ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މައުމޫން އެކުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ: ހައުސިން މިނިސްޓްރީ އުވާލީ އެމްއާރުއެމް އިން ބޭފުޅަކު ވަޒީރަކަށް ހަމަޖައްސަވާނެ ކަމުގެ ޔަގީންކަން ދެއްވުމަށް ފަހު ކަމަށް އެ ޕާޓީން ބުނޭ. --ފޮޓޯ/މިހާރު
12 ޖޫން 2020 - 20:39
ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އިސްތިއުފާ ދެއްވުމާ އެކު އެމްއާރުއެމުން އައީ އެ މަގާމަށް ނަމެއް ހުށައަޅަން ތައްޔާރުވަމުންނެވެ. ކެބިނެޓް އެކުލަވާލިއިރު އެއްބަސްވެފައިވާ ގޮތުން ނަމަ އެއީ، މި ވެރިކަން ކުރާ ކޯލިޝަންގެ އެއް ލީޑަރު، އަދި ކުރީގެ ރައީސް މައުމޫންގެ އެމްއާރުއެމްގެ ސްލޮޓެކެވެ. ސިއްހީ ހާލުކޮޅު ގޯސްވެ، އާތިފާ މަގާމުން ދުރަށް ވަޑައިގަތުމާ އެކު ވެސް އެ ސްލޮޓް އެމްއާރުއެމްގައި އޮންނާނެ ކަމުގެ ކަށަވަރުކަން ރައީސް މައުމޫން ހޯއްދެވި އެވެ.
އެމްއާރުއެމްގެ އިސް ބޭފުޅަކު "މިހާރު"އަށް ވިދާޅުވީ އާތިފާގެ އިސްތިއުފާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މައުމޫން ފޯނުން ވާހަކަފުޅު ދެއްކެވި ކަމަށެވެ. އަދި އެ ސްލޮޓްގެ ކަށަވަރުކަން ރައީސް ދެއްވުމުން، އެ ވާހަކަ މައުމޫން ވަނީ އެމްއާރުއެމްގެ އިސް ބޭފުޅުންނާ ވެސް ހިއްސާކުރައްވައިފަ އެވެ.
އެމްއާރުއެމުން އޮންލައިންކޮށް، ބޭއްވި ޕާޓީގެ އިސް ބޭފުޅުންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރަކަށް ދެން ވެސް ވަޑައިގަންނަވާނީ އެމްއާރުއެމްގެ ބޭފުޅެއް ކަމުގެ އުއްމީދު މައުމޫން އާކޮށްދެއްވި އެވެ. އެ މަގާމަށް ގާބިލް ބޭފުޅަކާ ވާހަކަ ދައްކައި ނަމެއް ވެސް ފޮނުވަން އެމްއާރުއެމުން ތައްޔާރުވި އެވެ.
މިނިސްޓަރު އާތިފާ އަށް ރައީސް މަގާމުގެ ލިއުން ހަވާލުކޮށްދެއްވަނީ: އާތިފާ މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ހާލުކޮޅު ގޯސްވުމުން. --މިހާރު
އެކަމަކު ފަހުން ރައީސްގެ ފަރާތްޕުޅުން މައުމޫނަށް ގުޅުއްވި ބޭފުޅާ ވިދާޅުވި ކަމަށް ވަނީ ރައީސްގެ ވިސްނުންފުޅު މިހާރު ހުރީ ހައުސިން މިނިސްޓްރީ އުވާލައްވަން ކަމެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން، ރައީސް އޮފީހުން އެ ނިންމުން އިއުލާން ވެސް ކުރީ އެވެ. ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ވަޒީރު މުހައްމަދު އަސްލަމް ހިންގަވާ ޕްލޭނިން މިނިސްޓްރީގެ ދަށަށް ހައުސިންގެ މަސައްކަތްތައް ބަދަލުކުރީ އެވެ.
ރައީސްގެ މި ނިންމެވުމާ މެދު އެމްއާރުއެމްގެ އިސް ބައެއް ބޭފުޅުން ސުވާލު އުފައްދަވަ އެވެ. ފާޅުގައި ނުކުމެވަޑައިގެން އެ ވާހަކަ ދައްކަން ބޭނުން ނުވިޔަސް، އެމްއާރުއެމްގެ ސްލޮޓަށް ހެދި ގޮތް ގަބޫލުކުރަން އެ ބޭފުޅުންނަށް ފަސޭހައެއް ނޫނެވެ.
