05 ޖޫން 2020 - 20:52
މިއީ، ތިމާވެށި ހިމާޔަތް ކުރުމާއެކު ކުރިއަށް ވުރެ މޮޅަށް ދިރިއުޅުން އާރާސްތު ކުރަންވީ ވަގުތު ކަމަށް، އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި ހިތާބެއްގައި ވިދާޅުވީ، ކުރިމަތިވެފައިމިވާ ކޮވިޑް-19ގެ ވަބާއިން ހަނދާން ކޮށްދޭ އެއްކަމަކީ، ވެއްޓަށް ބަރޯސާ ވާން ޖެހިފައިވާ މިންވަރު ކަމަށެވެ. އެހެން ކަމުން މިއީ، ވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމާއެކު، ދުނިޔޭގެ ތަބީއަތުގެ މަސަލަސްކަން ނުގެއްލޭ ގޮތަށް ދިރިއުޅުން އަލުން އާރާސްތުކޮށް، ބިނާކުރުމަށް ލިބޭ ފުރުސަތަކަށް ހަދަން ޖެހޭ ކަމަށް ހުސައިން ވިދާޅުވި އެވެ.
މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ، "ދުނިޔޭގެ ތަބީއަތާ މެދު ވިސްނައި ގޮތް ނިންމުމުގެ ވަގުތު" ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ ޝިއާރު އަމާޒު ވަނީ، އިންސާނީ ތަރައްގީ އާއި ދުނިޔޭގެ ދިރުންތައް އަށަގަންނުވައި، ދެމެހެއްޓުމުގައި ދުނިޔޭގެ ތަބީއަތް އަދާކުރަމުން އަންނަ މުހިންމު ދައުރުގެ މައްޗަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އިންޑިޔާ ކަނޑުގައި މުރަކައިގެ އަތޮޅުތަކެއްގެ ގޮތުގައި އުފެދިފައިވާ މި ގައުމުގައި ދިރިތިބުމާއި ދިރިތިބުމަށްޓަކައި ކާނާ އާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތައް ބިނާވެފައި ވަނީ ދުނިޔޭގެ ތަބީއަތުގެ މައްޗަށެވެ.
"އަޅުގަނޑުމެންނަށް ބޭނުންވާ އިގުތިސާދީ ކުރިއެރުން ހޯދުމުގައްޔާއި، ކާބޯތަކެތި ހޯދުމުގައި އަޅުގަނޑުމެން ބަރޯސާވަނީ އަޅުގަނޑުމެންގެ ވަށައިގެންވާ މުރަކަ ފަރުތަކާއި ސާފު ކަނޑުތަކުން ފޯރުކޮށްދޭ ގުދުރަތީ މުއްސަނދިކަމާއި ހިދުމަތްތަކުގެ މައްޗަށް. އަޅުގަނޑުމެންގެ އިގުތިސާދުގެ އެންމެ މުހިންމު ދެ ތަނބު ކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަން ބިނާވެފައިވަނީ ކަނޑުގެ ދިރުންތަކުގެ ދެމެހެއްޓެނެވިކަމުގެ މައްޗަށް،" މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައްޔާއި ސާފު ބޯފެން ހޯދުމުގައްޔާއި އަތިރިތައް ގިރައިގެން ދިޔަނުދީ ދެމެހެއްޓުމުގައްޔާއި ވެލި އުފެދޭކަން ކަށަވަރު ކުރަމުން ދިޔުމުގައްޔާއި ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމުގައި އަޅުގަނޑުމެން ބަރޯސާވަނީ ވެށީގެ ދިރުންތަކަށާއި ކަނޑުން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައްޗަށް."
މިނިސްޓަރު ވިދާޅުވި ގޮތުގައި، އިންޑިޔާ ކަނޑުގައި މުރަކައިގެ އަތޮޅުތަކެއްގެ ގޮތުގައި އުފެދިފައިވާ މި ގައުމުގައި ދިރިތިބުމާއި ދިރިތިބުމަށްޓަކައި ކާނާ އާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތައް ބިނާވެފައި ވަނީ ދުނިޔޭގެ ތަބީއަތުގެ މައްޗަށެވެ.
