ކުރީގެ މިނިސްޓަރު މުއިއްޒު: ހިޔާ މަޝްރޫއުގެ ފްލެޓްތައް ކުޑަ ކަމަށް ބުނެ ދައްކާ ވާހަކަތައް އޭނާ ދޮގު ކުރެއްވި -- މިހާރު ފޮޓޯ/ހުސެން ވަހީދު
24 ޖޫން 2020 - 21:12
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި އިމާރާތްކުރަން ފެށި "ހިޔާ" މަޝްރޫއުގެ ފްލެޓްތަކުގެ ޖާގަ ކުޑަ ކަމަށް ބުނެ މި ސަރުކާރުން އޮޅުވައިލަނީ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓު ހަވާލު ނުކުރެވި މި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ރައީސް އިބްރާހިިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ އެ ތަންތަނުގެ ޖާގަ ކުޑަ ކަމަށާއި އެއީ ގިނަ ބަޔަކަށް ނޫޅެވޭނެެ ވިދާޅުވެ، އެ މަޝްރޫއަށް ފާޑު ވިދާޅުވެފަ އެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހިޔާ މަޝްރޫއު ހިންގެވުމުގައި އޭރު އިސްކޮށް ހުންނެވި، ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ، ފްލެޓްތަކާ ބެހޭގޮތުން މި ސަރުކާރުން ވާހަކަ ދައްކަނީ ކަންކަން އޮޅުވާލައިގެން ކަމަށެވެ. އެ ތަންތަނުގެ ޖާގަ ކުޑަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިޔަސް، ހިޔާ މަޝްރޫއުގެ ފްލެޓްތަކަކީ އެމްޑީޕީގެ ވެރިކަމުގައި ހުޅުމާލޭގައި އިމާރާތް ކުރި ފްލެޓްތަކަށް ވުުރެ ޖާގައިގެ ގޮތުން ތަނަވަސް ތަންތަން ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުޅެނީ އެކި ބަހަނާތައް ދެއްކުމުގަ އެވެ.
"މި ފްލެޓުތަކުގައި 572 އަކަފޫޓު އިންނާނެ، ދެ ކޮޓަރި އާއި ދެ ފާހާނާ އާއި ސިޓިންރޫމާއި ބަދިގެއާ އެކު. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އަޅަން ފަށާފައި، ވަހީދުގެ ސަރުކާރުގައި ހަވާލު ކުރެވުނު 1،000 ފްލެޓުތަކެއް ހުންނާނެ. އެ ތަންތަނުގެ ސައިޒު ނިސްބަތުން ކުޑަވާނެ މި ތަންތަނަށް ވުރެ ވެެސް." އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ފްލެޓްތައް ހަވާލު ކުރުން ލަސް ކުރަމުން ދިއުމުގެ ސަބަބުން އެތައް ހާސް ބައެއްގެ ހައްގު ގެއްލެމުންދާ ކަމަށާއި އެކަމާ ދެކޮޅަށް އިހްތިޖާޖު ކުރަން ވެސް މިހާރު ނުކުންނަން ޖެހޭ ކަމަށެވެ. އެ ފްލެޓްތައް ދޫކުރެވޭނީ އެއްކޮށް ނުނިންމައި، ކަމަށް ސަރުކާރުން މިހާރު ބުންޏަސް ޔާމީންގެ ވެރިކަމުގައި އެ ތަންތަން ދޫކުރަން ނިންމާފައި އޮތީ ހުރިހާ ކަމެއް ނިންމައިި އަދި މިހާރަށް ވުރެ ކުޑަ އަގުތަކެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކަންބޮޑުވޭ މިހާ ދެރަކޮށް ރައްޔިތުންނާ ދޭތެރޭގައި ކަންތައް ކުރައްވާތީ. އޭގެ ސަބަބުން ރައީސް ޔާމީނާ ދޭތެރޭގައި ނަފްރަތު އުފެދޭނެ ކަމަށް ހީކުރެއްވިޔަސް އަޅުގަނޑު ހިތުން އެކަމެއް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.
