އަކީ 300 އަށް ވުރެން ގިނަ އެނދު ކަން އޭނާ ފާހަގަކުރެއްވި އެވެ.
ލޮކްޑައުން އިން ނުކުންނަ އިރު ކޭސްތަކުގެ އަދަދު އިތުރުވެއްޖިއްޔާ ފަރުވާ ދެވޭނެ ގާބިލްކަން އެބަހުރި. --އަލީ
ކަރަންޓީން ފެސިލިޓީގެ ގޮތުގައި 24 ރިސޯޓެއް ހަމަޖެހިފައިވާ އިރު އައިސޮލޭޝަން ފެސިލިޓީތަކުގެ ޖާގައަކީ 400 ކަމަށް އަލީ ވިދާޅުވި އެވެ.
"މި ކަހަލަ ކްރައިޓީރިއާތަކަކީ އަޅުގަނޑުމެން ލޮކްޑައުން އިން ނުކުންނަ އިރު ކޮންމެހެން ވެސް ހުންނަން ޖެހޭ ކަންތައްތަކެއް. އެހެންވީމަ ކޭސްތައް ފެނިއްޖިއްޔާ ވެސް އަޅުގަނޑުމެންނަށް އެޑްމިޓް ކުރެވޭނެ ފުރުސަތު އެބައޮތް،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ކޮވިޑަށް ފުރަތަމަ ޓެސްޓް ކުރަން ޖެހުނީ ބޭރަށް ފޮނުވައިގެންނެވެ. އެކަމަކު ޓެސްޓް ކިޑްތައް ރާއްޖެ އަށް ލިބުމުން ފުރަތަމަ ޓެސްޓްކުރީ ދުވާލަކު 200 ސާމްޕަލެވެ. މި އަދަދު މިހާރު 600 އަށް މަތިވެފައިވާ ކަމަށް އަލީ ވިދާޅުވި އެވެ.
އަލީ ލަތީފް ތަކުރާރުކޮށް ފާހަގަކުރެއްވީ ލޮކްޑައުން އަށް ދޭ ލުއިތަކުގައި ބައްޔަށް ފަރުވާ ކުޑަކޮށްފި ނަމަ މިހާރު ގާއިމްކުރެވިފައި ހުރި ވަސީލަތްތަކަށް ނުތަކާ ވަރަށް މީހުން ބަލިވުމުގެ ފުރުސަތުވެސް އޮވެދާނެ އެވެ. މުހިއްމީ، އޭނާ ވިދާޅުވި ގޮތުގައި، އެޗްޕީއޭގެ އިރުޝާދުތަކަށް ސަމާލުވުމެވެ.
އެއް ކަމަކަށް ފާހަގަކުރެއްވީ އާއްމުކޮށް ބޭރަށް ނުކުންނަ އިރު މާސްކް އެޅުމެވެ. އެއާ އެކު ދުރުދުރުގައި ތިބެން ހަނދާން ނައްތާނުލުމާއި ރަނގަޅަށް އަތް ދޮވުން ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަން
28 May 2020
މިޤައުމުން ތައްޔާރުވަނީ ގިނަ މީހުނަށް ފަރުވާދޭން. ޖެހޭ މީހުން މަދުކުރާކަށް ތައްޔާރުވާކަށް ނޭނގޭ. އެވެސް ހުސް މާލެ. އަތޮޅުތައް ހެޔޮ ވަޅުލެވުނަސް.ވާނީ އެހެންތާ, ނަގާ ކިޔަންތިބީ ހުސް ފަރުވާ ކުރާ މީހުން. ބަލިން ރައްކާތެރި ކުރަން މަސައްކަތް ކުރާ މީހުންގެ ބަހެއް ނުވިކޭ. ޕަބްލިކް ހެލްތެއް (ޕްރިވެންޓިވް ހެލްތް) ނެއް. އޮތީ ހަމަ އެކަނި ކިއުރެޓިވް ހެލްތް. ޑޮކްޓަރުންނާ ނަރުހުން އެކަނި. ޕަބްލިކް ހެލްތް އޮފިސަރުން ތިބީ ބާކީ ވެފަ. ބާކީނުވާ މީހުން ތިބީ ވިކިފަ ދަށުވެފަ.ބަލިމީހުން ގިނަވި ވަރަކަށް ކްލިނިކްތަކަށް ފައިދާވާނެ. ޕްރިވެންޓް ކުރީމަ ބަލި މަދުވެ ކްލިނިކްތަކަށް ވާނެ ފައިދާ އެއް ނޯންނާނެ. މިއީ ޙަޤީޤަތް. މިކަން އޮޅުވާ ނުލެވޭނެ.
ާއުނިމާ
28 May 2020
ތިޔަ ވެފަ ހުރި ތައްޔާރީއެއް އެގިދާނެތާ، ވީ މާ، މި އޮއްހާދުވަހު ތައްޔާރު ނުވެވި ހުރިކަން ވަރަށް ރަނގަޅަށް އެގިއްޖޭ،
މުރާސިލް
28 May 2020
އެކަމް ޖެނުއަރީން ފެށިގެން ތައްޔާރު ވެއްޖޭބުނި މިހާރު ތިވީ ތައްޔާރީ އަކީ ކޮބާބާ
ކޮލި
28 May 2020
ސައުސަންގެ ކޮމެންޓު ބަލާލާ
ތަރަބެ
28 May 2020
މިހާރަކަށް އައިސް ވަރަށް ގިނައިން ފެންނަ ކުށް ބަހަކަށް ވާތީ ފާހަގަކޮށްލީ ހަމަ. ''ނުތަކާ'' އެއްނޫނެވެ. ''ނުކަތާ'' އެވެ.