މިނިސްޓަރު ވިދާޅުވީ ވެއްޓަކީ، ލިބިފައިވާ ނުހަނު އަގު ހުރި ތަރިކައެއް ކަމަށާއި އެހެންކަމުން، އެ ތަރިކަ ހިމާޔަތް ކުރަންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ހުރިހައި ސިޔާސަތުތަކެއް ކަނޑައަޅައި ތަންފީޒު ކުރުމުގައި ވެސް، ވެއްޓަށް ތަކާ މިންވަރެއްގައި ކަންކަން ކުރާކަން ކަށަވަރުކުރަމުން ގެންދަން ވާނެ. އަދި ގުދުރަތީ މުއްސަނދިކަން ހަރުދަނާ ގޮތެއްގައި މެނޭޖުކޮށް ދެމެހެއްޓެނެވި އިގްތިސާދީ ތަރައްގީއަށް އެހީތެރިވެދޭން ޖެހޭނޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ޖަޒީރާ މާހައުލުގެ ނިޒާމުތައް ދެމެހެއްޓުމަށްޓަކައި ފަރުދީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި ރަށު ފެންވަރުގަ އާއި ގައުމީ ފެންވަރުގައި އަޅާ ފިޔަވަޅުތައް އެޅުމުގައި ފަރުދީ ގޮތުން ބައިވެރިވުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ހުސައިން ވިދާޅުވި އެވެ.
މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމަށްޓަކައި، ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާ ގޮތުން، ވިލިމާލޭގެ ފަރަށް ކިސަޑު ފެތުރި، ފަރުތައް މަރުވެދާނެ ކަމުގެ ކަންބޮޑުވުން ތިމާވެއްޓާބެހޭ ފަރާތްތަކުން އަންނަނީ ފާޅު ކުރަމުންނެވެ. އަދި އެކަމާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.
ތިމާވެށީގެ ދުވަހާ ގުޅިގެން، ސޭވް މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނީ، ލޮކްޑައުންގައިވާ މި ވަގުތުގައި ވެސް ސަރުކާރުން ގެންދަނީ ގުޅީފަޅު ހިއްކުން ފަދަ ދެމެހެއްޓެނިވި ތަރައްގީއާ ބީރައްޓެހި ޕްރޮޖެކްޓްތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދަމުން ކަމަށެވެ. އޭގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެންމެންގެ
06 June 2020
ތިމާވެށި ހިމާޔަތް ކުރުމުގެ މައްސަލައިގައި އެެއްވެސް ބައެއްގެ ބަހާ އަމަލާ ދިމާނުވޭ. ކަމާ ގުޅޭ ދުވަހުގައި އެންމެންވެސް ވާޖިބު އަދާކުރުމުގެ ގޮތުން ވަރަށް ފަށުވި ބަޔާންތައް ނެރި އުޅޭ. އެކަމު އަމިއްލަ ގެއިން އުކާލާ ކުންޏަށް އެކަނި ވިސްނާލިއަސް ތިމާމެން ބޭނުންނުވާ އެއްޗެހި ގަތުން ނުހުއްޓޭ. ކުނި އުފައްދާވަރު މަދުކުރަން ވިސްނާ ބަޔަކު ނޫޅޭ. ލެއްވިހާ ކަމަކަށް ތަކެތި އުފައްދައިގެން އުކާލަން ހުންނަ ތަކެތި ގިނަވަނީ ކަން ނުފެނޭ.
ކެސްޓޯ
06 June 2020
ކޮވިޑް19 ނަގާފައި މުޅިދުނިޔޭގެ އެއްމެން ދައްކާވާހަކަ ތިމާވެށީގެ ވާހަކަ. ހަސަނުގެ ފަރާތުން ފެއްނަން އެބަޖެހޭ ރާއްޖޭގެ ފަރާތުން ތިމާވެށީގެ ބައްޕައެއްގެ މަސްއޫލިއްޔަތު އަދާކުރާތަން.
ގަޓް ބްރޯ
06 June 2020
މި ސަރުކާރުގަ އެންމެ ގިނަ ނާގާބިލް މިނިސްޓަރުން ތިބީ އެމްޑީޕީއާ ޖޭޕީ ގެ ސްލޮޓް ތަކުގަ. ތާކުންތާކުނުޖެހޭ ސަޅި ބައިސާ ކެނޑުން ނޫން އެއްވެސް ކަމެއް ނުކުރޭ.
ބޮޑުމީހާ
06 June 2020
ކަލޭމެންގެ ބޭނުމަކީ ރައްޔިތުންނަށް ޖެއްސުންކުރުން ކަމަށްވާނަމަ ފާޅުގަ އެވާހަކަ ބުނަންވީނުން.
