ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ދެއްކި އިޝްތިހާރުގައި މިނިސްޓަރު އަލީ ވަހީދު
09 ޖޫން 2020 - 12:14
ރާއްޖޭގެ ހުއްޓިފައި އޮތް ޓޫރިޒަމް އަލުން ފެށުމުގެ ގޮތުން ރޭ ބޭއްވި ހަރަކާތުގައި ދައްކާލި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުޅުއްވާފައިވާ އިޝްތިހާރުގެ ހަރަދާ ގުޅޭގޮތުން ދައްކާ ވާހަކަތަކަށް އޭނާ ރައްދު ދެއްވައިފި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުން އެ އިޝްތިހާރަށް ހަރަދުވީ އެންމެ 3،000 ރުފިޔާ އެވެ.
ފޭސްބުކް މެދުވެރިކޮށް ބޭއްވި މި އިވެންޓުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ އަލީ ވަހީދު ކުޅުއްވައި، އަދި ރާއްޖޭގެ ޓޫރިޒަމްގެ ހާލަތާ ގުޅޭގޮތުން އޭނާ އަޑުއަޅުއްވާފައިވާ މިނިޓެއްހާ ދިގުމިނުގެ އިޝްތިހާރަށެވެ. ބޯ ވިއްސާރައިގައި ލޯންޗެއްގައި ދަތުރުކުރައްވާފައި ގޮސް، ރަށެއްގެ އަތިރިމަތީގެ ރީތި ފަސްގަނޑުމަތީގައި އިންނަވައިގެން ލެޕްޓޮޕުން އެއްޗެއް ލިޔުއްވާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.
ޓޫރިޒަމް އިޝްތިހާރުގައި އަލީ ވަހީދު ލޯންޗެއް ދުއްވަނީ
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ގޮތުން ހަދާފައިވާ އެ ވީޑިއޯ އާއްމުކުރުމާ އެކު ސޯޝަލް މީޑިއާގައި ބައެއް މީހުން ވަރަށް ބޮޑަށް ފާޑުކިޔެ އެވެ. އެގޮތުން މާލީ ގޮތުން ގައުމު އަޑި އަޅާލާފައިވާ ދަނޑިވަޅެއްގައި އެ ފަދަ "އަގުބޮޑު" އިޝްތިހާރެއް ކުޅުނީ ކީއްވެތޯ އާއި އެކަމަށް ދިޔަ ހަރަދާ ގުޅޭގޮތުން ވެސް ބައެއް މީހުން ސުވާލު ކުރި އެވެ.
އިޝްތިހާރު އުފެއްދުމަށް ބޮޑު ހަރަދެއް ދާނެ ކަމަށް ލަފާކޮށް، އޭގެ ތަފްސީލު ހޯދުމަށް އިންފޮމޭޝަން ކޮމިޝަނަށް މީޑިއާއަކުން ހުށަހެޅި ފޯމަކަށް ރައްދު ދެއްވައި އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޝްތިހާރުގައި އަގު ދައްކަން ޖެހުނީ ހަމައެކަނި އެއަށް މިއުޒިކް ހަދައިދިން ފަރާތަށް އެކަނި ކަމަށެވެ. އަދި އިޝްތިހާރަކީ ޓޫރިޒަމް މިނިސްޓްރީގެ ހަތަރު މުވައްޒަފެއްގެ ބުރަ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވެ، މުޅި މި އިޝްތިހާރަށް ހަރަދުކުރަން ޖެހުނީ 194 ޑޮލަރު ނުވަތަ 3،000 ރުފިޔާ،" ރާއްޖެއާ މެދު ވިސްނަވާ ކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ހުއްޓިފައި އޮތް ޓޫރިޒަމް އަލުން ނަގާ ކޮޅަށް ޖަހަން، ދުނިޔޭގެ މަޝްހޫރު ބައެއް މީހުންގެ އެހީތެރިކަމާ އެކު، "މޯލްޑިވްސް: ދަ ސަން ވިލް ޝައިން އެގެއިން"ގެ ނަމުގައި ބޭއްވި އެ ހަރަކާތް ލައްކައެއްހާ މީހުން ބެލި އެވެ.
ރާއްޖޭގެ ރީތި މަންޒަރުތައް ހިމެނޭ އެއް މިނިޓްގެ ގިނަ ކްލިޕްތަކެއް ލައިވްގައި ގެނެސްދިނެވެ. އަދި ރާއްޖެ އައިސްފައިވާ އެކި ފަންތިތަކުގެ ނުފޫޒު ގަދަ މީހުން ރާއްޖެއާ މެދު ދެކޭ ގޮތާއި އެ މީހުންގެ ތަޖުރިބާ ވެސް މި ކްލިޕްތަކުގައި ހިމެނެ އެވެ.
ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ބޯޑަރު ބަންދުކޮށް ޓޫރިސްޓުން އައުން ހުއްޓުމަކަށް ގެނައުމަށް ފަހު އަންނަ މަހު އަލުން ބޯޑަރު ހުޅުވާލަން ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯސް1
11 June 2020
ޝޮޓުތައް ނައިސް، އެކަމު ދެން ވަޒީރު ތިހެން ބޮންޑް ހެދުނީމަ އެހާއެއް ނޫން.......ކަމުގެ މުޅި މަޤްސަދު ގެއްލޭ...