މަމޮޅު ރަދީފު
28 May 2020
ތިހިރި ބަހުގެ އެދުރަކަށް ވެ ނިމިފައި ނޫހުގައި ލިޔެފައި އެވަނީ ރަނގަޅަށް.. މާބޮޑަށް އެނގުނީމަ ކަމަކު ނުދާނެ....
ސައުސަން
28 May 2020
މަވެސް ގަބޫލެއް ނުކުރަން މި ފެންވަރަށް ތައްޔާރު ވެވިދާނެކަމަށް. ޗައިނާއެކޭ އެއްގޮތަށް 300 އެނދުގެ ވަގުތީ ހޮސްޕިޓަލެއް ގާއިމުކޮށްފި. އެވެސް ކޮންމެ އެނދެއްގައިވެސް ވެންޓިލޭޓަރާއި ގުޅައިގެންވެސް ވަގުތުން ފަރުވާ ދެވޭ ގޮތަށް. އެންމެ ވޯސްޓް ކޭސް ސިނާރިއޯގައިވެސް ރިސްކު ބޮޑު 20% އަށް އެއްފަހަރާވެސް އެނދުމަތިކޮށްވެން ހިދުމަތް ދެވޭ ގޮތަށް. އެހެންވީމަ ހެލްތު މިނިސްޓަރާއި ޓީމުން ކުރެއްވި ބުރަ މަސައްކަތަށް ހަމަ މެޑަލް ހައްގު އިނގޭތޯ.
ދެރަ
28 May 2020
ތައއޔާރުވެވުނީމަ ދެން ބަލި ފެތުރުނަސް އޯކޭތޯ? ޗައިނާ ފަދަ ގައުމުމުތަކުން ލުއިދިނީ ކޭސްތައް ވަރަށް މަދުވީމަ. މިގައުމުގަ އެންމެ ފުރަތަމަ ކޮޅެކޭ މިހާރެކޭ ކޭސް ފެންނަވަރު މާބޮޑުތަފާތެއްނެތް. ދެން ކޮންތައްޔާރެއްގެ ވާހަކައެއް.
ތަރަބޫޒް
28 May 2020
ހުރިހާ ކަމެއްގަވެސް އޮޅުވާލުން. ދެފަހަރަކު އެކައްޗެއް އަދި ނުކިޔޭ. ޣައިބު އެނގޭ ބަޔަކަށް ހެދިގެން އުޅުނުނަސް އެކައްޗެއްވެސް ނޭގޭކަން ހާމަވެއްޖެ.
އިލްޔާސް
28 May 2020
ބަންގްލަދޭޝް މީހުންގެ ކަންތަށް ފައްޔާޒަށް ހައްލު ކުރެވިފައި އޮތް ނަމަ އަދި ނަތީޖާ މިއަށްވުރެވެސް ރަަނގަޅު ވީސް ކަމަށް ގަބޫލުކުރެވޭ.
ހަސަނު55
28 May 2020
އެއީ ފައްޔާޒު އެކަނި ކަމެއްބާ؟ ބަނގުލަދޭސް މީހުން ރާއްޖެއަށް އަންނަން ފެށީ 2018 ގެ ފަހުން ނަމަ ތިހެން ބުނެވިދާނެ
ބޯގޯސް އަފީފް ދީދީ
28 May 2020
ކޮން ލުޔެއްބާ ތިދިނީ. ހީވަނީ ތިތަނުން ބޭނުންވަނީ ބަލި ބޮޑަށް ފަތުރަންހެން. ފިހާރަތަކަށް ގިނައިންދާން ފިހާރަތަކުގައި ގިނަވަގުތު ހޭދަކުރަން ހުއްދަދޭއިރު އެތާގައި ތިބޭ ބަންގާޅުބޭފުޅުންނަކީ އަހަރެން ދެކޭގޮތުގައި ބަލިހުރުން ވަރަށް އެކަށޭނަމީހުން. މިފިހާރަތަކަށް ދިޔުމުގެ ބަދަލުގައި ދަންވަރުނަމަވެސް ކޮންމެވެސް އެއްގަޑިޔެއްގައި މަގުމަތީގައި ހިގައި ދުވެހަދާލަން ހުއްދަދިންނަމަ މާރަނގަޅު. ގެޔަކުން 3 މީހުންގޮސް ފިހާރަތަކުން ގަންނަނީ ކޯންޗެއްތަ؟
މރުމޯލު34
28 May 2020
ބިދޭސީމީހުން 75 % ބަލިޖެހި ރަނގަލުވެފަ ތިބިކަމަށް ދައްކާވާހަކަ އެބަބުނޭ. ދެން އެހެންވީމައި ގޭގައި ތިބެ ބަލިޖެހި އެންމެން ރަނގަޅުވަންދެން ތިބެންވީ ލޮކްޑައުންގަ..އެރުން އެނިމުނީ ..