"ފުރަތަމަ ކަމަކަށް، ސްލޮޓްގެ ޔަގީންކަން ދެއްވުން. އެހެންވެ އެމްއާރުއެމުން ނަމެއް ފޮނުވަން ތައްޔާރުވީ. އެކަން ހިނގަނިކޮށް ކުއްލި ގޮތަކަށް މިނިސްޓްރީ އުވާލީ، ހަގީގަތުގައި ވެސް ގަބޫލުކުރަން އުނދަގޫވި ނިންމުމެއް އެއީ،" އެއް ބޭފުޅަކު ވިދާޅުވި އެވެ.
އެމްއާރުއެމްގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، ޔަގީންކަން ދެއްވައި މިނިސްޓްރީ އުވާލުމަކީ ރައީސް ވިދާޅުވި ބަސްފުޅުގެ އިތުބާރާ މެދު ވެސް ސުވާލު އުފެދުނު ކަމެކެވެ.
ސަރުކާރުގައި ޕާޓީތައް ހިއްސާވާ ނިސްބަތުން އެމްއާރުއެމަށް ލިބުނީ 20 ޕަސެންޓެވެ. އެއީ ކެބިނެޓުގައި ހަތަރު ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީންނާއި ކުންފުނިތަކާއި ބޭރުގެ މިޝަންތައް ވެސް ހިމެނޭ ގޮތުންނެވެ. ހަތަރު މިނިސްޓަރީއެއްގެ މިނިސްޓަރުކަމަށް ބޭފުޅުން ހަމަޖެއްސިޔަސް، އެއްބަސްވުމާ އެއްގޮތަށް އެމްއާރުއެމަށް އެހެން ވަޒީފާތަކެއް ނުލިބެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ)، ކުރީގެ ރައީސް މައުމޫންއާ ބައްދަލު ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
ކެބިނެޓުގައި މިހާރު ތިއްބެވީ އެ ޕާޓީގެ ތިން ވަޒީރުންނެވެ. އެއީ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދެވެ.
ހައުސިން މިނިސްޓްރީ އުވާލުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެމްބަރުންގެ ވިސްނުން ހުރީ އާތިފާ މަގާމުން ދުރުކުރާށެވެ.
ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓްރީ ބަދަލުވީ، އެއްފުރާޅެއްގެ ދަށުން އެންމެ ގިނަ މަޝްރޫއުތަކާއި މަސައްކަތްތައް ހިންގި އެންމެ ބިޔަ ވުޒާރާ އަށެވެ. މާލެ އާއި އަތޮޅުތަކުގައި ގިނަ މަސައްކަތްތައް ކުރިއަށް ގެންދިޔައިރު، ބައެއް މަޝްރޫއުތަކުގައި ބޮޑެތި މައްސަލަތަކެއް ވެސް ފެންމަތިވި އެވެ. މި މައްސަލަތަކުގައި އޭރު އަމާޒުކުރި ފާޑުކިއުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން މި ސަރުކާރުގެ ނިންމުމަކަށް ވީ ހައުސިން މިނިސްޓްރީ ދެ ބައިކޮށްލައި ޕްލޭނިން މިނިސްޓްރީގެ ނަމުގައި އިތުރު މިނިސްޓްރީއެއް އުފެއްދުމެވެ.
