ހައި ކޯޓް: އަލިފާނުގެ ހާދިސާގައި މަރުވި ޝައުނާގެ ފޯން ކޯލްތަކާއި މެސެޖްތައް ބެލުމުގެ އަމުރު ފުލުހުންނަށް ނުދެވޭނެ ކަމަށް އެ ކޯޓުން ވެސް ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
01 ޖުލައި 2020 - 15:40
މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ފިހިގެން މަރުވި އާއިޝަތު ޝައުނާގެ މަރުގެ މައްސަލައިގައި، އޭނާގެ ފޯނު ކޯލްތަކާއި މެސެޖުތައް ބެލުމުގެ އަމުރެއް ފުލުހުންނަށް ދެވެން ނެތް ހައި ކޯޓުން ވެސް މިއަދު ނިންމައިފި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހެންވޭރުގެ ގުދަނެއްގައި ރޯވެ، ކައިރީގައި ހުރި އެތައް އިމާރާތެއް އަނދައި ހުލިވި ބޮޑު ހާދިސާގައި ތ. ބުރުނީ ފެންފިޔާޒުގޭ، ޝައުނާ މަރުވީ އޭނާ އެ ވަގުތު ދިރިއުޅެމުން ދިިޔަ ގޭގައި އަލިފާން ރޯވުމުން، ބޭރަށް ނުނިކުމެވި އެތެރޭގައި ތާށިވެފައި ހުއްޓަ އެވެ. އަލިފާން ރޯވިތާ ތިން ގަޑިއިރު ފަހުން އޭނާގެ ހަށިގަނޑު ފެނުނުއިރު އޮތީ ވަރަށް ބޮޑަށް އަނދައިފަ އެވެ.
ޝައުނާގެ މަރުގެ މައްސަލައިގައި ހެކި ހޯދުމުގެ ގޮތުން، އޭނާ ފޯނު ކޯލްތަކާއި މެސެޖުތަކުގެ ތަފްސީލު ދޭން ކޮމިއުނިކޭޝަންސް އޮތޯރިޓީގެ މައްޗަށް އަމުރެއް ނެރެދޭން ފުލުހުން އެދުމުން ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ނިންމާފައި އޮތީ ކުށެއްގެ ތުހުމަތު ނުކުރެވެނީސް، އެފަދަ ޒާތީ މުއާމަލާތް ބެލުމުގެ އަމުރެއް ނުދެވޭނެ ކަމަށެވެ.
އެ މައްސަަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވެސް މިއަދު ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ. ސަބަބެއްގެ ގޮތުގައި ހައި ކޯޓުގެ ހުކުމުގައި ވަނީ ވެސް ވަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން ސަވައިލެންސް ކުރުން ނޫން ގޮތަކަށް މީހެއްގެ ޒާތީ މުއާސަލާތްތައް ބެލުމުގެ އަމުރުތައް ދެވޭނީ ކުށެއްގެ ތުހުމަތު ކުރެވޭ ހާލަތުގައި އެކަނި ކަމަށް ވުމެވެ.
އެކަމަކު ހައި ކޯޓުގެ ހުކުމުގައި ވަނީ ފޯނަކީ ޒާތީ މުވާސަލާތު ކުރާ ވަސީލަތަކަށް ވެފައި، ޒާތީ މުއާސަލާތުތަކަކީ ހުރުމަތްތެރި ވެގެންވާ އެއްޗެއް ކަމަށް ގާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ބަޔާން ކުރާއިރު، އެފަދަ ހައްގެއް ހަނި ކުރެވޭނީ ގާނޫނަކުން ކަމަށެވެ. ގާނޫނަކުން އެފަދަ ބާރެއް ނުދެނީސް، ކޯޓުތަކުން އަމިއްލަ އަށް ހައްގެއް ހަނި ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ހައި ކޯޓުގ ހުކުމުގައިވެ އެވެ.
ކުށެއްގެ ތުހުމަތު ނުކުރެވެނީސް، އެފަދަ އަމުރެއް ނެރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ދައުލަތުން ވެސް ހައި ކޯޓުގައި އެއްބަސްވި އެވެ. އެކަމަކު ދައުލަތުން ބުނެފައިވަނީ އެއީ ގާނޫނުއަސާސީގެ 21 ވަނަ މާއްދާގައި ބަޔާންކުރާ ދިރިހުރުމުގެ ހައްގާ ގުޅުން ހުރި ކަމަކަށް ވާތީ އެފަދަ އަމުރެއް އެ މައްސަލއިގައި ނެރެވިދާނެ ކަމަށެވެ.