ސޯކާބ
06 June 2020
ތިޔަޔެން ތިމާވައްޓޭ ކިޔައިގެން ގާނެގުން މަނާކޮއްގެން ވީ ފައިދާ އެބައޮއްތޯ ވީފައިދާޔަކި ސިމެންތި ގިނަ އަދަދަކައް ވިކުން ދެންތިމާވެއްޓޭކިޔާފައި ފަޅުތަކާ ގިރިތަކާ ހިއްކާ ކަންތައް ކުރަމުންމިގެންދަނީ ދެން ކޮން ތިމާވެއްޓެއްތޯ ގޮންގްރިޓް ބިލްޑިންގް އަޅައިގެން ބޮޑުއަގުގައި ކުއްޔައް ދެވޭތޯ ތިޔަ ބަލަނީ ރައްޔިތުން އަޅުވެތިކުރަން ދެން ތިމާވައްޓޭ ކިޔާ ޓީވީތަކަށާ ނޫސް ތަކުގެ ފަލަސުރުޙީޔައް އެރިޔަކަސް ކަމަކުނުދޭ ނޫންތޯ
ދަރަވަންދޫ މީހާ
05 June 2020
ތިމާވެށި ހިމާޔަތް ކޮށްދެއްވާނަމޭބުނެ ޖަހާދެއްވަން ބުނި ތޮށިގަނޑު ކޮބާތޯ
ސޮނިފޮތި
05 June 2020
މި މިނިސްޓްރީ އުވާލާފަ ޓުއަރިޒަމްގަ ނުވަތަ ފޮރިން މިނިސްޓްރީގަ ޑެސްކަކަށް ބަދަލު ކުރަން ފެނޭ. ބޭކާރު ހަރަދެއް. ތިމާވެށި އޭ ކިޔާފަ ސަލާން ޖެހުން ނޫން ކަމެއް ނުކުރޭ.
އު މަރުބެ
05 June 2020
ވަރަށް ރަނގަޅުވާހަކައެއް ހުސެން އެބުނީ...ގާސި މް ހަރަދުގަ ހުސޭނާއި ދަރިން އޮސްޓްރޭލިއާއިން ކިޔަވައިގެން، ސޭޓުކައިރީ ރޮއެގެން ހުޅު މާލެ އަތިރި މަތިން ގޯއްޗެއްގަތީ މަ އެހުރީ ފިސާރި ރަނގަޅަށް ދިރިއުޅުން ބިނާކުރެވިފަ..
ރަދީން
05 June 2020
ރައްޔިތުން ކުރާކަންކަމަށްވުރެ ވެއްޓަށް ގެއްލުންލިބެނީ ސަރުކާރުން ކުރާކަންކަމުން..އާދައިގެ ރައްޔިތުންނަށްވުރެ ބޮޑަށް ވެއްޓަށް ގެއްލުންދެނީ ސަރުކާރުގެ އެއްބާރުލުމާއިއެކު މަހުޖަނުން ވިޔަފާރި ފުޅާކުރަން.ރައްޔިތުން ގަވައިދަށް ބޯލަނބާކަން ހާމަވަނީ މިޔަރު ބޭނުމާއި ހިފުން މަނާކުރީމަ އެކަން ނުކުރޭ މިޔަރާއިހެދި ނުކުޅަދާނަވެއްޖެ..
ސަމަރުބުލޫ
05 June 2020
ތިބޭފުޅާ މޮޅަށް ދިރިއުޅުމޭ ކިޔާފަ މާމޮޅު ވާހަކަ ނުދައްކަވާ! ކޮންމޮޅު ދިރިއުޅުމެއް؟ މިހާރުވެސް މިއުޅެނީ ކޮރޯނާ އައިސްގެން ވަޒީފާތަކާ ދިރި އުޅުމަށް ކުރާ މަސައްކަތްތަށް ހުއްޓިގެން އަނބިދަރިންނަށް ތިންވަގުތު ހަމަޔަށް ކާންވެސް ނުދެވިގެން. އެންމެން މިތިބީ ބިކަހާލުގަ ޖެހިފަ. ތިބޭފުޅުން ބަރާބަރަށް މަހުން މަހަށް ބޮޑެތި މުސާރަ ނަންގަވައިގެން އުޅުއްވާ އިރު ދުނިޔެ މަތިން ހަދާން ހުރޭތޯ؟ ދެން ވެށި ހިމާޔަތޭ މޮޅު ދިރިއުޅުމޭ ކިޔަން ކޮން މޮޔަ ވާހަކަ ތަކެއް؟ ރުޅިނާރުވާ!