ޕްލޭނިން މިނިސްޓަރު އަސްލަމާއި (ވ) ކުރީގެ ހައުސިން މިނިސްޓަރު އާތިފާ، ހައުސިން ޔުނިޓުތަކެއްގެ ބިންގާ އަޅުއްވައިދެއްވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު
މި ބައިކުރުމުގައި ވެސް އިންސާފުވެރި ނޫން ކަމުގެ ތުހުމަތު ކުރެ އެވެ. އެއް ކަމަކަށް ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދު، ބޯހިޔާވަހިކަން ފުއްދުމުގެ ވުޒާރާގެ ގިނަ މަސައްކަތްތައް ޕްލޭނިން މިނިސްޓަރު އަސްލަމްގެ ދަށަށް ބަދަލުކުރުމެވެ. ހައުސިންގެ ވަޒީރަކަށް އާތިފާ ހުންނެވި ނަމަވެސް އޭނާގެ ޒިންމާތައް ވެސް ބަހާލެވޭ ގޮތަށް ބޯހިޔާވަހިކަމަށް ކުންފުންޏެއް ވެސް މި ސަރުކާރުން އުފެއްދި އެވެ. ބާރުތަކާއި ޒިންމާތައް ހަނިކުރުމުން ހައުސިން މިނިސްޓްރީ ވެފައި އޮތީ، ބޯހިޔާވަހިކަމާ ގުޅޭ ތަފާސްހިސާބުތައް ހޯދުން ފަދަ މަދު މަސައްކަތްތަކެއް ކުރާ ތަނެއްގެ ގޮތުގަ އެވެ. މި ދަތިތަކާ އެކު ވެސް އަތޮޅުތަކާއި މާލެ ހިމެނޭ ގޮތުން އެ މިނިސްޓްރީގެ ޒިންމާތަކުގެ ތެރޭގައި ހުރި ކަންކަމަށް ހައްލު ހޯއްދަވަން އާތިފާ މަސައްކަތް ކުރެއްވި އެވެ.
އެކަމަކު މަގާމުގެ ޒިންމާ އެކަށީގެންވާ ގޮތެއްގައި އާތިފާ އަދާކުރެއްވި ކަމަކަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ގަބޫލެއް ނުކުރައްވަ އެވެ. ސަރުކާރުގެ އެންމެ އިސްކަމެއް ދޭ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒުކުރުމުގައި ނާގާބިލް ކަމުގެ ތުހުމަތު އަޅުވައި ކޮމިޓީތަކަށް ހާޒިރުކޮށް ސުވާލުކުރި އެވެ. އާތިފާ އިސްތިއުފާ ދެއްވީ އޭނާ މަގާމުން ދުރުކޮށްދޭން، އެމްޑީޕީގެ އިސް މެމްބަރަކު ލައްވައި މަޖިލީހަށް ސިޓީއެއް ވެސް ހުށަހަޅުއްވާފައި ވަނިކޮށެވެ.
"އާތިފާ ދުރުކުރަން އުޅުނީ އެމްޑީޕީ ބޭނުންވާ ގޮތަށް ހައުސިން މިނިސްޓްރީ ތެރެއިން ކަންކަން ކުރަން. އެ މިނިސްޓްރީ ޕްލޭނިންއާ އެއްކޮށްލައި ބިޔަ މިނިސްޓްރީއަކަށް ހަދައި މަޝްރޫއުތައް ހިންގުމަކީ ނުރަނގަޅު ކަންކަމަށް މަގުފަހިވާނެ ކަމެއް،" އެމްއާރުއެމްގެ ބޭފުޅާ ވިދާޅުވި އެވެ.
އާތިފާ މަގާމުން ދުރުކުރުމުގެ ސިޓީ މަޖިލީހަށް ވެއްދިއިރު ވެސް، އެނގިފައިވާ ގޮތުގައި، އާތިފާ ވަނީ އޭނާގެ ސިއްހީ ހާލުކޮޅު ގޯސްވެ، ޒިންމާ އަދާކުރެއްވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ވާހަކަ ރައީސަށް ދަންނަވައިފަ އެވެ.
އާތިފާ މަގާމުން ދުރުކުރަން އެމްޑީޕީން ގެންގުޅުނު ވިސްނުމާއި ހައުސިން މިނިސްޓްރީ އުވާލުމުގެ ނުތަނަވަސްކަމުގައި އެމްއާރުއެމް ތިއްބައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް ވަނީ އެކަމުގެ ފަހަތުގައި އޮތް ސިޔާސީ ވާހަކަތަކެއް ނުސީދާކޮށް ވިދާޅުވެފަ އެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރުގެ ހާލަތަށް ބައްލަވައި ކެބިނެޓަށް މިނިސްޓަރަކު އިތުރު ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނިންމެވުން ހިކުމަތްތެރި ކަމަށެވެ. ނޫން ނަމަ، ހައުސިން މިނިސްޓަރުގެ މަގާމާ ހެދި "ލައްކަ ބޮޑު ހިލުންގަނޑެއް އައީސް" ކަމަށް ވިދާޅުވި އެވެ.