ކަނބިލި
10 June 2020
ޓޫރިޒަމަކީ ރާއްޖޭގެ އިގުތިސާދުގެ މައިބަދަ. މިއޮއް ތަޢުލީމީ ތަޖުރިބާކާރު ދިވެހި ދަރިން ތިބި ދުވަސްވަރެއްގައި ޓޫރިޒަމް މިނިސްޓަރަކަށް ހުންނަންވާނީ ފަންނީ ތަޖުރިބާރު ނަޒާހަތްތެރި ވަޒީރަކު. ޑުރާމާ ކުޅޭ މީހުން ބައިތިއްބައިގެން އިންޑަސްޓްރީ ހަލާކުވުން ނޫން ކަމެއް ނުވާނެ. ދެރަކަމެއް
ޚިޔާލު
10 June 2020
ރާއްޖޭގެ ޓޫރިޒަމް އިނދަޖެހިފައިވާ މިދަނޑިވަޅުގައި ޓޫރިޒަމް ނަގާ ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭއިރު، މިކަހަލަ ސަކަރާތް ޖެހުމަކީ ތަންދޮރުނޭގޭ ކުޑަކުދިން ނޫނީ ނުކުރާނެ ކަމެއް. އަދި މިފަދަ ތަންދޮރުނޭގޭ ކުޑަކުދިންނާއި ކެބިނެޓްގެ ބޮޑެތި މަގާމުތައް ހަވާލުކޮށްގެން އުޅޭ މީހުންގެ ފެންވަރުވެސް މިކަމުން އެގިގެންދޭ
އާންމުމީހާ
10 June 2020
ކާކު ބުނީ އިސްތިހާރު ކުރުމަކީ ސަކަރާތް ޖެހުމޭ..
ކޮރަލް
09 June 2020
ވީޑިއޯ އެއީ ހަމަ އެކަނި ދިވެހީންނަށް ނަމަ އޯކޭ އެވެ. އެކަމު މުޅި ދުނިޔޭގެ އިޝތިހާރަކަށް ބަލާފަ އަޑު އަހާލަން ވ އުނދަގުލެވެ. މަންޒަރު ތައް ރީތި ވެފަ ރަނގަޅެވެ. ރާއްޖެ އަށް ވުރެ ބޮޑައް ފޯކަސް ކޮށްފަ އޮތީ މިނިސްޓަރަށެވެ. ވީޑިއޯގެ ސަބަބުން މިނިސްޓަރަށް އިންވެސްޓަރުން ލިބިދާނެ އެވެ އެއީ ދެރަ ކަމެކެވެ.
ފަޤީރުކޮއެ
09 June 2020
ކޮންމެ ސަރުކާރަކުންވެސް ތަސައްރަފުނުފުދޭ ނޯޓީ ބޯއީއެއް ރާއްޖޭގެ އެންމެބޮޑު އިންޑަސްޓުރީގެ ވަޒީރަކަށް ލާ ބޭނުމަކީ ޖަރީމާ ހިންގަން ފަސޭހަކުރުން! މިސާލަކަށް ގޭންގުތަކުންވެސް ބޮޑެތި ޖަރީމާތަކުގަ އަމަލީގޮތުން ބޭނުންކުރަނީ އުމުރުފުރިހަމަނުވާ ޅަކުދިން!
ޚިޔާލު
10 June 2020
މީގެ ކުރިންވެސް ތަސައްރަފު ނުފުދޭ ބޯއީއެއް ޓޫރިޒަމް ވަޒީރަކަށް ލައިގެން އެތައް މިލިއަން ރުފިޔާގެ ފައިސާ ވަނީ ފެންފޮދަކާއި ނުލައި ދިރުވާލާފައި. ފަހުން ނައިބު ރައީސްކަން ދިނުމުން ކަންތައް ދިޔައީ މާމައްޗަށް. ސަރުކާރާއި މަޓީގެ ބޮޑުން ބޭނުންވަނީ އެމީހުން ޖަހާހާ ބެރަކަށް ނަށާމީހެއް ވަޒީރުކަމުގައި ބަހައްޓަން
ގޯސް
09 June 2020
މި އިޝްތިހާރުގައި ކިއްލި ވިއްކާތަނާއި އެކު އޭގެފަހުން 10 ބުރީގެ ގެއެއް ފެނުނުނަމަ ވަރަށް ފައްކާވީސް.
މައިކާލޯސް
09 June 2020
ޓައިޕް ކުރަން ކޮށިވީމަ ލަދުން ލެޕްޓޮޕް ކޮނޑަށްލައިގެން ލޯންޗްގަ ގޮސްފިލީދޯ؟ އަދިވެސް އިޝްތިހާރު ކުޅެން އުޅޭތި.
ނަން
10 June 2020
ލޮލް ހަހަހަހަހަހަހަ
ލ.އަތޮޅު
09 June 2020
3000 ޑޮލަރޯ..ސަރުކާރުން ބުނާ އަދި ކުރާ ކޮންމެ ކަމެއްގައި ވެސް އަޑިފުށާއި މަތިފުށެއްވާނެ..މިދެއްނެވީ އަޑިފުށް....
ޅަ ކޮއި
09 June 2020
މިއަދު މި ފެނުނީ ވީޑިއޯ. ގޯހެއް ނޫން. އަޑު އަހާލަންވެސް އުނދަގުލެއްނޫން. އެކަމު މިއީ އައު ޓާގެޓް މާކެޓެއްތަ؟
ޢަނީ
09 June 2020
3000 ރުފިޔާއަށް ސަފާރީއާ ލޯންޗާއި ބޭނުން ކޮށްގެން އިސްތިހާރެއް ހަދާ ވާހަކަ ބުނުމެކޭ ކިއްލި ވިއްކައިގެން ހޯދި ލާރިން މާލެއިން ބިމެއް ގަތުމެކޭ މާބޮޑު ތަފާތެއް ނެތް. ސޭމް ލޮޖިކް..