ހިޔާ މަޝްރޫއުގެ ފްލެޓްތައް އަދިވެސް ހަވާލު ނުކުރެވި އޮތީ ކުރީގެ ސަރުކާރުން އެ ތަންތަން ދޭން ނިންމީ އިންސާފުވެރިކޮށްތޯ ބެލުމަށް ކަމަށް މި ސަރުކާރުން ބުނެފައިވެ އެވެ. އެ މަސައްކަތް އަންނަ މަހު ނިންމައި، މި އަހަރު ނިމުމުގެ ކުރިން ފްލެޓްތައް ހަވާލު ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު2
27 June 2020
ނަޝީދު ސަރުކާރުން އަޅަންފަށައި، ވަހީދު ސަރުކާރުގައި ހަވާލުކުރެވުނު 1000 ފްލެޓް ނިސްބަތުން ކުޑަވާނެޔޭ ނުބުނެ އަކަފޫޓޫން ސައިޒު ބުނެލިނަމަ ރަނގަޅުވީސް. ތިގޮތަށް ވާހަކަ ދައްކާތީ އިތުބާރު ނުކުރެވެނީ. ހަމަ ސައިޒު ބުނެލީމަ ނިމުނީނު. އޭރުން މީހުންނަށް ސާފުކޮށް ފެންނާނެތާ، އަޅާކިޔާލެވޭނެތާ. މުއިއްޒުއަށް ސައިޒުވެސް އެނގޭނެވިއްޔަ.
ތުއްތުކަލޯ
25 June 2020
ކުރަން އުޅޭ ކަންތަކާ ބޭނުން، ވަރަށް ސާފުކޮށް އެބަ އެނގޭ. ރައްޔިތުންނަށް އިތުރު ތަކުލީފުތަކެއް (ޖެއްސުން ކުރުމަށޭ ނުބުނާނަން) ޖެއްސުމުގެ ބޭނުމުގައި ފުލެޓްތައް ނުނިންމައި ޙަވާލުކުރާނަމަ އެކަމެއް ބަލައެއް ނުގަނެވޭނެ. ސަރުކާރުން ފުލެޓްތައް ދޭންޖެހޭނީ ހުރިހާ ކަމެއް ނިންމާފަ.
އެސްކޮބާރ
25 June 2020
އިތުރު 40000 މީހުން ހުޅުމާލެއަށް ޖަމާކުރުމުގެ ބޭނުމަކީ ރާއްޖެތެރޭގެ ރަށްތައް ފަޅުކޮށް އެރަށްރަށް މުއްސަދި ސާދާގަރުންނަށް ލިބޭނެ ގޮތް ހެދުން. ހުރިހާ ރައްޔިތުން މާލެ ސަރަހައްދަށް ޖަމާ ކުރީމާ ސަރުކާރަށް ރައްޔިތުން ކޮންޓްރޯލް ކުރަން ފަސޭހަ ވާނެ. ގިނަ ރައްޔިތުންނަށް ކުލި ދައްކާނެ ގޮތަކާއި މެދު ވިސްނާފައި އެހެން ކަމަކާއި މެދު ވިސްނާކަށް ވަގުތެއް އަދި ފުރުސަތެއް ނޯންނާނެ. ތަރައްގީ ވާން ބޭނުންނަމަ އަޅުވެތި ނުވެ އުޅެވޭނެ ގޮތް ހޯދައި ދަސްކުރަން އެބަ ޖެހޭ
ޢަދުރޭ ބުނި....
25 June 2020
ތިބޭފުޅުންގެ ވެރިކަމުގައި، ފްލެޓްތައް އަޅުއްވަމުން ދިޔައިރު ވެސް ޢަދުރޭ ބުނި "މާބޮޑު ކޮޓަރިއެއް ބޭނުމެއް ނުވާނެޔޭ" މިހެން ބުނާނީ ވެސް ކުޑަ ކޮޓަރި ހެދުމުގެ ނިޔަތް އޮތީމައި ނޫންހެއްޔެވެ؟ އެވާހަކަ ޖަހާފަ އޮއްވައި، ކޮންމެސް ނޫހަކުން ވެސް ދެކުނީމެވެ. ނޫސްތައް ހާވާލަބަލާށެވެ! މިއީ ތެދެއްކަން ހާމަވާނެ އެވެ.
ވިސްލީ
25 June 2020
ފުލެޓް ކަމުނުދާމީހުން ފުލެޓަށް ދޫކޮށްލައްވާ، އަހަރެމެން ފުލެޓް ބޭނުން. މިހާރުވެސް ދިރިމިއުޅެނީ 600 އަކަފޫޓް ހަމަނުވާ ދެކޮޓްރީގެ އެޕާޓް މެންޓެއްގައި މަހުކުލި 18000. ދެން އޮތީ ފްލެޓްގެ ކުލި 25 އަހަރު ނޫނީ އެއަށްވުރެން މުއްދަތު އިތުރުވޮޔަސް އޯކޭޔޭ އެކަމަކު 7500 އަށްވުރެން ކުލި ބޮޑުވެގެން ނުވާނެ.