އެ ވިދާޅުވާ ހިލުންގަނޑަކީ، ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، އާތިފާ މަގާމުން ދުރުކޮށް، އެ ވުޒާރާގެ ހިންގުން މާލޭގެ މޭޔަރު ޝިފާ މުހައްމަދާ ހަވާލު ކުރަން އެމްޑީޕީގެ ތެރެއިން ގެންގުޅުނު ވިސްނުމެއްގެ ވާހަކަ އެވެ. އަދި އެކަމުގައި ކޯލިޝަން ތެރޭގައި އުފެދޭނެ އަރައިރުންވުންތަކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދު ބޭނުންފުޅުވަނީ، ބޯހިޔާވަހިކަމުގެ ވައުދުތައް އެމްޑީޕީ އެދޭ ބާރު މިނުގައި ހިންގޭނެ މަގުތަކެއް ހޯއްދެވުމެވެ. އެކަން ކުރެވޭނީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކު މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ކަމަށް، އެ ޕާޓީއަށް ގަބޫލުކުރެވެ އެވެ.
ކުރީގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުން ފްލެޓް ލިބުނު ކަމުގެ ލިއުން ހޯދަން ހައުސިން މިނިސްޓްރީގެ ބޭރުގައި ބަޔަކު ކިޔޫ ޖެހިގެން: ތިން މަޝްރޫއަކުން ފްލެޓް ދިން ގޮތް ބަލަން މި ސަރުކާރުން ވަނީ ކޮމެޓީއެއް އެކުލަވާލާފައި. --ފޮޓޯ/މިހާރު
އެހެންވެ މަޖިލީހުގެ ތެރެއިން އާތިފާ ދުރުކޮށް، އެމްޑީޕީގެ ވަޒީރަކު އެ މަގާމަށް ހަމަޖެއްސުމަކީ ޝަރީފް އެ ވިދާޅުވާ "ހިލުންގަނޑަށް" ވުން އެކަށީގެންވެ އެވެ. އެކަމަކު މި ހިލުންގަނޑުން ވެރިކަން ކުރާ ކޯލިޝަނަށް އަސަރުކުރުމަކީ، ކޯލިޝަންގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، އެމްޑީޕީގެ ބައެއް މެމްބަރުން ބޭނުންވާނެ ގޮތް ވެސް މެ އެވެ. ބައެއް މެމްބަރުން މިހާރު ދައްކަވަނީ ކޯލިޝަން ވެރިކަމެއް ހިންގުމުގެ ބުރަބޮޑު ވާހަކަ އެވެ. ކޯލިޝަނަކުން ނޫން ގޮތަށް އަދިވެސް ރާއްޖޭގެ ވެރިކަން، އެއް ޕާޓީއަކަށް ކާމިޔާބު ނުކުރެވޭނެ ކަމުގެ ހަގީގަތް މިވަގުތަށް ފޮރުވާފައި ބާއްވައިގެންނެވެ.
Mi haaruge haalathah ballavvaa Raees @Ibu housing ministry as planing ministry ekkoh lavvaa cabinet ah ithuru minister aku nulevvumah nimmevi nimmevumakee varah hikumaiy theri nimmevumeh. Ehen noonnama thi minister kamaa hedhee lakka bodu hilun gadeh aees.
— Ibrahim Shareef (@AdduShareef) June 11, 2020
މެންބަރު އިބްރާހިމް ޝަރީފްގެ ޓްވީޓް
ހައުސިން އަށް އިތުރު ވަޒީރަކު އައްޔަން ކުރެއްވުމުގެ ބަދަލުގައި، މިނިސްޓްރީ އުވާލެއްވުމަކީ ކޯލިޝަން ރުޅިނާރުވަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެޅުއްވި ފިޔަވަޅެއްތޯ ވެސް އެއް ބަޔަކު ސުވާލު އުފައްދަ އެވެ.
