މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ފިލްމު "ތަލައިވީ" ޑިޖިޓަލްކޮށް ރިލީޒްކުރަން އުޅޭ ވާހަކަ ދޮގުކޮށްފި އެވެ.

އެ ފިލްމުގެ ޓީމާ ހަވާލާދީ މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނީ "ތަލައިވީ" ރިލީޒްކުރާނީ ސިނަމާތަކުގައި ކަމަށާއި ސްޓްރީމިން ޕްލެޓްފޯމަކަށް ފިލްމު ދޫކޮށްލާނީ އެއަށް ފަހު ކަމަށެވެ. "ތަލައިވީ" އަކީ އޭއެލް ވިޖޭ ޑައިރެކްޓްކޮށް، ކަންގަނާ ރަނާވަތު، ޖަޔަލަލީތާގެ ރޯލް ކުޅޭ ފިލްމެކެވެ.

ކުރިން ތާވަލުކޮށްފައި އޮތް ގޮތުން ނަމަ "ތަލައިވީ" މި މަހުގެ 26 ގައި ރިލީޒްކުރާނެ އެވެ. ނަމަވެސް ކޮވިޑް-19އާ ހެދި އިންޑިއާގައި އިއުލާންކުރި ލޮކްޑައުނާ ހެދި ފިލްމުގެ ޝޫޓީން ވެސް އޮތީ ނިންމައިނުލެވި އެވެ.

"ތަލައިވީ" ގެ ޓީމުން އަންނަނީ ޝޫޓިން ފެށުމުގެ ހުއްދަ ލިބުމާ އެކު ފިލްމުގެ ބާކީ ހުރި މަންޒަރުތައް ނަގަން ތައްޔާރީތައްވަމުންނެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ބަގިޔާޝްރީ އާއި އަރުވިންދު ސްވާމީ އާއި ޕްރަކާޝް ރާޖާއި މަދޫ ހިމެނެ އެވެ.

"ގުޑް ނިއުޒް" އާއި "ޑްރީމް ގާލް" ޔޫއޭއީ އަށް

މިދިޔަ އަހަރުގެ ކާމިޔާބު ދެ ފިލްމު ކަމަށްވާ "ޑްރީމް ގާލް" އާއި "ގުޑް ނިއުޒް" އަންނަ މާދަމާއިން ފެށިގެން ޔޫއޭއީގައި ދައްކާ ގޮތަށް ނިންމައިފި އެވެ.

ކޮވިޑް-19ގެ ސަބަބުން އެ ގައުމުގެ ސިނަމާތައް ބަންދުކުރި ނަމަވެސް، އެ ބަލިމަޑުކަމުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވާތީ އެ ގައުމުގެ ސިނަމާތައް އަލުން ހުޅުވަން ނިންމީ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރި "ގުޑް ނިއުޒް" އަކީ އެ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އުފައްދައި، ރާޖް މެހެތާ ޑައިރެކްޓްކުރި ފިލްމުގެ ތަރިންނަކީ އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރާއި ކިއާރާ އަދުވާނީގެ އިތުރުން ދިލްޖީތު ދޮސަންޖެވެ.

ރާޖް ޝާންޑަލިޔާ ޑައިރެކްޓްކޮށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ރިލީޒްކުރި "ޑްރީމް ގާލް'' އަކީ އަޔޫޝްމަން ކްރާނާ ލީޑް ރޯލް ކުޅުނު ފިލްމެކެވެ.

"ދަކް" އެއް ނޫން "ގަންސް އޮފް ނޯތު"

ދެހާސް އަށާރައިގައި ރިލީޒްކުރި މަރާޓީ ފިލްމު "މުލްޝީ ޕެޓާން" ގެ ހިންދީ ރިމެކްގެ ނަމަކީ "ދަކް" ނޫން ކަމަށާއި ފިލްމުގެ ނަމަކީ "ގަންސް އޮފް ނޯތު" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމަކީ ސަލްމާން ޚާން ޕްރޮޑިއުސްކޮށް، އޭނާގެ ޅިޔަނު އާޔޫޝް ޝަރުމާ ލީޑް ރޯލް ކުޅޭނެ ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓަރަކީ 2018 ގައި އޭނާ ބޮލީވުޑަށް ތައާރަފުވި ފިލްމު "ލަވް ޔާތުރީ" ގެ ޑައިރެކްޓަރު އަބިރާޖް މިނަވާލާ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި "މުލްޝީ ޕެޓާން" ގެ ރިމެކް "ގަންސް އޮފް ނޯތު" ގެ ނަމުގައި ސަލްމާން ހަދަން ނިންމާފައި ވަނީ ވަރަށް ބިޔަ ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ. އެގޮތުން ފިލްމަށް ބޮޑު ބަޖެޓެއް ވެސް ކަނޑައަޅާފައިވާ އިރު، ފިލްމުގެ ރޯލަކުން ވެސް އޭނާ ފެންނާނެ ކަމަށްވެ އެވެ. ނަމަވެސް މި ފިލްމާ ބެހޭ އެއްވެސް ވާހަކައެއް މިހާތަނަށް ސަލްމާން ނުދައްކަ އެވެ.

އަޔޫޝްގެ ކުރިއަށް އޮތް ފިލްމަކީ ކެޓްރީނާ ކައިފްގެ ކޮއްކޮ އީޒަބެލް ކައިފާ އެކު ކުޅޭ "ކްވާތާ" އެވެ.

އަކްޝޭ އަންނަ މަހު ލަންޑަނަށް؟

އަންނަ އަހަރު ރިލީޒްކުރަން ތާވަލުކޮށްފައިވާ އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" ގެ ޝޫޓިން އަށް އަންނަ މަހުގެ ތެރޭގައި އިނގިރޭސިވިލާތަށް ދާން ތައްޔާރީތައް ވާން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކޮވިޑް-19އާ ދިމާކޮށް އިނގިރޭސިވިލާތުގައި އިއުލާންކޮށްފައި އޮތް ލޮކްޑައުނަށް ލުއިތަކެއް ދެމުން އަންނަ އިރު،. އެ ގައުމަށް ދަތުރުކުރާ މީހުން ދަތުރަށް ފަހު 14 ދުވަހަށް ކަރަންޓީނުވާން ޖެހެ އެވެ. "ބެލް ބޮޓަމް" ގެ ޝޫޓިން އަށް ލަންޑަނަށް ދާން ނިންމާފައި އިރު، އިންޑިއާގައި މެދުކަނޑާލާފައި ބައިނަލްއަގްވާމީ ދަރުތުތައް އަދި ނުފަށަ އެވެ.

"ބެލް ބޮޓަމް" އަކީ ވާޝޫ ބަގްނާނީ އާއި ނިކިލް އަދުވާނީ ޕްރޮޑިއުސްކޮށް، ރަންޖީތު ތިވާރީ ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އެޕްރީލް 2، 2021 އަށެވެ.

ލޮކްޑައުނާ އެކު މަސައްކަތް ކުރިއަށް ނުގެންދެވި ހުރި އަކްޝޭގެ ފިލްމުތަކުގެ ތެރޭގައި މި އަހަރުގެ ނޮވެމްބަރަށް ތާވަލުކޮށްފައި އޮތް "ޕްރިތުވީރާޖް" އަންނަ އަހަރު ގެނެސްދޭ "ބައްޗަން ޕާންޑޭ" ހިމެނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454