ނިކަމެތިން އެގޮތުގަ އަބަދަށް
25 June 2020
އިރު އިރުކޮޅުން ބޯހިޔާވަހިކަމަށް ސަލާން ޖަހަން ނުޖެހޭގޮތަށް ވިސްނާފަ ނޫންތޯ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭނީ. ސިޔާސީ ވިސްނުމުގަ ޕާރޓީތަކުން އަދި މަޖިލިސް މެމްބަރުން ވޯޓު ހޯދަންބޭނުން ކުރާ ވަސީލަތަކަށް ފްލެޓްވެގެން ރައްޔިތުންގެ ބޭނުން ފުއްދޭތަ؟ 2008 ގެ ފަހުން މަޖިލިސް އަށް އަލަށް އިންތިހާބުވި މީހުން ލަގްޒަރީ ކިތަށް ފްލެޓް ގަނެފަހުރިތޯ ބަލާލަ ބަލަ. މީ އިންސަފުތޯ. ސަރުކާރަށް 20 އަހަރު ޙިދްމަތް ކުރި މީހުން އުޅެނީ އަދިވެސް އުޅޭނެ ގޮތެއްނެތިގެން....
ތިރިބެ
25 June 2020
މުއިޒު އައިޖީ އެމް އެޗު ކައިރީގަ އެބޭފުޅާއަމިއްލަ ގެ އެތަނުގަ ދެކޮޓަރި އެއްފާހާ އެބޭފުޅާ އެއުޅެނީ (ފަސް އަހަރު އެޅިގަޑުވަރު ) ރައްޔިތުމީހާ އުބުގަ ތިމާމީހާ. 2000 އަކަފޫޓ 2 ފުޅޯގަ 2ލިފުޓު ތާހިރު
ޙަސަން2020
25 June 2020
ކަމުގެ ޚަޤީޤަތް އޮޅުވާލާ މިހާ ދޮގުހަދާ މީހަކު އަހަރެން ނުދެކެން. ކޮންމެބަޔަކު ވެރިކަން ކުރިޔަސް ދިވެހި ދައުލަތަށް ބުރަ ނުވާގޮތަށް ދޯ ކަން ކުރަންޖެހޭނީ. ދެމަފިރިން އަދި ދެޖިންސުގެ ދެކުދިންނާ މައިންބަފައިން ގޮވައިގެން ދެ ކޮޓަރީގަ އުޅޭނީ ކިހިނެތްކަން މުއިޒު ބުނެދީބަލަ. މުސްކުޅިވި ދުވަހު އެމީހުން މަގުމަތީކޮށްލަންވީތަ؟ 3 ކޮޓަރީގެ ފްލެޓް ކީއްވެތޯ ނަހަދަންވީ. މުއިޒުމެންގެ ވިސްނުން ހުރީ ކޮންމެ ފަސްއަހަރަކުން ރައްޔިތުން ބޯހިޔާވަހިކަމަށް ސަލާންޖެހުން ދޯ؟
ފިލިވަގު (ވާރގޯ)
25 June 2020
މި ފްލެޓްތައް ކުޑައޭ ކިޔާ ހަޅޭއްލަވާ ގިނަ މީހުން މިހާރު ދިރިއުޅެނީ މިއަށްވުރި ކުދި ތަންތަނުގައި، އެތައް ބަޔަކާއިއެކު ތޮއްޖެހިގެން. ޤަބޫލުކުރަން ބޭނުންނުވިއަސް މިއީ ހަޤީޤަތަކީ.
ބޫމް
27 June 2020
އެކަމަކުވެސް ތިޔަކަން ޙައްލުކުރަން ގޮސް ވަންނަތަން އެއަށްވުރެ ކުޑަވާނަމަ ލިބުނު ޙައްލެއް ކޮބާ؟
އަހުމަދުބޭ
25 June 2020
މިއަޅައި ފުލެޓްތަކަށް އޮތް ހައްލަކީ ދެންވެސް އަވަހަށް ރާއްޖޭގައި މީހުން އުޅޭ ރައްތަށް މަދުކޮށް 15 ނުނީ 20 ރަށް ތަރައްގީ ކުރުން 200 ރަށް ތަރައްގީއޭ ކިޔައި މާލެ ސަރަހައްދަށް މިކަހަލަ ފުލެޓްތަށް ގެނެސް ކުޑަތަނެއް ބޮޑުތަނަކަށް ހަދަން އުޅުނަކަސް އެކަމެއްނުވާނެ، މައްސަލައަކީ މުޅިދިރިއުޅުން 20 25 އަހަރަށް ވަންނަން ޖެހޭތަނަކަށް ވަތީ