"އެހެން ވެސް ވެދާނެ. އެއްބަސްވި ގޮތަކަށް ލީޑަރުންގެ މަޝްވަރާތަކެއް ނުދޭ. ބޮޑު ކަންކަމުގައި މަޝްވަރާ ކުރަން ނިންމާފައި އޮތް އިރު ކޮން ކަމެއްގައިތޯ މިހާތަނަށް ލީޑަރުން އެއްތަންވެ މަޝްވަރާ ކުރީ؟" ނިންމުންތަކުގައި ހާމަކަމެއް ނެތް ކަމަށް ވިދާޅުވެ ކުރިން ވާހަކަ ދެއްކެވި އެމްއާރުއެމްގެ ބޭފުޅާ ސުވާލު އުފެއްދެވި އެވެ.
އެމްޑީޕީގެ މަޖިލިސް ބައެއް މެމްބަރުން ފާޅުގައި ގެންދަވަނީ ކޯލިޝަން ރޫޅާލަން ގޮވާލަމުންނެވެ. ރައީސް ނަޝީދު ވެސް ދެކެވަޑައިގަންނަވަނީ ސަރުކާރުގެ ހުރިހާ ވަޒީރުންގެ ގޮތުގައި ތިއްބަވަން ޖެހިވަޑައިގަންނަވަނީ އެމްޑީޕީގެ ވަޒީރުން ކަމެވެ. ވައުދު ފުއްދުމުގައި ލަސްވާ މައްސަލައިގެ ހައްލު ގުޅިފައި އޮތީ އެ މިސްރާބާ ކަމަށް ވެސް ބައެއް ފަހަރަށް ވިދާޅުވެ އެވެ.
އެމަނިކުފާނުގެ ވިސްނުން މިގޮތަށް ހުއްޓަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޔަގީން ދެއްވަނީ ކޯލިޝަން ދެމިއޮންނާނެ ކަމަށެވެ. އެކި ކަންކަމުގައި ބޮޑެތި ހިޔާލުތަފާތުވުން ހުއްޓަސް، މައުމޫންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ސްޓޭންޑަކީ ކޯލިޝަން ބަދަހިކޮށް ބޭއްވުމެވެ.
މާލެ: ނޮވެމްބަރު 15، 2018- އަންނަ ހޮނިހިރު ދުވަހު ހުވާކުރައްވާ އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމާއި އެކު ސިޔާސީ 4 ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެކުގައި ފުރަތަމަ ފަހަރަށް ބޭއްވި ތާރީހީ ބައްދަލުވުމުގެ ތެރެއިން---ފޮޓޯ: ހުސައިން ވަހީދު/މިހާރު
އެކަމަކު އެމްއާރުއެމަށް ސްލޮޓް ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައި ރައީސް އެޅުއްވި ފިޔަވަޅާ މެދު އެމްއާރުއެމްގެ އިސް ބޭފުޅުން ތިއްބެވީ މާޔޫސްވެފަ އެވެ.
"ކޯލިޝަން ދަމަހައްޓަވާނެ ކަމަށް ރައީސް ވިދާޅުވާ ނަމަ ކެރިވަޑައިގަންނަވަން ވާނެ އެ ވިދާޅުވާ ބަސްފުޅުގައި ހިފަހައްޓަވައިގެން ނިންމުންތައް ނިންމަވަން،" އެކަކު ވިދާޅުވި އެވެ.
ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު "މިހާރު"އަށް ވިދާޅުވި ގޮތުގައި ހައުސިން މިނިސްޓްރީގެ މަސައްކަތްތައް ޕްލޭނިންގެ ދަށަށް ބަދަލުކުރީ ނަތީޖާ ނެރުމާއި ހިންގުމުގެ ހަރަދާއި އެ ނޫން ކަންކަމުގައި ވެސް މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ވާތީ އެވެ. ހައުސިން މިނިސްޓަރުގެ ސްލޮޓާ ގުޅޭ ގޮތުން ރައީސާއި މައުމޫން ދެއްކެވި ކަމަށް އެމްއާރުއެމުން ބުނާ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން، އެކަމަކަށް އެއްޗެއް ވިދާޅެއް ނުވެ އެވެ.