އެކަމަކު ހައި ކޯޓުގެ ހުކުމުގައި ވަނީ ފޯނަކީ ޒާތީ މުވާސަލާތު ކުރާ ވަސީލަތަކަށް ވެފައި، ޒާތީ މުއާސަލާތުތަކަކީ ހުރުމަތްތެރި ވެގެންވާ އެއްޗެއް ކަމަށް ގާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ބަޔާން ކުރާއިރު، އެފަދަ ހައްގެއް ހަނި ކުރެވޭނީ ގާނޫނަކުން ކަމަށެވެ. ގާނޫނަކުން އެފަދަ ބާރެއް ނުދެނީސް، ކޯޓުތަކުން އަމިއްލަ އަށް ހައްގެއް ހަނި ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ހައި ކޯޓުގ ހުކުމުގައިވެ އެވެ.
ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ހުސައިން ޝަހީދެވެ.
ގުދަނެއްގައި އަލިފާން ރޯވި ހިނގި އެ ހާދިސާގައި އެތައް އިމާރާތެއް ރޯވެ، އެތައް ސަތޭކަ ބަޔަކު ހާލުގައި ޖެހުނެވެ. އޭގެފަހުން މާލޭގައި ކެމިކަލް ގުދަންތައް ގެންގުޅުމުގެ ގަވާއިދު ހަރުކަށިކޮށް، އިތުރު ފިޔަވަޅުތަކެއް އެޅި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަދު
02 July 2020
މީނާގެ ފޯން ކޯލް ތައް އަޑުއަހަން ޖެހޭ ސަބަބެއް އެބައޮތްބާ!!!. އެންމެންނަށް ވެސް އެގޭ ނިޔާވޮގޮތް. ދެން ފޯން އަޑުއަހާ ހެދުމުގެ އެއްވެސް ބޭނުމެއް ނެތް. އެހާދިސާ ގައި ނިޔާ ނުވެ ތިބި އެތަށް ބަޔެއް އެބައުޅޭ އެމީހުން ގެ ފޯނު ކޯލް ތައް އަޑުއަހަންވީނު.
ހެޔޮ ދުއާ
02 July 2020
އެ މަރިހޫމާގެ ފޯނި ކޯލް ތަށް އަޑުއަހަން މިވަރަކުން މިއުޅެނީ ކީއްކުރަން ބާއެވެ.
މިހާފީ
01 July 2020
އާދޭހެވެ! ފުލުހުން މީހުންގެ ފޯނު ކޯލުތައް ޤާނޫނާ ޚިލާފަށް އަޑު ނާހާ ހެއްޔެވެ؟ ރައްޔިތުންނަށް ޕްރައިވަސީ ލިބޭނެގޮތް މަޖިލީހުން ކަށަވަރު ކުރާން ވެއްޖެއެވެ.
ހުތާ
01 July 2020
ބޮޑުސިންގާ ގާނޫނު އަސާސީއެއް މިއޮތީ ރައްޔިތުންނަށް ހިތުހުރި ހުރިހާގޮތެއް ހަދާކަށް ނޫނެވެ. ގާނޫނުއަސާސީގައިވާ އަސާސީހައްގުތަކާއި މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިދެވެން ޖެހެއެވެ. ޕޮލިހުން ބޭނުންވުމުން ހަމަހުރެފަ މީހުންގެ ޒާތީ މުއާމަލާތްތަކަށް އަތްލެވިގެން ނުވާނެއެވެ. މިރާއްޖޭގައި ކޯޓުތައް މިނިވަންވާންވީ އެބޭނުމުގައެވެ.
ވަރަބިދުނުކޮތަރު
01 July 2020
މަރުވެގޮސްފައިވާ ކުށެއްނެތް މަރްހޫ މާގެޒާތީ މައުލޫ މާތު ބަލަންޖެހެނީކީއްވެ؟ ހޫނު ގަދަ އަލިފާން ގަޑެއް ގަފިހި އަދާދިއައިސަލާ މަތްވެވޭނެ ގޮތެއްނެތި،ނުފެނި އަދިވެސް އެވަރުންވެސް ފަޟީހަތް ކުރެވޭނެ ގޮތެއް އޮތްތޯ ހޯދަން ޖެހޭތަ ؟. ކުރާތަހްގީގަކަށް ތިހޯދަން ކަ މަކުން ބަރީޢަވާން ކަންވަޅުން އަރައި ގެންނާދެވޭނެ . ކުށެއްނެތްކަން ސާބިތު ކޮއްދޭން ކިތަން މެ ބޮޑު ބަދުނާ މެއް އެޅުނަސް ކަށްވަޅުގަ އޮތަވެސް ނުދެންތަ ތިއުޅެނީ އެ މަރުހޫ މާއަށް ސުވަރުގެ މިންވަރު .
ބޮޑުމީހާ
01 July 2020
ފުލުހުންވެސް މިހާރު މައްސަލަތައް ބަލަނީ ކުޅޭކުޅޭ ކުޅިވަރަކަށް. ތިއުޅެނީ ބަލާނެ ފޯނެއް ނެތިގެންތަ. ރޭޕް ކޭސްގެ ފޯން ކޯލްތައް ދިރާސާކުރަންވީނުން. އެ އަންހެންމީހާއަށް ބިރު ދެއްކިތޯ ވެސް ފަހަރުގަ އެގިދާނެތާ
ގާނޫނީ ދިގު އަތް
01 July 2020
ގާނޫނު ނޭނގޭ ދޯ ފުލުހުންނަށް. ހައްތާވެސް ބޭކާރު ކަންކަމުގެ. އަލިފާން ރޯވި ގޮތާއި އޭގައި އިހުމާލެއް ވޭތޯއެއް ނޫންތަ ބަލަންވީ. ކޯޓަށް ކަނޑައެޅިގެން ވަކި ގޮތަކަށް ގާނޫނުގަ ކަނޑައެޅިފަ އޮތް ކަމެއްގަ ހުށަހަޅާއިރުވެސް އިނގެންވާނެ ދޯ މީ ވާނެ ކަމެއް އަދި ކުރަންވާނެ ކަމެއް ނޫންކަން.
ހަވީރު
01 July 2020
ޝައުނާގެ ފޯނުން ޕޮލިހަށް ނުވަތަ ފަޔަރަށް ގުޅާފަވާނަ މަ އެކަން އެގޭނީ އެ ރެކޯޑްތައް ބެލިގެން، އެއްވެސް ފަރާތެއްގެ އިހް މާލެއްވާނަ މަ ފިޔަވަޅުއޭޅޭނީވެސް އޭރުން. ނަ މަވެސް މިޔަދަކު އެކަ މެއް ނުވާނެކަ މަށް ފެންނަނީ.
ނާނި
01 July 2020
މަރުހޫމާ ޝައުނާގެ ފޯނު ނަންބަރު މި ގައުމުގެ އެއްވެސް މީހަކަށް ނޭގެނީ؟ ތިޔަ ކިޔާ ފަޔަރުގެ ފޯނަށް ގުޅާފަ ހުރި ނަންބަރުތައް އެތަނުގެ ކޯލް ލޮގް އިން އެނގޭނެ....ބޯ ހަމަނުޖެހޭ ކޮމެންޓުނުކޮށްބަލަ
އަލިބޭބެގެ ތުއްތީދީ
01 July 2020
މަރުވި މީހެއްގެ ފަސްބައި ތިޔަގޮތަށް ހޭވުމަކީ ދިރިތިބީންގެ މައްޗަށް އޮތް ހައްޤެއް ނޫނެވެ. ޝައުނާގެ ފޯނު ބަލަންވާނީ ގަދައަށް އަނދަ އަނދާއޮތް ހުޅުގަނޑުގެ ތެރެއަށް މީހަކު ގަސްދުގައި އޭނާ ވައްޓާލީ ކަމަށް، ޔައުނީ އެއީ ޤަތުލެއް ކަމަށް ތުހުމަތު ކުރެވޭ ނަމައެވެ. އެހެން ނޫންނަމަ އޭނާގެ ފޯނު ހޭވުމުގެ ބޭނުމެއް ނެތެވެ.
ނުލައި1
01 July 2020
ފައްކާ ނިންމުމެއް ހައިކޯޓު އޯކޭ ވޭ އެބަ