ރައީސްގެ މި ނިންމެވުމުގައި ކޯލިޝަނުން ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށް ހޫދު ވިދާޅުވި އެވެ. ރައީސް ވައުދުވެވަޑައިގަތް ގޮތަށް، ކޯލިޝަން ބަދަހިކަމާ އެކު ކުރިއަށް ގެންދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޯލިޝަންގެ ހިއްސާ ސަރުކާރުން ދަމަހައްޓާނެ،" ހޫދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަރީމާ
13 June 2020
އަހުރެން، (ފާތިމަތު ނަރީމާ) ގެ ހިތުގައި އުފެދޭ ސުވާލަކީ، ކޯލިޝަނަށް ޤާނޫނީ ބާރުވެރިކަން ހޯދައިދިނުމަށް ދެކެވުނު ވާހަކަތައް މިހާރު ކޮބައިބާވައޭ؟؟؟ އެޖެންޑާ19 ގެ ތޫފާނުގައި ގައުމު މިދަނީ ކޮން މިސްރާބަކަށްތޯއޭ؟؟ އެއްބައިވަންތަކަމުގެ ސަރުކާރެއް ހޯއްދަވާފައި، ނުއަތުގެ ވަޒީރުން މަޖިލީހަށް ގެނެސް "ރީތިކޮށް ބުލީކުރީމާ" މިޖެހުނީ ކޮންތާކުތޯ؟؟
ައަބޫ
13 June 2020
ތި ކެނެރީގޭ ނަޝީދުގެ ސަބަބުން މި ގައުމު ހިންގިޔަކަ ނުދޭނެ!
ބާދަގަނޑަށް
13 June 2020
ނަ މެއްގަ ކޯލިޝަން ސަރުކާރެއް ރައިސް ސަކަށް ހުންނަވާމ ނަ މެއް ގަ ރައިސެއް. އެއްވެސް ބާރެއް ނެތް ރައިސް މައު މޫނަށް އިތުރުފުޅެއް ހެއްދެވިއިރުވެސް އޯކޭވެއްޖެ . އަތްދަ މައިފަ ކަންފަތް މައްޗަށް ހޫރައި ނުލާކަށް . ހޫރައި ނުލައިތިބެ އަ މިއްލައަކަށް ބޭރުވާގޮވަނީ މިވަރުން ވެސް ކިޔަނީ އިތުބާރު ދެ މިއޮންނާނެޔޭ ކޯޅޭޝަނޭ . .ތިވަރަށް ނުކޯޅި ބޭރުވެބަލަ ރައްޔިތަކަށް ކޮންކަ މެއް ކޮއްދެވެނީ .
މަސްދަރު
13 June 2020
އެމްޑީޕީ އަކީ ރާއްޖޭގެ މައިޕާރޓީ ކަމަށް ވިޔަސް އެކަނި ނިކުމެ އެންމެ ގިނަ ވޯޓު ހޯދިޔަސް އެކަނި ނިކުމެ ވެރިކަމަށް އެރޭވަރެއް އެއްވެސް އިރެއްގަ ވެފައެއް ނެތް މިހާރުވެސް ކޯލިޝަންގެ މިކަން ކުރާގޮތް ކަމަކު ނުދޭ އެމް އާރު އެމް އަށް ގެއްލުނު މަގާމް ދޭން ޖެހޭ އެ ޕާރޓީއަށް ލިބޭ ބައިފަޅި އެޕާރޓީއަށް ދޭންޖެހޭނެ
ރާއްޖެގެ މިނިވަންކަން
13 June 2020
ފުލުހުންގެ ޤާނޫނު އިސްލަހުކުރަންވެގެން އެމްޑީޕީ މިއުޅެނީ ލަދީނީމީހުންގެ އެޖެންޑާ ހާސިލްކުރުވަންވެގެން. ޤައުމުގެ އަންނަންއޮތްޖީލު ހަލާކޮއްލަން އުޅޭ ބައެއްމީ. ދިވެހިން ނިދަފަ
ހިޔަމި
13 June 2020
ކުރީސަރުކާރު ވެސް އުޅުނީ އެމީހުން ބޭނުންވާ ބަޔަކަށް ދޭން އެކަން އެނގޭ ގޮތަކީ ރައްޔަތުން އެހެން މީހަކު ހޮވާފަ ހުއްޓާ ވެރިކަން ބަދަލުވާން އެންމެ ދުވަހަކަށް ވެފާ ހުއްޓާ ފުލެޓް ތަކުގެ ލިޔުން ދިނީ އޭރު ފުލެޓް ތަކުގެ މަސައްކަތް މެދާހަމައަށް ނުދޭ އަނެއްކާ ނަޝީދު ސަރުކާރުން ހަދާ ނިމެން ގައިވެފާ ހުރިފުލެޓް ތައްވެސް ވެރިކަން ވައްޓާލާ މިދިޔަ ސަރުކާރުން ބޭނުން ބަޔަކަށް ދިނީ
އަލީބެ
13 June 2020
ނަޝީދު ސަރުކާރުން ހެދިފްލެޓެއް ހުޅުމާލެއަކު ނުހުންނާނެ. ވަރަށް ސާފު!
އެމްޑީޕީމީހާ
13 June 2020
މިވެރިކަން ނުލިބުނު ނަމަ ރައްއިތުން ތިބޭނީ ފްލެޓްތަކުގަ. ދޮގުހަދާ މަކަރުހަދާ އޯޅުވަލުމުގަ އަރާހުރި ބައެއް އެމްޑީޕީ އަކީ. ރައްއިތުންނަ އެވަރު ނުވިސްނޭ.
ކިބަޅި ފަރާތް
13 June 2020
ނަޝީދަކީ ކެއްތެރި ކަމެއް ނެތް ގޯސް ކޮށް ކަންތަށް ކުރައްވާ ބޭފުޅެކެވެ. ހަމައެކަނި އެކްޓެވިސްޓުން ގެ ލީޑަރެކެވެ.ރައީސް ކަމުގާ ހުންނެވި އިރު ވެސް ރީތީ އުސޫލް ތަށް މުގުރާ ބޭފުޅެކެވެ.ޤާނޫނުގެ ރޫހާ ޚިލާފަށް ޤާނޫނު މާނަކުރައްވައި ބޭނުންވާ ކަމެއް ހާސިލް ކުރަން އުޅުއްވާ ގޮތް ދޫނުކުރައްވާ ބޭފުޅެކެވެ.އެ ބޭފުޅާގެ ރައީސް ކަމުގައި ކެބިނެޓް އިސްތިއުފާ ދެއްވަން ޖެއްސެވުމާއި އަލުން އެ ކެބިނެޓް އަލުން ޢައްޔަން ކުރަން ރުހުން ފަދަ ޑާޓީ ކަންތަށް ހިނގިއެވެ
އަލީ ރަސްގެފާން
13 June 2020
އެމްޑީޕީ ވެރިކަމަ އަރާ ކޮމްމެފަހަރަކު ޤައުމަ ބޮޑެތި ގެއްލުން ދޭ.
މީމަގޭ ހިޔާލު
13 June 2020
މިދިޔަ އިންތިހާބައް އައިރު ރިނދޭ އޮޑިވެސްއޮތީ ކަނޑަށްފެތިފަ އެއޮޑީގެ ފަޅުވެރިންނަކަށް އޮޑި ދިޔަހިއްކާ ސަލާމަތެއްނުކުރުވުނު ދެން ޖެހުނީ ވިލާއޮޑިއާ ކާމިނީ އޮޑިގެ ފަޅުވެރިންނަށް އޮޑި ދުއްވައިގެން ލިބޭއެއްޗަކުން ބައިދޭގޮތަށް މިއޮޑި ސަލާމަތްކޮށްދޭން އަންނާށޭބުނަން އެވެރިން އައިސް ދިޔަހިއްކާ އޮޑި ކޮޅަށްނަގުމާއެކު ރީނދޭ އޮޑިސަލާމަތްކުރަން އައި އެހެން އޮޑިތަކުގެމީހުން މިއަޅާލަނީ ކަނޑަށް ދެން ކަނޑުން ސަލާމަތްވާން އަނެއްކާވެސް ކުރެވުނުކަމެއް ކުރަންމިޖެހެނީ